މިނިވަން ދުވަހުގެ ތަގުރީރުން؛ ދޮގާއި ސަޅިބައިސާ، ފިތުނައާއި ނިފާގުކަން (1 ވަނަ ބައި)

މިނިވަން ދުވަހުގެ ތަގުރީރުގައި މުއިއްޒު ދެއްކެވި ވާހަކަތަކަށް މީހުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުން

މިނިވަން ދުވަހުގެ ތަގުރީރުގައި މުއިއްޒު ދެއްކެވި ވާހަކަތަކަށް މީހުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުން

ދާދި މިދާދުވަހު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އެކުރެއްވި ތަގުރީރު އިވިފައި ލައްކަ އެއްޗެއް ހިތަށް އަރައިފައިބައިގެން ދިޔަ އެވެ. ދިވެހި ބަހުން ދައްކާ ވާހަކަ މިހާރު އެނގޭނީ ހަމައެކަނި ދިވެހިންނަކަށް ނޫނެވެ. ޓެކްނޮލޮޖީއާއި ވަސީލަތްތަކުން މުއްސަނދި މި ޒަމާނުގައި، ބަސްބުނާ ހިނދުން އެ ވާހަކަތައް އެނގެން ބޭނުންވާ އެންމެންނަށް ފަހުމުވާނޭ އިންތިޒާމުތައް ހުރީ ހަމަޖެހިފަ އެވެ. ތިމާ ނޫނީ ދުނިޔޭގައި ދެން އުޅޭނީ ގޮފަޅުންކަމަށް ދެކިގެން ވާހަކަ ނުދައްކާންވީ ސަބަބަކީ މިއީ އެވެ. ތަންދޮރު ފިލާފައި ތިބި މީހުން އެ ވާހަކަ އަޑުއަހައި އޭގެ އެކޮޅުމިކޮޅު ބަލާފައި ދެން ޖަހާނޭ ހަޖުލަކީ ގިނަ ދިވެހިންނަށް ބޮލުރިހުމަކަށް ނޫނީ ނުވާނެ އެވެ. ދިވެހިރާއްޖޭގެ ތައުލީމުޔާފުތާއިންގެ ގިނަ ބަޔަކު އެއްތަނަކަށް ޖަމާކޮށްގެން، މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އެ ދެއްކެވި ވާހަކަފުޅު އަޑުއެއްސެވީމު ހެއްޔެވެ؟ އެ ތަގުރީރުގައި ހުރީ ކަނޑައެޅިގެން ހުރި ދޮގާއި، ތެދުހެން ހީވާ ބޮޑު ދޮގާއި، ކޮންމެވެސް މިންވަރެއްގެ ތެދާ މަސްހުނި ކޮށްފައި ހުރި ދޮގެވެ.

ވާހަކައިގެ ފުރަތަމަ ދެތިން މިނެޓެއް ދިޔައީ މިނިވަން ދުވަހެއްގެ ތަގުރީރުގައި ރައީސުލްޖުމްހޫރިއްޔާއަކު އާންމުކޮށް ދައްކަވާނޭ ބާވަތުގެ ވާހަކަތަކުގަ އެވެ. މޮޅުކޮށްލައްވަން ކަމަށް ހިތްތަވައި ބައިސާއަށް ފެށްޓެވީ އޭގެ ފަހަށެވެ. ރައީސް ވިދާޅުވި ވާހަކަފުޅުތަކާއި، އޭގެ ހަގީގަތްތަކަށް ބަލަމާ ހިންގަވާށެވެ.

ހާރިޖީ ސިޔާސަތާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތައް ހިންގުވުން

Advertisement

ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ ފޮރިން ޕޮލިސީއަކީ ދިވެހިންނަށް މޮޅުގޮތް ހޯދައިދޭ، މޯލްޑިވްސް ފަސްޓް ފޮރިން ޕޮލިސީ ކަމަށެވެ. ދިވެހިންނަށް މޮޅު ގޮތަކީ، އިންސާނީ ހައްގުތަކަށް އިހުތިރާމުކުރާ ހުރިހައި ގައުމަކާއެކު ވެސް ރަނގަޅު ގުޅުމެއް ބޭއްވުން ނޫންތޯ އެވެ. މި ސަރުކާރުގެ ސިޔާސަތު އޮތީ އެހެންތޯ އެވެ. އެންމެ ފުރަތަމަ ހައެއްކަ މަސް ދުވަހުގެ ތެރޭގައި އިންޑިއާއާ ދިވެހިރާއްޖޭގެ ގުޅުން އެއްކޮށް ހީނަރުކޮށްލެއްވި އެވެ. ޗައިނާއަށް ވަޑައިގެންފައި އެނބުރިވަޑައިގެން، ދިވެހި ބަހުން ވިދާޅުވީމާ އިންޑިއާ މީހުންނަށް ނޭނގޭނެތީ އިނގިރޭސި ބަހުން އިންޑިއާއަށް ހެޓަކަށް ދެއްވި އެވެ. އަހަރުމެންނަކީ ކުޑަބައެކޭ ހިތައި ބުލީ ނުކުރައްޗޭ ވިދާޅުވެ އިންޒާރު ކުރެއްވި އެވެ. މިކަލަކަށް އައިސް އެމެރިކާގެ ރައީސް އެކި ގައުމުތަކުގެ ވެރިންނަށް ދެއްވާ ކަހަލަ އިންޒާރެވެ. އެކަމަކު އެއީ އެމެރިކާ އެވެ.

ދިވެހިރާއްޖެއަކީ މިތަނުގައި އުޅޭ ބައިމިލިއަން ހަމަނުވާ އާބާދީއަށް ބޭނުންވާ އަސާސީ ތަކެތި ވެސް އިމްޕޯޓުކޮށްގެން އުޅޭ ގައުމެއްކަމާއި، މި ރާއްޖެ އިންޑިއާ ކަނޑުގައި މި މަދު މީސްކޮޅާއެކު ހަތަރު ހާސް އަހަރުގެ ތާރީހެއް ވެއަތުކޮށްފައި މިއޮތީ ދިވެހިރާއްޖެއިން އަވަށްޓެރިންނާއެކު ބާއްވާ ގުޅުމުގެ ސަބަބުންކަން ރައީސްއަށް އިހުސާސުވެވަޑައިނުގަތީ އެވެ. ރައީސް އިންޑިއާއަށް ވަށިވަށިން ދެއްވިއިރު، ރައީސް އައްޔަނު ކުރެއްވި ސިޔާސީ މީހުން ވެސް ގެންދިޔައީ އިންޑިއާގެ ބޮޑުވަޒީރަށް ބަދުބަސް ބުނަމުންނެވެ. އިންޑިއާއިން އެކަމަކާ ހިތްހަމަނުޖެހިގެން ރާއްޖެ އެކީއެކަށް ބޮއިކޮޓްކުރަން ކެމްޕޭނެއް ވެސް އޭރު ފެށުނެވެ.

މި ސަކަރާތެއްގައި އިންޑިއާއާއެކު ހީނަރުވީ ގުޅުން އިއާދަކުރެވުނީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެގެން އެމް.ޑީ.ޕީ. އިން ކުރި މަސައްކަތުންކަމަށް ދަންނަވަން އަޅުގަނޑަށް ކެރޭނެ އެވެ. އޭރު އެމް.ޑީ.ޕީ. ގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް އިންޑިއާގެ އެތައް މީޑިއާއަކަށް ވީޑިއޯ އިންޓަވިއު ދެއްވައި، ރާއްޖޭގައި ތިއްބަވާ އިންޑިއާގެ ސިޔާސީ ބޭފުޅުންނާ ބައްދަލުކުރައްވައި ދިވެހިރައްޔިތުންގެ ނަމުގައި އިންޑިއާގެ ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގެންނެވި އެވެ. ރާއްޖެ ބޮއިކޮޓް ނުކުރުމަށް އިންޑިއާއަށް ގޮވާލައި، ސަރަހައްދީ ލީޑަރެއްގެ ގޮތުގައި އިންޑިއާއަށް ދިވެހިން ކުރާ އިހުތިރާމުގެ ޔަގީންކަން ދެއްވި އެވެ. އެމް.ޑީ.ޕީ.ގެ ރައީސް އަބްދުﷲ ޝާހިދު އިންޑިއާއަށް ދަތުރުފުޅު ކުރައްވައި ސިޔާސީ ބޭފުޅުންނާ ބައްދަލުކުރައްވައި، ދިވެހިންގެ ވިސްނުން ސާފުކޮށްދެއްވި އެވެ. ކުރީގެ ރައީސުންނާއި، އެމް.ޑީ.ޕީ. ގެ ލީޑަރޝިޕުގައި ހިމެނޭ ހުރިހައި ބޭފުޅުން ވެސް، ދިވެހިރާއްޖެއާ އިންޑިއާއާ ދެމެދު އޮތް ގުޅުން ރަނގަޅު ކުރެވޭތޯ އެ ބޭފުޅެއްގެ ވަރުން ނުހަނު މަސައްކަތް ކުރެއްވި އެވެ. އިންޑިއާއާ ދިވެހިރާއްޖޭގެ ގުޅުން އަލުން ރަނގަޅުވުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރީ އެމް.ޑީ.ޕީ. އިން ކަން އެއީ ދޮގު ނުކުރެވޭނޭ ހަގީގަތެވެ.

އެމް.ޑީ.ޕީ. އިން މި ހުރިހައި ކަމެއް ކުރަމުން ދިޔައިރު ރައީސް ގެންދެވީ އަދިވެސް ގަދަބަސް ވިދާޅުވަމުންނެވެ. ރަށްޓެހިވެގެން އުޅުނުއިރު ލޯނެއްގެ ގޮތުގައި ދީފައި އޮތް ފައިސާ ކޮޅެއް ވެސް، މުއްދަތު ހަމަވުމުގެ މާ ކުރިން އަނބުރާ ދެއްކެވީ އެވެ. އަހަރުމެން ދެން ކާޑުގެ ބާވަތްތައް ގެންނާނީ ތުރުކީއިން ކަމަށް އިއުލާނުކުރައްވައި، އެކަމުގައި ވެސް ބޮޑާހޭކި އެވެ. ތުރުކީއިން ސާމްޕަލަކަށް ދިން އެތިކޮޅެއް އެ އަހަރު ރޯދައަށް ގޭގެއަށް ވެސް ބެއްސެވި އެވެ. އޭގެ ފަހަކުން ތުރުކީ ހަނޑުލުގެ ރަހައެއް އަރުގައި ލީ ދިވެއްސަކު ނެތެވެ. އިންޑިއާއިން ބޭސް ގެނައުން ހުއްޓަވާލައްވާނޭ ކަމަށް ވެސް ހަމަ އެ ދުވަސްކޮޅު ވިދާޅުވި އެވެ. އެއީ އެ ބޭހުގެ ކޮލިޓީ މާ ދަށް ވީމައި ކަމަށް ވެސް ވިދާޅުވެ، ބޭސް އުފެއްދުމުގައި ބައިނަލްއަގުވާމީ މާކެޓެއް ލީޑުކުރާ ގައުމަކަށް ގޮންޖެއްސެވި އެވެ.

އަދިވެސް ނުނިމެ އެވެ. ނުވަވަނަ ހަސަން ރަސްގެފާނުގެ ސިޓީފުޅެއް އޮތްކަމަށް ވިދާޅުވެ، މޮރިޝަސް ރުޅިއަރުވާލައި، ބައިނަލްއަގުވާމީ ޓުރައިބިއުނަލްއެއްގެ ނިންމުމަކަށް ވެސް ގޮންޖައްސަވައިފި އެވެ. އޭރު ޖެއްސެވި ހިސާބަކީ ފޯޅަވަހީގެ މައްސަލައިގައި އެމެރިކާއާއި އިނގިރޭސި ވިލާތާ ދެމެދު އުޅޭހެން ހީވި މައްސަލަތަކުގައި އެމެރިކާގެ ތާއީދު ރާއްޖެއަށް ލިބިދާނޭ ކަމަށެވެ. އެކަމަކު އެވެސް ވީ ބައިކޮޅަށް ވަން ގޯލަކަށެވެ. ރާއްޖެއިން އެމެރިކާއަށާއި އިނގިރޭސިވިލާތަށް ސިޓީއެއްގެ ފުލުގައި ސިޓީއެއް ފޮނުވިއިރު ތަށަށް ކިޔަނީ މަރިޔަނބުތޯ ވެސް އެއިން ގައުމަކުން އަހައެއް ނުލި އެވެ.

ހަގީގަތަކީ، މި ސަރުކާރުގެ މުއްދަތުގައި ދިވެހިރާއްޖޭގެ ބައިނަލްއަގުވާމީ ދަރަޖަ ދަށަށް ގޮސްފިކަމެވެ. ދިވެހިރާއްޖޭގެ ސިޔާދަތަށް އެހެން ގައުމުތަކުން އިހުތިރާމުކުރުން އިތުރުކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވާޖިބެއް ކަމަށް ވިޔަސް، އެމަނިކުފާނަށް އެ ޒިންމާ އަދާކުރެއްވިފައެއް ނެތެވެ. އެހެން ދޭހަވާ ގޮތަށް ރައީސް އެ ދައްކަވާ ވާހަކަފުޅަކީ ކަނޑައެޅިގެން ހުރި ބުހުތާނެކެވެ.

ސާކު ހިންގެވުމުގެ ވައުދާއި ކޮމަންވެލްތުން ވަކިވުން

ރައީސް ޔާމީނުގެ ކެބިނެޓުގައި މުއިއްޒު
ރައީސް ޔާމީނުގެ ކެބިނެޓުގައި މުއިއްޒު

މަތީގައި އެވާ ފޮޓޯއަކީ ކޮމަންވެލްތުން ވަކިވުމުގެ ނިންމުން ނިންމެވި ކެބިނެޓު ބައްދަލުވުމުގެ ފޮޓޯ އެވެ. އެ ބައްދަލުވުމުގައި އޭރުގެ ރައީސްގެ ވައަތްފަރާތުން ފަސްވަނައަށް އެ އިންނެވީ އޭރުގެ ހައުސިންގ މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒެވެ. ރާއްޖެ ކޮމަންވެލްތުން ވަކިވުމުގެ ނިންމުމަކީ ރައީސް ޔާމީންގެ ނިންމެވުމެއް ނޫނެވެ. އެއީ އޭރުގެ ސަރުކާރުގެ ނިންމެވުމެކެވެ. އެ ނިންމެވުމުގެ އަސާސަކީ ކެބިނެޓުން އެރުވި ލަފާ އެވެ. އެ ވާހަކަތައް މިހާރު ވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ފެންނާން މިއޮތީ އެވެ.

"ހަމަ އެފަދަ މުހިންމު ޖަމާއަތެއް ކޮމަންވެލްތަކީ. އެއްދުވަސްވަރެއްދިޔަ، ވަރަށް ރުންކުރުގޮތެއްގައި ރާއްޖެ ކޮމަންވެލްތުން ވަކިކުރި ދުވަސްވަރެއްވެސް. ބެލުމެއްނެތި. އެހެންނަމަވެސް، މިހާރު އަޅުގަނޑުމެން އަނެއްކާވެސް ކޮމަންވެލްތުގައި މަސައްކަތް ކުރަމުންދަނީ. މި ސަރުކާރުގެ ސިޔާސަތަކީ، ދިވެހިރާއްޖެ ކޮމަންވެލްތުގައިވެސް ލީޑްރޯލެއް، ނޫނީވިއްޔާ އިސް ދައުރެއް އަދާކުރުން. އަޅުގަނޑުމެން އެގޮތުގައި އިރާދަކުރެއްވިއްޔާ މަސައްކަތް ކުރުމުގައި ކުރިއަށްދާނަން. ކޮމަންވެލްތުގެ އާއިލާގެ ހުރިހާ ގައުމުތަކާ އެކުގައި."

މަތީގައި އެވާ ވާހަކަފުޅަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅެވެ. ކޮމަންވެލްތުން ވަކިވުމަށް އޭރުގެ ރައީސަށް ލަފާއެރުވި ކެބިނެޓުގައި ހިމެނުނީ ހައުސިންގ މިނިސްޓަރު މުހައްމަދު މުއިއްޒު އެވެ. ކޮމަންވެލްތުން ވަކިވުމަކީ ރުންކުރު ނިންމުމެއްނަމަ އެ ނިންމުމުގައި އޭރުގެ ހައުސިންގ މިނިސްޓަރުގެ ހިއްސާއަކީ ކޮބައިހެއްޔެވެ؟ އެކަމާ އޭރު ދެކޮޅު ހެއްދެވިނަމަ ޕަބްލިކް ރެކޯޑްސްއިން އެކަން ފެންނާން އޮންނާނެ އެވެ. އެއީ ވަރަށް ރުންކުރު ގޮތަކަށް ނިންމެވި ނިންމެވުމެއް ކަމަށް މިހާރު ވިދާޅުވުމަކީ ނިފާގުކަމުގެ ސާފު އަލާމާތެކެވެ.

މިހާރު އެ ވިދާޅުވަނީ ސާކުގެ ހިންގުން ހީނަރުވެފައި އޮތީތީ އެ ޖަމާއަތް އަލުން ކޮޅަށް ޖަހަން ދިވެހިރާއްޖެއިން މެދުވެރިވެދެއްވާނޭ ވާހަކަ ފުޅެވެ. މުޅި ދުނިޔޭގައި ރާއްޖޭގެ ސިޔާދަތީ އަގު ވައްޓާލި ސަރުކާރުން، މި ސަރަހައްދުގެ މައި ޖަމިއްޔާ ހިންގާލާނޭ ވާހަކަ ބުނީމާ ސާކުގެ ލީޑަރުން ގާތަށް ލައްކަ ހިންޏެއް އަންނާނެ އެވެ. ރާއްޖެއިން ސާކުގައި ރަނގަޅު ދައުރެއް އަދާކުރި ޒަމާނެއް ވެސް ތާރީހު ދެކެފި އެވެ. އެމް.ޑީ.ޕީ. ގެ ފުރަތަމަ ވެރިކަމުގައި މި ސަރަހައްދުގައި ދިވެހިރާއްޖޭގެ ސިޔާދަތަށް އޮތް އިހުތިރާމުގެ ހެއްކަކީ ސާކުގެ ސެކެރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް ދިވެއްސަކު އިންތިހާބު ކުރެވިގެން ދިއުމެވެ. މިހާރު އެފަދަ ކަމެއް ފެނުމަކީ ނާދިރު ކަމެކެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރުން

އިޒްރޭލުގެ ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް އެތެރެވުން މަނާކުރުމުގެ ބިލު މަޖިލީހަށް ފުރަތަމަ ހުށަހެޅުއްވީ ވެސް އެމް.ޑީ.ޕީ. ގެ މެންބަރެކެވެ. އެ ބިލު މަޖިލީހުގައި ބާއްވައިގެން ޕީ.އެން.ސީ.ގެ މެންބަރުން ވަކާލާތު ކުރައްވަމުން ގެންދެވީ ފަލަސްތީނާއި އިޒްރޭލުގެ ހަނގުރާމައަކީ ދެގައުމެއްގެ ދެމެދުގައި ހިނގާ ހަނގުރާމައެއް ކަމަށާއި އެކަމުގެ ތެރެއަށް އަޅުގަނޑުމެން ދިވެހިން ވަނުން ރަނގަޅު ނޫން ކަމަށެވެ. ޕީ.އެން.ސީ. ގެ ޕީޖީ ލީޑަރު ފަލާހު އޭރު ވިދާޅުވީ އެކަން ކުރެވޭނީ ފަލަސްތީނާއި، ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ބަސް ވެސް ހޯދައިގެން ކަމަށެވެ. އެއީ އޭރުގެ ސަރުކާރުގެ ސްޓޭންޑެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ކުރިން ފަލަސްތީނު އަދި ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ބަސް ހޯދަން ޖެހޭ: ފަލާހު

އިދިކޮޅު އެމްޑީޕީން ހުށަހަޅާފައިވާ މި ބިލަކީ ސިޔާސީ ގޮތުން ފައިދާތަކެއް ހޯދުމަށް ކުރި ކަމެއްގެ ގޮތުގައި ސަރުކާރުން ސިފަކުރާ ކުރުން ފަލާހުވެސް ވަނީ މިއަދު ތަކުރާރުކުރައްވާފަ އެވެ. އަދި އެ ފުރުސަތު ދެވިގެން ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވި.

ރަބަރު ސްޓޭމްޕް ޖަހާ ގޮތަށް އިޒްރޭލު ޕާސްޕޯޓު މަނާ ކުރެވޭނެ، އެކަމަކު ސަރުކާރުން އެކަން ކުރަން ބޭނުމެއް ނުވޭ: ޔާމީން

"މުއިއްޒުގެ ވިލިންގްނެސް ނެތީ. މުއިއްޒުގެ ވިލިންގްނެސް ނެތީ އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރުމުގެ ހަމަ ވިލިންގްނެސް އިނގެތޯ. ނަތަންޔާހޫ ދިވެހިރާއްޖެއަށް އަރައިފިއްޔާ ހައްޔަރު ކުރާނެ ކަމަށް އެބަ ބުނޭ. އެއީ އެބަ އިނގޭ ނަތަންޔާހޫ ދިވެހިރާއްޖެއަކަށް ނާންނާނެކަން."

ވައުދާ އެއްގޮތަށް އިޒްރޭލު ޕާސްޕޯޓު މަނާ ނުކުރާ ސަބަބު ރައްޔިތުންނަށް ކިޔައިދޭން ފައްޔާޒް ގޮވާލައިފި

"ނަތަންޔާހޫ ހައްޔަރު ކުރަން އައިސީސީން އަމުރު ނެރުނުއިރު، ރައީސް ވައުދުވެވަޑައިގެން ގޮތަށް އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އެތެރެވުން މަނާ ކުރަން އެމަނިކުފާނުގެ ފުރިހަމަ ބާރު އޮތް މަޖިލީހާއި އަމިއްލަ ޕާޓީން ވަނީ ނުކުޅެދިފައި،"

އިޒްރޭލު ޕާސްޕޯޓު މަނާކުރާ ބިލުގެ ކޮމިޓީ މަސައްކަތް އަނެއްކާވެސް ދިގުދަންމާލައިފި

މިއަދު ބޭއްވި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ފާސްކުރީ އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ބިލުގެ ކޮމިޓީ މަސައްކަތް ޖުލައި މަހުގެ ނިޔަލަށް ދިގުދަންމައިލަންށެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރާ ބިލަށް މަޝްވަރާކުރި ކޮމިޓީގެ ބޮޑު ބައެއް ކުރިއަށް ގެންދިޔައީ މައިކު ކަނޑާލައިގެން

ބައްދަލުވުން ފެށިގެން 30 މިނެޓެއްހާއިރު ކުރިއަށްދިޔައިރު، ރިޔާސަތުން އަދި މެންބަރުން ދެއްކި ވާހަކަ އަޑުއިވުނީ ފަސް ވަރަކަށް މިނެޓަށް. ބާކީ ބައި ކުރިއަށް ގެންދިޔައީ މައިކުތައް ކަނޑާލައިގެން. ނަމަވެސް، މިއަދުގެ ބައްދަލުވުން ސިއްރުކުރާކަށް ނުނިންމަ.

އިޒްރޭލު ޕާސްޕޯޓު މަނާ ކުރުން ލަސްވާތީ އެމްޑީޕީއިން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

މިއަދު ރިޔާސަތުގައި އިންނެވި ވެރިކަން ހިންގާ ޕީއެންސީއަށް ނިސްބަތްވާ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ މައުރޫފް ހުށަހެޅުއްވި މައްސަލައަކީ ކުއްލި މައްސަލައެއްގެ ގޮތުގައި ބަލައިނުގަނެވޭނެ ކަމަށެވެ.

މަޖިލީހުން އެ ބިލު ތާށިކޮށްލީ 241 ކޮމިޓީގަ އެވެ. އެ ބިލުގެ މަސައްކަތް ލަސްވަމުން ދާތީ އެ މައްސަލައާ ގުޅިގެން ކުރެވުނު މުޒާހަރާތައް ރޫޅާލައި، އެތައް ބައެއްގެ މައްޗަށް ދައުވާކުރީ މި ސަރުކާރުންނެވެ. އެންމެ ފަހުން އެ ބިލު މަޖިލީހުން ފާސްކުރީ އެ ބިލު މަޖިލީހުގައި އޮންނަތާ އަހަރެއް ވާން ގާތްވެފައި ވަނިކޮށް، އޭޕްރިލް 15، 2025 ގަ އެވެ. ބިލު ފާސްކުރީ އިޒްރޭލުގެ ރައްޔިތުންނަށް ވެސް އެހެން ޕާސްޕޯޓެއްގައި ރާއްޖެއަށް އެތެރެވެވޭ ގޮތަށެވެ.

އެހެންވީމާ، އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަކީ މި ސަރުކާރުން ދިވެހިންގެ ރޫހަށް ރިއާޔަތްކޮށް، އަދި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކުރި ކަމެއް ނޫނެވެ. އެއީ ރައްޔިތުން ގަދަބާރުން ކުރުވި ކަމެކެވެ.

ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކާ ގުޅޭގޮތުން ހެއްދެވި އިތުރުފުޅު

ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކުގެ ތެރެއިން، ރާއްޖޭގެ ސަރަހައްދު ކަނޑައަޅާނޭ ގޮތަށް ގެނައި ބަދަލަކާ ދެކޮޅަށް މީހަކު ވާހަކަ ދެއްކި އަޑެއް ނާހަމެވެ. މީހުން ކަންބޮޑުވެގެން ވާހަކަ ދައްކަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތަޅުއެޅުވުމަށް ގެނައި އިސްލާހާ ގުޅިގެންނެވެ.

ގާނޫނުއަސާސީއަށް ގެނައި ހަތްވަނަ އިސްލާހަށް ގޮންޖަހައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުނީ އެންމެ މައްސަލައެކެވެ. އެ މައްސަލައިގައި ވެސް ރައީސް އެ ވިދާޅުވާ އިސްލާހުގެ ވާހަކައެއް ނެތެވެ. ވީމާ، މިއީ ކަނޑައެޅިގެން ދެއްކެވި ފިތުނަވެރި ވާހަކައެކެވެ. 'އަހަރުމެންނާއި އެމީހުން' ވަކިކުރުމުގެ އެޖެންޑާ ތަންފީޒު ކުރެއްވުމަށް ހެއްދެވި ހިންތާއެކެވެ. ރައީސްއާ ވިސްނުން ތަފާތު މީހުން، ރައްޔިތުންގެ ކުރިމަތީގައި ނުބައި މީސްކުރުވުމަށް ކަނޑައެޅިގެން ހެއްދެވި އިތުރުފުޅެކެވެ.

ސިޔާސީ މިނިވަންކަން އޮތްކަމަށް ވިދާޅުވުން

"ސިޔާސީ ހަރަކާތްތައް ހިންގުމުގައި މިހާރު އެއްވެސް ހުރަހެއް ނެތް. އެއްވެސް ހުރަހެއް ނެތް. އަޅުގަނޑުމެން މިދަނީ މިސާލެއްގެ ގޮތުގައި ދަންނަވަންޏާ، އިދިކޮޅު ފަރާތްތަކުގެ އެތެރޭގެ އިންތިހާބުތައް ބާއްވަންވެސް ސްކޫލް ހޯލުތަކާއި، ދައުލަތުގެ މުއައްސަސާތައް ދެމުން."

ރައީސް ޔާމީންގެ ޕީ.އެން.އެފް އުފެއްދުމުގެ ޖަލްސާގެ މަތިން ހަނދުމަފުޅު ހުރީ ކިތައް ބޭފުޅުންތޯ އެވެ؟ އެ ޖަލްސާގެ ކަންތައް ހިނގައިދިޔަ ގޮތް ތިރީގައި މިވާ ހަބަރުތަކުން ވިދާޅުވާށެވެ. 

ޕީއެންއެފްގެ ޖަލްސާއަށް ފުލުހުން ހުރަސް އަޅައިފި

މިރޭ 10:00 އަށް ތާވަލުކުރި ޕީއެންއެފްގެ ޖަލްސާއަށް, އެ ޕާޓީގެ އިސްވެރިންނާއި މެންބަރުން ދިޔައިރު, ފުލުހުން ވަނީ ޣިޔާސުއްދީން ސްކޫލުގެ ގޭޓު ބަންދުކޮށް ބައިވެރިން އެތެރެއަށް ދިއުމަށް ހުރަސް އަޅާފައި .ޕާޓީގެ ސަޕޯޓަރުން ދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްތިއުފާއަށް ގޮވާލަމުން.

ޕީއެންއެފްއަށް ހުރަސް އެޅުމުން ފައްޔާޒުގެ ކަންބޮޑުވުން

ފުލުހުން ބުނަނީ ޕީއެންއެފްގެ ޖަލްސާ ހުއްޓުވަނީ އެޑިއުކޭޝަން މިނިސްޓްރީން އެދިގެން ކަމަށް

ފުލުހުން ބުނީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލަށް ވަނުން މަނާކުރީ އެސްކޫލުގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ ހުއްދަ ނުދޭ އެއްވުމެއް ހުއްޓުވައި ސްކޫލު ރައްކާތެރިކުރުމަށް އެ ސްކޫލުން އެޑިއުކޭޝަން މިނިސްޓްރީގައި އެދުމުން, އެކަން ތަންފީޒު ކޮށްދިނުމަށް މިނިސްޓްރީން އެދުނު ކަމަށް.

ޣިޔާސުއްދީންގައި ބޭއްވިޔަ ނުދިނުމުން ޕީއެންއެފް ޖަލްސާ ރާޅުގަނޑު ސަރަހައްދަށް

ފުލުހުން ހުރަސް އެޅުމުން ވެސް ޕީއެންއެފްގެ އުފެއްދުމުގެ ޖަލްސާގެ ކޯރަމް ހަމަކޮށް, ޖަލްސާ ފަށަން ތައްޔާރުވުމުން ވެސް ނުފެށި ލަސްވީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން ނައިސްގެން. ލުހުން ދަނީ އެ ސްކޫލުގެ ގޭޓު ބަންދުކޮށް, އިތުރު ބަޔަކު އެތެރެއަށް ވަނުން މަނާކޮށްފައި.

މިއީ ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި ބޭއްވުން ގާނޫނުން ލާޒިމުކުރާ ޖަލްސާ ބާއްވަން އުޅުމުން ސަރުކާރުން ޖެއްސި ހާލެވެ. އެ ޖަލްސާ ބާއްވާނޭ ތަން ކަނޑައެޅީ އިލެކްޝަންސް ކޮމިޝަނުން އެކަމަށް ހުއްދަ ހޯދުމަށް ފަހުގަ އެވެ. މަދަރުސާއެއްގެ ހޯލުގައި ޖަލްސާ ބާއްވަން ނިންމީ އެޑިއުކޭޝަން މިނިސްޓްރީގެ ހުއްދަ ލިބުމުންނެވެ. އޭގެ ފަހަށް މިކަމަށް ހުރަސް އެޅީ ކިހާ ހިސާބަކުން އައި އަމުރަކަށްކަން މިހާތަނަށް ވެސް ފުލުހުން ސާފުކޮށްދެއްވާފައެއް ނުވެ އެވެ. 

ދެން އޮތީ ސިޔާސީ ޕާޓީތަކުގެ އެތެރޭގެ އިންތިހާބު ބާއްވަން ސުކޫލުތަކުގެ ހޯލުތައް ދެއްވާ ވާހަކަ އެވެ. ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކަށް ދޫކުރަނީ ދިމްޔާތު ނަމަ، އެއީ ރައީސް މުއިއްޒު ސިޔާސީ ޕާޓީތަކަށް ކޮށްދެއްވާ ނިކަން ބޮޑު ހިދުމަތެއް ކަމަށް ދޭހަވާ ގޮތަށް، މޭފުޅު ފުޅާކުރައްވައި ވިދާޅުވާން ރަނގަޅު ވާހަކަފުޅެކެވެ. ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދުނު ފަހުން ޕާޓީތަކުގެ ހަރަކާތްތައް ބާއްވަން ސުކޫލު ހޯލުތައް ނުދޭ ޒަމާނެއް ނުދެ އެވެ. ބައެއް ފަހަރު ސަރުކާރުތަކުން ދަތިކޮށްލީމާ، 'އާސިއްޕެގެ ބާތުޑޭ ޕާޓީ'ގެ ނަމުގައި ވެސް ސިޔާސީ ޕާޓީތަކުން ސުކޫލު ހޯލުތަކުގައި ހަރަކާތް ހިންގަ އެވެ. މިހެން އޮތްކަމެއްގައި، ރާއްޖޭގައި ޑިމޮކްރެސީ ހަރުދަނާވެފައި އޮތް މިންވަރު ދައްކުވައިދެއްވާން ކަމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ދައްކަވަން، މިއީ ދޯހަޅި ވާހަކައެކެވެ.

މިއަދު މި ގެނެސްދިނީ މި ތަގުރީރުގެ އެއްބައެވެ. ދެންވެސް ހުރި ވާހަކަތަކުގައި ހުރީ ތެދުހެން ހީވާ ދޮގާއި ފިތުނަ އެވެ. އެހެންނަމަވެސް އެކަންކަމަށް ތަފުސީލުކޮށް ބަލާލެވޭނީ އެހެން ލިޔުމެއްގަ އެވެ. އެންމެ ގަޑިއިރެއްގެ ދެބައިކުޅަ އެއްބައިގެ ތެރޭގައި އެ ހައްދަވަނީ އެންމެ ހަފުތާއެއްގެ މަސައްކަތުން ނިއުޅުވައިލެވޭވަރަށް ވުރެ މާ ގިނަ ދޮގެވެ. އޭގެ އެންމެ ނުރައްކާ ކަމަކީ ވާހަކަތައް ތަރުތީބުކުރެވިފައި ހުރި ގޮތުން، ބަލައިނުލާ ބަޔަކަށް އެއީ ތެދޭ ހީވެދާނޭ ކަމެވެ. އެ ތަގުރީރުގެ ކޮންމެ ޖުމުލައެއް ވަކިވަކިން އަޑުއަހާލީމާ ފެންނަ މަންޒަރު ނިކަން ތަފާތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިޓީބިޓީ: ގައުމުގެ އިސް ރަށްވެހީންނަށް އިލްތިމާސެއް

ގައުމީ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށްޓަކައި، ދައުލަތުގެ މަތީ އިއްޒަތް ލިބިވަޑައިގެންފައިވާ 12 ތަޖުރިބާކާރު ބޭފުޅުންގެ މައްޗަށް އެކުލެވޭ ހާއްސަ މަޖިލީހެއް ރައީސް އޮފީހުން އެކުލަވައިލައިފިއެވެ. މި މަޖިލީހުގެ މައިގަނޑު މަގުސަދަކީ ގައުމުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ އިހުލާސްތެރި މަޝްވަރާ ހޯދުން ކަމަށްވާއިރު، މިއީ ގައުމުގެ މުސްތަގުބަލާ މެދު ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރި ނާޒުކު ދަނޑިވަޅެއްގައި އެޅުނު މުހިންމު ފިޔަވަޅެކެވެ.

