މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު (އާރްޓީއައި) ގެ ދަށުން ސްޓެލްކޯއިން މައުލޫމާތު ހޯދަން އެދުނު މީހާއަކީ ކާކުކަން ނޭނގުމުން އެމީހާއަށް މައުލޫމާތު ދޭން އެ ކުންފުނިން ދެކޮޅު ހަދައިފި އެވެ.
އަމިއްލަ ފަރާތެއް ކަމަށްވާ މުހައްމަދު ޝަރުހާން ވަހީދުގެ ނަމުގައި ޖުލައި، 3، 2024، ގައި ހުށަހެޅި އެ އާރްޓީއައިގައި އެދިފައިވަނީ ސްޓެލްކޯގައި ނޮވެމްބަރު 17، 2023، އިން ފެށިގެން ޖުލައި 3، 2024، ގެ ނިޔަލަށް ތިބި މުވައްޒަފުންގެ ތަފްސީލު ހޯދުމަށެވެ.
އެ އާރްޓީއަށް ޖަވާބުދޭން ސްޓެލްކޯއިން ދެކޮޅު ހެދީ މުހައްމަދު ޝަރުހާން ވަހީދު އެ އާރްޓީއައި "މުހައްމަދު ޝަރުހާން" ގެ ނަމުގައި ލުމުން އެ ނަން ކިޔާ މީހެއް ވުޖޫދުގައި ނުވާ ކަމަށާއި ޝަހްސް ކަށަވަރު ނުކުރެވޭ ފަރާތަކުން ހުށަހަޅާފައިވާ ހުށަހެޅުމަކަށް ޖަވާބުދޭން ނުޖެހޭ ކަމަށް ބުނެ އެވެ.
މިކަމާ ގުޅިގެން ޝަރުހާނަށް އެ މައުލޫމާތު ދިނުމަށް ދެކޮޅު ހަދައި ސްޓެލްކޯއިން ވަނީ ހައި ކޯޓަށް ގޮސްފަ އެވެ. ނަމަވެސް އިންފޮމޭޝަން ކޮމިޝަނުން އެ މައްސަލަ ހައި ކޯޓަށް ނުބެލޭނެ ކަމަށް ބުނެ ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފުކުރުމުން، އެ މައްސަލަ ހައި ކޯޓަށް ބެލޭނެ ކަމަށް މިއަދު ވަނީ ހުކުމްކޮށްފަ އެވެ.
ސުޕްރީމް ކޯޓުން ހުކުމް ކުރީ މި މައްސަލަ ހައި ކޯޓުން ކުރިއަށް ގެންގޮސް މައުލޫމާތު ދިނުމާ ގުޅޭގޮތުން ގޮތެއް ނިންމުމަށެވެ. އައިކޮމް އިން ސެޕްޓެމްބަރު 11، 2024 ގައި ނިންމާފައިވަނީ މި މައްސަލައިގައި ސްޓެލްކޯއިން ޝަރުހާން ބޭނުންވާ މައުލޫމާތުފޯރުކޮށްދިނުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށެވެ.













