ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ އެއް ކުންފުނި ކަމަށްވާ ސަންލޭންޑް ހޮޓެލްސް ޕްރައިވެޓް ލިމިޓެޑްގެ އެއް ހިއްސާދާރު މުހައްމަދު ނަޒީރު (ސަންލޭންޑް ނަޒީރު) ނިޔާވެއްޖެ އެވެ.
ސަންލޭންޑް ނަޒީރުގެ އާއިލާއާ އަރިސް ބޭފުޅަކު އަދަދު އަށް މިކަން ކަށަވަރުކޮށްދެއްވި އެވެ. އޭނާ ނިޔާވީ އިނގިރޭސިވިލާތުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.
ސަންލޭންޑް ނަޒީރަކީ ރާއްޖޭގެ އިސްލާހީ ހަރަކާތުގައި ވެސް ބައިވެރިވި ބޭފުޅެކެވެ. އެގޮތުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި "އޮގަސްޓު 12-13" މުޒާހަރާގެ ތެރެއިން ޖަލުގައި ވެސް އޭނާ ބަންދުކުރެވުނެވެ.
އެއަށްފަހު އުފެދިގެން އައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނެވި ޓްރޭޑް އެންވޯއިގެ މަގާމު ވެސް އޭނާ އަދާކުރެއްވި އެވެ.
ސަންލޭންޑް ކުންފުންޏަކީ 1976 ވަނަ އަހަރު އުފެދިގެން އައި ޓްރެވަލް އޭޖެންސީއެކެވެ. އެ ކުންފުނިން 1990 ގެ އަހަރުތަކުގައި ވިޔަފާރި ފުޅާކޮށް ރިސޯޓު ހިންގުމުގެ ވިޔަފާރީގެ ތެރެއަށް ވަނެވެ.
އެ ކުންފުނިން ހިންގާ ރިސޯޓުތަކުގެ ތެރޭގައި ކޮކޯ ޕާމް ދުނިކޮޅު، ކޮކޯ ބޮޑުހިތި، ބިޔާދޫ އައިލެންޑް ރިސޯޓު ހިމެނެ އެވެ. ސަންލޭންޑް ޓްރެވަލްސްގެ ދަށުން މަކުނުދޫ އައިލެންޑް ރިސޯޓު ވެސް އަންނަނީ ހިންގަމުންނެވެ.







