ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދަރާފައިވާ ކުންފުނިތަކަށް ބޮޑެތި މަޝްރޫއުތައް ހަވާލު ނުކުރެވޭ ގޮތަށް ނިޒާމު ބައްޓަން ކުރަން ފިނޭންސް މިނިސްޓްރީއަށް އަންގަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އެގޮތަށް ފާސްކުރަން ހުށަހެޅީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ނުލިބި ހުރި 1.4 ބިލިއަން ރުފިޔާ އަނބުރާ ހޯދާނެ ގޮތެއް ހޯދުމަށް މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ތައްޔާރުކުރި ރިޕޯޓުގަ އެވެ. އެ ރިޕޯޓު މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 71 މެންބަރުންގެ އިއްތިފާގުންނެވެ.
މާލިއްޔަތު ކޮމިޓީން ތައްޔާރު ކުރި ރިޕޯޓުގައި ޖުމުލަ ހަތް ކަމެއް ކުރަން އަންގަން ހިމަނާފައިވެ އެވެ. އޭގެތެރެއިން ގިނަ ކަންކަމަކީ އެޗްޑީސީއަށް އެންގި އެންގުންތަކެވެ.
ނަމަވެސް ފިނޭންސް މިނިސްޓްރީއަށް ވެސް ދެކަމެއް އަންގަން މިއަދު މަޖިލީހުން ފާސްކުރި ރިޕޯޓުގައި ހިމަނާފައިވެ އެވެ.
އެއީ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދަރާފައިވާ ކުންފުނިތަކަށް ސަރުކާރުގެ ބޮޑެތި މަޝްރޫއުތައް ހަވާލު ނުކުރެވޭ ގޮތަށް ނިޒާމު ބައްޓަން ކުރުމަށާއި އެޗްޑީސީއަށް ދަރާފައިވާ ކުންފުނިތަކަށް ސަރުކާރުން ދޭން ޖެހޭ ފައިސާ އޮފްސެޓު ކުރެވޭނެ ގޮތެއް އޮތްތޯ ބަލައި ސަރުކާރުން އެ ކުންފުނިތަކަށް ދޭންޖެހޭ ފައިސާ އޮފްސެޓު ކުރެވޭނެ ނިޒާމެއް އެކުލަވައިލުމެވެ.

އެޗްޑީސީއަށް ނުލިބި ހުރި ފައިސާގެ ތަފުސީލުގެ ގޮތުގައި މާލިއްޔަތު ކޮމިޓީން ތައްޔާރު ކުރި ރިޕޯޓުގައި ފާހަގަ ކޮށްފައި ވަނީ:
- ސަރުކާރުގެ މުއައްސަސާތަކުން ލިބެންޖެހޭ: 54.5 މިލިއަން ރުފިޔާ
- ސަރުކާރު ހިއްސާވާ ކުންފުނިތަކުން ލިބެންޖެހޭ: 200.5 މިލިއަން ރުފިޔާ
- އަމިއްލަ ފަރާތްތަކުން ލިބެންޖެހޭ 1.1 ބިލިއަން ރުފިޔާ
މަޖިލީހުން މިއަދު ފާސްކުރި ރިޕޯޓުގައި ވާގޮތުން އެޗްޑީސީން ވިޔަފާރި ބޭނުމަށް ދޫކޮށްފައިވާ ބިންތަކާއި އިމާރާތްތަކުން ލިބެންޖެހޭ ފައިސާ ހޯދުމަށް ހަރުދަނާ ނިޒާމަކާއި ޕްލޭނެއް އެކުލަވާލައި، އެ ޕްލޭން އެކުލަވާލައިތާ 30 ދުވަހުގެ ތެރޭގައި މާލިއްޔަތު ކޮމިޓީއަށް އަންގަން ޖެހެ އެވެ.
އޭގެއިތުރުން އެޗްޑީސީން އިއުލާނު ކުރާ ބިޑުތަކަށް ކުރިމަތިލާ ފަރާތްތަކަކީ އެ ކުންފުންޏަށް ދަރާފައިވާ ކުންފުންޏެއްތޯ ކަށަވަރު ކުރުމަށްފަހު މެނުއީ އެއްވެސް ކުންފުންޏަކަށް މަސައްކަތެއް ހަވާލު ނުކުރަން އެންގުމާއި އެޗްޑީސީއަށް ދަރާފައިވާ ކުންފުނިތަކުގެ އެސެޓުތަކުގެ އަންދާސީ މާކެޓު އަގުތަކެއް ހޯދައި އޭގެތެރެއިން ހިފެހެއްޓެން ހުރި އެސެޓުތައް އެޗްޑީސީން ހިފަހައްޓަން އަންގަން މިއަދު މަޖިލީހުން ފާސްކުރި ރިޕޯޓުގައި ހިމަނާފައިވެ އެވެ.












