އިންފޮމޭޝަން ކޮމިޝަނަރު މަސައްކަތްކުރަނީ އިދިކޮޅުގެ އޯޑަރަށް ކަމަށް މުއިއްޒު ތުހުމަތުކުރައްވައިފި

Jul 26, 2026, 12:30 PM
ރައީސް މުހައްމަދު މުއިއްޒު އަދި އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަަޝީދު: އާހިދު ވަނީ ރައީސް އޮފީހާ ދެކޮޅަށް ގިނަ މައްސަލަތަކެއް ނިންމާފަ --- ފޮޓޯ: އަދަދު

ރައީސް މުހައްމަދު މުއިއްޒު އަދި އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަަޝީދު: އާހިދު ވަނީ ރައީސް އޮފީހާ ދެކޮޅަށް ގިނަ މައްސަލަތަކެއް ނިންމާފަ --- ފޮޓޯ: އަދަދު

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ (އާރުޓީއައި) ގާނޫނަށް ބޯލަނބާތޯ ކަށަވަރުކުރުމުގެ ޒިންމާ މަތިކޮށްފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އާހިދު ރަޝީދަކީ އިދިކޮޅު ސިޔާސީ މީހެއް ކަމަށާއި އޭނާ މަސައްކަތް ކުރައްވަނީ އިދިކޮޅުގެ އޯޑަރުތަކަށް ކަަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ތުހުމަތުކުރައްވައިފި އެވެ. 

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި މުއިއްޒު އާހިދަށް މި ތުހުމަތު އަމާޒު ކުރެއްވީ މި ސަރުކާރަކީ ވޭތުވި އެއްވެސް ސަރުކާރެއްގައި ހާމަނުކުރާ ވަރަށް މައުލޫމާތު ހާމަކުރާ ދެ ފުށް ފެންނަ ސަރުކާރެއް ކަމަށް ވިދާޅުވަމުންނެވެ. މިކަމަށް ބާރުދެއްވަން މުއިއްޒު ބޭނުންކުރެއްވެވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ (އާރުޓީއައި) ގާނޫނުގައި ބުނާ ގޮތަށް އަމިއްލަ އިސްނެގުމުގައި އިދާރާތަކުން ހާމަކުރަން ލާޒިމު މައުލޫމާތު މި ސަރުކާރުގެ ހުރިހާ ވުޒާރާތަކުން ހާމަކުރިކަން އާހިދު އިއުލާންކުރެއްވުމެވެ.

އާހިދަކީ އިދިކޮޅު ސިޔާސީ ފަރާތެކޭ ވިދާޅުވުމުގެ އިތުރުން މުއިއްޒު ވަނީ އޭނާއަށް ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން އޯޑަރު އަންނަ ކަމަށް ވެސް ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ، އެ ގާނޫނުގައި ބުނާ ކަންކަން ސަރުކާރުން ތަންފީޒުނުކުރާ ނަމަ އެ ގޮތަށް އޯޑަރު ލިބޭ މީހަކަށް އެ މައުލޫމާތު ހާމަކުރިޔޭ ނުބުނާނެ ކަމަށެވެ. 

"އިންފޮމޭޝަން ކޮމިޝަން ހިންގަވަން ހުރީ އިދިކޮޅު ފަރާތެއް. މިދިޔަ ސަރުކާރުން އައްޔަންކޮށްފައި ހުންނެވި ބޭފުޅެއް. ގައިމު ނުކުރައްވާނެ ސިޔާސީ ގޮތުން އަޅުގަނޑުމެންނާ ދެކޮޅު ކަންތައްތައް ކުރައްވަން އޯޑަރު އަންނަ ބޭފުޅަކު މި ކަހަލަ އިއުލާނެއް މިކަން އަޅުގަނޑުމެން ތަންފީޒުނުކުރާނަމަ،" މުއިއްޒު ވިދާޅުވި އެވެ. 

މުއިއްޒު އާހިދަށް މި ތުހުމަތު އަމާޒުކުރެއްވިއިރު، އިންފޮމޭޝަން ކޮމިޝަނަރަކަށް ހުންނަވައިގެން އާހިދު ވަނީ އާރުޓީއައި ގާނޫނާ ހިލާފުވެގެން ރައީސް އޮފީސް ޖޫރިމަނާކޮށް، ރައީސް އޮފީހުން ހިފަހައްޓައިގެން އުޅޭ ގިނަ މައުލޫމާތުތަކެއް ދޭން އަންގާފަ އެވެ. ރައީސް އޮފީހުން ވަނީ މީގެ ގިނަ އެންގުންތަކަށް ވެސް ބޯލަނބަން ދެކޮޅު ހަދާފަ އެވެ. 

އެންމެ ފަހުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނެރުނު އަހަރީ ރިޕޯޓުގައި ވެސް ވަނީ އެންމެ ގިނަ ޝަކުވާ ހުށަހެޅީ ރައީސް އޮފީހާ ދެކޮޅަށް ކަމަށެވެ. އެ ގޮތުން މިދިޔަ އަހަރުގެ ތެރޭގައި އެކަނި ރައީސް އޮފީހުގެ 64 މައްސަލަ ބަލާފައިވާ ކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައި ވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox