ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބުނު ބައެއް މީހުންނަށް އެގްރިމެންޓުގައި ސޮއި ކުރަން ދައުވަތު ދިނުމަށްފަހު އެގްރިމެންޓު ހޯލްޑު ކުރަން ސަރުކާރުން އަންގާފައިވާ ކަމަށް ބުނެ އަނބުރާ ފޮނުވާލައިފި އެވެ.
އެގްރިމެންޓުގައި ސޮއި ކުރަން ފަހި ދިރިއުޅުން ކޯޕަރޭޝަނެއް ދިޔަ ބައެއް މީހުން ކައިރި މިއަދު އެ ކޯޕަރޭޝަނުން ބުނީ، އެގްރިމެންޓު "ހޯލްޑު ކުރަން" ކޮންސްޓްރަކްޝަން މިނިސްޓްރީ އިން އަންގާފައިވާތީ ސޮއި ކުރުމުގެ ކަންކަން ކުރިއަށްގެންދެވެން ނެތް ކަމަށެވެ.
"ޕޯޓަލުން އެކި މަރުހަލާތައް ކަޑައްތު ކުރަމުން މިއަދަކީ އެގްރިމެންޓުގައި ސޮއި ކުރަން ލިބުނު ދުވަސް. އެކަމަކު ދިޔައީމަ ބުނީ ހޯލްޑުކޮށްލާފައޭ އިނީ މިނިސްޓްރީ އިން އަންގައިގެން. ދެން ބުނީ މިނިސްޓްރީއަށް ދާށޭ އިތުރު މައުލޫމާތު ހޯދަން،" އެގްރިމެންޓު ނުދީ އަނބުރާ ފޮނުވާލި އެކަކު މި ނޫހާ ވާހަކަ ދައްކަމުން ބުންޏެވެ.
އޭނާ ބުނީ މިނިސްޓްރީ އަށް ދިޔުމުން ވެސް އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ނުދިން ކަމަށެވެ. އަދި އޭނާއާ ބައްދަލުކޮށްލާނެ އެއްވެސް މީހަކު ވެސް ނުވި ކަމަށް އޭނާ ބުންޏެވެ.
ފްލެޓު ލިސްޓުގައި ސޮއި ކުރަން ފެށީ މިދިޔަ ހަފުތާގަ އެވެ. އެކަމަކު އަދިވެސް ފްލެޓު ލިބޭ މީހުން ޔަގީނެއް ނުވެ އެވެ. ކުރީ ސަރުކާރުން ކަނޑައެޅި ލިސްޓަށް ފްލެޓު ދޭން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނި ނަމަވެސް، އޭގެ ތެރެއިން ބައެއް މީހުން އުނިވާނެ ކަމަށް ވެސް ސަރުކާރުން ބުނެ އެވެ. އެހެންވެ، ފްލެޓު ލިބޭނެކަމުގެ ޔަގީންކަމެއް އަދި އެއްވެސް މީހަކަށް ނުލިބެ އެވެ.

އެކަމަކު، ފްލެޓު ލިބޭނެ މީހުންގެ ސާފުސީދާ ލިސްޓެއް އާންމު ކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދެކެވެ.
"އަދަދުތަކާއެކީ، އަޅުގަނޑުމެން ލިސްޓް ނެރޭއިރުގައި، ކޮންމެ މީހެއްގެ ނަން ކައިރީގައި އޮންނާނެ ތަފްސީލު. ތަފްސީލާއެކީ އަޅުގަނޑުމެން ނެރޭނީ. ވަރަށް ދެފުށް ފެންނަ ލިސްޓެއް ނެރޭނަން އަޅުގަނޑުމެން. ކޮންމެ މީހެއްގެ ތަފްސީލު. ހޮވުނު ގޮތް ވިޔަސް، ނުހޮވުނު ގޮތް ވިޔަސް އޮންނާނެ،" ނޮވެމްބަރު 17، 2024 ގައި ރައީސް ލައިވް ޓީވީގައި ވިދާޅުވި އެވެ.
ފްލެޓު ހަވާލު ކުރުމުގެ އެގްރިމެންޓު ވެސް ސަރުކާރުން ފަރުމާކޮށްފައި ވަނީ ވަރަށް ނުރައްކާތެރިކޮށް ކަމަށް، ފްލެޓު ލިބުނު މީހުންގެ ހައްގުތައް ރައްކާތެރިކަން މަސައްކަތް ކުރާ ފަހި ޔޫނިއަން ޖަމިއްޔާއިން ބުނެ އެވެ. އެގްރިމެންޓު ހަދާފައި ވަނީ، ކިތަންމެ ގިނަ ދުވަހަކު ކުލި ދެއްކުމަށްފަހު ވެސް ޕޭމަންޓެއް ނުދެއްކިއްޖެ ނަމަ ފްލެޓު އަތުލެވޭ ގޮތަށެވެ.
އޭގެ އިތުރުން، ފްލެޓަށް ކޮންމެ މަހެއްގެ 10 ގެ ކުރިން ކުލި ނުދެއްކިއްޖެ ނަމަ ޖޫރިމަނާތަކެއް އަރާ ގޮތަށް ވެސް ވަނީ އެގްރިމެންޓުގައި ހިމަނައިފަ އެވެ.














