މުޅި ރާއްޖެއިން ސިމެންތި ހުސްވުމާ ގާތަށް ގޮސް ބަސްތާއެއްގެ އަގު 250 ރުފިޔާއިން މައްޗަށް އަރައިފި

Mar 24, 2026, 4:49 AM
މުޅި ރާއްޖެއިން ސިމެންތި ހުސްވުމާ ގާތަށް ގޮސް ބަސްތާއެއްގެ އަގު 250 ރުފިޔާއިން މައްޗަށް އަރައިފި

މުޅި ރާއްޖެއިން ސިމެންތި ހުސްވުމާ ގާތަށް ގޮސް، ސިމެންތި ބަސްތާއެއްގެ އަގު 250ރ. އިން މައްޗަށް އަރައިފި އެވެ.

އިޒްރޭލާއި އެމެރިކާއިން އިރާންއާ ދެކޮޅަށް ފެށި ހަނގުރާމައިގައި ހޮރުމޫޒު ކަނޑުއޮޅި ބަންދު ކުރުމުގެ ކުރިން ރާއްޖޭގައި ސިމެންތި ބަސްތާއެއް ވިއްކަމުން އައީ 90ރ. އާއި 100ރ. އާ ދެމެދުގެ އަގެއްގަ އެވެ.

އެކަމަކު، ހަނގުރާމައިގެ ސަބަބުން ސިމެންތި ވިއްކާ ބޮޑެތި ކުންފުނިތަކުން ވަނީ ސިމެންތި ހުސްވެފަ އެވެ. އޭގެ ތެރޭގައި ދައުލަތުގެ ކުންފުނި އެސްޓީއޯ އަދި އެޕޯލޯ ހިމެނެ އެވެ. މިވަގުތު ސިމެންތި ލިބެނީ ހަމައެކަނި ވިލާ ހަކަތައިންނެވެ.

ވިލާއިން ސިމެންތި ބަސްތާއެއް ވިއްކަނީ 254ރ. އަށެވެ. އެކަމަކު ވިލާގެ ހުޅުމާލެ ބްރާންޗުން ސިމެންތި ބަސްތާއެއް ވިއްކަނީ 237ރ. އަށެވެ. އެހެންކަމުން އެއީ 154 ޕަސެންޓާއި 137 ޕަސެންޓުގެ އިތުރުވުމެކެވެ.

ސިމެންތީގެ އަގުބޮޑުވީ ހަނގުރާމައާ ގުޅިގެން ތެލުގެ އަގުބޮޑުވުމާއި ފްރައިޓުގެ އަގު މަތިވުމުންނެވެ.

އަދަދު އަށް މައުލޫމާތު ލިބިފައިވާ އެސްޓީއޯ އާއި އެޕޯލޯއިން ސިމެންތި ގެންނަމުން ދިޔައީ މެދުއިރުމަތިންނެވެ. ވިލާއިން ސިމެންތި ގެންނަނީ އިންޑޮނީޝިއާއިންނެވެ.

ސިމެންތީގެ އިތުރުން ދަގަނޑުގެ ތާށިކަން ވެސް ވަރަށް ބޮޑުވެފައިވާ ކަމަށް މި ނޫހާ ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ބުންޏެވެ. ވިޔަފާރިވެރިން ބުނަނީ ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ބޭނުންވާ ހުރިހާ މުދަލެއްގެ އަގު ވެސް ގާތްގަނޑަކަށް 30 ޕަސެންޓު ބޮޑުވެއްޖެ ކަމަށެވެ.

އޭގެ އިތުރުން، މާލޭ ބަނދަރުން މުދާ ކޮންޓެއިނަރުތައް ކްލިއާ ނުކުރެވޭ މައްސަލަ ވެސް ވަނީ ވަރަށް ބޮޑުވެފަ އެވެ. ކޮންޓެއިނަރު އެކަށީގެންވާ އަވަސް މިނެއްގައި ކްލިއާ ނުކޮށްދޭ ކަމަށް މި ނޫހާ ވާހަކަ ދެއްކި ވަރަށް ގިނަ ވިޔަފާރިވެރިން ބުންޏެވެ.

ފަތުރުވެރިކަން ނެގުމަށްފަހު ކޮންސްޓްރަކްޝަން އިންޑަސްޓްރީ އާއި މަސްވެރިކަމަކީ ރާއްޖޭގެ އިގްތިސާދަށް އެންމެ ބޮޑު ހިއްސާއެއްދޭ ދެ އިންޑަސްޓްރީ އެވެ. ކޮންސްޓްރަކްޝަން އިންޑަސްޓްރީއަކީ ރާއްޖޭގެ ޖީޑީޕީގެ 5.5 ޕަސެންޓެވެ.

ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި ބޭނުންކުރާ ތަކެތީގެ އަގުބޮޑުވިއިރު، ތެލާއި ކާބޯތަކެއްޗާއި ދަތުރުފަތުރާއި ނާލު ވެސް ވަނީ އަގުބޮޑުވެފަ އެވެ. ދަތުރުފަތުރާއި ނާލުން އަގުބޮޑުވީ ސަރުކާރުން ތެލުގެ އަގު ބޮޑުވުމުންނެވެ.

އެފްއެސްއެމް އިން އެއްގަމުގައި ހިންގާ ތެޔޮ ޝެޑުތަކުން ވިއްކާ ތެޔޮ ފިޔަވައި އެހެން ހުރިހާ ތެލެއްގެ އަގު ވަނީ ބޮޑުކޮށްފަ އެވެ. މި ހިނގާ މާޗް މަހު ދެ ފަހަރަށް އަގު އުފުލުމުން ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީި 100 ޕަސެންޓު އުފުލިފަ އެވެ. އަދި ޑީސަލް ލީޓަރެއްގެ އަގު ވަނީ 103 ޕަސެންޓު އުފުލިފަ އެވެ.

މިހާރު ޕެޓްރޯލް ލީޓަރެއް ލިބެނީ 27.13ރ. އަށެވެ. ޕެޓްރޯލް ލީޓަރެއް ކުރިން ވިއްކީ 13.50ރ. އަށެވެ. އެހެންކަމުން އެއީ 100.96 ޕަސެންޓުގެ ކުރިއެރުމެކެވެ. ޑީސަލް ލީޓަރެއް މިހާރު ލިބެނީ 28.32ރ. އަށެވެ. ކުރިން ވިއްކީ 13.92ރ. އަށެވެ. އެއީ 103 ޕަސެންޓުގެ ކުރިއެރުމެކެވެ.

މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ތަކެތީގެ އަގު އުފުލެމުންދާއިރު، ހަނގުރާމައިގެ މާ ބޮޑު އަސަރެއް ދިވެހިންނަށް ނުކުރާނެ ފަދަ މޭރުމަކުން ރައީސް މުހައްމަދު މުއިއްޒު ވަނީ ވާހަކަ ދައްކަވައިފަ އެވެ. ހަނގުރާމަ ފެށުނު ފަހުން މާޗް 2، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ އިގްތިސާދު އޮތީ ދުޅަހެޔޮކޮށް ކަމަށާއި އެމަނިކުފާނުގެ ކަންބޮޑުވުމެއް ނެތް ކަމަށެވެ.

"ދެން، ވަރަށް ހެލްތީކޮށް އަޅުގަނޑުމެންގެ އިގްތިސާދު އޮތީ މި ވަގުތު. އެހެންވީމާ، އިރާދަކުރެއްވިއްޔާ ކަންބޮޑުވުމެއް ނެތް އަދި. އެހެންނަމަވެސް، އަޅުގަނޑުމެން ވާސްޓް ކޭސްއަށް ވެސް ތައްޔާރުވަމުން މިދަނީ،" މުއިއްޒު ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox