މިއަދު ކުރިއަށްދިޔަ އިންތިހާބުގައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބޮޑުތަނުން ސަރުކާރު ބަލިކޮށްފައިވާކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއުލާން ކުރައްވައިފި އެވެ.
ލޯކަލް ކައުންސިލް އިންތިހާބައި ޑަބްލިއުޑީސީގެ ގޮނޑިތަކުގައި އެމްޑީޕީން އޮތީ ކުރީގަ އެވެ. ބޮޑު ސިޓީތަކުގެ މޭޔަރުކަމާއި ކައުންސިލްތައް ވެސް އެ ޕާޓީން ވަނީ ކާމިޔާބު ކުރުމަށް މިސްރާބު ޖަހާފަ އެވެ.
"ހުރިހާ ސިޓީއެއް، ގިނަ ރަށްްރަށެއް، އަދި ފެންނަ ނުފެންނަ ވޯޓުގައި ބޮޑުތަނުން ސަރުކާރަށް ނޫނެކޭ ބުނެފި. ވޯޓު ދެއްވި ހުރިހާ ބޭފުޅުންނަށް އަދި ވާދަވެރިންނަށް ވަރަށް ބޮޑަށް މަރުހަބާ،" ނަޝީދު ވިދާޅުވި އެވެ.
މިއަދު ކުރިއަށްދިޔަ ފެންނަ ނުފެންނަ ވޯޓުގައި ވެސް މިވަގުތު ލިބިފައިވާ ނަތީޖާއަށް ބަލާއިރު ބޮޑުތަނުން ސަރުކާރަށް ނޫނެކޭ ބުނާނެ ކަމަށް ބެލެވެ އެވެ.
ނަޝީދު ނިސްބަތްވާ އެމްޑީޕީން މި އިންތިހާބުގައި ކެމްޕޭން ކުރީ ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅަށެވެ. މިވަގުތު ގާނާގައި ދިރިއުޅުއްވި ނަމަވެސް މި އިންތިހާބުގެ ކެމްޕޭނަށް ރާއްޖެ ވަޑައިގެން ގިނަ ރަށްތަކަކަށް ނަޝީދު ދަތުރުކުރެއްވި އެވެ.








