މައުމޫން އާއި ސިޔާސީ ހައްޔަރީން ޖަލުގައި އުޅުއްވި ގޮތުގެ ހާލު ކިޔައިދެއްވި ގޮތް މުއިއްޒު ބަދަލު ކުރައްވައިފި

ރައީސް މުއިއްޒު ޕީއެންސީގެ ކޮންގްރެސްގައި: ކުރިން ވިދާޅުވީ މައުމޫން

ރައީސް މުއިއްޒު ޕީއެންސީގެ ކޮންގްރެސްގައި: ކުރިން ވިދާޅުވީ މައުމޫން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައްޔަރު ކުރި އެމަނިކުފާނުގެ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އެހެނިހެން ސިޔާސީ ހައްޔަރީން ޖަލުގައި އުޅުއްވި ގޮތުގެ ހާލު ކިޔައިދެއްވި ގޮތް ރައީސް މުހައްމަދު މުއިއްޒު ބަދަލު ކުރައްވައިފި އެވެ. 

މުއިއްޒަކީ، އެއިރުގެ ރައީސް ޔާމީންގެ ފޮނުއްވައިގެން ރައީސް މައުމޫން އާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއްގެ ހާލު ބަލަން ޖަލަށް ވަޑައިގެންނެވި މަންދޫބެވެ. އެއިރު މުއިއްޒަކީ ހައުސިން މިނިސްޓަރެވެ. 

ޔާމީންގެ މަންދޫބެއްގެ ހައިސިއްޔަތުން ޖަލަށް ވަޑައިގެން ތަޖުރިބާ ކުރެއްވި ކަންކަމުގެ ވާހަކަ މުއިއްޒު ވަނީ ވެރިކަން ކުރާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ މަތީ މަޖިލިސް ނިންމަން ބޭއްވި ޖަލްސާގައި ދައްކަވާފަ އެވެ. 

Advertisement

ރައީސް ޔާމީންއަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މައުމޫން އާއި ފަނޑިޔާރުން ތިއްބެވީ "ކުޑަ ގޮޅީގައި" ނުވަތަ "ވަރަށް ހާލުގައި" ކަމަށެވެ. 

"[ރައީސް މައުމޫންގެ އިތުރުން] ދެން މި ތިބީ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރަކާ. މި ބޭފުޅުން މި ތިބީ ހަމަ ކުޑަ ގޮޅީގައި. ނޫނީއްޔާ ވަރަށް ހާލުގައި. ދެން އެބޭފުޅުން ވިދާޅުވި ވާހަކަތައް އަޅުގަނޑު ވަގުތުން ނުކުމެ ދެންނެވީ. އަޅުގަނޑާ ހަވާލު ކުރި ކަންތައް، އަޅުގަނޑު އަމިއްލައަށް ތަޖުރިބާކުރި ކަންތައް މިއީ،" ހުކުރު ދުވަހު ރައީސް ވިދާޅުވި އެވެ.

ޖަލުގައި ތިއްބެވި ބޭފުޅުން ކައިރިއަށް ޒިޔާރަތް ކުރެއްވިއިރު "ވަރަށް އުނދަގޫ އިހުސާސެއް" ކުރިމަތިވެވަޑައިގެންނެވި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. 

"އަޅުގަނޑަށް ވަރަށް އުނދަގޫ އިހުސާސެއްވީ. މި ތިއްބެވީ، އެއް ބޭފުޅަކީ ގައުމުގައި 30 އަހަރު ވެރިކަން ކުރައްވާފައިވާ ބޭފުޅެއް ވަރަށް ގިނަ ހިދުމަތް ކުރައްވާފަ. ނޮވެމްބަރު ތިނެއްގެ ހާދިސާގައި ގައުމު ސަލާމަތް ކުރެއްވި ވެރި މީހާ. އެހެން ގޮސް އެތައް ހިދުމަތެއް ކުރައްވާފައި ހުންނެވި ބޭފުޅެއް،" އެމަނިކުފާނު ވިދާޅުވި އެވެ. 

އެހެންނަމަވެސް ޔާމީންގެ މަންދޫބެއްގެ ގޮތުގައި ފެބްރުއަރީ 14، 2018، ގައި ޖަލަށް ވަޑައިގަތުމަށްފަހު އެއިރު މުއިއްޒު ވާހަކަ ދެއްކެވީ އެގޮތަކަށް ނޫނެވެ. "އުނދަގޫ އިހުސާސެއް" ކުރިމަތިވެވަޑައިގެންނެވި ވާހަކައެއް އެއިރަކު ހާމައެއް ނުކުރައްވަ އެވެ. ރައީސް މައުމޫން ނުވަތަ އެއްވެސް ބޭފުޅަކު "ވަރަށް ހާލުގައި" ތިއްބެވި ވާހަކައެއް ވެސް ވިދާޅެއްނުވެ އެވެ. 

ޖަލަށް ކުރެއްވި ޒިޔާރަތަށް ފެބްރުއަރީ 15، 2018، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ދެއްކެވީ ޖަލުގެ އިންތިޒާމްތައް ރަނގަޅު ވާހަކަ އެވެ. ރައީސް މައުމޫން އާއި ދެ ފަނޑިޔާރުންނަށް ބޭސްފަރުވާގެ ހިދުމަތްތައް ލިބިވަޑައިގަންނަވާ ގޮތުގެ ފުރިހަމަ ވާހަކަ އެވެ. 

"ސޯފާގައި އިށީންދެވަޑައިގެން އިންނަވައިގެން [މައުމޫން] މައުލޫމާތު ދެއްވީ. ވިދާޅުވީ ދޫނިދޫގައި ހުންނެވި އިރު ހުންނެވި ތަނަށް ވުރެ މިހާރު މާފުށީ ޖަލުގައި ހުންނެވި ތަން އެތައް ގޮތަކުން ރަނގަޅު ކަމަށް. އަދި ވިދާޅުވި ހުރިހާ ވަސީލަތްތައް ވެސް ވަރަށް ފުރިހަމައަށް ލިބިވަޑައިގަންނަވާ ކަމަށް،" މުއިއްޒު ވިދާޅުވި އެވެ.

"ރައީސް މައުމޫން ވިދާޅުވީ ޑޮކްޓަރަކަށް ދައްކަން ބޭނުންވެއްޖެ ނަމަ ރިކުއެސްޓް ކުރާތަނުން ހަމަޖެފައޭ ވަނީ މިހާތަނަށް، ދެން ދޫނިދޫގައި ހުރި ތަނަށް ވުރެ އެތައް ގޮތަކުން މާފުށީގައި ހުންނެވި ތަން މާ ފުރިހަމަ ކަމާއި އިންތިޒާމުތައް ވަރަށް ރަނގަޅު ކަމަށް ހަމަ ތަކުރާރުކޮށް އަޅުގަނޑު ގާތުގައި ވިދާޅުވި."

ފަނޑިޔާރު އަލީ ހަމީދުގެ ވާހަކަ ވެސް މުއިއްޒު އެއިރު ވިދާޅުވި އެވެ. އެއިރު އެމަނިކުފާނު ވިދާޅުވީ، އަލީ ހަމީދަށް ވެސް ޖަލުގައި ހުރިހާ ހިދުމަތްތަކެއް ވަރަށް ފުރިހަމައަށް ލިބޭ ކަމަށެވެ. 

"އަލީ ހަމީދު ވިދާޅުވީ ތިމަންނައަކީ ވަރަށް ކުރީއްސުރެއް ވަކި ގޮތަކަށް ކެއުމުގެ ކަންކަން ބައްޓަން ކުރަން ޖެހޭ މީހަކަށްވީމަ އެކަން ރިކްއެސްޓް ކުރުމުން އެކަން ވެސް ހަމަޖައްސައިދިނޭ، އަދި އަޅުގަނޑު ކުރިމަތީ ހުރި މިނިރަލް ވޯޓާ ފުޅިއަށް އިޝާރާތް ކުރެއްވުމަށް ފަހު ވިދާޅުވީ މިކަހަލަ ފެނޭ ތިމަންނައަށް ބޯން ވެސް ދެނީ، އަދި އަވަހާރަފުޅު ލައްޕަވާއިރު ބޭނުން ކުރަން ޖެހޭ ފަރުވާއެއް އޮވެއޭ، ނޭވާލުމުގައި އޮންނަ ދަތިކަމަކާ ހެދި، އެ ފަރުވާ ވެސް ކޮންމެ ރެއަކު ލިބެއޭ،" މުއިއްޒު ވިދާޅުވެފައިވެ އެވެ.

ރައީސް ޔާމީންގެ މަންދޫބުގެ ހައިސިއްޔަތުން އެއިރު ޖަލަށް ވަޑައިގެން މުއިއްޒު އަމަލު ކުރެއްވި ހަރުކަށި ގޮތުގެ ވާހަކަ ވެސް އެމަނިކުފާނު އެއިރު ހާމަ ކުރެއްވި އެވެ. އެގޮތުން، ހާލު ކިޔައިދިނުގެ އިތުރުން އެއްވެސް އެހެން ވާހަކައެއް ދެއްކުމުގެ ފުރުސަތު ސިޔާސީ ހައްޔަރީންނަށް އެމަނިކުފާނު ދެއްވާފައިނުވާނެ ކަމަށް ވެސް މުއިއްޒު އެއިރު ވިދާޅުވި އެވެ. 

"އަޅުގަނޑު އެ ތިން ބޭފުޅުން ގާތަށް ދިޔަ މަގުސަދަކީ ހާލު ބެލުން. އެކަމާ ބެހޭ ކަންކަން އޮޅުން ފިލުވުމަށް އަޅުގަނޑު ކުރި ސުވާލުތަކަށް އެ ބޭފުޅުން ޖަވާބު ދެއްވި. އަދި އޭގެ އިތުރަށް އެ ބޭފުޅުން އަމިއްލަފުޅަށް ސިޔާސީ ގޮތުން ދައްކަން ބޭނުންފުޅު ވެގެން ބައެއް ވާހަކަތައް ދަައްކަވަން މަސައްކަތް ކުރެއްވި، އެހެން ނަމަވެސް އެއީ އަޅުގަނޑު ކުރަން ދިޔަ ކަމެއް ނޫން، އަޅުގަނޑާ ހަވާލު ކުރެއްވި މަސައްކަތްކޮށްފައި އަޅުގަނޑު އެނބުރި އައީ، ރައީސަށް ވެސް ދެންނެވީ އަޅުގަނޑާ ހަވާލު ކުރި މަސައްކަތާ ގުޅިގެން އެ ބޭފުޅުން ދެއްކެވި ވާހަކަތައް،" މުއިއްޒު ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox