ވަގުފްތަކާއި މިސްކިތްތައް ބިނާކުރުމަށާއި މިސްކިތްތައް މަރާމާތުކުރަން "މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓް ލިމިޓެޑް" ގެ ނަމުގައި ސަރުކާރުން ކުންފުންޏެއް އުފެއްދި ނަމަވެސް މިސްކިތްތައް ބަލަހައްޓަމުންދާނީ ކައުންސިލްތަކުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވެއްޖެ އެވެ.
ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައުގާފް ކުންފުނީގެ މަގްސަދަކީ ރަށު ކައުންސިލްތަކުގެ އަތުން މިސްކިތްތައް އަތުލުމުގެ ބަދަލުގައި މިސްކިތްތައް މަރާމާތުކޮށް ބަލަހައްޓާ ފަރާތްތަކަށް މާލީ ގޮތުން އެހީވުން ކަމަށެވެ.
"ކައުންސިލްތަކުން މިސްކިތްތައް ނުނަގާނެ. ސަރުކާރުން އުފެއްދި ވަގުފް ކޮމްޕެނީގެ މަގްސަދަކީ މިސްކިތްތައް ނެގުމެއް ނޫން. މިސްކިތްތައް މަރާމާތުކުރަން ބޭނުންވާ ފައިސާ ހޯދައިދިނުން،" ޝަހީމް ވިދާޅުވި އެވެ.
މިސްކިތްތައް މަރާމާތުކުރަން ކައުންސިލްތަކަށް އެކަށީގެންވާ މިންވަރަކަށް ހަރަދު ނުކުރެވޭކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، މިސްކިތްތައް ތަރައްގީކޮށް މަރާމާތުކުރުމަށް މިފަދައިން ފަންޑުތައް ހޯދުމަކީ ދުނިޔޭގެ އިސްލާމީ ވަރަށް ގިނަ ގައުމުތަކުން ކުރަމުން އަންނަ ކަމެއް ކަމަށެވެ.
މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓް ލިމިޓެޑް އުފެއްދީ ވަގުފްތަކާއި މިސްކިތްތައް ބިނާކޮށް މަރާމާތުކުރުމުގެ އިތުރުން އިސްލާމީ ޝަރީއަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓިނިވި ގޮތެއްގައި ހިންގުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުމަށްޓަކަ އެވެ.

މި ކުންފުނީގެ ދަށުން ވަގުފް އިމާރާތްތައް އެޅުމާއި މަރާމާތުކުރުން ހިމެނޭއިރު، އެ މަސައްކަތް މީގެ ކުރިން ކުރަމުންދިޔައީ އިސްލާމިކް މިނިސްޓްރީންނެވެ. އެގޮތުން ދުރު ރާސްތާ ޕްލޭންތަކެއް ހަދައިގެން އެކަމަށް މިނިސްޓްރީން ދިޔައީ މަސައްކަތް ކުރަމުންނެވެ.
ނަމަވެސް ކުއްލިއަކަށް އިސްލާމިކް މިނިސްޓްރީއާ ވަކިން ސަރުކާރުން ކުންފުންޏެއް އުފައްދައިގެން އެ މަސައްކަތް ކުރަން ފަށާފައި މިވަނީ ކީއްވެގެން ކަމެއް ސާފެއް ނުވެ އެވެ.













