ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގެ ވޯޓުލުމުގެ ވަގުތު ހަމަވުމާއެކު ފޮށިތައް ބަންދުކުރަން ފަށައިފި އެވެ.
މިއަދު ހެނދުނު 08:00 ގައި ވޯޓުލާން ފެށިއިރު 05:00 އާ ހަމައަށް ކިއުގައި ޖެހުނު މީހުންނަށް ވޯޓުލުމުގެ ފުރުސަތު ލިބޭނެ އެވެ. އެންމެ ފުރަތަމަ ވޯޓުލުން ކުރިއަށްގެންދަން އޮތީ ހަވީރު 04:00 އާ ހަމައަށެވެ. އެއް ގަޑިއިރު އިތުރުކުރީ ހޫނު ގަދަވުމުގެ ސަބަބުން ވޯޓުލުމުގައި ދަތިތަކެއް ކުރިމަތިވުމުންނެވެ.
މިފަހަރުގެ އިންތިހާބަށް އިލެކްޝަންސް ކޮމިޝަނުން 588 ވޯޓު ފޮށި ބެހެއްޓި އެވެ. ކައުންސިލް އިންތިހާބުގައި 1،593 ކެންޑިޑޭޓުން ވާދަކުރިއިރު ޑަބްލިއުޑީސީތަކަށް 1،368 ކެންޑިޑޭޓުން ވާދަކޮށްފައިވެ އެވެ.
ވޯޓުލުމުގެ ކަންކަން މައިގަނޑު ގޮތެއްގައި ގޮސްފައިވަނީ ސުލްހަވެރިކަމާއެކު އެވެ. ބައެއް މަރުކަޒުތަކުގައި މަދުމަދުން ހަމަނުޖެހުންތަކެއް ހިނގި ނަމަވެސް މާ ބޮޑު ދެބަސްވުންތަކެއް ހިނގާފައި ނުވެ އެވެ.
އީސީއަށް ވޯޓާ ގުޅިގެން ހުށަހެޅުނު ޝަކުވާތައް ބަލަމުންދާ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.
ރާއްޖޭގައި 2021 ވަނަަ އަހަރު ބޭއްވި ކައުންސިލް އިންތިހާބުގައި ވޯޓު ދިނީ 67 އިންސައްތަ މީހުންނެވެ.
ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވޯޓު ގުނުމުގެ މަސައްކަތް އެކި މަރުކަޒުތަކުގައި ފަށާނެ އެވެ.









