ލޮނާ ބެހޭ ގޮތުން އެނގޭ މައުލޫމާތުގެ ލޮނުހެޔޮވަރު ކޮށްލުން

ގަރުނުތަކެއްގެ ތާރީހީ މުހިންމުކަން ދައްކުވައިދޭ ކަނޑުލޮނު

ގަރުނުތަކެއްގެ ތާރީހީ މުހިންމުކަން ދައްކުވައިދޭ ކަނޑުލޮނު

އެޔަކީ މިއަދު އެއްޗެއް ނޫނެވެ. ހަމަ އެކައްޗެއް ވެސް ނޫނެވެ. ކޮންމެ ސުފުރާއެއްގެ މަތީގައި އެއް ބައްޓަމަކަށް ހުންނަ ދެފުޅިން އެއް ފުޅީގައި އެ ހުރީ ލޮނެވެ. ފަސޭހައިން ލިބޭ އަގުހެޔޮ އެއްޗަކަށްވީތީ ލޮނަކީ މިއަދު މާބޮޑު ދަރަޖައެއް ދެވޭ އެއްޗަކަށް ނުވެ އެވެ. އެއީ އެއްޒަމާނެއްގައި ބޮޑެތި އެމްޕަޔަރުތަކާއި، އިގުތިސާދުތަކާއި އަދި އިންގިލާބުތައް ބައްޓަންކުރި އެއްޗެއްކަން މިހާރު އަޅުގަނޑުމެންގެ ހަނދާނުގައެއް ނެތެވެ.  އެތައް ހާސް އަހަރެއް ވަންދެން ލޮނަކީ އިންސާނީ ތާރީހުގައި އެންމެ ނުފޫޒުގަދަ އެއް މުދަލެވެ. ވިޔަފާރީގެ މަގުތައް ކަނޑައެޅުމާއި، ދައުލަތްތަކަށް ބޭނުންވާ ފައިސާ ހޯދުމާއި، އަދި ސިޔާސީ ގޮތުން ނުކިޔަމަންތެރިކަން ދެއްކުމުގެ ވަސީލަތަކަށް ވާހާ އަގުބޮޑު އެއްޗެކެވެ. އެހެންވީތީ، ލޮނުގެ މުހިންމުކަން ދެނެގަތުމަކީ، މުޖުތަމައުތައް ހިންގި ގޮތާއި، ދެމިއޮތް ގޮތާއި އަދި ބާރުވެރިކަން ހޯދުމަށް ކުރި މަސައްކަތްތަކުގެ އަސާސްތައް ދެނެގަތުމަށް ބޭނުންތެރި ކަމަކަށް ނުވާނެތޯ އެވެ.

ލޮނުގެ އަސާސީ ސިފަތައް

ސޯޑިއަމް ކްލޮރައިޑް ނުވަތަ ލޮނަކީ އޭގެ ޒާތުގައި ކިތަންމެ އާދައިގެ އެއްޗަކަށް ވީ ނަމަވެސް އޭގެ މުހިންމުކަން ގުޅިފައިވަނީ އިންސާނާގެ ދިރިހުރުމާ އެވެ. ލޮނާ ނުލައި އިންސާނުންނަކަށް ދިރިއެއް ނޫޅެވޭނެ އެވެ. ލޮނަކީ ހަށިގަނޑުގައި ދިޔާ އެއްޗެހީގެ މިންވަރު ހަމަހިފަހައްޓައިދީ، ނާރުތަކުގެ މަސައްކަތަށް އެހީތެރިވެދީ، ދިރިހުރުމަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދޭ އެއްޗެއް ކަމަށް ސިއްހީ މާހިރުން ވިދާޅުވެ އެވެ.

Advertisement

ކާބޯތަކެތި ފިނިކޮށްފައި ބަހައްޓާނެ ވަސީލަތްތައް އުފެދުމުގެ ކުރިން، ލޮނުގެ މުހިންމުކަން މިއަށްވުރެ މާ ފުޅަލެވެ. އެއީ ކާބޯތަކެތި ނުބައިނުވެ ގިނަދުވަހު ބެހެއްޓުމަށް އޮތް ހަމައެކަނި މަގެވެ. އެއްގަމު މަސް ކުނިވިޔަ ނުދީ ރައްކާތެރިކުރުމަށް ލޮނުގެ ބޭނުންކުރެވުނެވެ. އޭގެ ސަބަބުން ފިނި މޫސުމާއި، ހަނަފަސްކަމުގެ ދުވަސްވަރާއި އަދި ދިގު ދަތުރުތަކަށްއ ބޭނުންވާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރެވުނެވެ.

ލޮނުގައި ހިމެނޭ މިފަދަ މުހިންމު ބޭނުންތައް އިންސާނުން ދެނެގަތް ހިސާބުން ލޮނަކީ މުޅި ދުނިޔޭގައިވެސް އަގުހުރި އެއްޗަކަށް ވި އެވެ. ރަނަކީ އަގުބޮޑު އެއްޗަކަށް ވުމުގެ މައިގަނޑު ސަބަބަކަށް ވީ އޭގެ މިންވަރުގެ މަދުކަމެވެ. ނަމަވެސް، ލޮނު އަގުބޮޑުވީ އޭގެ ބޭނުންތެރިކަން ބޮޑުވުމުންނެވެ. ކޮންމެ މީހަކަށް، ކޮންމެ ގެއަކަށް ލޮނު ބޭނުންވި އެވެ. ކޮންމެ ލަޝްކަރެއް ލޮނަށް ބަރޯސާވި އެވެ. އަދި ކޮންމެ ދައުލަތަކުންވެސް މަސައްކަތްކުރީ ލޮނުގެ ކޮންޓްރޯލް ހޯދުމަށެވެ.

ގަދީމީ އިގުތިސާދުތަކުގައި ލޮނު

ލޮނުގެ އިގުތިސާދީ މުހިންމުކަން ގަދީމީ ތާރީހާ ހަމައަށް ދެމިގެން ދެ އެވެ. ގަދީމީ މިސްރު ފަދަ ތަންތަނުގައި، ލޮނަކީ ހަމައެކަނި ކާބޯތަކެތި ރައްކާކުރަން ބޭނުންކުރި އެއްޗެއް ނޫނެވެ. އެއީ މަރުވާ މީހުންގެ ހަށިގަނޑު މަމިފައި ކުރުންފަދަ ކަންކަމުގައިވެސް ބޭނުންކުރި އެއްޗެކެވެ.

ރޯމަނުންގެ ރަން ޒަމާނުގައި ލޮނަކީ އަމަލީ ގޮތުންނާއި ރަމްޒީ ގޮތުންވެސް އަގުހުރި އެއްޗެކެވެ. މުސާރައަށް އިނގިރޭސިބަހުން ކިޔާ "ސެލަރީ" (salary) މި ބަސް އުފެދިފައިވަނީ ލެޓިން ބަހެއް ކަމަށްވާ "ސަލޭރިއަމް" (salarium) އިންނެވެ. މިއީ ސިފައިންނަށް ދޭ އުޖޫރައަށް ނުވަތަ ލޮނު ގަތުމަށް ދޭ އެލަވަންސަށް ކިޔާ ނަމެކެވެ. އުޖޫރައިގެ ގޮތުގައި ސީދާ ލޮނު ދިނަސް ނުވަތަ ލޮނު ގަންނަން ފައިސާ ދިނަސް، މިއިން ދޭހަވަނީ ލޮނުގެ މުހިންމުކަމެވެ. ތާރީހުގައި އުފެދުނު އެންމެ ބޮޑު އެމްޕަޔަރުގެ ހިމާޔަތުގައި ދިގު ރާސްތާތަކަށް ދަތުރުކުރި ރޯމަނު ސިފައިން ކާބޯތަކެތި ރައްކާކުރުމަށާއި ހަށިގަނޑުގެ ވަރުގަދަކަން ދެމެހެއްޓުމަށް ބަރޯސާވީ ލޮނަށެވެ.

ރޯމަނުން ވަނީ ލޮނުގެ ވިޔަފާރި ފަސޭހަކުރުމަށްޓަކައި ބޮޑެތި މަގުތައްވެސް ހަދާފަ އެވެ. އޭގެ ތެރެއިން އެންމެ މަޝްހޫރު އެއް މަގަކީ "ވިއާ ސަލާރިއާ" އެވެ. މި ބަހުގެ އަވަސް ތަރުޖަމާ އަކީ "ލޮނު މަގު" އެވެ. މި މަގުގެ ބޭނުމަކީ ލޮނު އުފައްދާ ސަރަހައްދުތައް ގައުމުގެ އެތެރެވަރީގެ ސަރަހައްދުތަކާ ގުޅުވައިދިނުމެވެ. މިފަދަ ބިޔަ ބޮޑު އުމްރާނީ މަޝްރޫއުތަކުން ދޭހަކޮށްދެނީ ވަރަށް އަސާސީ ހަގީގަތެކެވެ. އެއީ އެ ޒަމާނުގެ އިގުތިސާދީ އޮނިގަނޑުގެ މައިބަދައަކީ ލޮނު ކަމެވެ. ލޮނު އުފުލާ މަގުތަކުގެ ކޮންޓްރޯލް އޮތުމަކީ މުއްސަނދިކަމުގެ ކޮންޓްރޯލް އޮތުމެވެ.

ލޮނަކީ ބާރާއި ކޮންޓްރޯލްގެ ވަސީލަތެއް

އެއްވެސް އެއްޗަކީ އަގެއް ހުރި އެއްޗަކަށް ވެއްޖެނަމަ އެ އެއްޗެއްގެ ބޭނުން އެކި ގޮތްގޮތަށް ހިފެމުން ދާނެ އެވެ. އިންސާނުން ބޭނުންވެގެން އުޅޭ އާހިރު ނަތީޖާއަކީ ހަމަޖެހޭ ދިރިއުޅުން ނޫންތޯ އެވެ. ބާރުވެރިކަމާއި، މުދާ ހޯދުން ފަދަ އެންމެހައި ކަންކަމަކީ އެ 'ހަމަޖެހުން' ހޯދުމުގެ ވަސީލަތްތަކެވެ. ލޮނަކީ އަގު ހުރި އެއްޗަކަށްވެގެން ދިއުމާއެކު، އިންސާނީ ދިރިއުޅުމުގެ ކުރިން މި ބުނި ހަގީގަތް ލޮނުގެ މައްޗަށް ވެސް ބާރު ފޯރުވި އެވެ. ލޮނަކީ ވެރިކަން ހިންގުމާއި ކޮންޓްރޯލް ކުރުމުގެ ވަސީލަތަކަށް ހެދީ ލޮނުގެ ކޮންޓްރޯލް އޮތް ބަޔަކަށް މުޅި އާބާދީގެ މައްޗަށް ނުފޫޒު ފޯރުވޭނެކަން ދައުލަތްތަކުން ދެނެގަތް ހިސާބުންނެވެ. މީގެ ސަބަބުން ލޮނުގެ މޮނޮޕޮލީ ނުވަތަ ވަކި ބައެއްގެ ބާރުގެ ދަށަށް ލޮނު ގެނައުމާއި، ލޮނުން ޓެކްސް ނެގުމުގެ އުސޫލުތައް ވެސް އުފެދުނެވެ.

އިމްޕީރިއަލް ޗައިނާގައި ލޮނުގެ މޮނޮޕޮލީއަކީ އެތައް ގަރުނެއް ވަންދެން ސަރުކާރަށް އާމްދަނީ ހޯދައިދިން އެންމެ އިތުބާރު ހުރި ވަސީލަތެވެ. ލޮނު އުފެއްދުމާއި ބެހުމުގެ ކަންކަން ސަރުކާރުގެ ދަށަށް ގެނައުމުން، ދައުލަތަށް މެދުނުކެނޑި އާމްދަނީ ލިބެމުންދިޔަ އެވެ. ނަމަވެސް، ލޮނުގެ ޓެކްސްއިން ސަލާމަތްވުމަށާއި އަގުހެޔޮކޮށް ލޮނު އާންމުން ކުޅަ މަސައްކަތްތަކުގެ ސަބަބުން ލޮނުގެ ކަޅު ބާޒާރު އުފެދި ވަގަށް ލޮނު އެތެރެކުރުމާއި ކޮރަޕްޝަން ވެސް އިންތިހާއަށް އިތުރުވި އެވެ.

މެދުޒަމާނުގެ ޔޫރަޕްގެ ގައުމުތަކުން ވެސް ލޮނުން ބޮޑު ޓެކްސްއެއް ނެގި އެވެ. މީގެ އެންމެ ފާހަގަކޮށްލެވޭ މިސާލަކީ ފްރާންސްގައި ނެގި "ގަބެލް" (ލޮނު ޓެކްސް) އެވެ. ފުރާންސުގައި އެ ޓެކްސް ބެލެވުނީ ބޭއިންސާފާއި އަނިޔާވެރިކަމުގެ ރަމްޒެއްގެ ގޮތުގަ އެވެ. ފުރާންސްގެ ސަރުކާރުން އެކި ސަރަހައްދުތަކުން ލޮނު ޓެކްސް ނަގަމުން ދިޔައީ އެކި މިންވަރަށެވެ. އަދި ޓެކްސް ނެގޭކަން ކަށަވަރުކުރުމަށާއި ލޮނުގެ ކަޅު ބާޒާރު ހުއްޓުވުމަށް އެކަމަށް ހާއްސަ ފައުޖުތައް ވެސް އެކުލަވާލެވުނެވެ. މިފަދަ ކަންކަމުގެ ސަބަބުން އާންމުންގެ މެދުގައި ބޮޑު ދެކޮޅުވެރިކަމެއް އުފެދިގެން ދިޔަ އެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ފްރާންސްގެ އިންގިލާބަށް މަގުފަހިވި އިގުތިސާދީ ބޭއިންސާފުތަކުގެ ތެރޭގައި މި ލޮނު ޓެކްސް ވެސް ހިމެނިގެން ދިއުމެވެ.

ލޮނާއި އާންމު ދިރިއުޅުން

އިގްތިސާދާއި ސިޔާސަތުގެ އިތުރުން، އާންމު ދިރިއުޅުމުގައިވެސް ލޮނަކީ މުހިންމު ދައުރެއް އަދާކުރި އެއްޗެކެވެ. އެއީ އެއްގަމު މަހާއި ކަނޑުމަސް ރައްކާކުރުމަށާއި، ކާބޯތަކެތީގެ ރަހަ މީރުކުރުމަށް ބޭނުންކުރި އެއްޗެކެވެ. އެތައް ސަގާފަތެއްގައި ލޮނަކީ ރަމްޒީ މާނައެއް އެކުލެވޭ އެއްޗެކެވެ. ލޮނުން ވެދުންކުރުމަކީ އެކުވެރިކަމާއި، ވަފާތެރިކަމާއި ނުވަތަ މެހެމާންދާރީގެ ނިޝާނެކެވެ.

ދީނީ އަދި ސަގާފީ އާދަކާދަތަކުގައިވެސް ލޮނު ހިމެނެ އެވެ. ބައެއް މުޖުތަމައުތަކުގައި ނުބައި ކަންކަމުން ސަލާމަތްވުމަށާއި ތަންތަން ތާހިރުކުރުމަށް ލޮނު ބޭނުންކުރި އެވެ. ތަކެތި ނުބައިނުވެ ރައްކާތެރިކޮށްދިނުމުގެ ގާބިލުކަން ލޮނަށް ލިބިފައިވުމުން، އެއީ ކޮންމެވެސް ކަހަލަ މުގައްދަސް ބާރެއް އެކުލެވޭ އެއްޗެއްގެ ގޮތުގައި ބެލި މުޖުތަމައުތައް ވެސް ތާރީހު ދެކެފި އެވެ.

ލޮނަކީ އެކި ބަސްތަކަށް ވެސް ނުފޫޒު ފޯރުވި އެއްޗެކެވެ. އެކި ބަސްބަހުގައި މަޖާޒީ މާނައިގައި ބޭނުންކުރާ ވަރަށް ގިނަ ބަސްތައް ލޮނާ ގުޅުވާފައި ހުންނާތީ ފެނެ އެވެ. ދިވެހި ބަހަށް އެކަނި ބެލިކަމުގައި ވިޔަސް ފެންނާން ހުރި 'ލޮނުހެޔޮވަރުވުން' ނުވަތަ 'ލޮނުމަޑުވުން' ފަދަ ބަސްބަހަކީ މަޖާޒީ މާނަތައް އެކުލެވިގެންވާ ބަސްތަކަށްވެ، އެ މާނައިގައި ރަދީފުން ޖާގަ ހޯދާފައި އެއޮތީ ލޮނަކީ ގައިމު ވަރެއް ހުރި އެއްޗެއްކަން ދިވެހިންނަށް އެނގޭތީ ނޫންކަމަށް ނުވާނެ އެވެ. މި ނޫން ގޮތަކަށް މިކަން އޮތްނަމަ މަށެއް 'ލޮނުލައިގެން ބަތް ނުކާނަމެވެ.'

ލޮނާއި އިންގިލާބު

ލޮނާ ގުޅިފައިވާ ތާރީހީ އެންމެ ވަރުގަދަ އެއް ހާދިސާ ހިނގީ 20 ވަނަ ގަރުނުގައި، އިނގިރޭސިންގެ އިސްތިއުމާރުން އިންޑިއާ މިނިވަންކުރުމަށް ކުރި މަސައްކަތުގެ ތެރޭގަ އެވެ. އިސްތިއުމާރީ ގާނޫނުތަކުގެ ދަށުން، އިންޑިއާ މީހުން އަމިއްލައަށް ލޮނު އުފެއްދުން އޭރު އޮތީ މަނާކޮށްފަ އެވެ. އޭރުގެ ގާނޫނަކީ އިނގިރޭސި ސަރުކާރުން ބޮޑު ޓެކްސްއަކާއެކު ވިއްކާ ލޮނު ނޫން ލޮނެއް ބޭނުން ނުކުރުމެވެ.

މިހެން މިކަން އޮއްވައި، 1930 ވަނަ އަހަރު، މަހާތުމާ ގާންދީ ވަނީ މި އާދައިގެ މުދާ، އިސްތިއުމާރާ ދެކޮޅު ހެދުމުގެ ރަމްޒަކަށް ބަދަލުކުރައްވާފަ އެވެ. އޭނާ "ސޯލްޓް މާޗް" ނުވަތަ ލޮނުގެ ހިނގާލުން ފެއްޓެވީ އަރަބި ކަނޑާ ހަމައަށް 240 މޭލުގެ ދިގު ދަތުރަކުންނެވެ. އަތިރިމައްޗަށް ފޯރުމަށްފަހު، ގާންދީ ވަނީ އަތްޕުޅަށް ލޮނު މުށެއް ނަންގަވައި، އިނގިރޭސި ގާނޫނަށް ފާޅުގައި ނުކިޔަމަންތެރިވެވަޑައިގެންފަ އެވެ. މިއީ އިނގިރޭސީން އުފައްދާ މުދާ ބޭނުންކުރުން ހުއްޓާލުމަށާއި އަމިއްލަ އުފެއްދުންތެރިކަން ކުރިއެރުވުމަށް ހިތްވަރު ދިނުމުގެ އަމަލެކެވެ. ގާނދީ ބުނެދިނީ އިނގިރޭސީންގެ ދަށުގައި ބަނދެވިފައި ތިބި އަސްލު ސަބަބެވެ. އެއީ އަމިއްލަ އުފެއްދުންތެރިކަން ނެތުމެވެ. ނުވަތަ ކުޑަވުމެވެ. މި ހަގީގަތް މޭރުންވުމާއެކު މިއީ އިސްތިއުމާރާ ދެކޮޅު އިންގިލާބުގެ ފެށުން ކަމަށް ވެގެން ދިޔަ އެވެ.

