މި ސަރުކާރުގެ ދައުރުގެ ތެރޭގައި ބޯހިޔާވަހިކަން ބޭނުންވާ އެންމެނަށް ބޯހިޔާވަހިކަން ހޯދައިދޭން ރައީސް މުހައްމަދު މުއިއްޒު ވެފައިވާ ވައުދު ފުއްދަން ސަރުކާރުން ގެންގުޅޭ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތު މިރޭ އިފްތިތާހުކޮށްފި އެވެ.
ހައުސިން މިނިސްޓްރީން ބުނި ގޮތުގައި މި ސިޔާސަތުގެ މަގުސަދަކީ ދިވެހި ކޮންމެ އާއިލާއަކަށް ވެސް އަބުރުވެރި ކަމާއެކު ދިރިއުޅެވޭނެ މަގުފަހިކޮށްދިނުމެވެ. އަދި، މިއީ "ހައުސިން އެކްސެސިބިލިޓީ" އަދި "ހައުސިން އެފޯޑަބިލިޓީ" ގާއިމުކޮށްދޭނެ ސިޔާސަތެއް ކަމަަށް ވެސް، މިނިސްޓްރީން ބުންޏެވެ.
ބޯހިޔާވަހިކަން އެންމެނަށް ސިޔާސަތު އިފްތިތާހުކުރަން ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު އަބްދުﷲ މުއްތޮލިބު ވަނީ މިއީ ވަރަށް ގިނަ ދިވެހި ރައްޔިތުންތަކެއް ދެކެމުން އަންނަ ހުވަފެނެއް ހަގީގަތަކަށް ހަދައިދޭން މި ސަރުކާރުން ފެށި ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.
"ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ވެސް ހުވަފެނަކީ އަމިއްލަ ބޯހިޔާވަހިކަމެއް ލިބުން. ގަދަރުވެރި، ރައްކާތެރި، ހަމަޖެހޭ، ދިރިއުޅުމެއް ބިނާކުރުން،" މުއްތޮލިބު ވިދާލުވި އެވެ.
މުއްތޮލިބު ވިދާޅުވި ގޮތުގައި "ބޯހިޔާވަހިކަން އެންމެނަށް" އެއީ ހަމައެކަނި ޝިއާރެއް ނޫނެވެ. މިއީ އެއްވެސް އާއިލާއެއް ބާކީނުކޮށް، ކޮންމެ އާއިލާއަކަށް އަބުރުވެރި ދިރިއުޅުމަކަށް ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިކޮށްދިނުމުގެ އަމާޒުގައި ހިންގޭ ޕްރޮގްރާމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތު
- މާލީ ގޮތުން ފުދުންތެރި ފަރާތްތަކަށް ވިޔަފާރި އުސޫލުން ހައުސިން ޔުނިޓާއި ގޯތި ގަތުމުގެ މަގުފަހި ކުރުމަށް ފުރުސަތު ދެވޭނެ،
- މެދު ފަންތީގެ އާއިލާތަކަށް އަތްފޯރާ ފަށޑުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަސް ޓަކައި އެބޯޑަބަލް ހައުސިންއަށް ހާއްސަކޮށްގެން ޕްރޮޖެކްޓުތައް ހިންގޭނެ،
- އަމިއްލަ ބޯހިޔާވަހިކަަމެއް ގަތުމުގެ ތަނަވަސްކަން ނެތް ފަރާތްތަކަށް ރެންޓް-ޓު-އޯން މޮޑެލްގެ ދަށުން ބޯހިޔާވަހިކަން ލިބޭނެ މަގު ތަނަވަސްވާނެ، އަދި
- އެންމެ ފަގީރު އާއިލާތަކަށް ދިރިއުޅެވޭނެ ތަނެތް ނެތް އާއިލާތަކަށް ސަރުކާރުން ހަދާ އެސެސްމަންޓެއްގެ ތެރެއިން ބޯހިޔާވަހިކަން ލިބޭނެ ގޮތް ހަމަޖެހޭނެ އެވެ.
މިއީ ސަރުކާރުގެ ޖުމުލު ބޯހިޔާވަހިކަމުގެ ސިޔާސަތު ކަމަށް ބުނި ނަމަވެސް، މި ސިޔާސަތުގެ ދަށުން ހިންގާ އެންމެ ފުރަތަމަ އަދި އެންމެ މުހިންމު ކަމަށް ބުނާ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން ހިންގާ ދެ ސްކީމަކީ ވެސް މާލެއަށް ހާއްސަ ދެ ސްކީމެވެ. އެއީ މާލޭ ސަރަހައްދުން ގޯތި ދޫކުރާ ސްކީމާއި ފްލެޓު ދޫކުރާ ސްކީމެވެ.
ފްލެޓު ސްކީމް
މާލޭ ސަރަހައްދުން ފްލެޓު ދެނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ މާލޭ ރަށްވެހިންގެ ކެޓެގަރީ އާއި މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންގެ ކެޓެގަރީ އެވެ. މާލޭގެ ރަށްވެހިން ކަމުގައި ބަލަނީ އުފަންވީއްސުރެ މާލޭ ރަޖިސްޓްރީގައި ޖެހިފައިވާ މީހުންނާއި، މާލޭ ރަށްވެހިކަމުގެ ދަފްތަރުގައި ޖެހިފައިވާ މީހުންނާއި ފަހުން މާލޭގެ ގެއެއްގެ ރަޖިސްޓްރީގައި ޖެހިފައިވާ މީހުންނެވެ.
ފްލެޓު ދިނުމުގައި ސަރުކާރުން ކަނޑައަޅާފައިވާ އަސާސީ ފަސް ޝަރުތަކީ:
- ދިވެހި ރައްޔިތެއް ކަމުގައި ވުން
- އުމުރުން 18 އަހަރު ފުރިފައިވުން
- 400 އަކަފޫޓަށް ވުރެ ބޮޑު ބަންޑާރަ ނުވަތަ އަމިއްލަ ބިން ނުވަތަ ގޯތިގެދިރު މިލްކުވެފައި ނުވުން
- ރިއަލް އެސްޓޭޓު މާކެޓުން ހައުސިން ޔުނިޓެއް ގަނެފައި ނުވުން ނުވަތަ އެފަދަ ތަނެއް ގަތުމަށް އެއްބަސްވެ ފައިސާ ދައްކަމުން ނުދިޔުން
- ތިމާއަށް ނުވަތަ ފިރިމީހާ/އަނބިމީހާއަށް ކުރިން ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމެއް ލިބިފައި ނެތުން
ފްލެޓަށް އެދި ހުށަހެޅުމަށް ސަރުކާރުން ދެ މޮޑެލްއެއް ގެންގުޅެ އެވެ. އެއް މޮޑެލްއަކީ ބޭންކުތަކުން ދޫކުރާ ހައުސިން ފައިނޭންސް ފެސިލިޓީތަކަށް ޝަރުތުހަމަވާ، ފުރަތަމަ ފަހަރަށް ގެދޮރު ގަންނަ މީހުންނަށް ހާއްސަ "އެފޯޑަބަލް ހޯމް އޯނާޝިޕް މޮޑެލް" އެވެ. މިއީ ތަނަވަސް އާއިލާތަކަށް އަމާޒުކޮށް ފަރުމާކޮށްފައިވާ މޮޑެލްއެކެވެ.
ހައުސިން މިނިސްޓްރީން ވަނީ ޕޮއިންޓު ދޭނެ ދާއިރާތައް ވެސް އާންމުކޮށްފަ އެވެ. އަދި، މިއީ ވީހާ ވެސް ބޮޑަކަށް ވެރިފައި ކުރެވޭނެ ގޮތަށް ކަނޑައެޅި ދާއިރާތަކެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އެ ގޮތުން ފްލެޓު ސްކީމަށް ޕޮއިންޓު ދޭއިރު ބަލަނީ:
- މާލޭގެ ރަށްވެހިކަން ނުވަތަ ދިރިއުޅުނު މުއްދަތަށް
- އެ އާއިލާއެއްގެ ގޯތިގެދޮރުގެ މިލްކުވެރިކަން
- ގޭބިސީގެ ޖުމްލަ އާމްދަނީ
- އެ އާއިލާއެއްގެ ބެލުމުގެ ދަށުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި މައިންބަފައިންނަށް
- އާއިލާގެ ހާލަތު (ދަރިންގެ އަދަދު، ނުވަތަ ސިއްހީ ސަބަބަކާ ހެދި ދަރިން ނުލިބޭނަމަ)
ގޯތި ސްކީމް
ފްލެޓު ސްކީމެކޭ އެއް ފަދައިން ގޯތި ދޫކުރަނީ ވެސް މާލޭ ރަށްވެހިންގެ ކެޓެގަރީއަށާއި މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ އެހެން ރަށްރަށުގެ މީހުންނަށެވެ. މާލޭގައި ދިރިއުޅޭ އެެހެން ރަށްރަށުގެ މީހުންނަށް ގޯތި ދޫކުރަނީ ރަސްމާލެއިންނެވެ. މާލޭ ރަށްވެހިންނަށް ރަސްމާލެ އާއި ގްރޭޓާ މާލޭ ސަރަހައްދުގެ އެހެން ތަންތަން (ހުޅުމާލެ، ގުޅީފަޅު، ގިރާވަރުފަޅު، އުތުރުތިލަފަޅު) އިން ވެސް ގޯތި ދޫކުރެ އެވެ.
ފްލެޓު ސްކީމާ ތަފާތުކޮށް، ފަހުން މާލޭގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ގޯއްޗަށް އެދި ހުށަހެޅެނީ ރަޖިސްޓްރީ ވީތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ނަމަ އެވެ. އަދި، ނުވަ، ޝަރުތެއް ވެސް ކަނޑައަޅާފައިވެ އެވެ. އެއީ:
- ދިވެހި ރައްޔިތެއް ކަމުގައި ވުން
- އުމުރުން 18 އަހަރު ފުރިފައި ވުން
- 400 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ނުވަތަ ބިމެއް ލިބިފައި ނެތުން
- 400 އަކަފޫޓަށް ވުރެ ކުޑަ ގޯއްޗެއް ނުވަތަ ގޯތިން ބައެއް ލިބިފައިވާނަ،ަ، އެ ބިމެއް ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ދޫކޮށްލަން އެއްބަސްވުން
- މައިންބަފައިން ނުވަތަ ފަރާތުން ވާރުތައިގެ ގޮތުން ނުވަތަ ހިބައިން ބިމެއް ނުވަތަ ބިމެއް ލިބެން އޮތް ނަމަ ސަރުކާރުން ކަނޑައަޅާ ގޮތެއް މަތިން ދޫކޮށްލަން އެއްބަސްވުން
- އެއްމެދު ގޯއްޗެއް ރަޖިސްޓްރީކޮށްފައި ވާނަ،ަ، ގޯތި ބަހަގައިގެން ލިބޭ ބައި ގޯތީގެ ބާކީ ތިބި ފަރާތްތަކަށް ދޫކޮށްލުމަށް އެއްބަސްވުން
- ފާއިތުވި ފަސް އަހަރުގެ ތެރޭގައި އަމިއްލަ ނަމުގައިވާ ގޯއްޗެއް، ނުވަތަ ހައުސިން ޔުނިޓެއް، ނުވަތަ ރޯހައުސްއެއް، ނުވަތަ އެއްމެދު އިމާރާތްތަކެއް ފްލެއްޓަށް އެހެން ފަރާތްތަކަށް ވިއްކައި، ހިބައިން ދީފައި ނުވުން ނުވަތަ އެހެން ފަރާތަަކަށް ދޫކޮށްލާފައި ނުވުނަ
- އެއްމެދު އިމާރާތަކުން އަމިއްލަ ނަމުގައި ހައުސިން ޔުނިޓެއް ގަނެފައިވާ ފަރާތަަކަށް ނުވުން،
- ވެށިފަހެމާލެ ޕްރޮގްރާމުގެ ދަށުން މާލޭއިން ދޫކޮށްފައިވާ ބިމެއްގެ ބަދަލުގައި ހުޅުމާލެއިން ލިބިފައިވާ ގޯތި އެހެން ފަރާތަކަށް ވިއްކާ، ހިބައިންދީ، ދޫކޮށްލާފައި ނުވުން
ގޯތި ސްކީމަށް ޕޮއިންޓު ދިނުމުގައި ވެސް ހައުސިން މިނިސްޓްރީން ގެންގުޅެނީ ފްލެޓު ސްކީމާ އެއްގޮތް މިންގަނޑުތަކެވެ. ނަމަވެސް ގޯތި ދިނުމުގައި ގޭބިސީގެ އާމްދަނީގެ ބަދަލުގައި ބަލަނީ އުމުރުފުރާއަށެވެ.
ހައުސިން މިނިސްޓްރީން ބުނި ގޮތުގައި މި ފަހުން ރައީސް މުހައްމަދު މުއިއްޒު އިއުލާނުކުރި 7000 ފްލެޓާއި ރަސްމާލޭން ދޫކުރާ 15،000 ގޯތި ދޫކުރަނީ މި ސްކީމުތަކުގައި ކަނޑައެޅި އުސޫލުތަކުގެ ދަށުންނެވެ.













