ރިޕޯޓުފެކްޓް ޗެކް: ސިޔާސީ މަގާމުތަކަށް ލިމިޓެއް ކަނޑައެޅި، ކުރީ ސަރުކާރުން ހާމަކުރި

ފެކްޓް ޗެކް: ސިޔާސީ މަގާމުތަކަށް ލިމިޓެއް ކަނޑައެޅި، ކުރީ ސަރުކާރުން ހާމަކުރި

މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 700 ގައި ހިފެހެއްޓުމާ ގުޅިގެން "ދަފީޑްއެމްވީ" ގައި ތިން ކްލެއިމްއެއް އޮތްއިރު، އޭގެ ތެރޭގައި ހިމެނެނީ ބޮޑު ބައި ތެދު މައުލޫމާތާއި، ކަނޑައެޅިގެން ދޮގު މައުލޫމާތާއި، ތެދު ދޮގު ކަށަވަރުނުކުރެވޭ މައުލޫމާތު ހުރި ކްލެއިމްތައް

މި ސަރުކާރުން ވަނީ ސިޔާސީ މުވައްޒަފުންގެ އަދަދު ބަޖެޓުތަކުން ނަގައި، އެ މައުލޫމާތު ހިފަހައްޓާފައި: މިހާރު ސަރުކާރުން އުޅެނީ މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ދެ ވަނަ ފަހަރަށް ފަށައިގެން --- ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު
މި ސަރުކާރުން ވަނީ ސިޔާސީ މުވައްޒަފުންގެ އަދަދު ބަޖެޓުތަކުން ނަގައި، އެ މައުލޫމާތު ހިފަހައްޓާފައި: މިހާރު ސަރުކާރުން އުޅެނީ މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ދެ ވަނަ ފަހަރަށް ފަށައިގެން --- ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު

ސަރުކާރުގެ އިސް ތަރުޖަމާނު، މުހައްމަދު ހުސެއިން ޝަރީފު (މުންދު)، އެ ހައިސިއްޔަތުން ބޭނުންކުރައްވާ ރަސްމީ އެކައުންޓުތަކުގެ ތެރޭގައި ހިމެނޭ "ދަފީޑްއެމްވީ" އެ އިންސްޓަގްރާމް އެކައުންޓުން އާންމުކޮށްފައިވާ އިންފޯގްރެފިކްސްއެއްގައި ސަރުކާރުގައި ތިބޭނެ ކަމަށް ބުނި ސިޔާސީ މުވައްޒަފުންގެ އަދަދާ ގުޅޭ މައުލޫމާތުތައް ހިމަނާފައިވެ އެވެ. 

މިއީ ނިމުނު ހަފުތާގައި ރައީސް އޮފީހުން ފެށި "ޕްރެސާ ވިތު ސްޕޮކްސް" ގައި، މި ސަރުކާރުގައި ތިބޭނީ 700 ސިޔާސީ މުވައްޒަފުން ކަމަށް ސަރުކާރާ ހަވާލުވުމުގެ ކުރިން އޭރުގެ އިންތިހާބީ ރައީސް މުހައްމަދު މުއިއްޒު ދެއްވި ނަމްބަރަކީ ރިޔާސީ ވައުދެއް ނޫން ކަމަށް ވިދާޅުވީ ވާހަކައާ ގުޅުވާ ތައްޔާރުކޮށްފައިވާ ޕޯސްޓެކެވެ. 

މި ޕޯސްޓުގައި ވަނީ މައިގަނޑު ތިން ކަމެއް ނުވަތަ ކްލެއިމްއެކެވެ. އެއީ 700 ގައި ހިފަހައްޓަން ބުނުމަކީ މެނިފެސްޓޯގައި ހިމެނޭ ވައުދެއް ނޫން ކަމާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެސް ސިޔާސީ މުވައްޒަފުންގެ އަސްލު އަދަދު ހާމަނުކުރާ ކަމަށާއި ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތް ނިމުމުން ސިޔާސީ މުވައްޒަފުންގެ އަދަދަށް ފާހަގަކުރެވޭ ވަރުގެ ތިރިވުމެއް އަންނާނެ ކަމަށެވެ.

ކްލެއިމް 1: 700 ސިޔާސީ މުވައްޒަފުންނަކީ މެނިފެސްޓޯގައި ހިމެނޭ ކަމެއް ނޫން [ބޮޑު ބައި ތެދު]

"ދަފީޑްއެމްވީ" ގެ ޕޯސްޓުގައި ބަޔާންކޮށްފައިވާ ގޮތުގައި މި ސަރުކާރުގައި ތިބޭނީ 700 ސިޔާސީ މުވައްޒަފުން ކަމަށް ބުނީ ވަައުދެއްގެ ގޮތުގައި ނޫން ކަމަށާއި އެއީ އިންތިގާލީ މަރުހަލާގައި ކަނޑައެޅި އަމާޒެކެވެ.

ސަރުކާރުން އެ ބުނާ  700 ސިޔާސީ މުވައްޒަފުންގެ "އަމާޒު" އިއުލާންކުރީ މުއިއްޒު  ހުވާކުރެއްވުމުގެ ކުރިން، އިންތިގާލީ ރައީސްގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލެވެ. 

މުއިއްޒުގެ ވެރިކަމުގައި ސިޔާސީ މަގާމުތައް 700 އަށްވުރެ އިތުރު ނުކުރާނެ: ތަރުޖަމާނު

މިސަރުކާރުގެ ސިޔާސީ މަގާމުތަކުގައި 1،063 ސިޔާސީ މުވައްޒަފުން އެބަ ތިއްބެވެ. އޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 808 ސިޔާސީ މުވައްޒަފުން ތިއްބެވެ.

ފިރުޒުލް މި މައުލޫމާތު އާންމުކުރިތާ ބަރާބަރު މަހެއް ފަހުން، ނޮވެމްބަރު 11، 2023 ގައި ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވަނީ ސިޔާސީ މުވައްޒަފުންގެ އަދަދަކީ މިއީ ކަމަށް ވިދާޅުވެ، އެމަނިކުފާނުގެ ދައުރު ނިންމަވާލައްވާނީ ކުރީ ދެ ސަރުކާރުގައި ތިބި ވަރަށް ވުރެ ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކޮށް ކަމުގެ ޔަގީންކަން ވެސް އަރުވާފަ އެވެ.

"ދެން އެކަމަކު އަޅުގަނޑު ދޭ ޔަގީންކަމަކީ، މުޅި ސަރުކާރުގެ ސިޔާސީ މަގާމުތައް ވޭތުވެދިޔަ ދެ ސަރުކާރަށް ވުރެ މަދު ވާނެ. އެ ޔަގީންކަން އަޅުގަނޑު ދެން. މިހާރު ފިގާއެއް އިއުލާންކޮށްފަ އޮންނާނީ 700 ސިޔާސީ މަގާމު ކަމަށް. އެ 700 ސިޔާސީ މަގާމަށް ވުރެ އިތުރުނުކޮށް އިރާދަކުރެއްވިއްޔާ އަޅުގަނޑު މި ފަސް އަހަރު ނިންމާލާނީ،" މުއިއްޒު ވިދާޅުވި އެވެ. 

މުއިއްޒު އާއި ފިރިޒުލް މިހެން ވިދާޅުވި ނަމަވެސް، މުންދު މިހާރު އެ ވިދާޅުވާ ގޮތަށް، މި އަދަދުގައި ސިޔާސީ މުވައްޒަފުން ލިމިޓުކުރުމަކީ "ދިވެހީންގެރާއްޖެ" މެނިފެސްޓޯގައި ހިމެނޭ ކަމެއް ނޫނެވެ. އެހެނެއްކަމަކު، މިއީ ވައުދެއް ނޫންތޯ ބަހުސްކުރެވިދާނެ އެވެ.

ސަބަބަކީ ރައީސް ކަމުގެ ހުވާކުރެއްވުމުގެ ކުރިން އިންތިގާލީ ރައީސްގެ އޮފީހުން މިކަން އިއުލާންކޮށް އަދި މުއިއްޒު ވެސް މިހެން ވިދާޅުވެފަ އޮތުމުން، ވައުދުނާމާގައި ނުހިމެނުނަސް އެއީ ވައުދެއް ކަމުގައި ބެލެވޭނެތީ އެވެ.

ހަމައެހެންމެ، މުއިއްޒު ވެސް ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނާއި އޭގެ ފަހުން ވެސް ރައްޔިތުންނަށް ވައުދުވެފައިވާ ކަމަށް އެކި ޕޯޑިއަމްތަކުގައި ވިދާޅުވެފަ އެވެ. މުއިއްޒު އެ ވިދާޅުވާ ވައުދުތަކަކީ ވައުދުނާމާގައި ހުރި ކަންކަމެއް ނޫނެވެ.

އެކަމަކު "ރިޔާސީ ވައުދު" އަކީ ރަސްމީ އެއްވެސް މާނައެއް ނޯންނަ ބަހަކަށް ވާތީ، މެނިފެސްޓޯގައި ނުހިމެނޭ ވައުދަކީ ރިޔާސީ ވައުދެއް ނޫން ކަމަށް ބުނެވޭނެ އެވެ. އެހެންވެ ސަރުކާރުގެ މި ކްލެއިމްގައި ވަނި ބޮޑު ބައި ތެދު މައުލޫމާތެވެ. 