އަގު ދަށްވިޔަސް މުހިންމުކަން ކުޑައެއް ނުވޭ

މިޒަމާނުގައި ކާބޯތަކެތި ގިނަ ދުވަހު ބެހެއްޓުމަށް ލޮނުގެ ބޭނުމެއް ނުޖެހެ އެވެ. އަދި ޒަމާނަށް އައި ބަދަލުތަކާއެކު ލޮނު އުފެއްދުމަކީ އަގުހެޔޮ ކަމަކަށް ވެގެން ދިޔަ އެވެ. ލޮނުގެ ކޮންޓްރޯލް ހޯދުމަށްޓަކައި ބޮޑެތި އެމްޕަޔަރުތައް އުފެދި، ނެތިދިޔަ ދުވަސް މާޒީ ވެއްޖެ އެވެ. މި ހުރިހައި ކަމެއް ތަރުތީބުވުމުން، ލޮނަކީ އަގުހެޔޮ އެއްޗަކަށް ވެއްޖެ އެވެ.

އެހެންނަމަވެސް، ލޮނުގެ މުހިންމުކަން އަދިވެސް ކުޑައެއް ނޫނެވެ. އިންސާނާގެ ސިއްހަތަށާއި ދުނިޔޭގެ ކާބޯތަކެތީގެ ނިޒާމަށް ލޮނަކީ އަދިވެސް ކޮންމެހެން ބޭނުންތެރި އެއްޗެކެވެ. ކާބޯތަކެތި ތައްޔާރުކުރުމުގައި އެކަންޏެއް ނޫނެވެ. ހުރިހައި ސިނާއަތްތަކުގައި ވެސް ލޮނަކީ އަދިވެސް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ.

ނިންމުން

ލޮނުގެ ވާހަކައަކީ ލޮނު ހެޔޮވަރު ކިތަންމެ ވާހަކައަކަށް ކުރި ފަޅުވައިދޭނޭ ދިގު ވާހަކަ އެކެވެ. ދިރިހުރުމަށް ބޭނުންވާ އަސާސީ ވަސީލަތަކުން ފެށިގެން ވިޔަފާރީގެ މައިގަނޑު ބާރަކަށް ވީގޮތާއި، ދައުލަތުގެ ބާރުވެރިކަމުގެ ވަސީލަތަކުން ފެށިގެން މިނިވަންކަމުގެ ރަމްޒަކަށް ބަދަލުވި ގޮތުގެ ވާހަކަތައް ފަދަ ކިތަންމެ ވާހަކައެއްގެ ހީރޯ އަކީ ލޮނެވެ. އެއީ ބޮޑެތި އެމްޕަޔަރުތައް އުފެދުމާއި، އިގްތިސާދުތައް ބައްޓަންވުމާއި އަދި އިންގިލާބުތަކުގެ މިސްރާބަށް ނުފޫޒު ފޯރުވި އެއްޗެކެވެ.

ލޮނަކީ ހާއްސަ އެއްޗަކަށް ވަނީ ހަމައެކަނި އޭގެ މާޒީގެ ސަބަބަކުން ނޫނެވެ. އެއީ އެއިން ލިބިދޭ ފިލާވަޅުގެ ސަބަބުންވެސް ހާއްސަ އެއްޗެކެވެ. އެންމެ އާދައިގެ މުދަލަކީވެސް، އިންސާނާގެ ޒަރޫރީ ބޭނުންތަކާ ގުޅުމުން ބޮޑު ބާރެއް ލިބިގެންދާ އެއްޗެއްކަން ލޮނު ތާރީހަށް ބެލުމުން އެނގެ އެވެ.

---

މި ލިޔުން އެކުލަވާލުމަށް ބޭނުންކުރި މައިގަނޑު މައުލޫމާތު ހޯދީ Salt: A World History މި ފޮތުން

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox