ގައުމީ ފުޓްސަލް ޓީމުން އޭޝިއާ ލެވަލްގައި ކުޅުނުތާ 22 އަހަރު: އެފްއޭއެމް އިން އޮތީ އެކަން މިނިސްޓްރީ އަށް ވެސް އަންގާފައި

ވިއެޓްނާމްގައި 2005 ވަނަ އަހަރު ކުރިއަށްދިޔަ ފުޓްސަލް އޭޝިއަން ޗެމްޕިއަންޝިޕްގައި ގައުމީ ފުޓްސަލް ޓީމުން ކުޅުނު މެޗެއްގެ ތެރެއިން.

ވިއެޓްނާމްގައި 2005 ވަނަ އަހަރު ކުރިއަށްދިޔަ ފުޓްސަލް އޭޝިއަން ޗެމްޕިއަންޝިޕްގައި ގައުމީ ފުޓްސަލް ޓީމުން ކުޅުނު މެޗެއްގެ ތެރެއިން.

ރާއްޖޭގެ ފުޓްސަލް ގައުމީ ޓީމުން ފުޓްސަލް އޭޝިއަން ކަޕްގައި ފުރަތަމަ ފަހަރަށް މެޗެއް ކުޅެފައިވަނީ، 2004 ވަނަ އަހަރުގެ އޭޕްރީލް 16 ވަނަ ދުވަހު އެވެ. މަކާއުގައި ކުރިއަށްދިޔަ އެ ފަހަރުގެ އޭއެފްސީ ފުޓްސަލް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ކުވެއިތު އަތުން ރާއްޖެ ބަލިވީ 23-0 އިންނެވެ. ދެ ވަނަ މެޗުގައި، ދެކުނު ކޮރެއާ އަތުން 23-3 އިން އަދި ތިން ވަނަ މެޗުގައި ޗައިނީސް ޓައިޕޭ އަތުން 11-2 އިން ބަލވި އެވެ. 

މަކާއުގައި ބޭއްވި މުބާރާތަށް ފަހު، ދެން، 2005 ވަނަ އަހަރު ވިއެޓްނާމްގައި ކުރިއަށްދިޔަ އޭއެފްސީ ފުޓްސަލް ޗެމްޕިއަންޝިޕްގައި ވެސް ރާއްޖެ ވަނީ ކުޅެފަ އެވެ. އެ ފަހަރު ރާއްޖެ ހިމެނުނީ، ތައިލެންޑާއި ތުރުކުމެނިސްތާން އަދި ޗައިނާއާ އެއް ގްރޫޕެއްގަ އެވެ. ފުރަތަަމަ މެޗުން 21-0 އިން ޗައިނާ އަތުން ބަލިވިއިރު، ދެ ވަނަ މެޗުން ތުރުުކުމެނިސްތާން އިން ރާއްޖެ ބަލިކުރީ 5-0 އިންނެވެ. އަދި، ގްރޫޕްގެ ފަހު މެޗުން، ތައިލެންޑުން ވަނީ 25-0 އިން ރާއްޖޭގެ މައްޗަށް ކުރިހޯދައިފަ އެވެ. 

ފުރަތަމަ ދެ އަހަރު ފުޓްސަލް އޭޝިއަން ކަޕްގައި ކުޅެން ރާއްޖެ އަށް ފުރުސަތު ލިބުނު ނަމަވެސް ދެން ހުރިހާ ފަހަރެއްގައި ކުޅެން ޖެހުނީ ކޮލިފިކޭޝަން ބުރުގަ އެވެ. އެ ގޮތުން، 2006 ވަނަ އަހަރުގެ ކޮލިފައިން ބުރުގައި ރާއްޖޭން ކުޅެން ޖެހުނީ، މެލޭޝިއާގައި ކުރިއަށްދިޔަ ބުރުގަ އެވެ. ފުރަތަމަ މެޗުގައި ތުރުކުމެނިސްތާން އަތުން 8-0 އިން ބަލިވިއިރު، ދެ ވަނަ މެޗުން ކެމްބޯޑިއާ އަތުން 3-2 އިން ބަލިވި އެވެ. ތިން ވަނަ މެޗުގައި މެލޭޝިއާ އިން 8-0 އިން ރާއްޖެ ބަލިކުރި އެވެ. އަދި ހަތަރު ވަނަ މެޗުގައި ވިއެޓްނާމް އަތުން ރާއްޖެ ބަލިވީ 5-0 އިންނެވެ. 

ޗައިނީސް ޓައިޕޭގައި 2007 ވަނަ އަހަރު ކުޅުނު ކޮލިފިކޭޝަންގައި ރާއްޖޭން ފުރަތަމަ މެޗުގައި 6-1 އިން ޗައިނީސް ޓައިޕޭ އަތުން ބަލިވި އެވެ. ދެ ވަނަ މެޗުގައި ލެބަަނަން އިން 14-1 އިން ރާއްޖެ ބަލިކުރި އެވެ. އަދި، ފިލިޕީންސް އިން ތިން ވަނަ މެޗުގައި 5-2 އިން ރާއްޖޭގެ މައްޗަށް ކުރިހޯދި އެވެ. މެލޭޝިއާގައި 2008 ވަނަ އަހަރު ކުޅުނު އޭއެފްސީ ކޮލިފައިންގައި ރާއްޖޭން ފުރަތަމަ މެޗުގައި 4-2 އިން ޗައިނީސް ޓައިޕޭ އަތުން ބަލިވިއިރު، ދެ ވަަނަ މެޗުގައި މެލޭޝިއާ އަތުން ބަލިވީ 9-4 އިންނެވެ. އަދި، ތިން ވަނަ މެޗުގައި ވިއެޓްނާމް އަތުން 4-2 އިން ބަލިިވި އެވެ.

ގައުމީ ފުޓްސަލް ޓީމުން މެލޭޝިއާއާ ދެކޮޅަށް ކުޅުނު މެޗެއްގެ ތެރެއިން.
ގައުމީ ފުޓްސަލް ޓީމުން މެލޭޝިއާއާ ދެކޮޅަށް ކުޅުނު މެޗެއްގެ ތެރެއިން.

 އޭގެ ފަހުން، އޭއެފްސީން ފުޓްސަލް މުބާރާތުގެ ކޮލިފައިން ވަނީ ޒޯން ތަކަށް ބަހައިފަ އެވެ. އެ ގޮތުން، 2010، 2012، 2014، 2016 އަދި 2018 ވަނަ އަހަރު ރާއްޖޭން ކޮލިފައިންގައި ބައިވެރިނުވެ އެވެ. އެކަމަކު، 2017 ވަނަ އަހަރު ތުރުކުމެނިސްތާންގައި ކުރިއަށްދިޔަ އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސްގައި ވާދަކުރި އެެވެ. 

މެދުކެނޑުމަކަށް ފަހު، ރާއްޖޭން 2022 ވަނަ އަހަރު އޭޝިއަން ފުޓްސަލް ކަޕްގެ ކޮލިފިކޭޝަންގައި ކުުޅުނުއިރު، އޭގެ ކުރިން ތައިލެންޑުގެ އިންވިޓޭޝަަނަލް މުބާރާތެއްގައި ކުޅެފައިވެ އެވެ. އެ މުބާރާތުގައި މޮންގޯލިއާ އަތުން ޕެނަލްޓީ ޖަހައިގެން 7-8 އިން ރާއްޖޭން ރޭންކިން މެޗުގައި ކުރިހޯދިއިރު، މިއީ ފުޓްސަލް ގައުމީ ޓީމަށް ލިބުނު ފުރަތަމަ މޮޅެވެ. 

ބާރަ އަހަރުގެ މެދުކެނޑުމަކަށް ފަހު، އޭއެފްސީ ފުޓްސަލް ކޮލިފައިންގައި 2022 ވަނަ އަހަރު ރާއްޖޭން މެޗުތައް ކުޅުނީ ކިރްގިސްތާންގަ އެވެ. ފުރަތަމަ މެޗުގައި އިރާން އަތުން 17-0 އިން ބަލިވިއިރު، ދެ ވަނަ މެޗުގައި ކިރްގިސްތާން އަތުން ބަލިވީ 7-1 އިންނެވެ. އަދި، ފަހު މެޗުގައި، ތުރުކުމެނިސްތާން އަތުން 7-0 އިން ބަލިވި އެވެ. އޭގެ ފަހުން، 2024 ވަނަ އަހަރު ވެސް ރާއްޖޭން ކޮލިފައިން މެޗުތައް ކުޅުނީ ކިރްގިސްތާންގަ އެވެ. އެ ފަހަރު ފުރަތަމަ މެޗުގައި އިރާން އަތުން 18-2 އިން ބަލިވިއިރު، ދެ ވަނަ މެޗުގައި ލެބަނަން އަތުން 6-1 އިން ރާއްޖެ ބަލިވި އެވެ. އަދި، ތިން ވަަނަ މެޗުގައި ކިރްގިސްތާން އަތުން ރާއްޖެ ބަލިވީ 8-3 އިންނެވެ. މިދިޔަ، އަހަރުގެ ސެޕްޓެމްބަރު މަހުގައި ރާއްޖޭން ކޮލިފައިން ކުޅުނީ މިޔަންމާގަ އެވެ. ފުރަތަމަ މެޗުގައި 10-1 އިން އަފްގާނިސްތާން އަތުން ރާއްޖެ ބަލިވިއިރު، ދެ ވަނަ މެޗުގައި މިޔަންމާ އަތުން ރާއްޖެ ބަލިވީ 7-3 އިންނެވެ. 

