ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވުމުން ނ. ވިހަފަރު ފަޅުގައި އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ވައުދު ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ އާކޮށްފި އެވެ.
ރައީސް މުއިއްޒު ނ. އަތޮޅަށް ކުރައްވާ ދަތުރުގައި ރޭ ހޮޅުދޫ ރައްޔިތުންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ "ވިހަފަރުގައި އެއާޕޯޓެއް އެޅުމުގެ އަމަލީ މަސައްކަތް މި އަންނަ އަހަރުގެ ކުރީކޮޅުގައި ފެށުމަަށް އަޅުގަނޑު ނިންމާފައިވާކަން، އިރާދަކުރެއްވިއްޔާ އެގޮތަށް ފަށާނެކަން ތިބޭފުޅުންނަށް އަޅުގަނޑު މި ޖަލްސާގައި އިއުލާނު ކުރަން،" ކަމަށެވެ.
އެ އެއާޕޯޓެއް އެޅުމުގެ ވައުދު މުއިއްޒު ފުރަތަމަ އިއުލާނު ކުރެއްވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ނ. ވެލިދޫގައި ބޭއްވި ޖަލްސާގަ އެވެ.
އެ އެއާޕޯޓުގެ ސަބަބުން ވެލިދޫ، ހޮޅުދޫ، ފޮއްދޫ އަދި މުޅި އެ ސަރަހައްދާއި އަތޮޅަށް ފައިދާ ކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެ ވައުދު އޭރު އިއުލާނު ކުރެއްވިއިރު ވެސް ވެލިދޫ ކައިރީގައި އޮންނަ ވިހަފަރު ފަޅަކީ ނ. ރާފުށީގެ އެއްބަސްވުމުގައި ހިމަނައި، އެ ރަށުގައި ތަރައްގީކުރާ ރިސޯޓުގެ ސީޕްލޭން އޮޕަރޭޝަންތަކުގައި ބޭނުންކުރަން ދޫކޮށްފައިވާ ފަޅެއްކަން މުއިއްޒަށް ވެސް އެނގިވަޑައިގަންނަވަ އެވެ.

ރިޔާސީ އިންތިހާބުގައި ވެލިދޫގައި ވާހަކަ ދައްކަވަމުން އޭރު މުއިއްޒު ވިދާޅުވީ އެއާޕޯޓު އެޅުމަށް އެ ފަޅު ހޯދުމުގެ މަަސައްކަތް ގާނޫނީ ހަމަތަކުގެ މަތިން ކުރައްވާނެ ކަމަށެވެ.
މި ސަރުކާރުން އަލަށް އެއާޕޯޓު އަޅަން ނިންމި ރަށްރަށާއި ފަޅުތަކުގެ ތެރޭގައި ވިހަފަރު ހިމަނައި، 2024 ގައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރު އިއުލާނު ކުރެއްވި އެވެ. ނަމަވެސް މި ސަރުކާރުގައި މި ވޭތުވެދިޔަ މުއްދަތުގައި އެ މަޝްރޫއުގެ އަމަލީ އެއްވެސް މަސައްކަތެއް ނުފަށަ އެވެ.
އަންނަ އަހަރު އަމަލީ މަސައްކަތް ފަށައި އެންމެ ގިނަ ވެގެން ދެ އަހަރުގެ ތެރޭގައި ވިހަފަރު އެއާޕޯޓު ނިންމާނެ ކަމަށް ރައީސް ރޭ ވިދާޅުވި ނަމަވެސް އެ ފަޅު ސަރުކާރަށް އަނބުރައި ހޯދިކަން އިއުލާނު ކޮށްފައެއް ނުވެ އެވެ. އަދި އަނބުރާ ހޯދާފައިވާ ނަމަ އެ ހޯދި ގޮތެއް ވެސް ހާމައެއް ނުކުރެ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ 30 މިނެޓުން ދަތުރު ކުރެވޭ ދުރުމިނުގައި އެއާޕޯޓުތައް ތަރައްގީ ކުރުމަކީ މި ސަރުކާރުގެ ވެސް ސިޔާސަތެއް ކަމަށެވެ.
ނ. އަތޮޅުގެ ދަތުރުގައި ރައީސް މުއިއްޒު ގެންދަވަނީ ގިނަ ވައުދުތަކެއް ވަމުންނެވެ. އެ ރަށްތަކަށް ރިޔާސީ އިންތިހާބުގައިވި ވައުދުތައް ނުފަށާތީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އައްބާސް ވިދާޅުވީ ވިހަފަރު އެއާޕޯޓަކީ ވެސް ލޯކަލް ކައުންސިލް އިންތިހާބަށް ޖަހާ ކަޑައެއް ކަމަށެވެ.
"ރިޔާސީ އިންތިހާބަށްވީ ވައުދުތައް މަޖިލީސް އިންތިހާބަށް ވެސް އަދި ކައުންސިލް އިންތިހާބަށްވެސް ވާ މަންޒަރު މިފެންނަނީ. ރައްޔިތުން ހަމަ އެހާ ގަމާރު ބައެއް ކަމަށްތޯ ތި ދެކިލައްވަނީ؟ ކޮންމެ އިންތިހާބަކަށް ރައްޔިތުން ހައްލަން ކަޑަ ޖަހާ އުސޫލުން ނ. ވިހަފަރު އެއާރޕޯޓް ހަދައިފި،" އައްބާސް ވިދާޅުވި އެވެ.
"ވިހަފަރު އެއާޕޯޓު ވާހަކަ ދެއްކެވިޔަސް އެއާޕޯޓުގެ ބިން ހިއްކާ އަމަލީ މަސައްކަތް ފައްޓަވާ ނިންމަވާ ރައްޔިތުންނަށް ހިދުމަތް ލިބެން ފެށީމައި ތެދު ދޮގު ޔަގީން ކުރެވޭނީ. އެނޫން ގޮތެއް ރައްޔިތުން ގަބޫލު ނުކުރާނެ."
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އޮންނާނީ 2026 ވަނަ އަހަރުގެ ކުރީކޮޅު އެވެ.













