ސިޔާސީ މައްސަލަތަކުގައި ދޫނިދޫ ޖަލަށް ގެންދެވޭ މީހުންނާ ގުޅިގެން ކުރެވިފައި ހުރީ އާދަޔާ ހިލާފު ތަޖުރިބާތަކެކެވެ. މިކަމާ ގުޅޭ ލިޔުމެއް މީގެ ކުރިން ވެސް ލިޔެފައި ވާނެ އެވެ. އަނެއްކާ ވެސް އެފަދަ ބައެއް ކަންކަމުގެ ހަނދާން އައުކޮށްލާން މިއުޅެނީ އަޅުގަނޑުގެ ބައެއް އެކުވެރިން އިސާހިތަކު އެރަށަށް ދާންޖެހިދާނެ ކަމަށް ހީވެގެންނެވެ. އެވެރިން ޖަލަށް ގެންދިއުމަކީ އަޅުގަނޑު ނުލާހިކު ދެރަވާނެ ކަމެކެވެ. (މި ޖުމުލަ ލިޔެވުނީ އެއްމިޔަކަނުން ހެވިފައި އެއް ލޯ މަރައިގެން އިނދެ) ކޮންމެޔަކަސް އަޅުގަނޑުގެ އެކުވެރިން ގޮޅީގައި ތިބޭއިރު މިކަހަލަ ބައެއް ވާހަކަ ހިތަށް އަރުވައި ހެވޭ ގޮތް ވެއްޖެނަމަ.. އެ ދެން ގޮޅިއަށް ފިޓުވީ އެވެ.
ދެހާސް ފަނަރަ ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ޓެރަރިޒަމްގެ ދައުވާއަކީ ރާއްޖޭގައި އާންމު ކަމެކެވެ. މި ދުވަސްކޮޅު ޑެންގީ ހުން ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދަށްވުރެ އޭރު ޓެރަރިޒަމްގެ ތުހުމަތުގައި ގޮޅީގައި ތިބި މީހުންގެ އަދަދު ގިނަ ވާނެ ކަމަށް ފެނެ އެވެ. މީގެ ތެރެއިން ވަރަށް ގިނަ މީހުންގެ ވަކީލަކަށް އަޅުގަނޑު އުޅުނީމެވެ.
ޓެރަރިޒަމްގެ ތުހުމަތުގައި ގޮޅީގައި އޮތް އަޅުގަނޑުގެ އެއް މުވައްކިލަކީ އުމުރުން އެންމެ ވިހި ބާވީސް އަހަރުގެ ކުއްޖެކެވެ. ސަރުކާރުގެ އިސް ފަންތީގައި ތިބި ބައެއްގެ ރޭވުމުން އޭނާ ލައްވައި ކަމެއް ކުރުވާފައި އޭނާއަށް ލަގާ ދީފައި އޮތީ އެވެ. މިއީ ނިކަން މަޖާ ސޮރެކެވެ. އޭރު އަޅުގަނޑުގެ ގިނަ އަދަދެއްގެ މުވައްކިލުން ދޫނިދޫގައި ތިބީތީ ކޮންމެ ދުވަހަކު ވެސް މެންދުރުފަހުގެ ވަގުތުތައް ހާއްސަވެފައި އޮންނަނީ ދޫނިދޫ ޒިޔާރަތަށެވެ. އެހެންވެ މީނާއާ ވެސް ކޮންމެ ދުވަހަކު ބައްދަލުކުރަމެވެ.
އެއް ދުވަހަކު ވާހަކަ ދައްކަމުން އޭނާ އަޅުގަނޑު ގާތުގައި ބުންޏެވެ. ތިމަންނާ އެންމެ ދުވަހަކަށް ނަމަވެސް މާލެ ދާން ބޭނުމެވެ. އެކަން ކުރެވޭނޭ ގޮތެއް ބަލައިދީބަލާށެވެ. މީނާގެ މައްސަލައެއް މިއިން ޒަމާނަކު ތާވަލުކޮށްފައެއް ނެތެވެ. އެހެންވީމާ ޝަރީއަތުގެ އަޑުއެހުމަކަށް މާލެއަކަށް ނުގެންދާނެ އެވެ. އޭރު ސަރުކާރުން ބެލީ މިއިން މައްސަލައެއްގެ މީހަކު މާލެ ނުގެންގޮސް ވާނެހައި ގޮތެކެވެ. އެއީ ކުރީގެ ނާއިބު ރައީސް އަދީބުގެ ސްކޭންއެއް ހެދުމަށް ޑޮކްޓަރު ލަފާ ދިނުމުން އަދީބު ހޮސްޕިޓަލަށް ގެންދިއުމުގެ ބަދަލުގައި ދޫނިދޫއަށް ސްކޭނަރު ގެންދިޔަ ސަރުކާރެވެ. އެހެންވީމާ އަޅުގަނޑުގެ މުވައްކިލަށް އެ ފުރުސަތެއް އަމުދުން ނުދޭނެތާ އެވެ.
ތިޔަ ވާނީ ނިކަން އުނދަގޫ ކަމަކަށޭ އަޅުގަނޑު ބުނީމާ އޭނާ ސުވާލުކުރި އެވެ. މަ ވަރަށް ބޮޑަށް ބަލިވެއްޖިއްޔާ ގެންގޮސްފާނެ ހެއްޔެވެ؟ އަޅުގަނޑު ބުނީމެވެ. ކަލޭ ބައްޔޭ ބުންޏަސް ހޭ ހުއްޓަކައި މާލެއެއް ނުގެންދާނެ އެވެ. އެހެންވިއްޔާ އަހަރެން މާދަމާ ހޭނެތޭނީއޭ އޭނާ ވަގުތުން ބުންޏެވެ. އަޅުގަނޑު ވަކި އެއްޗެކޭ ނުބުނަމެވެ. އަޅުގަނޑުގެ މުވައްކިލު މި ނިންމީ ހޭނެތުނު ކަމަށް ހެދިގެން މާދަމާ މާލެއަށް ދާށެވެ. ވަކި މަގުސަދެއް އޮވެގެނެއް ވެސް ނޫނެވެ. ހަމަ މާހައުލު ބަދަލުކޮށްލާށެވެ. އެކަން އެގޮތަށް ކުރުމަށް އޭނާ ކަނޑައެޅީ މާ ވަރުގަދަ އަޒުމެއް ކަމަށްވާތީ އޭނާގެ އުފަލަށް ހުރަސް އަޅާ މީހަކަށް ނުވާންވެގެން އަޅުގަނޑު ހަނު ހުރީ އެވެ.
އަނެއް ދުވަހު އަޅުގަނޑު ދޫނިދޫއަށް ދިޔައިރު މީނާ ދޫނިދޫގައި ހަމަ އެ ގޮޅީގައި އެބައޮތެވެ. ބައްދަލުކުރަން ނެރެދިނުމުން ކޮރެއް ޖަހަމުން ހިނގާފައި އައިސް ކުރިމަތީގައި ހުރި ގޮނޑީގައި ރަކި ހިންޏެއް އައިސްފައި އެބައިނެވެ. ބަލަ މިއަދު ހޭނެތުނު ކަމަށް ހަދައިގެން މާލެދާން އުޅުނު ވާހަކަ ބުނީމެއް ނޫންހޭ ބުނީމާ.. އޭ ވަރަށް ކަޑަ އެއްޗެކޭ ވީ ކިޔައިގެން ކަންހިނގި ގޮތް ކިޔައިދޭން ފެށި އެވެ. ބުންޏެވެ. މެންދުރު ކައި ނިމިގެން ތިމަންނާ ހުރީ ޑިއުޓީގައި ތިބޭ ފުލުހުން ގޮޅިކައިރިއަށް އަންނާނޭ ވަގުތެއް ބަލާށެވެ. އެވެރިންނަށް ފެންނާނޭހެން ހީވުމުން ތިމަންނާ ވަގުތުން 'ހޭނެތިގެން' ގޮޅި ތެރެއަށް ވެއްޓުނީ އެވެ. އެމަންޒަރު ފެނި، ޑިއުޓީގައި ތިބި ފުލުހުން ވަރަށް ބާރަށް ދުވެފައި އައިސް ގޮޅި ހުޅުވައިގެން ތިމަންނާ ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ފަށައިގަތޭ ބުންޏެވެ. ދެ ފުލުހުން ވެގެން ތިމަންނަގެ ދެއަތާއި ދެފައިގައި ހިފައި އުފުލާލައިގެން ގޮޅިން ނެރުނުތަނާ ތިމަންނާއަށް ވީގޮތަކީ... ބާރަށް ހެވުނީ އެވެ. ފުލުހުން ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ވަގުތުން ތިމަންނަ ނަގައި އަލުން ގޮޅިތެރެއަށް ހޫރާލައި ގޮޅި ތަޅުލާފައި އެމީހުން ދިޔައީއޭ ގޮޅީގައި ހުރި އަށީގައި ޖެހިފައި ބުރިކަށްޓަށް ތަދެއްވެސް އަރައިފިއޭ ބުންޏެވެ. އަޅުގަނޑު ހިނިގަނޑު ފަޅައިގެން ނުދިޔައީ އޭނާ ދެރަވެފައި އިންވަރު ފެނިފަ އެވެ. އެކަމަކު ފަހުން ލައްކަ ތަނެއްގައި ހީނހީނފައި މިވާހަކައެއް ދެއްކީމެވެ.
