ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަބަބުން ގައުމު ވެއްޓިފައި އޮތް ހާލަތުން ސަލާމަތް ކުރުމަށް އިސްލާމިކް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމަށްފަހު އަދާލަތު ޕާޓީގެ ލީޑަޝިޕަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވާދަ ކުރައްވާ ނަމަ މަރުހަބާ ދަންނަވާނެ ކަމަށް އެ ޕާޓީގެ މިހާރުގެ ރައީސް، އިމްރާން އަބްދުالله ވިދާޅުވި ކަމަށް ރިޕޯޓުކުރި އެވެ.
އެކްސްގައި އިމްރާން ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަދާލަތު ޕާޓީގެ ލީޑަޝިޕަށް ވާދަކުރައްވަން ޝަހީމް ނިންމަވާފައި ވަނީ ކެބިނެޓުން ވަކިވުމަށްފަހު ކަމަށް ވާނަމަ އެކަމަށް އުފަލާއެކު މަރުހަބާ ދަންނަވާ ކަމަށެވެ.
"ރައީސް މުއިއްޒުގެ ދޯހަޅިކަމާހުރެ ގައުމު ވެއްޓިފައި މިއޮތް ހާލަތުން ސަލާމަތް ކުރުމަށް، ރައީސް މުއިއްޒުގެ ކެބިނެޓު ދޫކުރައްވައި ހާލިސްކަމާއެކު އަދާލަތު ޕާޓީގެ ލީޑަޝިޕަށް ވާދަކުރައްވާނަމަ އެކަމަށް އުފަލާއެކު މަރުޙަބާ ދަންނަވަން،" އިމްރާން ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
އިމްރާން މިފަދަ ޕޯސްޓެއް ކުރައްވާފައި މިވަނީ މިނިސްޓަރު ޝަހީމް އަލުން އަދާލަތު ޕާޓީއާ ގުޅިވަޑައިގަންނަވަން ނިންމަވައި، މި އަހަރު ފަހުކޮޅު އޮތް އެ ޕާޓީގެ ރައީސް ކަމަށް ކުރިމަތިލައްވަން ނިންމަވާފައިވާކަން އިއުލާނު ކުރެއްވުމާ ގުޅިގެންނެވެ.
ޝަހީމް އެ ޕޯސްޓާ ގުޅިގެން އަދާލަތު ޕާޓީގެ ގިނަ ބޭފުޅުންތަކެއް އަންނަނީ އޭނާއަށް ސޯޝަލްމީޑިއާގައި މަރުހަބާ ކިޔަމުންނެވެ. އޭގެތެރޭގައި އަދާލަތު ޕާޓީގެ އިސް ބައެއް ބޭފުޅުން ހިމެނެ އެވެ.

ޝަހީމް އަކީ އަދާލަތު ޕާޓީ އުފެއްދުމުގައި އެންމެ ކުރީ ސަފުގައި މަސައްކަތް ކުރެއްވި އެކަކެވެ. އޭނާ އެ ޕާޓީން ވަކިވެވަޑައިގަތީ 2015 ވަނަ އަހަރު އިމްރާން އާ ދެމެދު ހިޔާލުތަފާތުވުމަކަށްފަހު އެވެ.
އިމްރާންގެ ޕޯސްޓަށް ރައްދު ދެއްވައި ޝަހީމް ވިދާޅުވީ "ކެބިނެޓު ދޫކުރާކަށް ނުޖެހޭނެ" ކަމަށެވެ.
"އޭޕީ ލީޑަޝިޕަށް ވާދަކުރާކަށް ކެބިނެޓު ދޫކުރާކަށް ނުޖެހޭނެ. އޭޕީގެ މެންބަރެއްގެ މަގާމެއްގަ ހުންނަން ދުސްތޫރު މަނާ ނުކުރޭ. އޭޕީގެ ރައީސް ކަމަށް މެންބަރަކުން އަޅުގަނޑު އިންތިހާބު ކުރައްވައިފި ނަމަ ކޮންގްރެސް އިން ނިންމާ ގޮތަކަށް ޕާޓީއާއިގެން ކުރިޔަށް ދާނަން،" ޝަހީމް ވިދާޅުވި އެވެ.
titledesc
ނަމާދު ވަގުތު
- ފަތިސް 04:40
- އިރުއަރާ 05:54
- މެންދުރު 12:07
- އަޞްރު 15:23
- މަޣްރިބް 18:13
- ޢިޝާ 19:27












