ކަތުމަންޑޫ، ނޭޕާލް (ޖުލައި 30) - ފީފާ އިން ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ނޭޕާލް ސަސްޕެންޑްކޮށްފައި އޮންނަތާ މަހަކަށް ވުރެން ގިނަ ދުވަސްވެފައިވާއިރު، އެ މައްސަލަ ހައްލުކުރަން، ކަމާބެހޭ ފަރާތްތަކުން ކުރަން ޖެހޭ މަސައްކަތް ލަސްވެ، މިހާރު އޮތް އުނދަގޫ ހާލަތު ދިގުލައިފިނަމަ، ނޭޕާލްގެ ފުޓްބޯޅަ ސަލާމަތްނުކުރެވޭ ހާލަތަށް ގޮސްދާނެ ކަމަށް އެ ގައުމުގެ ތަޖުރިބާކާރު ކޯޗު، ބާލް ގޯޕާލް މަހާރަޖަން ބުނެފި އެވެ.
މިދިޔަ މަހުގެ 24 ވަނަ ދުވަހު، ފީފާ އިން ނޭޕާލް ސަސްޕެންޑްކުރީ، އޭގެ ކުރިން ހިނގައިދިޔަ ހަމަ މަހުގެ ތެރޭގައި، އެ ގަައުމުގެ ފުޓްބޯޅަ ފެޑެރޭޝަން، އަންފާގައި ހުރި މައްސަލަތައް ނޭޕާލް ސަރުކާރާ ގުޅިގެން ހައްލުކުރަން ދިން އެއްވެސް ފުރުސަތެއްގައި ފީފާގެ އެންގުންތަކަށް ފުރިހަމަ އަށް ބޯލަނބާފައިނުވާތީ އެވެ.
ސަރުކާރުން ދޫނުދިނުމުން ފީފާ އިން ނޭޕާލް ސަސްޕެންޑްކޮށްފި
ނޭޕާލްގެ ސަރުކާރުން އެ ގައުމުގެ ފުޓްބޯޅަ އިދާރާ (އަންފާ) ސަސްޕެންޑްކޮށް، ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ފީފާ އިން ނޭޕާލް މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑްކޮށްފި. މި ސަސްޕެންޝަނާ ގުޅިގެން ނޭޕާލްގެ ގައުމީ ޓީމަށާއި ކްލަބްތަކަށް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ބައިވެރިނުވެވޭނެ.
ނޭޕާލުގެ އެއް ވަނަ ޑިވިޝަނުގެ މެޗުތައް ނުކުޅޭތާ 1100 ދުވަސް (ތިން އަހަރަށް ވުރެން ގިނަ ދުވަސްވެފައިވާއިރު) ވެފައިވާއިރު، މި ވަގުތު އެ ގައުމުގެ ފުޓްބޯޅައިގެ ހާލަތު އޮތީ އިންތިހާ ދަރަޖަ އަށް ދަށްވެފަ އެވެ. ގައުމީ ޓީމުތަކުގެ މަސައްކަތް ހުއްޓިފައިވާއިރު، ފުޓްބޯޅަ އަށް ހުސްވެގެން ތިބި އެކި ކުޅުންތެރިން ވަޒީފާތަކަށް އެކި ގައުމުތަކަށް ދާން ވަނީ ފަށައިފަ އެވެ.
"އަހަންނެއް ދުވަހަކު ވެސް ނުދެކެން ނޭޕާލްގެ ފުޓްބޯޅަ މިހާ ދަށް ލެވަލަކަށް ވެއްޓިފައި އޮތްތަން. ދެހާހުގެ ކުރިން ވެސް މައްސަލަތަކެއް ނޭޕާލް ފުޓްބޯޅައިގައި ހުރި، އެކަމަކު، މިހާރު މި އޮތް ހިސާބަކަށް ނުދޭ، އެންމެ ބޮޑު ބިރަކީ، މިހެން ކަންކަން ދިގުލައިގެން ގޮސް، ސަސްޕެންޝަން ހާލަތު ބަދަލުނުވެއްޖެނަމަ، ދެން ކަންކަން ދާނީ ސަލާމަތްނުކުުރެވޭ ހިސާބަށް،" މަހާރަޖަން ބުންޏެވެ.
އޭނާ ބުނީ، އެންމެ ފަހުން، ސައުތު އޭޝިއާގެ ގައުމުތަކުގެ މެދުގައި ކުޅުނު ފުޓްބޯޅަ މުބާރާތްތަކުގައި، މި ސަރަހައްދުގެ ގައުމުތަކާ ދެކޮޅަށް ނޭޕާލުން ކުޅުނީ ވަރަށް ޖެހިލުންކުޑަ ކުޅުމެއް ކަމަށެވެ. އަދި، ކޮންމެ މުބާރާތެއް ވެސް ކާމިޔާބު ކުރެވޭނެ ވިސްނުމުގައި މުބާރާތްތަކަށް ތައްޔާރުވަމުން އައިތަން ފެނުނު ކަމަށާއި އެކަމަކު މިހާރު ހާލަތު މި ދަނީ އެ ކަންކަން މުޅިންހެން ބަަދަލުވާ ލެވަލަށް ކަމަށް މަހާރަޖަން ފާހަގަކޮށްފައިވެ އެވެ.
އަންނަ ނޮވެމްބަރު މަހު، ބަންގްލަދޭޝްގެ ޑާކާގައި ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވެސް ނޭޕާލްގެ ބައިވެރިވުން އޮންނާނެ ކަމުގެ ޔަގީންކަމެއް ނެތެވެ.
ދެކުނު އޭޝިއާގެ ގިނަ ގައުމުތައް ފާއިތުވި 10 ވަރަކަށް އަހަރު ތެރޭ ވަނީ ފީފާގެ ސަސްޕެންޝަނާ ކުރިމަތިލާން ޖެހިފަ އެވެ. އެ ގޮތުން، ހަ ވަރަކަށް އަހަރު ތެރޭ ޕާކިސްތާނަށް ތިން ފަހަރެއްގެ މަތިން ފީފާގެ ސަސްޕެންޝަން އައިއިރު، 2023 ވަނަ އަހަރު ސްރީ ލަންކާ ހަތް މަހެއްހާ ދުވަހަށް ސަސްޕެންޝަންގައި އޮންނަން ޖެހުނެވެ. އަދި އިންޑިއާ ހަފްތާއެއްހާ ދުވަހަށް ފީފާގެ ސަސްޕެންޝަނުގައި ހޭދަކުރި އެވެ.
ފީފާ އިން އަންގާފައިވަނީ ސަސްޕެންޑްކޮށްފައިވާ މި މުއްދަތުގެ ތެރޭގައި، ނޭޕާލްގެ ގައުމީ ޓީމާއި އެއްވެސް ކްލަބަކަށް ބައިނަލްއަގުވާމީ އެއްވެސް މުބާރާތެއްގައި ނުކުޅެވޭނެ ކަމަށެވެ. މި ސަސްޕެންޝަނުގެ މުއްދަތުގެ ތެރޭގައި، ފީފާ އާއި އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ، އޭއެފްސީގެ ފަރާތުން ނޭޕާލްގެ ފުޓްބޯޅަ އަށް ލިބެމުން އަންނަ އެއްވެސް އެހީތެރިކަމެއް ނުލިބޭނެ ކަން ވެސް ފީފާ އިން ނޭޕާލަށް ވަނީ އަންގައިފަ އެވެ.
ފީފާ އިން ނޭޕާލްގެ ފުޓްބޯޅަ ފެޑެރޭޝަން، އަންފާ ސަސްޕެންޑްކުރިއިރު، ވަނީ އެކަމުން ސަލާމަތްވުމަށް ކުރަންޖެހޭ ކަންކަން ވެސް އަންގައިފަ އެވެ. އެ ގޮތުން، ފީފާގެ އެންގުންތަކާ އެއްގޮތަށް އަންފާ ހިންގަން ފުރުސަތު ލިބި، ހުރި މައްސަލަތަކަށް ހައްލެއް އައިސްފިނަަމަ ސަސްޕެންޝަން އުވާލާނެކަން ފީފާ އިން ވަނީ އަންގައިފަ އެވެ.











