އެޑިއުކޭޝަން މިނިސްޓްރީގެ ނިންމުމަކާހެދި ކުޅިވަރުގެ ކުރިމަގު ބަނަ

އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގެ ތެރެއިން: އިންޓަ ސްކޫލް އެތުލެޓިކްސް މުބާރަތަކީ ގިނަ އަދަދެއްގެ ސްކޫލް ކުދިން ބައިވެރިވާ މުބާރާތެއް.--- ފޮޓޯ: އަދަދު ސްޕޯޓްސް

އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގެ ތެރެއިން: އިންޓަ ސްކޫލް އެތުލެޓިކްސް މުބާރަތަކީ ގިނަ އަދަދެއްގެ ސްކޫލް ކުދިން ބައިވެރިވާ މުބާރާތެއް.--- ފޮޓޯ: އަދަދު ސްޕޯޓްސް

މިދިޔަ މަހުގެ 29 ވަނަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީގެ ސާކިއުލާ ސިޓީއެއްގައި ބުނެފައިވަނީ، އިންޓަ ސްކޫލް ލެވަލްގައި، "14 (ސާދަ) އަހަރުން ދަށުގެ އުމުރުފުރާގައި ބައިވެރިވާނީ ގްރޭޑް 7 އިން ފެށިގެން މަތީގެ ދަރިވަރުންނެވެ" މިހެނެވެ. އެޑިއުކޭޝަން މިނިސްޓްރީގެ މި ނިންމުމާ އެކު، ގްރޭޑް 7 އިން ދަށަށް އިންޓަ ސްކޫލްގެ މުބާރާތްތައް ބޭއްވުމުގެ ފުރުސަތު އެސޯސިއޭޝަންތަކަށް ގެއްލުނީ އެވެ. އަދި، އިންޓަ ސްކޫލް މުބާރާތްތައް މީގެ ކުރިން ބާއްވަމުން އައި 12 އަހަރުން ދަަށުގެ ކެޓަަގަރީ ފަދަ މުހިންމު އުމުރުފުރާއެއްގައި، އަދި އޭގެއިން ދަށް އުމުރުގެ  ކުދިން ކުޅިވަރު ކުޅުންތެރިން ގޮތަށް ޑިވެލޮޕްކުުރުމުގެ ފުރުސަތު ކުޅިވަރު އެސޯސިއޭޝަންތަކަށް ގެއްލިދިޔައީ އެވެ. 

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު އެ ސާކިއުލާގެ  ކޮޕީއެއް، "އަދަދު ސްޕޯޓްސް" އަށް ވެސް ވަނީ ލިބިފަ އެވެ. 

އެޑިއުކޭޝަން މިނިސްޓްރީގެ ސާކިއުލާގައި ދެން ބުނެފައިވަނީ، ކުޅިވަރު މުބާރާތެއްގައި ބައިވެރިވުމާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، ގުޅުއްވާނީ މިނިސްޓްރީގެ ސްކޫލް އެކްޓިވިޓީ ޔުނިޓަށް ކަމަށާއި ވަކިވަކި ސްކޫލްތަކަށް އަމާޒުކޮށްގެން ދައުލަތުގެ އެކި މުއައްސަސާތަކުން ހިންގަން ރާވާފައިވާ ހަރަކާތްތަކުގެ މައުލޫމާތު ސްކޫލް ޒޯންތަކާ ހިއްސާ ކޮށްފައިވާނެ ކަމަށެވެ. 

ގިނަ ކުޅިވަރު އެސޯސިއޭޝަންތަކުން މި އަހަރުގެ ކަލަންޑަރު އެކުލަވާލީ އިންޓަ ސްކޫލް ލެވަލްގެ ގިނަ މުބާރާތްތަކެއް ހިމަނައިގެންނެވެ. އެއީ، ޑިވެލޮޕްމަންޓަށް ކުރާ މަސައްކަތުގެ ގޮތުގައި އަހަރީ ބަޖެޓްގެ ބޮޑު ބައެއް ވެސް ހިމަނައިގެންނެވެ. އެހެންކަމަށް ވުމާ އެކު، އެޑިއުކޭޝަން މިނިސްޓްރީގެ މި ސާކިއުލާއާ އެކު، ގްރޭޑް 7 އިން ދަށުގެ ކުދިންނަށް އިންޓަ ސްކޫލް ލެވަލްގެ މުބާރާތެއް ނުބޭއްވޭނެ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން އުސޫލު ކަނޑައެޅުމުން، ގިނަ ކުޅިވަރު އެސޯސިއޭޝަންތަކަަކުން ވަނީ ކަންބޮޑުވުންތައް އެޑިއުކޭޝަން މިނިސްޓްރީ އާއި ސްޕޯޓްސް މިނިސްޓްރީ އަށް ވެސް ހިއްސާކޮށްފަ އެވެ. 

