ފަލަސްތީން މައްސަލައިގައި މެކްލްމޯ ވަކިކުރުމުން އެހެން ފަންނާނުން އެޑްގެ ޓުއާ ބޮއިކޮޓްކޮށްފި

Sep 16, 2026, 12:07 PM
މެކްލްމޯ އަދި އެޑް ޝީރަން.

މެކްލްމޯ އަދި އެޑް ޝީރަން.

އިނގިރޭސި ލަވަކިޔުންތެރިޔާ އެޑް ޝީރަން އެމެރިކާގައި ކުރިއަށްގެންދާ މިއުޒިކް ޓުއާގައި ބައިވެރިވާ ހުރިހާ ފަންނާނުން އެ ދަތުރުން ވަކިވެއްޖެ އެވެ.

މި ފަންނާނުން މި ގޮތަށް ނިންމީ، ފަލަސްތީނަށް ތާއީދުކޮށް ސްޓޭޖްމަތީގައި ވާހަކަދެއްކުމާ ގުޅިގެން ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯ އެ ޓުއާ އިން ވަކިކުރުމާ ގުޅިގެންނެވެ.

މިގޮތުން ޓުއާ އިން ވަކިވި ފަންނާނުންގެ ތެރޭގައި މަޝްހޫރު ލަވަކިޔުންތެރިޔާ ބިލީ އެއިލިޝްގެ ބޭބެ ފިނިއަސް ހިމެނެ އެވެ. އޭނާ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަނިޔާ ލިބެމުންދާ މީހުންގެ ހައްގުގައި ވާހަކަދައްކާ ފަންނާނުންގެ އަޑު ކަނޑުވާލައިގެން ނުވާނެ ކަމަށެވެ.

މީގެ އިތުރުން އަޔަލޭންޑްގެ ލަވަކިޔުންތެރިޔާ އާރޮން ރޯ އާއި ޑެންމާކުގެ ބޭންޑެއް ކަމަށްވާ ލޫކަސް ގްރަހަމް ވެސް ވަނީ ޓުއާ އިން ވަކިވިކަން އިއުލާންކޮށްފަ އެވެ. އަދި ކޮންމެ ރެއަކު ޝީރަންއާ އެކު ސްޓޭޖްމަތީގައި ހުށަހަޅައިދޭ އަޔަލޭންޑްގެ ފޯކް ބޭންޑް "ބިއޯގާ" އިން ވެސް ވަނީ މި ދަތުރުގައި ދެން ބައިވެރިނުވާން ނިންމާފަ އެވެ.

މި ފަންނާނުން މިކަން އިއުލާންކުރީ، ގާޒާގެ މައްސަލައިގައި އާންމުންގެ މެދުގައި ކުރެވޭ ބަހުސްތަކުގެ ތެރެއަށް ވަންނަން ބޭނުންނުވާ ކަމަށާއި، މެކްލްމޯ ޓުއާ އިން ވަކިކުރުމުގައި އޭނާގެ އެއްވެސް އަތެއް ނެތް ކަމަށް ބުނެ ޝީރަން ބަޔާނެއް ނެރުނުތާ މަދު ގަޑިއިރުތަކެއްގެ ތެރޭގަ އެވެ.

އިންސްޓަގްރާމް މެދުވެރިކޮށް ޝީރަން ބުނީ، މެކްލްމޯ ޓުއާ އިން ވަކިކުރީ ޝޯ އިންތިޒާމުކުރާ ފަރާތުން ނިންމި ނިންމުމަކަށް ވާތީ ކަމަށާއި، އެއީ އޭނާގެ ނިންމުމެއް ނޫން ކަމަށެވެ.

ޝީރަން އިތުރަށް ބުނީ، ޝޯ ބަލަން ރޭވުންތައް ރޭވި ސަޕޯޓަރުން މާޔޫސްކޮށްލަން ބޭނުންނުވާ ކަމަށާއި، އަދި އޭނާއަށް ބަރޯސާވެގެން މަސައްކަތްކުރާ ކުރޫއިންނާއި އެހެނިހެން މިއުޒިކް ކުޅުންތެރިން ދޫކޮށްލެވެން ނެތް ކަމަށެވެ.

މި މަހުގެ ކުރީކޮޅު ނިއު ޖާޒީގައި ބޭއްވި ދެ ކޮންސަޓެއްގައި، އަސްލު ނަމުން ނަމަ ބެންޖަމިން ހެގަޓީ (މެކްލްމޯ) ވަނީ ފަލަސްތީނު މިނިވަންކުރުމަށް ގޮވާލައި، ގާޒާގައި އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުގެ ފޮޓޯތައް ދައްކާފަ އެވެ.

އޭނާގެ މި ވާހަކަތަކާ ގުޅިގެން ޔަހޫދީ ޖަމާއަތްތަކުގެ ފާޑުކިޔުން އަމާޒުވި އެވެ. މީގެ ސަބަބުން، ޝޯތައް ބާއްވާ ބައެއް ތަންތަނުން ވަނީ މެކްލްމޯ ޓުއާ އިން ވަކިކުރުމަށް އިންތިޒާމުކުރާ ފަރާތްތަކަށް މަޖުބޫރުކޮށްފަ އެވެ.

ޝީރަން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މި މައްސަލަ ހައްލުކުރުމަށް ޝޯ ބާއްވާ ތަންތަނުގެ ވެރިންނާ މުޅި ހަފުތާގައި ވާހަކަދެއްކި ކަމަށެވެ. ނަމަވެސް، ޓުއާ އިންތިޒާމުކުރާ މެސީނާ ޓުއަރިން ގްރޫޕުން އެންމެ ފަހުން ނިންމީ މެކްލެމޯ ވަކިކުރުމަށެވެ.

އިސްރާއީލާއި ފަލަސްތީނުގެ ކުރިމަތިލުންތަކާ މެދު ކަންބޮޑުވާ ކަމަށާއި، ލިބެމުންދާ އަނިޔާތަކަކީ ހިތާމައެއް ކަމަށް ޝީރަން ބުންޏެވެ. އެހެންނަމަވެސް، ސިޔާސީ ކަންކަމާ ދުރުގައި ހުންނަން އޭނާ ބޭނުންވާ ސަބަބު ބަޔާނުގައި ކިޔައިދީފައިވެ އެވެ.

"އަހަރެން މިކަމުގައި ބައިވެރިއެއް ނުވަން،" ޝީރަން ލިޔެފައިވެ އެވެ. "މި ހިތާމަވެރި ހަނގުރާމައާ މެދު އަހަރެންގެ އަމިއްލަ ޚިޔާލު އެބަހުރި. އާންމުކޮށް މި ވާހަކަ ނުދެއްކުމަކީ އަހަރެންގެ ޚިޔާލެއް ނެތްކަން ނުވަތަ އަހަރެން އަޅާނުލާ ކަން އަންގައިދޭ ކަމެއް ނޫން."

އަދި އަމިއްލަ ގޮތުން އެކި ކަންކަމަށް އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ވެސް އޭނާ ބުންޏެވެ.

ޝީރަން އިތުރަށް ބުނީ، އޭނާގެ މަސައްކަތުގެ މައިދާން ސިޔާސީ ކަންކަމަށް ބޭނުންނުކުރަނީ، އޭނާގެ ޝޯތަކަށް އަންނަ މީހުންގެ ތެރޭގައި އެކި ފަންތީގެ ކުޑަކުދިންނާއި ޒުވާނުން ހިމެނޭތީ ކަމަށެވެ.

"އަހަރެންގެ ޝޯތަކަށް އަންނަ މީހުން އުންމީދެއް ނުކުރާނެ މިއީ ސިޔާސީ މައިދާނަކަށް ވާނެ ކަމަކަށް. ގަބޫލުކުރާ ކަންކަމުގެ ހައްގުގައި ތެދުވެ އަޑުއުފުލުމަށް މެކްލްމޯ ކުރާ ހިތްވަރަށް އަހަރެން އިހުތިރާމް ކުރަން،" ޝީރަން ބުންޏެވެ.

ނަމަވެސް، ސުލްހަ ގާއިމުކުރުމަށް އެކި މީހުން ގެންގުޅޭނީ އެކި އުސޫލުތައް ކަމަށް އޭނާ ފާހަގަކުރި އެވެ.

ޝީރަންގެ މި ބަޔާނަކީ ސަޕޯޓަރުންނާއި އެހެން ފަންނާނުންގެ ހިތްހަމަޖެއްސުމަށް ނެރުނު ބަޔާނެއް ނަމަވެސް، މީގެ ނަތީޖާ ފެނުނީ މުޅިން އިދިކޮޅަށެވެ.

އިންސްޓަގްރާމްގައި ލޫކަސް ގްރަހަމް ލިޔެފައިވަނީ، ހަނގުރާމަ އާއި، މަރާލެވޭ އާންމުންނާއި، ބޮޑުވުމުގެ ހައްގު ލިބެންޖެހޭ ކުޑަކުދިންގެ ވާހަކަ ދެއްކުމުގެ ފުރުސަތު އޮންނަންޖެހޭނެ ކަމަށެވެ. އެއީ ކޮންމެ ގައުމެއްގެ، ކޮންމެ ދިދައެއްގެ ދަށުގައި ތިބި ބަޔަކަށް ވިޔަސް މެއެވެ.

މި އަހަރުގެ ކުރީކޮޅު އޮސްޓްރޭލިއާގެ ޝޯތަކުގައި ވެސް ބައިވެރިވި އާރޮން ރޯ ބުނީ، ޓުއާ އިން ވަކިވުމަކީ ފަސޭހަ ނިންމުމެއް ނޫން ކަމަށެވެ. އަދި ޝީރަން އަކީ އޭނާގެ ގާތް އެކުވެރިއެއް ކަމަށާއި، އޭނާގެ ދިރިއުޅުން ބަދަލުކޮށްލަދިނީ ޝީރަން ކަމަށްވާތީ އަބަދުވެސް ޝުކުރުވެރިވާނެ ކަމަށް ބުންޏެވެ.

"ބިއޯގާ" ބޭންޑުން ބުނީ، އެހާ ގިނަ ބައެއްގެ ކުރިމަތީގައި ކުޅުމަކީ ހުވަފެނެއް ކަމުގައި ވިޔަސް، ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރާ މީހުންގެ އަޑު ކަނޑުވާލާ ތަންތަނުގައި ޝޯ ދިނުމަކީ އެ މީހުން ކުރާނެ ކަމެއް ނޫން ކަމަށެވެ.

މި މައްސަލަ ފެށުނީ ސެޕްޓެމްބަރު 4 ވަނަ ދުވަހު ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ބޭއްވި ޝީރަންގެ ކޮންސަޓުގައި މެކްލްމޯ ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ.

އެ ރޭ އޭނާ ބުނީ، މި ޓުއާގައި ބައިވެރިވި އެންމެ ބޮޑު ސަބަބަކީ މިފަދަ ބޮޑެތި ސްޓޭޑިއަމްތަކުގައި ހުރެ، އޭނާގެ ހިތާ ވަރަށް ގާތް ދެ ބަހެއް ކަމަށްވާ "ފްރީ ޕަލަސްޓައިން" (ފަލަސްތީނު މިނިވަންކުރޭ) މިހެން ބުނުމުގެ ފުރުސަތު ހޯދަން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާ ޖޭމްސް ބޮންޑަކަށް ރޮބަޓް ޕެޓިންސަން

ޖޭމްސް ބޮންޑުގެ ރޯލު ކުޅޭނެ އާ އެކްޓަރަކަށް އިނގިރޭސި އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖައްސައި، 2028 ވަނަ އަހަރު ރިލީޒްކުރާ ބޮންޑު ސިލްސިލާގެ 26 ވަނަ ފިލްމު ޑެނިސް ވިލެނޫވް ޑައިރެކްޓްކުރާ ގޮތަށް އެމެޒޯން އެމްޖީއެމް އިން ވަނީ އިއުލާންކޮށްފައެވެ. މި ރޯލު ލިބުމަކީ ބޮޑު ޝަރަފެއް ކަމަށް ޕެޓިންސަން ބުނެފައިވާއިރު، މިއީ ޑެނިއަލް ކްރެއިގަށް ފަހު މި މަޝްހޫރު ޖާސޫސީ ރޯލުން ފެންނާނެ ހަތްވަނަ އެކްޓަރެވެ.

އަނދިރީގައި ފެންވެރުން ނިދި އައުން ފަސޭހަވޭތަ؟

ނިދުމުގެ ކުރިން އަނދިރީގައި ފެންވެރުމަކީ ހަށިގަނޑުން މެލަޓޯނިން އުފައްދައިދީ، ސިކުނޑި ހަމަޖައްސައިދީ އަވަހަށް ނިދި އައުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. މިގޮތަށް ފެންވެރުމުން ހަށިގަނޑުގެ ފިނިހޫނުމިން ދަށްވެ، ދުވަހުގެ ސްޓްރެސް ކުޑަކޮށްދީ ނަފްސާނީ ގޮތުން އަރާމު ލިބިގެންދެއެވެ. ނަމަވެސް މިއީ ނިދުމުގެ ބޮޑެތި ބަލިތަކަށް އޮތް ދާއިމީ ހައްލެއް ނޫންކަމަށް މާހިރުން ފާހަގަކުރެއެވެ.

ޕްރޮސްޓޭޓް ކެންސަރަށް ގަވާއިދުން ސްކްރީން ކުރަން ބުނެފި

ޕްރޮސްޓޭޓް ކެންސަރު ޖެހޭ މިންވަރު އިތުރުވަމުންދާތީ، އެމެރިކަން ކެންސަރ ސޮސައިޓީން ވަނީ އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ ފިރިހެނުން ގަވާއިދުން ސްކްރީން ކުރުމަށް އާ އިރުޝާދުތަކެއް ނެރެފައެވެ. މި ބަދަލުގެ ދަށުން ބަލީގެ ނުރައްކާ ބޮޑު މީހުން އުމުރުން 45 އަހަރުން ފެށިގެން ކޮންމެ އަހަރަކު ޓެސްޓުކުރަން ލަފާދީފައިވާއިރު، މީގެ މަގުސަދަކީ ބަލި ކުރީކޮޅު ދެނެގަނެ މަރުވާ މިންވަރު މަދުކުރުމެވެ.

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

ގްލެޑިއޭޓާ 2" ގެ ސެޓުގައި ހިނގި ހާދިސާއަކާ ގުޅިގެން ކޯޓަށް

"ގްލެޑިއޭޓާ 2" ގެ މަންޒަރެއް ކުޅެމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަށިގަނޑުގެ 15 އިންސައްތަ ފިހުނު އެކްޓަރަކު، ފިލްމު އުފެއްދި ކުންފުންޏާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފިއެވެ. މި ހާދިސާގެ ޒިންމާ ފިލްމީ ކުންފުނިން އުފުލި ނަމަވެސް، ލިބުނު އަނިޔާތަކަށް ބަދަލުގެ ގޮތުގައި އެދިފައިވާ 200،000 ޕައުންޑް ދިނުމަށް އެ ކުންފުނިން ވަނީ އިންކާރުކޮށްފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކައިގައި ކިޔައިދެނީ އިވާން އާއި މައިރާގެ މެދުގައި ހިނގި ލޯބިވެތި ވަގުތުކޮޅެއްގެ ވާހަކައެވެ. ނަމަވެސް، ކޮޓަރީގެ ބޭރުން ނަދާލް ގޮވައިލި އަޑަށް އެ ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް، މައިރާ ނަދާލަށް ޖަވާބުދީ އެތަނުން ދާން މަސައްކަތް ކުރެއެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

Newsletter

Get the latest news delivered straight to your inbox