ރަސްމާލެ ވިއްކުމުގެ ރިފަރެންޑަމެއް ނަގަން ބިރުގަންނަނީ ކީއްވެ؟

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވުމަކީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވި ވައުދާ ހިލާފުވުމެއް ކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. ބޭރުގެ ފަރާތްތަކަށް ބިން ނުދޭނެ ކަމަށް ކުރިން ވިދާޅުވި ނަމަވެސް، މިހާރު މި މަޝްރޫއުގެ ދެބައިކުޅަ އެއްބައި ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފު ކަމެއް ކަމަށްވެސް މި ޚަބަރުގައި ބަޔާންކޮށްފައިވެއެވެ.

ކުށުގެ ވާހަކަ: ދަރިފުޅަށް ގޯނާކުރަން ވާގިވެރިވި މަންމަގެ ހިޔާނާތް

އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމަށް އެ ކުއްޖާގެ މަންމަ މަގުފަހިކޮށްދިން. އަދި މި ލާއިންސާނީ އަމަލުގައި، ދަރިފުޅު ރައްކާތެރިކުރުމުގެ ބަދަލުގައި މަންމަ ވަނީ ގަސްދުގައި އެހެން ފިރިހެނަކަށް އެ ކުއްޖާ ޖިންސީ ގޮތުން ބޭނުންކުރުމަށް އެހީތެރިވެ، އެންމެ އަސާސީ އިތުބާރުގެ ގުޅުމަށް ހިޔާނާތްތެރިވެފަ.

އެމްއޭސީއެލްގެ ރެކޯޑު ފައިދާގެ ފަރުދާގައި ބޮޑު ދަރަނި

އެމްއޭސީއެލްއަށް ބޮޑު ފައިދާއެއް ލިބުނު ނަމަވެސް، ނަގުދު ފައިސާ މަދުވެ އެ ކުންފުނީގެ މާލީ ހާލަތަށް ވަނީ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފަ. މިދިޔަ އަހަރު ނިމުނުއިރު ކުންފުނީގެ ތިޖޫރީގައި ހުރި ފައިސާ ދެބައިކުޅަ އެއްބަޔަށް މަދުވެފައިވާއިރު، ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތައް ހަމަޖެއްސުމުގައި ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ.

އަހަރެމެން މި ތަކުރާރުކުރަނީ މާޒީ ހެއްޔެވެ؟

އިންސާނީ ދަހިވެތިކަމާއި، ހަމަ އެ ފޮނި ވާހަކައާއި، މުސްތަޤްބަލުގެ ޖީލުތަކުން ބަލަން ބޭނުންނުވާ ހަމަ އެ ނުރައްކާ މިއަދުވެސް މިވަނީ އަޅުގަނޑުމެންގެ ކުރިމަތީގައި. 2026 ގެ ރާއްޖެއަކީ 1887 ގެ ރާއްޖެއެއް ނޫނެވެ. އެކަމަކު، ސަރުކާރެއްގެ މިހާރުގެ ވަގުތީ ސަލާމަތަށްޓަކައި ޤައުމުގެ މުސްތަޤްބަލު ސޮއިކޮށް ދޫކޮށްލައިފިނަމަ، ނަތީޖާ ނުކުންނާނީ ހަމަ ކުރީގެ ގޮތަށް.

ތިޔަ އެއްޗެއްގައި ސޮއިކުރުމަށްވުރެ ޝަހީދުވުންވެސް ރަނގަޅޭ

ޔަހޫދީންގެ މިތުރަކާ ގުޅިގެން ވާނެ ހެވެއް ނޯންނާނެ އެވެ. އިނގިރޭސިންގެ މުށުތެރެއަށް ވެއްޓިގަތުމާ ނައިބުތުއްތު ދެކޮޅުހެއްދެވިހިނދު، ދިވެހި ދައުލަތުގައި ތިބި ވެރިން އޭރުކީ ލަވަޔަކީ ހަމަ މިހާރުވެސް މި އިވޭ ލަވަޔެވެ. މިއީ އިގުތިސާދީ ކަމެކެވެ. ސިޔާސީ ކަމެކެވެ. ލައްކަ މަންފާވީނަމަ، އަހަރުތަކެއް ފަހުން އިނގިރޭސިންގެ އަތުން މިނިވަންވާކަށް ނުޖެހުނީސްތާ އެވެ!

ރަސްމާލެ މައްސަލައިގެ ނުރައްކާތައް ދިރާސާކުރުމުގެ އިލްތިމާސް

ނޮވެމްބަރު 3 ގައި ގައުމު ދިފާއުކުރި ސިފައިން، ފުރާނަ ގުރުބާންކުރީ ވަކި ތަރައްގީގެ މޮޑެލްއަކަށް ނުވަތަ އިގުތިސާދީ ސިޔާސަތަކަށް ނޫނެވެ. އެމީހުން ދިފާއުކުރީ ދިވެހިންގެ މުސްތަގުބަލުގެ ސާހިބުންނަކީ ދިވެހިން ކަމުގައިވުމުގެ ހައްގެވެ. އެ ހައްގަކީ މިއަދު ވެސް ހަމަ އެ ދަރަޖައިގައި ދިފާއުކުރަންޖެހޭ ހައްގެކެވެ.

Newsletter

Get the latest news delivered straight to your inbox