އޭނާގެ މައްޗަށް ކޮށްފައި އޮތީ އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތެއްކަމަށް 2021 ވަނަ އަހަރު ސުޕްރީމް ކޯޓުން ނިންމާފައި ވެ އެވެ. އެތުހުމަތުގައި އޭނާ ދޫނިދޫ އަދި މާފުށީ ޖަލުގައި ދެ އަހަރެއްހައި ދުވަސް ހޭދަ ކުރި އެވެ.
އެހެން ވާހަކައެކެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަރަށް ގިނަ މެންބަރުން ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ. ދޫނިދޫގައި މި މީހުން ބޭތިއްބީ ދޫނިދޫގައި ހުރި އެންމެ ބޮޑު ގޮޅީގައި އެންމެން އެއްކޮށެވެ. ނަމާދު ވަގުތުތަކަށް އެ ގޮޅިއަކީ ނަމާދު ގެ އެވެ. އަސުރުގެ ފަހުން އެއީ ފުޓްސަލް ދަނޑެކެވެ. ރޭގަނޑު އިޝާގެ ފަހުން ނިދަން ވަންދެން ސިޔާސީ، ދީނީ އަދި ދުނިޔެވީ އިލްމުގެ ދާރުއްނަދުވާ އެވެ. ގޮޅީގައި އެންމެން ވެސް އުޅުނީ ނިކަން އެކުވެރިކޮށެވެ. އެކަކު ގޮޅިއަށް ވަގަށް ވައްދާ ދުންފަތުން ބިޑި އަނބުރައިގެން އެންމެން އެކައްޗެއްގައި އަނގަޖަހައި ބޮއި އުޅުނީ އެއްބަނޑުއެއްބަފާ ބައެއް ހެންނެވެ.
އެގޮޅީގައި ތިބި މީހުންނަށް ދުންފަތާއި ކިއްލިއާއި ސުޕާރީ ފަދަ ގައުމީ ސަލާމަތަށް ނުރައްކާވެދާނޭ ތަކެތި އެތެރެކޮށްދެނީ ބައްދަލުކުރަންދާ ވަކީލުންނެވެ. މިއަދު މި ވާހަކަ ދެއްކިޔަ ދޭށެވެ. އަޅުގަނޑަށް ވެސް އޮތީ އެކަމުގައި ކޮންމެވެސް ވަރަކަށް ވުރެ ބޮޑަށް މެކެވިފަ އެވެ. އެމީހުންގެ މައްޗަށް ކުރަނީ ސީރިއަސް ތުހުމަތުތަކެއް ނޫންކަމާއި މިއީ ހަމައެކަނި ސިޔާސީ ދެކޮޅުވެރިކަމެއް ކަމާއި އެއީ ކުށްވެރިން ނޫންކަން އެނގޭތީ ފުލުހުން ވެސް އޮންނަނީ އެކަންކަމުގައި ވަރަށް ބޮޑު ލުޔެއް ދީފަ އެވެ. ވަކީލުން ރައީސް މައުމޫނަށް ކޮންމެ ދުވަހަކު ގެންގޮސްދޭ ފެންފޯއް ފޮއްޗާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ގެންގޮސްދޭ ކިއްލި ގޮށްޓާއި، ހަ ނަންބަރު ގޮޅިއަށް ގެންދާ ސިނގިރޭޓާއި ދުންފަތަކީ ދުވަހަކު ވެސް ޑިއުޓީގައި ތިބޭ ފުލުހުންނަށް ފެންނަ އެއްޗެއް ނޫނެވެ. އެކަމަކު ހަމަ ކޮންމެ ދުވަހަކު ނިކަން ރަނގަޅަށް ބަލައިފާސްކުރެ އެވެ.
އެއް ދުވަހަކު ހަ ނަންބަރު ގޮޅީގެ މީހުންނާ ބައްދަލުކުރަން ދިޔައިރު އަޅުގަނޑު ދިޔައީ ސިނގިރޭޓު ކޮޅެއް ހިފައިގެންނެވެ. ފުރަތަމަ ބައްދަލުކުރީ ގައުމީ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ރައީސް އަންވަރުއާ އެވެ. އަޅުގަނޑު ހިފަހަށްޓައިގެން އިން ބޮޑު ފައިލުގެ ތެރެއިން ސިނގިރޭޓުތައް ނަގައި ސިއްރުސިއްރުން ދިނުމުން އޭގައި ހިފާކަށް އަންވަރަކަށް ނުކެރުނެވެ. އޭ މަ ބަލައި ފާސްކުރާނެޔޭ ކަލޭ މަގޭ އަތަށް ތިޔަ ނުދީ ބަލާށޭ ކިޔާފައި އޭނާ އެޔަކު ނުހިފި އެވެ. އެ ބައްދަލުވުން ނިންމާފައި އިތުރު ބައްދަލުވުމެއް ބޭއްވުމުގެ ކުރިން އަޅުގަނޑު ބޭރަށް ނުކުމެލަން ޖެހިއްޖެ އެވެ. ދެވަނަ ފަހަރު އެތެރެއަށް ވަނީ ސިނގިރޭޓުތައް ބޭރުގައި ބަހައްޓާފަ އެވެ. ބަލައިފާސްކުރާ ކޮންމެ ފަހަރަކު އެ އަޅާ ތުރުތުރަކުން އަޅުގަނޑަށް ވެސް އެހައި ތަކުރާރުކޮށް ޖަރީމާއެއް ހިންގާކަށް ނުކެރެ އެވެ.
ދެން ބައްދަލުކުރީ މަޑުއްވަރީ ދާއިރާގެ ރައީސް، ކުރީގެ ރޯޑްސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މޫކޭ އާ އެވެ. އޭނާ ފުރަތަމަ ވެސް ސުވާލުކުރީ ސިނގިރޭޓާ ބެހޭ ގޮތުންނެވެ. އަޅުގަނޑު ބުނީމެވެ. ނުލާހިކު މަސައްކަތުން ސިނގިރޭޓު ގެނެސް އަންވަރަށް ދިނުމުން އޭނާއަށް އެޔަކު ހިފާކަށް ނުކެރުނެވެ. އަޅުގަނޑަށް ވެސް ހަމަ ކޮންމެ ފަހަރަކު އެ އެއްޗެއް ނުވެއްދޭނެ ނޫންހެއްޔެވެ؟ މޫކޭ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ބައްދަލުވުމުގެ ވަގުތު ނިމެންދެން ދުލުން ބަހެއް ނުބުނެ ތުންފިއްތައިގެން މޫނުކުނިކޮށްގެން އިނދެފައި ވަގުތު ހަމަވީމާ ގޮސްފި އެވެ.
ޖެހިގެން އައި ދުވަހު ބައްދަލުކުރަން ދިޔައިރު އަންވަރު ހުރީ މިލައި މޯޅި ވެފަ އެވެ. ބުންޏެވެ. އޭ މަ އެ ސިނރޭޓުގަ ނުހިފި ވާހަކަ ކަލޭ އެމީހުން ކައިރީގަ ބުނީ ކީއްކުރަންހޭ.. މިހާރު މޫކޭ ގޮޅި ތެރޭގައި އެ ވާހަކައެއް ދައްކައިގެން އެމީހުން މަ މުޅިން ބާކީ ކޮށްފިޔޭ. ފުޓުބޯޅަ ކުޅޭކަށް ވެސް ނުލެއްވިޔޭ ބުނީ ނިކަން ދެރަވެފައި އިނދެގެންނެވެ. އަންވަރުއާ ބައްދަލުކުރަން އަޅުގަނޑު އިންއިރު 6 ނަންބަރު ގޮޅިން ވަކީލު ބައްދަލުވުމަށް ނުކުންނަ ކޮންމެ މީހަކު ވެސް ދަނީ އަންވަރަށް ލޯއަޅަމުންނެވެ. ބަންދުން ދޫކޮށްލަން ދެން ގޮޅީގައި އޭނާ ހުރީ އެ ހާލުގައި 'އަރުވާލެވިފަ' އެވެ.
ބަންދުގައި ތިއްބަވާ ބޭފުޅުންނަށް މާލެތެރޭގެ ހަބަރެއް ލިބޭނީ ވަކީލު ބައްދަލުކުރަން ދިޔައިއްޔާ އެވެ. އެހެންވީމާ، ވަކީލު ބައްދަލުވުމަށް ނުކުމެވޭ އިރަށް ގޮނޑީގައި އިށީނުމުގެ ކުރިން 'ކޮބާ ހަބަރެއް ނެތް' ހޭ އަހާލުމަކީ ހުރިހާ ސިޔާސީ ހައްޔަރީންގެ ވެސް އާދަ އެވެ. އެ ކުރާ ސުވާލަކީ ސިޔާސީ މަސައްކަތްތަކާއި، ސިޔާސީ މާހައުލާ ގުޅޭ ސުވާލެވެ. ކޮންމެ ބައްދަލުވުމަކަށް އަޅުގަނޑުމެން ދާނީ ބޭރުގައި ތިބި ސިޔާސީ އިސް ބޭފުޅުންނާ މަޝްވަރާކޮށް ވާހަކަ ދައްކައި، ޖަލުގައި ތިބި މީހުންގެ ހާލު އޮޅުން ފިލުވައިދީ އެ މީހުންނަށް ދޭންޖެހޭ ހަބަރުތައް ވެސް ހޯދައިގެންނެވެ.
ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ދޫނިދޫ ބަންދުގައި އޮތްއިރު އޭނާގެ އެއް ވަކީލަކީ ނާޒިމް އަބްދުއްސައްތާރެވެ. ނާޒިމް ބައްދަލުކުރަން ދިޔުމުން މަހުލޫފު ވެސް ކުރެެއްވީ ހަމަ އެއްކަލަ ސުވާލެވެ. 'ކޮބާ ހަބަރެއް ނެތްހޭ' އެހިއިރަށް 'ނޫނޭ ހަބަރު އެބަ އޮތޭ. މިއަދު ސްރީދޭވީ މަރުވެއްޖެ' އޭ ނާޒިމު ބުންޏެވެ. މަހުލޫފަށް އިނދެވުނީ ހިނި އަންނާންވެސް، ރުޅި އަންނާންވެސް ނޭނގިފަ އެވެ.
އެ ބައްދަލުން ނިންމާލާފައި މަހުލޫފު ތެދުވިއިރު އަޅުގަނޑު އިނީ އެހެން ގައިދީއަކާ ބައްދަލުކުރާށެވެ. އޭނާ އަޅުގަނޑަށް ގޮވާލައިފައި 'އޭ މަގޭ ކައިރިއަށް މި ނާޒިމު ދެން ނުފޮނުވައްޗޭ' ބުނީ ނިކަން ރުޅިއައިސްފަ އެވެ. އާނ މިދެން ބލއއ ނޫންހޭ ހަބަރެއް ނެތްހޭ އެހިއިރަށް އެބުނީ ސްރީދޭވީ މަރުވެއްޖެޔޭ ވިއްޔާއޭ މަށަށް ކޮން ބލއެއްހޭ ކިޔަމުން އެކުގައި ހުރި ފުލުސް މީހާއާއެކު އޭނާގެ ގޮޅިއާ ދިމާއަށް ހިނގައިގެންފި އެވެ. އޭރު ބައްދަލުވުމަށް ނުކުމެ ތިބި އެންމެން ޕަކަޕަކަ އަޅައިފައި ހެނީ އެވެ.
އަދިވެސް ކިޔައިދޭން ހުރީ މިކަހަލަ ހާދަ ގިނަ ވާހަކައެކެވެ. ކޮންމެވެސް އިރަކު މިވާހަކަތައް ލިޔެވޭތޯ ބަލާނަމެވެ.
އަނެއްކާ ވެސް މިކަހަލަ ދުވަސްތަކެއް ކުރިމަތިވާން އެބައުޅޭހެން ހީވެ އެވެ. ފޯރިއެއް ހުންނާނެ އެވެ. ކޮންމެޔަކަސް މިހާރު ގޮޅިއަށް ދިއުމުގެ މަގުމަތީގައި އެތިބި އަޅުގަނޑުގެ އެކުވެރިންނަކީ މުގުރިހަޔާއި ބަތަށް ފަރިތަ ބައެކެވެ. އެހެންވީމާ ގޮޅީގެ ކާނާގައި މައްސަލައެއް ނުޖެހޭނެކަން ގައިމެވެ. އޮތީ ވަގުތު ހޭދަކުރާނެ ގޮތެއް ކަނޑައެޅުމެވެ. އަޅުގަނޑު ލަފާ ދޭނީ ގިނަ ވަގުތު ފޮތް ކިޔުމަށް ހާއްސަ ކުރުމަށެވެ. ދީނީ ފޮތްތަކާއި އިލްމީ އެކިއެކި މައުލޫގައި ހުރި ރަނގަޅު ފޮތްތައް ކިޔައި، ބަންދު ނޫން ކޮންމެ ދުވަހަކު ވަކީލުންނާ ބައްދަލުވެލައި، ގޮޅިން އެކުވެރިން ހޯދާލައި އުޅެނިކޮށް އިސާހިތަކު ދެއަހަރާ ބައި ފައިބައިގެން ހިނގައިދާނެ އެވެ.