ގައުމީ ފުޓްސަލް ޓީމުން 2022 ވަނަ އަހަރު ސޯޝަލް އިންޑޯގައި ބޭއްވި ފަރިތަކުރުމެއްގެ ތެެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް
ގައުމީ ފުޓްސަލް ޓީމުން 2022 ވަނަ އަހަރު ސޯޝަލް އިންޑޯގައި ބޭއްވި ފަރިތަކުރުމެއްގެ ތެެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް

ސާފް ސަރަަހައްދަށް މިދިޔަ ޖެނުއަރީ މަހު ފުރަތަމަ ފަހަރަށް ފުޓްސަލް މުބާރާތެއް ހޯސްޓްކުރީ ތައިލެންޑުގަ އެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ރާއްޖޭން ހޯދީ ސަރަހައްދުގެ އަނެއް ހަ ގައުމު ވެސް ބަލިކޮށްފަ އެެވެ. ރާއްޖޭން ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން 7-1 އިން މޮޅުވިއިރު، ދެ ވަނަ މެޗުގައި 6-1 އިން ބަންގްލަދޭޝް ބަލިކުރިއެވެ. ތިން ވަނަ މެޗުގައި، އިންޑިއާ އަތުން 5-0 އިން ރާއްޖެ މޮޅުވިއިރު، ހަތަރު ވަނަ މެޗުގައި ނޭޕާލް އަތުން 2-1 އިން މޮޅުވި އެވެ. އަދި، ފަސް ވަނަ މެޗުގައި ބޫޓާން އަތުން 3-1 އިން މޮޅުވެ، ފަހު މެޗުގައި ސްރީ ލަންކާ އަތުން މޮޅުވީ 5-2 އިންނެވެ. 

އެފްއޭއެމް އިން އޮތީ ރާއްޖޭގެ ފުޓްސަލް ގައުމީ ޓީމުގެ މައުލޫމާތު މިނިސްޓްރީއާ ހިއްސާކޮށްފައި

ސްޕޯޓްސް މިނިސްޓްރީގެ މަސައްކަތްތަކާ ބެހޭގޮތުން، ރައީސް އޮފީހުގައި މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ގައުމީ ފުޓްސަލް ޓީމު ރަޖިސްޓްރީ ކުރުމާ ބެހޭގޮތުން ދެއްކެވި ވާހަކައާ ގުޅިގެން ރާއްޖޭގެ ފުޓްސަލް ތާރީހާ މެދު ވަނީ "ބޮޑު އޮޅުމެއް" އަރައިފަ އެވެ. 

"ގައުމީ ޓީމަށް ބަލާއިރުގައި އަޅުގަނޑުމެން ދަންނަވާނީ، ފުޓްސަލްގެ ގައުމީ ޓީމު އެކުލަވާލައިފައިވަނީ 2 ޑިސެމްބަރު 2025 ވަނަ އަހަރު، މިއީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައުމީ ޓީމެއްގެ ގޮތުގައި ފުޓްސަލް އަޅުގަނޑުމެންނަށް، ފުޓްބޯލް އެސޯސިއޭޝަނުން ސްކޮޑެއް އެކުލަވާލައި ގައުމީ ޓީމެއްގެ ރަސްމީ ހައިސިއްޔަތު ލިބިގެންދިޔަ ފުރަތަމަ ފަހަރު ކަމުގައި ވެސް އަޅުގަނޑު ފާހަގަކޮށްލަން،" ރައީސް އޮފީހުގައި ވާހަކަ ދައްކަވަމުން  މިިނިސްޓަރު ރާފިއު ވިދާޅުވި އެވެ.

ގައުމީ ފުޓްސަލް ޓީމު ރަޖިސްޓްރީ ކުރުން: ރާއްޖޭގެ ފުޓްސަލް ތާރީހު "އޮޅިއްޖެ"

ސްޕޯޓްސް މިނިސްޓްރީގެ މަސައްކަތްތަކާ ބެހޭގޮތުން، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ގައުމީ ފުޓްސަލް ޓީމު ރަޖިސްޓްރީ ކުރުމާ ބެހޭގޮތުން ދެއްކެވި ވާހަކައާ ގުޅިގެން ރާއްޖޭގެ ފުޓްސަލް ތާރީހާ މެދު "ބޮޑު އޮޅުމެއް" ވަނީ އަރައިފައި

"އަދި މި ޓީމު (ގައުމީ ފުޓްސަލް ޓީމު) ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށްޓަކައި އަޅުގަނޑުމެން ވަނީ ޑިސެމްބަރު 30 ވަނަ ދުވަހުގައި ފުރުވާލެވިފައި. އަދި، ތައިލެންޑުގައި ބޭއްވި މި ދެންނެވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށްޓަކައި ޖެނުއަރީ 12 ގައި ވަނީ އެ ގައުމަށް ގޮސް، އެ މުބާރާތް އަޅުގަނޑުމެންނަށް ކޮމްޕްލީޓް ކުރެވިފައި" 

މިނިސްޓަރު މި ގޮތަށް ވިދާޅުވިއިރު، ރާއްޖޭގައި ގައުމީ ފެންވަރުގެ ފުޓްސަލް ޓީމެއްގެ މަސައްކަތް ކުރާތާ 20 އަހަރަށް ވުރެން ގިނަ ދުވަސްވަނީ ވެފަ އެވެ.

"އަދަދު ސްޕޯޓްސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މި ފަހުން މިނިސްޓްރީ އަށް ފުޓްސަލް ޓީމާ ގުޅޭގޮތުން ފޮނުވި ސިޓީގައި ވަނީ ފުޓްސަލް ގައުމީ ޓީމަކީ ރާއްޖޭގައި މީގެ 20 އަހަރު ކުރިން ވެސް ބައިނަލްއަގުވާމީ ލެވަލްގައި ގައުމު ތަމްސީލްކޮށްފައިވާ ޓީމެއް ކަމަށް އަންގައިފަ އެވެ. އެފްއޭއެމް އިން ފޮނުވި އެ ސިޓީގައި ވަނީ، ގައުމީ ފުޓްސަލް ޓީމަށް މުސާރައިގެ ކަންކަން ހަމަޖެއްސުމަށާއި އިންޝިއުރަންސްގެ ކަންކަން ހަމަޖައްސައިދިނުމުގެ އިތުރުން ގައުމަށް ރީތިނަން ހޯދައިދޭ ފަރާތްތަކަށް ލިބޭ ޝަރަފް ދިނުމަށްޓަކައި، މިނިސްޓްރީން ބާރު އެޅުމަށް ވެސް އެދިފަ އެވެ. 

ރާއްޖޭގެ ފުޓްސަލް ތާރީހަށް ބަލާއިރު، ގައުމީ ފުޓްސަލް ޓީމުން މި ވަނީ ފުޓްސަލް އޭޝިއަން ކަޕްގައި ދެ ފަހަރު، އަދި އޭޝިއަން ކޮލިފައިން ބުރުގައި ހަ ފަހަރު ކުޅެފަ އެވެ. އަދި، އޭޝިއަން އިންޑޯ ގޭމްސްގައި ކުޅުމުގެ އިތުރުން ތައިލެންޑުގައި ކުޅުނު އިންވިޓޭޝަނަލް މުބާރާތެއްގައި ވެސް ވާދަކޮށްފަ އެވެ. އެހެންކަމުން، ފުޓްސަލް ގައުމީ ޓީމުގެ "ރަސްމީ" ކަން ކަނޑައެޅުމުގައި ފުޓްސަލް ތާރީހަށް ނަޒަރު ހިންގާލުން މުހިންމެވެ. ފީފާ އިން ނެރުނު ފުޓްސަލް ރޭންކިންގައި، ދެކުނު އޭޝިއާ ސަރަހައްދުގެ ރޭންކިން އަށް ބަލާއިރު، ރާއްޖެ އެއް ވަނައިގައި އޮތީ ހަމައެކަނި، ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްގެންނެއް ނޫނެވެ. އެއީ، މިދިޔަ 20 އަށް ވުރެން ގިނަ އަހަރުގެ މަސައްކަތުން އާދެވިފައިވާ ހިސާބެވެ. މި ހުރިހާ ކަމެއް ގުޅިފައި އޮތީ ތާރީހީ ކުރިއެރުންތަކަކާ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox