ލަހޯރް، ޕާކިސްތާން (މާޗް 6) - އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން މިހާރު ކުރިއަށްގެންދާ ޗެމްޕިއަންސް ޓްރޮފީ މުބާރާތުގެ ސެމީ ފައިނަލް ދެ ވަނަ މެޗުގައި ދެކުނު އެފްރިކާ ކަޓުވާލައި ނިއު ޒީލެންޑުން ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.
ނިއު ޒީލެންޑުން ދެކުނު އެފްރިކާ ބަލިކުރީ 50 ލަނޑުންނެވެ.
ފައިނަލުގައި އާދިއްތަ ދުވަހު ނިއު ޒީލެންޑުން ކުޅޭނީ އިންޑިއާއާ އެވެ. އިންޑިއާ އިން މި ފަހަރުގެ މުބާރާތުގައި ނިއު ޒީލެންޑް ބަލިކޮށްފައިވާއިރު، މި ދެ ޓީމުން ގްރޫޕްގެ ފަހު މެޗުގައި ކުޅުނުއިރު، ދެ ޓީމު ވެސް ވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ.
އިންޑިއާ އިން ޖެހިޖެހިގެން ތިން ވަނަ ޗެމްޕިއަންސް ޓްރޮފީ ފައިނަލުގައި ކުޅޭއިރު، ނިއު ޒީލެންޑުން ޗެމްޕިއަންސް ޓްރޮފީ ފައިނަލުގައި މި ވާދަކުރަނީ، 25 އަހަރު ތެރޭ ފުރަތަމަ ފަހަރު އެވެ. އެންމެ ފަހުން، އެ ޓީމުން ފައިނަލުގައި ކުޅުުނުއިރު، 2000 ވަނަ އަހަރު ކެންޏާގައި ބޭއްވި މުބާރާތުގައި ވަނީ އިންޑިއާ ބަލިކޮށްފަ އެވެ.
ނިއު ޒީލެންޑުން ޓޮސް ދިމާވުމުން ކުޅެން އަރައި، ތަފާތު ދެއްކި އެވެ. އެ ގޮތުން، 50 އޯވަރުގެ ތެރޭގައި، ހަ ކުޅުންތެރިން ނުބައިވެގެން ނިއު ޒީލެންޑުން 362 ލަނޑު ހެދިއިރު، އެ ޓީމުގައި ތަފާތު ދެއްކީ ޕާޓްނާޝިޕަކުންނެވެ. އެ ގޮތުން، ކޭން ވިލިއަމްސަން އާއި ރަޗިން ރަވިންދުރަ ވަނީ ކޮންމެ ކުޅުންތެރިއަކު ސައްތަ އެއް ހަދައިފަ އެވެ. ވިލިއަމްސަން ވަނީ 108 ލަނޑު ހަދައިފަ އެވެ. އަދި، ރަޗިން ވަނީ 102 ލަނޑު ހަދައިފަ އެވެ.
މެޗަކުން ބަލިނުވެ، ސެމީ ފައިނަލަށް އައި ދެކުނު އެފްރިކާ އިން ޖަވާބުގައި ކުޅެން އަރައި، 50 އޯވަރުގެ ތެރޭގައި، ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 312 ލަނޑެވެ. ދެކުނު އެފްރިކާގެ ޑޭވިޑް މިލާ ވަނީ ނުބައިނުވެ، 100 ލަނޑު ހަދައިފަ އެވެ.












