ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް މާދަމާ ނަގަން ތައްޔާރުވެފައިވާއިރު، މީގެ ކުރިން އެފަދަ ވޯޓެއް ނެގިއިރު، ދިވެހީން ތިބީ މާބޮޑަށް ތަސައްރަފު ފުދިފައި ނޫންތޯ ސުވާލު އުފެދޭ ކަމަށް ވިދާޅުވެ، މީގެ 19 އަހަރު ކުރީގެ ހަނދާންތައް ގާނޫނީ މާހިރު އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް، އަހުމަދު މުއިއްޒު އައު ކުރައްވައިފި އެވެ.
އެކްސްގައި މުއިއްޒު ޕޯސްޓުކުރެއްވި ސިލްސިލާ ޕޯސްޓުތަކެއްގައި މުއިއްޒު ވަނީ އެންމެފަހުން ނެގިއިރު، ހާއްސަ މަޖިލީހުންނާއި އޭރުގެ ރައީސުލްޖުމްހޫރިއްޔާ، މައުމޫން އަބްދުލްގައްޔޫމް އަމަލު ކުރެއްވި ގޮތް ހަނދާން އައު ކޮށްދެއްވައިފަ އެވެ.
"އޭގެ ގާތްގަނޑަކަށް 19 އަހަރުފަހުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް އަޅުގަނޑުމެން ރައްޔާރުވަމުންދާއިރު، މިއަދު އަމަލުކުރަމުން މި ދަނީ އެގޮތަށް ތޯ އެވެ؟ މީގެ 19 އަހަރު ކުރިން އަޅުގަނޑުމެން މާ ތަސައްރަފު ފުދޭ ނޫންބާވައޭ އަޅުގަނޑު ހިތަށް އަރަ އެވެ،" ކުރީގެ ހަނދާން އައު ކުރައްވަމުން މުއިއްޒު ލިޔުއްވާފައިވެ އެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ދިވެހިރާއްޖޭގައި އެންމެފަހުން ނެގީ އޯގަސްޓު 18، 2007 ގަ އެވެ. ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގީ ރައްޔިތުންގެ ހާއްސަ މަޖިލީހުން އޭރު އެކުލަވައިލުމުގެ މަސައްކަތް ކުރަމުންދިޔަ ފެހި ގާނޫނުއަސާސީގެ ދަށުން ދިވެހިރާއްޖޭގައި ވެރިކަން ހިންގާނެ ނިޒާމެއް ކަނޑައެޅުމަށެވެ.
ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމެއް ކަނޑައެޅުމަށްޓަކައި، ރައްޔިތުންގެ ހިޔާލު ހޯދަން ހާއްސަ މަޖިލީހުގެ އަގުލަބިއްޔަތުން ފާސްކުރީ އެ މަޖިލީހުގެ 93 ވަނަ ޖަލްސާގައި ޖޫން 18، 2006 ގަ އެވެ. އެ މަޖިލީހުގެ ނިންމުމާ އެއްގޮތަށް އެކަން ކޮށްދިނުމަށް އެދި އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމްއަށް، ހާއްސަ މަޖިލީހުގެ ރައީސް، އައްބާސް އިބްރާހިމް ހަމަ އެ ހަފުތާގެ ބުދަ ދުވަހު ސިޓީއެއް ފޮނުއްވި އެވެ.
އެ ސިޓީގައި އައްބާސް އެދިވަޑައިގެންނެވީ ހާއްސަ މަޖިލީހުގެ ނިންމުމާ އެއްގޮތަށް ދިވެހިރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމެއް ކަނޑައެޅުމާ ބެހޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގޭނެ ގޮތެއް ހައްދަވައިދެއްވުމަށެވެ.
"ދިވެހިރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާ ބެހޭގޮތުން ގޮތެއް ނިންމާންވާނީ، ރައްޔިތުންގެ އާންމު ވޯޓަކަށް، (ޕަބްލިކް ރިފަރެންޑަމްއަކަށް) ގޮސްގެން ކަމުގަ އާއި އަދި މިކަމާބެހޭ މައުލޫމާތު ފަތުރައި މައިގަނޑު ދެ ނިޒާމުގައިވާ ރަނގަޅު ސިފަތަކާއި ނުރަނގަޅު ސިފަތައް ވަރަށް ރަނގަޅަށް ރައްޔިތުންނަށް ދޭހަކޮށްދީ، އެކަމާބެހޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށްދަހު ރައްޔިތުންގެ އާންމު ވޯޓަކަށް މި މައްސަލަ ހުށަހަޅައި، އަދި އެ ވޯޓެއްގެ ނަތީޖާ ދައްކާގޮތަށް ރާއްޖޭގައި ބާއްވަން ފެންނަ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށެވެ،" ހާއްސަ މަޖިލީހުން ފާސްކުރި އިބާރާތުގައިވެ އެވެ.
ނަމަވެސް، ހާއްސަ މަޖިލީހުގެ ރައީސްގެ އެ ސިޓީގައި އެދިވަޑައިގެންނެވި ގޮތަށް، އަކުރުން އަކުރަށް އެ އިބާރާތާއެކު ކުރިއަށް ވަޑައިގަތުމުގެ ބަދަލުގައި އައްބާސްގެ ސިޓީގެ ޖަވާބުގައި ރައީސް މައުމޫން ޖޫން 29، 2006 ގައި ސިޓީއެއް ފޮނުއްވި އެވެ.
އެ ސިޓީގައި މައުމޫން ލިޔުއްވާފައި އޮތީ، މަޖިލީހުގެ ބަހުސްތައް ބެއްލެވުމުން މައިގަނޑު ދެ ނިޒާމުކަމަށް ވިދާޅުވެފައި އެ ވަނީ ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމަށްކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އެހެންނަމަވެސް، މަޖިލީހުން ފާސްކުރި އިބާރާތުގައި ސީދާ އެ ދެ ނިޒާމުގެ ނަން ހިމަނާފައި ނުވާތީ އެކަން އިސްލާހު ކުރެއްވުމަށް މައުމޫންގެ ސިޓީގައި އެދިވަޑައިގެންނެވި އެވެ.
"މިސާލަކަށް ދަންނަވާނަމަ، މައިގަނޑު ދެ ނިޒާމުގެ ރަނގަޅު ސިފަތަކާއި ނުރަނގަޅު ސިފަތައް ވަރަށް ރަނގަޅަށް ރައްޔިތުންނަށް ދޭހަކޮށްދީ، އެކަމާބެހޭ މައުލޫމާތު ރައްޔިތުންނަށް ފޯރުވައިދިނުމަށް ވިދާޅުވެފައިވާއިރު، އެ ދެ ނިޒާމަކީ ކޮބައިކަމެއް އެ އިބާރާތަކުން އެނގޭކަށެއް ނެތެވެ. މަޖިލީހުގައި ހިނގި ބަހުސަށް ބަލާއިރު، މައިގަނޑު ދެ ނިޒާމު ކަމަށް ވިދާޅުވެފައި އެވަނީ، ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމަކަށް ކަމަށް އަޅުގަނޑަށް ވިސްނެ އެވެ. އެހެންނަމަވެސް، ރައްޔިތުންގެ ހިޔާލަށް އެދި މި މައްސަލަ ފޮނުވާއިރު، އެ ދެ ނިޒާމުގެ ނަން ކަނޑައެޅިގެން ބަޔާންވެފައި އޮންނަން ވާނެ ކަމަށް އަޅުގަނޑު ދެކެމެވެ،" މައުމޫން ފޮނުއްވި ސިޓީގައި ލިޔުއްވާފައިވެ އެވެ.
ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާ ބެހޭގޮތުން އާންމުންގެ ވޯޓަކަށް ގޮސްފައި ވަނީ، މައުމޫން އެދިވަޑައިގެންނެވި ގޮތަށް، ދެ ނިޒާމަކީ ކޮބައިކަން ރައްޔިތުންނަށް ސާފުކޮށް އެނގޭ ގޮތަށް ބަޔާންކޮށް، ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ކޮމިޓީއެއް އިސްވެ އޮވް، އެ ވޯޓުގައި ރައްޔިތުންގެ ކިބައިން އެހި ކަންކަމާ ބެހޭގޮތުން ރައްޔިތުން ހޭލުންތެރި ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރި އެވެ.
އެގޮތުން ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމުގެ މައުލޫމާތު ހިމެނޭ ފޮތާއި ލީފްލެޓު ބަހައި މުޅި ރާއްޖޭގައި އެކަމާ ބެހޭ ޕޯސްޓަރުތައް ބަހައްޓާފައިވެ އެވެ. އަދި، ތީވީ އާއި ރޭޑިއޯ މެދުވެރިކޮށް ދެ ނިޒާމާ ބެހޭ މައުލޫމާތު ހަމަހަމަކަމާއެކު ގެނެސްދީފައިވެ އެވެ.
ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާ ބެހޭގޮތުން އާންމުންގެ ވޯޓެއް ނެގީ، އެ ވޯޓު ނަގަން ހާއްސަ މަޖިލީހުން ފާސްކުރިތާ 14 މަސްދުވަސް ފަހުން އޯގަސްޓު 18، 2007 ގަ އެވެ.
މުއިއްޒުގެ އެ ޕޯސްޓުގައި ރިއާޔަތް ކޮށްފައި އެ ވަނީ، ރައްޔިތުންގެ ހިޔާލު ހޯދުމަށް ނެގި ވޯޓަށް މީހުން ހޭލުންތެރި ކުރުމަށް ހޭދަކުރި މުއްދަތާއި އެ ވޯޓުގައި އެހި ސުވާލު ވަރަށް ތަފުސީލުކޮށް އޮތް އޮތުމަށެވެ.
މާދަމާ ނަގާ ވޯޓަކީ ފެބްރުއަރީ 10، 2026 ގައި މަޖިލީހުން ފާސްކުރި އިސްލާހެއް ތަސްދީގު ކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓެކެވެ. މަޖިލީހުން ފާސްކުރި އިސްލާހު ތަސްދީގުކުރުމަށް ނަގާ ވޯޓުގައި އަހާ ސުވާލުގައި އޮތީ އޮތީ ދެ އިންތިހާބު އެއް ދުވަހެއްގެ ބޭއްވުމާއި މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި ފާސްކޮށްފައިވާ ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކުރަން ފެނޭތޯ އެވެ.
ނަމަވެސް، އެ ސުވާލާ ގުޅިގެން ގާނޫނީ ބޭފުޅުން ވަނީ ސުވާލު އުފައްދައިފަ އެވެ. އެ ބޭފުޅުން ވިދާޅުވެފައި ވަނީ ގާނޫނުއަސާސީ އަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލުގައި ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ އިމުގެ ބޭރުން ވެސް ކަންކަން ހިމަނާފައިވާ ކަމަށާއި އެހެންކަމުން މުޅި ބިލު ތަސްދީގު ކުރަން ފެނޭތޯ އެހުމަކީ ގާނޫނުއަސާސީއަށް ގެނެވޭ ހަގީގީ ބަދަލު ރައްޔިތުންނަށް ވަންހަނާވެގެންދާނެ ކަމެއް ކަމަށެވެ.
ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކޮށްފައި އޮންނަނީ، އެ މާއްދާގައި ބަޔާން ކޮށްފައިވާ ފަސް ކަމަކަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަކުން ކަމަށެވެ. އެހެންކަމުން، މާދަމާ ރައްޔިތުންނާ ކުރިމަތިކުރާ ސުވާލުގައި ވަރަށް ސާފުކޮށް "ގާނޫނުއަސާސީއަށް އިސްލާހު ގެންނަން" ފެނޭތޯ ނުވަތަ ނޫންތޯ އަހަންޖެހޭ ކަމަށް އެމީހުން ދެކެ އެވެ.
އަނެއްކަމަކީ، އާންމުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓަށް މީހުން ހޭލުންތެރި ކުރުވުމަށް އޮތް މުއްދަތެވެ. ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގަން، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ގަރާރު ނެރުއްވީ ފެބްރުއަރީ 17، 2026 ގަ އެވެ. އެ ދުވަހުން ފެށިގެން މާދަމާއާ ދެމެދު ހޭދަވާނީ ޖުމުލަ 46 ދުވަހެވެ.
އެހެންކަމުން، އެއީ އެފަދަ ބޮޑު ނިންމުމެއްގެ ކުރިން، ރައްޔިތުން ހޭލުންތެރި ކުރުވުމަށް އެކަށީގެންވާ މުއްދަތެއް ނޫންކަމަށް ގިނަ މީހުން ދެކެ އެވެ.