ކްލެއިމް 2: ކުރީ ސަރުކާރުން ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަނުކުރޭ [ކަނޑައެޅިގެން ދޮގު]

"ދަފީޑްއެމްވީ" ގެ ޕޯސްޓުގައި ބަޔާންކޮށްފައިވާ ގޮތުގައި ކުރިން ވެރިކަމުގައި އޮތް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން (އިބޫ ސަރުކާރުން) ވެސް ސިޔާސީ މުވައްޒަފުންގެ އަސްލު އަދަދު ހާމަނުކުރެ އެވެެ.

ކުރީ ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދަކީ އެމްޑީޕީ ސަރުކާރުގައި ތައްޔާރުކުރި ހަތަރު ބަޖެޓެއްގައި ވެސް "ދައުލަތުގެ ބަޖެޓުގައި ހިމެނޭ މުވައްޒަފުންނަށް ކުރާ ހަރަދު" ގެ ތާވަލު ހިމެނޭ ސޮފުހާތަކުން ފެންނަން ހުރި އަދަދުތަކެކެވެ. 

"ދަފީޑްއެމްވީ" ގައި ޝާއިއުކޮށްފައިވާ ޕޯސްޓު: މި ޕޯސްޓުގައި ކުރީ ސަރުކާރުން ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަނުކުރާ ކަމަށް ބަޔާންކޮށްފައިވަނީ ދޮގު މައުލޫމާތު --- ގްރެފިކްސް: ދަފީޑްއެމްވީ/އިންސްޓަގްރާމް
"ދަފީޑްއެމްވީ" ގައި ޝާއިއުކޮށްފައިވާ ޕޯސްޓު: މި ޕޯސްޓުގައި ކުރީ ސަރުކާރުން ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަނުކުރާ ކަމަށް ބަޔާންކޮށްފައިވަނީ ދޮގު މައުލޫމާތު --- ގްރެފިކްސް: ދަފީޑްއެމްވީ/އިންސްޓަގްރާމް

ދެ ސޮފުހާއެއްގައި މި ތާވަލުން ދައުލަތުގެ ވަކިވަކި އިދާރާތަކުގައި ތިބި މުވައްޒަފުންގެ އަދަދާއި އެ މުވައްޒަފުންނަކީ ކޮން ބާވަތެއްގެ މުވައްޒަފުންކަން އެނގެން އޮވެ އެވެ. އެ ތާވަލުގައި ރައީސް އޮފީހާއި ވަކިވަކި ވުޒާރާތަކުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ވެސް ފެންނަން އޮވެ އެވެ. 

ސިޔާސީ މުވައްޒަފުންގެ އަދަދު ފެންނަ ބަޖެޓު ފޮތްތައް

  • 2020 - ބަޖެޓު ފޮތުގެ ސޮފުހާ 357، 358
  • 2021 - ބަޖެޓު ފޮތުގެ ސޮފުހާ 396، 397
  • 2022 - ބަޖެޓު ފޮތުގެ ސޮފުހާ 569، 570
  • 2023 - ބަޖެޓު ފޮތުގެ ސޮފުހާ 220، 221

އެމްޑީޕީ ސަރުކާރުން ތައްޔާރުކުރި ބަޖެޓުތަކުގެ ތެރެެއިން މި ތަފުސީލުތައް އުނިކުރީ ސަރުކާރު ބަދަލުވީ އަހަރު ތައްޔާރުކުރި 2024 ގެ ބަޖެޓު ފޮތުންނެވެ. އޭގެ ފަހުން ތައްޔާރުކުރި އެއްވެސް ބަޖެޓު ފޮތެއްގައި ދައުލަތުގެ މުވައްޒަފުންގެ އަދަދު ހިމަނާފައި ނެތެވެ. 

މި މައުލޫމާތުތަކަށް ބަލާއިރު، އިބޫ ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަނުކުރާ ކަމަށް "ދަފީޑްއެމްވީ" ގެ ޕޯސްޓުގައި އޮތީ ކަނޑައެޅިގެން ދޮގު މައުލޫމާތެވެ.

ކްލެއިމް 3 : ސިޔާސީ މުވައްޒަފުންގެ އަދަދަށް ބޮޑު ތިރިވުމެއް އަންނާނެ [ތެދު ދޮގު ކަށަވަރުނުވޭ]

"ދަފީޑްއެމްވީ" ގެ ޕޯސްޓުގައި ބަޔާންކޮށްފައިވާ ގޮތުގައި ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުން މަދުކުރުމުގެ ގޮތުން މިހާރު ކުރަމުންދާ މަސައްކަތް ނިމުމުން ސިޔާސީ މުވައްޒަފުންގެ އަދަދަށް ފާހަގަކުރެވޭ ވަރުގެ ތިރިވުމެއް އަންނާނެ އެވެ.

މި ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދުގެ މައްސަލައަކީ ސަރުކާރުގެ ދައުރު ފެށުނުތަނާހެން ފެންމަތިވީ މައްސަލައެކެވެ. މި މައްސަލައަށް އޮތް ސަމާލުކަން އިތުރުވީ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރުން ފެށިގެން ގިނަ އަދަދަކަށް ސިޔާސީ މަގާމުތަކަށް މީހުން ނަގަން ފެށުމާ ގުޅިގެންނެވެ. 

އޭރުން ފެށިގެން ސަރުކާރުން ވަނީ، ތަކުރާރުކޮށް ސުވާލުކޮށް، އާރުޓީއައި ހުށަހެޅުމުން ވެސް މި މައުލޫމާތު ނުދީ ގިނަ ދުވަސްތަކެއް ވަންދެން ހިފަހައްޓާފަ އެވެ. އެ ގޮތަށް ދޮޅު އަހަރު ހިފަހައްޓާލުމަށް ފަހު، މި ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ކަމަށް ބުނެ ރައީސް އޮފީހުން އިއުލާނެއް ނެރުނީ މިދިޔަ އަހަރުގެ ޖުލައި 15، ގަ އެވެ.

މައުލޫމާތު ނުދީ ތެޅުވުމަށް ފަހު، ރައީސް އޮފީހުން ބުނީ މިހާރު ތިބީ 922 ސިޔާސީން ކަމަށް

ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރައްވާ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ ގިނަ ނުވާނެ ބުނެފައިވޭ.

އެ ދުވަހު ސަރުކާރުން ނެރުނު ލިސްޓުގައި ބުނީ ސިޔާސީ މަގާމުތަކުގައި ތިބީ 922 މީހުން ކަމަށެވެ. ނަމަވެސް މިއީ ރައީސް އޮފީހާއި ރައީސްގެ ގެކޮޅާއި ނައިބު ރައީސްގެ ގެކޮޅުގެ މުވައްޒަފުން ނުހިމަނާ އާންމުކުރި އަދަދެކެވެ. އަދި، ސަރުކާރުގައި ކުރިން ތިބި ކަމަށް ބުނި 248 ސިޔާސީ މުވައްޒަފުން އުނިކުރި ކަމަށް ބުނިތާ ވެސް އެތައް މަހެއް ފަހުންނެވެ.

އެ ފަހުން މިވީ ނުވަ މަސް ދުވަހުގެ ތެރޭގައި، ސަރުކާރުން ވަނީ އެކި ބަހަނާތައް ދައްކައި މި އަދަދު ހާމަކުރަން ދެކޮޅު ހަދާފަ އެވެ. އެހެންކަމުން މިހާރު ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދެއް ނޭނގެ އެވެ. 

މި އަދަދު ނޭނގެނީސް އަދި ކުރިއަށް އޮތް ތަނުގައި ވެސް، ސަރުކާރުގައި އެކި ދުވަސްވަރުގައި ތިބި ސިޔާސީ މުވައްޒަފުންގެ ތަފުސީލު އަދަދުތައް ނުލިބެނީސް، ސިޔާސީ މުވައްޒަފުން މަދު ކުރި ކަމެއް ނުވަތަ ނޫން ކަމެއް ކަށަވަރުކުރެވޭނެ ގޮތެއް ނެތެވެ. އެހެންވެ މި ކްލެއިމްގެ ތެދު ދޮގު ކަށަވަރުކުރެވޭނެ ގޮތެއް ނެތެވެ.

އަމަން ހަލީމް

ޖާނަލިސްޓް

އަމަން ހަލީމް އަކީ ހުނަރުވެރި އުއްމީދީ ނޫސްވެރިއެކެވެ. އަދި ޓީވީ ޕްރެޒެންޓަރެއް ވެސް މެ އެވެ. ސިޔާސީ ދާއިރާ އިން ފެށިގެން ވިޔަފާރި އާއި އިގުސާދީ ދާއިރާގައި ވެސް އޭނާގެ ގަލަން ހިނގަ އެވެ. އޭނާ ކުރިން މަސައްކަތްކުރީ "ރާއްޖެ ޓީވީ" ގަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox