'ޓެރަރިޒަމް' އަކީ އާދައިގެ ކަމެއް ނޫން، ސީރިއަސްކަން ގެއްލުވައިނުލާ!

'ޓެރަރިޒަމް' އަކީ އާދައިގެ ކަމެއް ނޫން، ސީރިއަސްކަން ގެއްލުވައިނުލާ!

"ފިހާރައެއްގެ ހަރުގަނޑަކުން، ގަންނަން ބޭނުންވާ އެއްޗެއް ނެގުމަށްފަހު އެ އެތި ރަނގަޅަށް ބެލުމަށްފަހު އަލުން އެ އެތި އޮތްތަނުގައި ބާއްވާހެން ޕިކަޕުގެ ބެޓެރިމަތިން އެ ނެގި އެއްޗެއް ނެގުމަށްފަހު އެމީހަކު އެ އެއްޗެއް އަލުން ބާއްވާތަން މި ވީޑިއޯއިން ފެނެ އެވެ."

މަތީގައިވާ އެވާ ބަޔާނަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2021 ވަނަ އަހަރުގެ 55 ވަނަ ނިންމުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވިދާޅުވެފައިވާ އިބާރާތެކެވެ. ފަނޑިޔާރު އެ ވާހަކަފުޅު ވިދާޅުވީ، މުލީއާގޭ ކައިރީގައި އޮތް ޕިކަޕެއްގައި އައިޑީއެއް ބާއްވައިގެން ގޮއްވާލަން އުޅުނުކަމަށް ތުހުމަތުކޮށް، ދައުލަތުން މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލުމުން ބެއްލެވި މައްސަލައެއްގަ އެވެ. އެ ވިދާޅުވަނީ ބޮމެއް ކަމަށް ތުހުމަތުކުރެވޭ އެއްޗެއް ނެގުމަށްޓަކައި ސިފައިން އަމަލުކުރި ގޮތުގެ ވާހަކަ އެވެ. އެ އަމަލުން ދޭހަވަނީ، އެ 'ބޮން' އެތަނުން ނަގަން ދިޔައިރުވެސް އެއީ އަސްލު ބޮމެއް ނޫންކަން އެ ސިފައިންގެ މީހާއަށް އެނގޭކަމެވެ. އެއީ އޭރުގެ ސަރުކާރުން ކުޅެމުންދިޔަ، ނުވަތަ ސަރުކާރު ތެރޭގައި ތިބި ބަޔަކު ސަރުކާރާ ދެކޮޅަށް ކުޅެމުންދިޔަ ޑްރާމާއެއްގެ ބައެއްކަން އެ ސީނުގައި ހަރަކާތްތެރިވި ސިފައިންނަށް އެނގެ އެވެ.

މި ވާހަކަ މި ދެންނެވީ ޓެރަރިޒަމްގެ އަމަލެއް ހިނގާފާނޭ ވާހަކަ ބުނުމުން މިހާރު ގިނަ ދިވެހިން އެއީ ސީރިއަސް ކަމެއްގެ ގޮތުގައި ބަލައި ނުގަންނަކަމަށް ފެނެޔޭ ދަންނަވަން ވެގެންނެވެ. އެހެންވަނީ ނިޒާމުގެ ނަހަމަ ބޭނުންކޮށް، ޓެރަރިޒަމްގެ ތުހުމަތު ފަދަ ސީރިއަސް ތުހުމަތުތައް ކުރުމަކީ އާދައިގެ ކަމަކަށް ހަދާލާފައިވާކަމަށް ދިވެހިން ގަބޫލުކުރާތީ އެވެ.

އަޅުގަނޑުމެން ބޮޑުވަމުން އައިއިރު، ރާއްޖެއާމެދު އިވޭނޭ ފުރަތަމަ ބަޔާނަކީ އަމާންކަމުގެ ވާހަކަ އެވެ. އަޅުގަނޑުމެން ރާއްޖެއާމެދު އޮތް އެންމެ ފަހުރަކީ އެއީ އެވެ. ރާއްޖެ އިޝްތިހާރު ކުރަން އަޅުގަނޑުމެން ވިއްކި އެއްޗަކީ ވެސް އެއީ އެވެ. މިއީ އެންމެން އެންމެންނާ ގުޅިގެން އުޅޭ، އަމާންކަމުގެ ރާއްޖެ އެކެވެ. ބޮން ގޮއްވުމާއި، ބަޑިޖެހުމަކީ މިރާއްޖޭގައި ހިނގާ ކަމެއް ނޫނެވެ. މި ވާހަކަ މިހާރުގެ ގައުމިއްޔަތު މިނިސްޓަރު، މޮޅު ޝާއިރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެ ދެއްވީ މިހެންނެވެ.

ސިފައިންނާ ފުލުހުނާ ގާޒީން، މިއީ ކުޑަކޮށް އަހާ ނަންނަން

ހިފައިގެންފިތަ؟ ބަލާއިރު އޭ ސަމާސާ ކުޅިވަރުގެ ކަންކަން

ދިފާއީ ބާރަކީ ހަމައެކަނި އީމާނާ އަދަބުވެރިކަން

މިޅެން ފުރަތަމަ ކިޔަންވާނީ މަގޭ މުނިމުނި ދަރީންގެ ދަރީން

ވަރަށް ގިނަ ވާނެ ކަތިވަޅިވެސް، އެއިން ކަނޑަނީ މަހާ ކުރުނބާ

ދުރަށް އުފުލާނެ އަލިފާންވެސް، ފަހުން ބެހެނީ ކަނދީގެ ރުނބާ

ނުރައްކާތެރި މި ނަންވެސް ނުދަނެޔޭ މި ހިތާ ދުލާއި ތުނބާ

މިޅެން ފުރަތަމަ ކިޔަންވާނީ މަގޭ މުނިމުނި ދަރީންގެ ދަރީން

އަދިވެސް ވިދާޅުވި އެވެ.

ތަޅެއް ހުރި އެންމެ ދޮރުއަށްޓެއް ދޮރެއް ގޭގައި ނުހުންނާނޭ

ފަޅެއްގައި އޮންނަ އޮޑިވެސް އޭގެ މުދަލާއެކު އެ އޮންނާނޭ

މޮޅެއް ބުނެ މޮޅުވުމެއް ނޫންމީ، ހަގީގަތް ހާމަވާންވާނޭ

މިޅެން ފުރަތަމަ ކިޔަންވާނީ މަގޭ މުނިމުނި ދަރީންގެ ދަރީން

ވަރަށް ދިގު މި ޅެމުގައި ކިޔައިދީފައި އޮތީ މީގެ އެންމެ ސާޅީހަކަށް އަހަރު ކުރީގެ އަމާންކަމާއި، ދެހާހުގެ އަހަރުތަކާއެކު އެ އަމާންކަން ބަދަލުވެގެން ދިޔަ ގޮތެވެ. މިހާރު އަޅުގަނޑުމެން މިއުޅެނީ ބަދަލުވެފައިވާ ރާއްޖެއެއްގަ އެވެ. އެކަން އަޅުގަނޑުމެންގެ ސިކުނޑިތަކަށް ވިސްނުނު ނަމަވެސް، ހިތް ހަމަޖެހިގެން އޮތީ މީގެ ސާޅީސް އަހަރުކުރީގެ އަމާންކަމުގެ އުއްމީދުގަ އެވެ.

އަޅުގަނޑުމެން އެކަކު އަނެކަކަށް ވަރަށް އިތުބާރު ކުރެ އެވެ. ނުކޮށް ފަރުޖެއްސޭކަށްވެސް ނޯވެ އެވެ. މަގުގެ އެއްފަރާތުގައި ޕާކުކޮށްފަ ހުންނަ ސައިކަލެއްގެ މަތީގައި ހަމަޖެހިލައިގެން ސިނގިރޭޓު ބޯން އިށީނދެ އެ އިންނަނީ ސައިކަލުގެ އެތެރޭގެ ހާލަތު އެނގޭތީކީ ނޫނެވެ. އެ ސައިކަލުގެ މަޑިދަށުގައި ބޮމެއް ނޯންނާނޭކަން ކޮންމެވެސް ގޮތަކުން އޭނާއަށް އޮތީ ކަށަވަރުވެފަ އެވެ. އެއީ އޭނާ ދިވެހިންނަށާއި ދިވެހިރާއްޖެއަށް ކުރާ އިތުބާރެވެ. ސަރުކާރުގެ މައި އޮފީސްތައް ހުންނަ އިމާރާތްތަކަށް ވަދެނުކުމެ އުޅެނީ ކޮން ބައެއްކަން، އެމީހުން އެތަންތަނަށް ވައްދަނީ ކޮން އެއްޗެއްކަން އަޅުގަނޑުމެންނެއް ނުބަލަމެވެ. އެއީ ކޮންމެ މީހެއްގެ ފަރުދީ މިނިވަންކަމަށް ކުރާ އިހުތިރާމާއި، މީހަކަށް ގެއްލުމެއް ނުދޭނޭކަމަށް އަނެކާގެ މައްޗަށް ކުރާ އިތުބާރުގެ ސަބަބުންނެވެ. އަޅުގަނޑުމެންގެ ރާއްޖޭގެ ވުޒާރާތަކާއި، ވައިގެ ބަނދަރާއި، އާންމު މަގުތަކުގެ ސެކިއުރިޓީ ބަލަހައްޓަމުންދާ ގޮތަށް ބަލާއިރު، ވަރަށް ގިނަ ކަންކަން ބިނާވެފައި އޮތީ އިތުބާރުގެ މައްޗަށްކަން ދޭހަވާ ކިތަންމެ މަންޒަރެއް ފެނެ އެވެ. ކަމެއް ދިމާ ނުވާތީ، ކަމެއް ދިމާވެދާނޭކަމަށްވެސް ނުބަލަނީ އެވެ. ސަލާމަތާ ރައްކާތެރިކަމުގައި ރާއްޖޭގައި އޮތްކަމަށް ފެންނަނީ 'ނުބީހެންޏާ ކަނޑާ ހަމަ' އޭ ބުނާ އުސޫލެވެ.

ހާސްކަމެއްގައި ދިރިއުޅޭކަށް އަޅުގަނޑުމެންގެ އެކަކުވެސް ބޭނުމެއް ނުވާނެ އެވެ. އަޅުގަނޑުމެންގެ ޅަ ދަރިން ގޮވައިގެން ޕާކުތަކަށާއި، ހަފުލާތަކަށް ދާއިރު އެއިން ތަނެއްގައި ބޮމެއް ގޮއްވާލަފާނެތޯ ވިސްނަންޖެހޭ ހާލަތަށް ގައުމުގެ ކަންކަން ދިއުމަކީ އަޅުގަނޑުމެން އެދޭނޭ ގޮތެއް ނޫނެވެ. އެފަދަ ކަމެއް އަޅުގަނޑުމެންގެ ތެރެއިން އެއްވެސް ބަޔަކު ކޮށްފިނަމަ، ނުވަތަ ކުރަން އުޅޭނަމަވެސް އެއީ މި ގައުމާއި އިންސާނިއްޔަތުގެވެސް ދުޝްމަނުން ކަމަކަށް މެނުވީ ނުވާނެ އެވެ. މިފަދަ ޝައްކުތައް ނުކޮށް އުޅެވޭނޭ މަގުފަހިކުރުމަށް އެންމެ ބޮޑު ދައުރެއް އަދާކުރަންޖެހޭނީ ސަރުކާރުތަކުންނެވެ.

ނިމިދިޔަ މާޗުމަހުގެ ދިހަ ވަނަ ދުވަހު، ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުން ވަރަށް ބޮޑު އޮޕަރޭޝަނެއް ހިންގި އެވެ. އެ އޮޕަރޭޝަން ހިންގަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭތީކަމަށް ވިދާޅުވެ، ފުލުހުން ބަޔާނެއްވެސް ނެރުނެވެ. ހަތިޔާރު އެޅި ސިފައިންގެ އެހީތެރިކަމާއެކު މާލޭގެ 6 ތަނެއް ބަލައިފާސްކޮށް، ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށްވެސް ގެންދިޔަ އެވެ. މި އޮޕަރޭޝަން ހިންގާނޭކަމުގެ މައުލޫމާތު އާންމުކޮށް ނޫސް ބަޔާން ނެރުނުތާ ކުޑައިރުކޮޅެއްގެ ތެރޭގައި ސޯޝަލް މީޑިއާގެ ހުރިހާ މަންސަތަކަކުން ނޫސް ބަޔާން ފުހެލި އެވެ. އޭގެ ފަހުން ނޫސް ބަޔާނެއް ނެރުއްވީ ފޮރިން މިނިސްޓްރީންނެވެ. ވިދާޅުވީ މީހުން ހައްޔަރުކޮށް ތަންތަން ބަލައިފާސްކުރިޔަސް، މިހާތަނަށް ކަންބޮޑުވާންޖެހޭފަދަ އެއްވެސް ކަމެއް ފާހަގަނުވާ ކަމަށެވެ. ހައްޔަރުކުރި މީހުންގެ މައުލޫމާތާއި، ސަބަބާއި، ނޫސް ބަޔާން ފުލެހީ ކީއްވެކަންވެސް ސިއްރެވެ.

ސިފައިންނާ ފުލުހުން ނެރެގެން އެހާ ވަރުގަދަ އޮޕަރޭޝަނެއް ހިންގަންޖެހޭނީ ކަމެއް ވީމައެއް ނޫންހެއްޔެވެ؟ ތިން މީހަކު ހައްޔަރުކުރާނީ ކަމެއް ވީމަ އެވެ. ޓެރަރިޒަމްގެ ހަމަލާއެއް ދޭންއުޅޭކަމުގެ މައުލޫމާތު ލިބިއްޖެކަމަށް ބުނެ ނެރުނު ނޫސް ބަޔާން ގެއްލުވާލައި، އެކަމާމެދު ހަނުތިބޭނީވެސް ކަމެއް ވީމަ އެވެ.

އެ ހާދިސާއަށް އަދި މަސް ދުވަސް ނުވެ އެވެ. އެކަމަކު ކޮންމެ ދުވަހަކު އެތައް ކަމެއް ހިނގަމުންދާތީ އަޅުގަނޑުމެން އެންމެން އެ ހާދިސާގެ މަތިން ހަނދާން ނެތިފައި ތިއްބައި އިނގިރޭސި ވިލާތުން އެ ނެރުއްވީ ބަޔާނެކެވެ. ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވުމަށް އެ ގައުމުގެ ރައްޔިތުންނަށް ގޮވާލީ އެވެ. މިކަމެއް ހިނގިއިރު އިއްތިފާގުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އެ ހުންނެވީވެސް އިނގިރޭސިވިލާތުގަ އެވެ. ފަތުރުވެރިކަން ޕްރޮމޯޓުކުރައްވަނީ އެވެ.

އިނގިރޭސިވިލާތުން ނެރުނު ނޫސްބަޔާނަކީ އިސްރޭލު މައްސަލައާ ގުޅިގެން ނެރުނު ނޫސް ބަޔާނެކެވެ. އިސްރޭލަށް ވާގިވެރިވާތީ އިނގިރޭސިވިލާތުގެ ރައްޔިތުންނަށްވެސް ހަމަލާދޭނޭކަމުގެ އިންޒާރުތަކެއް ލިބިފައި އޮތީ އެވެ. ރާއްޖޭގައި އިސްރޭލާމެދު އޮތް ޝުއޫރުތަކަށް ބަލާއިރު، ރާއްޖެއަށް ދަތުރުކުރާ އިނގިރޭސިވިލާތުގެ ރައްޔިތުންނަށްވެސް ނުރައްކާ އޮތްކަމަށް އިނގިރޭސި ސަރުކާރަށް ފެނުނީ އެވެ. ބަޔާން ކިޔާލުމުން ކުރެވޭ ދޭހައަކީ އެއީ އެވެ. ކަމެއް ހިނގަން އުޅޭކަމުގެ މުއުތަބަރު މައުލޫމާތެއް އޮތީކަމަކަށް ނުފެނެ އެވެ.

އެހެންނަމަވެސް.... މިހާތަނަށްވެސް ރާއްޖޭގައި ހިނގިކަމެއް ނަމަ ހިނގާފައި އޮތީ އަޅުގަނޑުމެން ހީނުކޮށް ތިއްބަ އެވެ. އެފަދަ ކަމެއްގެ ހިލަމެއްވެސް ނުވެ އެވެ. މާލޭގެ ކާރޫބާރޫބޮޑު މަޖީދީ މަގުގައި މީގެ އެންމެ ހަތަރު އަހެއްގައި ދުވަސް ކުރިން ބޮމެއް ގޮއްވާލި އެވެ. ބޮން ގޮއްވާލަން ރާވައިގެން އެތައް ބަޔަކު ހައްޔަރުކުރީ މީގެ ހަތްއަހަރު ކުރިންނެވެ. އޭރުވެސް އަޅުގަނޑުމެންނަށް އެކަމުގެ ހިލަމެއް ނުވި އެވެ. ފެނުނީ ވާނެ އެއްޗެއް ވެ ނިމިފައި އޮއްވަ އެވެ.

ރާއްޖޭގެ ނާޒުކު އިގުތިސާދު ފުނޑާލަން ރާވައިގެން ބަޔަކު ދޭންޖެހޭނީ އެންމެ ހަމަލާއެކެވެ. އެފަދަ ހަމަލާއެއް ކުރިމަތިވެއްޖެނަމަ އެކަމަކުން އަޅުގަނޑުމެންނަށް އަރައިގަނެވޭއިރު މިގައުމުގެ އެތައް ޖީލެއްގެ ދިރިއުޅުން އޮންނާނީ ބަރުބާދުވެފަ އެވެ. އެހެންވީމާ، ގައުމީ ސަލާމަތާމެދު އަޅުގަނޑުމެން ދެކޭ ދެކުން މިހާރަށްވުރެ ހަރުދަނާކުރަން ވެއްޖެ އެވެ. އަޅުގަނޑުމެންގެ ސަރުކާރުތަކުގެ އަމަލުތައް ބަހައްޓަންވީ ވެސް ކަމުގެ ސީރިއަސްކަން ނުގެއްލޭ ގޮތަށެވެ. އެފަދަ ކަމެއް މެދުވެރިވެއްޖެނަމަ އަޅުގަނޑުމެން ރައްޔިތުންވެސް އޭރަކު އޮންނަ ސަރުކާރަކަށް ދެވުނު އެއްބާރުލުމެއް ދޭންވާނެ އެވެ. އަޅުގަނޑުމެންގެ ފުރަތަމަ ދުޝްމަނުންނަކީ ޓެރަރިސްޓުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މަޝްރޫއުތައް ގުރުބާންކޮށް، ތެލަށް ބަދަލުކުރި 90 މިލިއަން ޑޮލަރު

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، ރާއްޖެއަށް ބޭނުންވާ ތެޔޮ ގަތުމަށްޓަކައި ވޯލްޑް ބޭންކާއި އޭޑީބީ މެދުވެރިކޮށް 90 މިލިއަން ޑޮލަރު ހޯދައިފިއެވެ. މީގެ ތެރެއިން ވޯލްޑް ބޭންކުން ދިން 40 މިލިއަން ޑޮލަރަކީ މިހާރު ހިނގަމުންދާ ތަރައްޤީގެ މަޝްރޫޢުތަކަށް ކަނޑައަޅާފައިވާ ފައިސާ އުނިކޮށްގެން ހަމަޖެއްސި ފައިސާއެކެވެ. މި ފިޔަވަޅު އަޅަންޖެހުނީ ދައުލަތުގެ ބޭރު ފައިސާގެ ރިޒާވް ދަށްވެ، ތެލަށް ކުރަންޖެހޭ ޚަރަދު ބޮޑުތަނުން އިތުރުވުމާ ގުޅިގެންނެވެ.

މައްސަލައަކީ ކެރެޓެއް ނޫން، ޑޮލަރު

ބާޒާރުގައި ތަކެތީގެ އަގު އުފުލެމުންދަނީ ޑޮލަރުގެ އަގުބޮޑުވެ ތަދުވުމުގެ ސަބަބުން ކަމަށްވާއިރު، ސަރުކާރުން އެކަން އޮޅުވާލުމަށް މަސައްކަތް ކުރާކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. އަދި ޑޮލަރުގެ ރޭޓު ހަމައަކަށް އަޅުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވި ނަމަވެސް، މުދަލުގެ އަގު ކޮންޓްރޯލް ކުރުމަށް އޮތް ހަގީގީ ހައްލަކީ ޑޮލަރުގެ އަގު ތިރިކުރުން ކަމަށް މި ޚަބަރުގައި ބަޔާންކޮށްފައިވެއެވެ.

އިންވެސްޓްމަންޓުގެ ނިވަލުގައި ޒަމާނީ އިސްތިއުމާރު

ރާއްޖޭގައި އިންވެސްޓްމަންޓް ރެސިޑެންސީ ތައާރަފްކުރުމަކީ، ގައުމުގެ ސިޔާދަތާއި ވަސީލަތްތަކުގެ މައްޗަށް އޮތް ބާރު ގެއްލި، ޒަމާނީ އިސްތިއުމާރީ ދަންތުރައެއްގައި ޖެހިދާނެ ކަމެއްގެ ގޮތުގައި މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުން މިފަދަ ޕްރޮގްރާމްތައް ހުއްޓާލަމުންދާއިރު، ރާއްޖޭގެ ކޮރަޕްޝަނާއި ނާޒުކު ތިމާވެށީގެ ސަބަބުން މިކަމުގެ ނުރައްކާ އިތުރަށް ބޮޑުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

ދުންފަތް މަނާކުރުން: ދުނިޔޭގެ ތަޖުރިބާއިން ފިލާވަޅެއް

ރާއްޖޭގެ ދުންފަތުގެ ސިޔާސަތުތަކަށް ބަދަލުތަކެއް އަންނަމުންދާއިރު، ދުންފަތުގެ ބާވަތްތައް މުޅިން މަނާކުރުމުގެ ބަދަލުގައި ހަރުކަށި އުސޫލުތަކަކާއެކު ކޮންޓްރޯލްކޮށްގެން ބޭނުންކުރުމުގެ ނަތީޖާ ބައެއް ގައުމުތަކުން ފެންނަން އެބަހުއްޓެވެ. މިގޮތުން ނިއުޒީލެންޑް، ސްވިޑަން އަދި ޖަޕާން ފަދަ ގައުމުތަކުން ވަނީ ޓެކްސް ބޮޑުކުރުމާއި ވިޔަފާރިކުރުމުގެ ހަރުކަށި މިންގަނޑުތަކެއް ކަނޑައަޅައިގެން ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ނިސްބަތް ދަށްކުރުމަށް މަސައްކަތްކޮށްފަ އެވެ. އޭގެ ސަބަބުން، ރާއްޖެއަށް ވެސް ދުނިޔޭގެ މިފަދަ ތަޖުރިބާތަކުން ފިލާވަޅު ލިބިގަނެވިދާނެ ކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެ އެވެ.

ޑިސެންބަރު 2 ގެ ކުރިން މި ފުރުސަތުގެ ބޭނުން ހިފާށެވެ.

ރަސްމާލެ މަޝްރޫއަށް މަގުފަހިކުރާ "ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލަށް" އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާފައިވާ ފުރުސަތުގެ ބޭނުން ހިފުމަށް މި ލިޔުމުގައި ގޮވާލާފައިވެއެވެ. ގައުމުގެ ބިމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ޑިސެންބަރު 2 ގެ ކުރިން ހުރިހާ ފަންތިއެއްގެ ރައްޔިތުންނާއި ތަޖުރިބާކާރުން މަޖިލީހުގެ ކޮމިޓީއަށް ހިޔާލު ފޮނުވުމަކީ ގައުމީ ވާޖިބެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ސިޓީބިޓީ: އިހުތިރާމާ ގުޅޭ ގޮތުން ރައީސް މުއިއްޒަށް ސުވާލެއް!

ރައީސް ޑރ. މުއިއްޒު "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހު ކުރެއްވި ނަމަވެސް، އެ މަޝްރޫއުގެ ތަފްސީލާއި އިހުތިރާމުގެ މާނަ ސާފުކޮށްދެއްވާފައި ނުވާތީ މި ލިޔުމުގައި ވަނީ ފާޑުކިޔާފައެވެ. އަދި މުޅި ގައުމަށް ނަސޭހަތް ދެއްވުމުގެ ކުރިން، ރައީސްގެ އަރިހުގައި ތިއްބެވި ބޭފުޅުންގެ އަމަލުތަކާއި ބަސްމަގު ހުރި ގޮތުން އެ ބޭފުޅުންނަށް އިހުތިރާމް ކުރަން ދަސްކޮށްދެއްވާފައިވޭތޯ ލިޔުމުގައި ސުވާލު އުފައްދާފައިވެއެވެ.

ރިންގު ހުސްވަންދެން ދިހަ ބާރަފަހަރަށް ގުޅުމުގެ ދީނީ ހުކުމް

ތިމާގެ އެކުވެރިޔާގެ ހާލަތްތަކާއި އުޒުރުތަކެއް ހުރެދާނެކަމަށް ބެލުމެއް ނެތި އެކުވެރިޔާއަށް އުނދަގޫވާނެހެން ދިހަބާރަ ފަހަރަށް ރިންގު ހުސްވަންދެން ފޯނުކޮށްކޮށް ހުރުމަކީ އެކުވެރިޔާގެ ޑިޖިޓަލް ޕާރސަނަލް ސްޕޭސްއަށާއި ބައުންޑަރީއަށް އަރައިގަތުމެވެ. އެކަމަކީ ދީނީގޮތުން ކޮށްގެންވާނެ ކަމެއް ނޫނެވެ.

Newsletter

Get the latest news delivered straight to your inbox