"އަދަދު ސްޕޯޓްސް" އަށް ވާހަކަ ދެއްކި ކުޅިވަރު އެސޯސިއޭޝަނެއްގެ އިސް ފަރާތަކުން ބުނީ، އެޑިއުކޭޝަން މިނިސްޓްރީން މި ފަދަ ކަންކަމުގައި މި ފަހުން އަމަލުކޮށްފައި ހުރީ ކުޅިވަރު އެސޯސިއޭޝަންތަކާއި ސްޕޯޓްސް މިނިސްޓްރީގެ މައްޗަށް ގާނޫނީ ގޮތުން ލާޒިމްކޮށްފައިވާ މަސައްކަތްތަކާ ފުށުއަރާގޮތަށް ކަމަށެެވެ. 

އެ ގޮތުން، އެޑިއުކޭޝަން މިނިސްޓްރީން ސްކޫލް ކުދިންގެ ތައުލީމީ ކަންކަމުގައި ސިޔާސަތު ކަނޑައަޅާއިރު ވިސްނަން ޖެހޭ ކަންކަން ހުންނައިރު، ރާއްޖޭގެ ކުޅިވަރާ ގުޅޭ މުހިންމު ކަންކަން ނިންމަނީ އެ ކަމާ ގުޅުން ހުރި ފަރާތްތަކާ މަޝްވަރާ ކުރުމެއް ނެތި ކަމަށް އެސޯސިއޭޝަންގެ އެ އިސްވެރިޔާ ވަނީ ބުނެފަ އެވެ. 

"މީގެ ނަތީޖާ އަކަށްވެގެންދާނީ ގައުމުގެ ކުޅިވަރުގެ މުސްތަގުބަލު ބަނަވެގެންދިއުން. އެއީ، ކުދިން ކުޅިވަރު ކުޅުމާއި ހެދި ބޮޑުވުމުގެ ކަންކަން ފަށަނީ ޅަ އުމުރުގައި. އެ ޅައުމުރުގައި އެކަން ކުރަން ނުފަށާ ގޮސް ކުއްޖާ 15 ނޫނީ 16 އަހަރުން ފަށަންޏާ، ކުޅުންތެރިއަކަށް، ގައުމީ ފެންވަރުގެ ކުޅުންތެރިއަކަށް ހަދަން ކުރަންޖެހޭ މަސައްކަތުގެ އެދެވޭ ނަތީޖާއެއް ނުފެންނާނެ، ދެން، ހުރެދާނެ 1000 އިން އެއް ކުއްޖެއް، އެކަމަކު މިއީ އެއް ނޫން ހޯދަން އުޅޭ ނަތީޖާ އަކީ،" އޭނާ ބުންޏެވެ. 

"އެސޯސިއޭޝަންތަކުން ކުޅިވަރަށް ބޮޑު ހަރަދުކޮށްގެން ކުދިން ޑިވެލޮޕްކުރަން މި އުޅެނީ، ރާއްޖޭން ބޭރުން ބޮޑު އަގުގައި ކޯޗުން ގެނެސްގެން މި ކަންކަން ކުރަނީ، އެކަމަކު، މި އަށް ވިސްނައި ނުލައި ކުއްލިއަކަށް މި ވަރުގެ ބޮޑު ނިންމުން މި އަންނަނީ،" 

އެޑިއުކޭޝަން މިނިސްޓްރީން އިންޓަ ސްކޫލްގެ އުމުރުފުރާ ކަނޑައެޅުމުގައި އެންމެ ބޮޑަށް އަލި އަޅުވާލި ކަމަކީ، ކުޅުންތެރިންގެ ކިޔެވުމުގެ ކަންކަމަށް ކުޅިވަރު މުބާރާތްތައް ގިނަވުމުގެ ސަބަބުން ނޭދެވޭ އަސަރު ކުރާ ކަމަށް ބުނެ އެވެ. އަދި، ގިނަ އަދަަދެއްގެ ކުޅިވަރު މުބާރާތްތަކެއްގައި ކުދިން ޝާމިލުވެ އުޅޭއިރު، އެކަމަށްޓަކައި ސްކޫލްތަކުގެ ޓީޗަރުން ވެސް ބައިވެރިވެ އުޅެން ޖެހޭ ވަގުތުތައް ގިނަވާތީ އެވެ. 

ކުޅިވަރުގެ ކަންކަމުގައި އެޑިއުކޭޝަން މިނިސްޓްރީން މި ފަހުން އެސޯސިއޭޝަންތަކާ އެކި ކަންކަމާ ވާހަކަ ދެއްކިއިރު، ކުދިން އެކި ގްރޭޑްތަކުގައި ފާސްވާ ނިސްބަތް ވެސް ހިއްސާކޮށްފައިވެ އެވެ. އަދި، އެޑިއުކޭޝަން މިނިސްޓްރީން ކުޅިވަރުގެ ކަންކަމުގައި މި ނިންމާނިންމުންތަކަކީ އެކަމުގެ ސަބަބުން އަންނަ ކަމެއް ކަމަށް ވެސް ބުނެފައި އެބަހުއްޓެވެ. 

ރާއްޖޭގެ ކުޅިވަރުގެ އިސް ފަރާތަކުން، "އަދަދު ސްޕޯޓްސް" އަށް ބުނެފައިވަނީ، ކުޅިވަރު ކުޅުމުގެ ހައްގަކީ ކުދިންނަށް ގާނޫނު އަސާސީ އިން ވެސް ހަމަހަމަކޮށް ލިބެން ޖެހޭ ހައްގެއްގެ ގޮތުގައި ސާފުކޮށް ފެންނަން އޮތް ކަމެއް ކަމަށެވެ. ކަން މިހެން އޮތްއިރު، ސްކޫލް ކުދިންގެ ކިޔެވުމުގެ ހައްގުގެ ވާހަކަ އެކަނި އިސްކޮށް، ދެން ހުރި ކަންކަމަށް (މިސާލަކަށް ކުދިން ކުޅިވަރު ކުޅުމުގެ ހައްގަށް) އުނިކަމެއް އަންނަ ގޮތަށް ގޮތް ނިންމަން އެޑިއުކޭޝަން މިނިސްޓްރީ އަށް އެކަނި އެ ބާރު އޮތުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް އެ ފަރާތުން ފާހަގަކުރި އެވެ. 

"އެޑިއުކޭޝަނުން (މިނިސްޓްރީން) ގޮތް ނިންމަނީ ސްކޫލް ކުދިންގެ ކިޔެވުމާ މެދު، އެއީ އެ ފަރާތުން ގާނޫނީ ގޮތުން ކަށަވަރުކުރަން ޖެހޭ ކަމެއް. އެކަމަކު، އެޑިއުކޭޝަނުން ކުޅިވަރުގެ ކަންކަން ތަންފީޒުކުރާއިރު، މި ކަމުގެ ގާނޫނީ ޒިންމާ ހަވާލުވެފައި އޮތް ސްޕޯޓްސް މިނިސްޓްރީ އަދި އޭގެއާ އެކު މި އޮތް ކުޅިވަރު އެސޯސިއޭޝަންތަކާ ވާހަކަ ދައްކައި މަޝްވަރާ ކުރުމެއް ނެތް. މިއީ މިކަން ވާން ޖެހޭ ގޮތެއް ނޫން،" އޭނާ ބުންޏެވެ. 

އޭނާ ބުނީ، ސްކޫލް ކުދިންނާ ގުޅޭ އެކި ކަންކަން ފުރިހަަމަކޮށް ގާނޫނީ ގޮތުން ކަށަވަރުކުރަން ޖެހޭ ކަންކަން ކުރިން ތަފާތު ވުޒާރާތަކާ މަތިވެފައިވާ ކަމަށެވެ. އެ ގޮތުން، ސްކޫލް ކުދިންގެ ކިޔެވުމުގެ ކަންކަން އެޑިއުކޭޝަން މިނިސްޓްރީ އަށް އޮތްއިރު، ސިއްހީ ކަންކަން އޮތީ ހެލްތު މިނިސްޓްރީއާ ކަމަށާއި ރައްކާތެރިކަމާއި އެހެނިހެން ކަންކަން ޕޮލިހުންނާއި ޖެންޑާ މިނިސްޓްރީ އަށް އޮންނަ ކަމަށް އެ ފަރާތުން ފާހަގަކުރި އެވެ. 

"ދެން، މާދަމާ އެޑިއުކޭޝަން މިނިސްޓްރީން، ސާކިއުލާ އަކުން، ހެލްތު މިނިސްޓްރީ އާއި ނޫނީ ޖެންޑާ މިނިސްޓްރީއާ ގުޅޭ ނިންމުމެއް އަމިއްލަ އަށް ނިންމަންވެއްޖިއްޔާ އެއީކީ ނޫން މި ކަން ހިނގަންޖެހޭ ރަނގަޅު ގޮތަކީ، އެހެންވީމަ، ކުޅިވަރުގެ ކަންކަން ނިންމާއިރު، ކުޅިވަރު މިނިސްޓްރީ އާއި އެސޯސިއޭޝަންތަކުގެ ބަހެއް ވެސް އޮންނަން ޖެހޭ ކަމަށް ފެންނަނީ،" އޭނާ ބުންޏެވެ.  

ސަރަހައްދީ އެހެނިހެން ގައުމުތަކުން ސްކޫލްތަކާއި ޔުނިވާސިޓީ ތަކާއި އެކަޑަމީ ލެވަލްގައި ގިނަ މުބާރާތްތަކެއް ބާއްވައި، ޖޫނިއާ ލެވަލް އިން ފެށިގެން މުސްތަގުބަލަށް ރަނގަޅު ގައުމީ ޓީމުތަކެއް ބިނާކުރަން މަަސައްކަތްކުރާއިރު، ރާއްޖޭގައި ވަކި އުމުރުފުރާތަކަށް އޮތް ފުރުސަތު ހަނިވުމަކީ، ކުޅިވަރުގެ ތަރައްގީ އަށް އެޅޭ ހުރަހެކެވެ. 

މި ސަރުކާރުން ފުރަތަމަ 100 ދުވަސް ތެރޭގައި ރާއްޖޭގެ ކުޅިވަރުގެ 20 އަހަރުގެ ޕްލޭނެއްގެ މަސައްކަތް ބައިނަލްއަގުވާމީ ލެވަލްގެ މަތީ ފެންވަރުގެ ތަޖުރިބާކާރުން ގެނެސްގެން ކުރިއަށްގެންދިޔަ އެވެ. އޭގެ މުހިންމު ކަމެއްގެ ގޮތުގައި ވާހަކަ ދެއްކި އެއް ކަމަކީ، ހުނަރުވެރި ކުޅުންތެރިން ޅަ އުމުރުގައި ދެނެގަނެވޭނެ "މެކޭނިޒަމް" އެއް ގާއިމްކުރުމުގެ ވާހަކަ އެވެ. ޅަ އުމުރުގައި ރަނގަޅު ގޮތުގައި ޓްރެއިނިން ދީ، ވާދަވެރި މާހައުލަށް ކުޅުންތެރިން ތައްޔާރުކޮށް، އެ ފުރުސަތުތައް ދީގެން ކުޅުންތެރިން ޑިވެލޮޕްކުރާނެ ގޮތުގެ ވާހަކަ އެވެ. އެ އަށް ބަަލައިގެން، ރާއްޖޭގެ ކުޅިވަރު ގާނޫނު ވެސް ވަނީ ދާދި ފަހުން އިސްލާހުތަކެއް ގެނެސް ފާސްކޮށްފަ އެވެ.

އެކަމަކު، ރާއްޖޭގެ ކުޅިވަރުގެ ޑިވެލޮޕްމަންޓްގެ މުއްސަނދި ތާރީހެއް ގުޅިފައި އޮތް އިންޓަ ސްކޫލް ފަދަ މުހިންމު މުބާރާތެއްގެ އުމުރުފުރާއާ ގުޅޭ ބޮޑު ނިންމުމެއް އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައި މި އޮތީ ރާއްޖޭގެ ކުޅިވަރުގެ މުސްތަގުބަލަށް ބަނަ ގޮތަކަށެވެ. 

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox