މެޑްރިޑް (އޮކްޓޫބަރު 13) - ފީފާ ވޯލްޑް ކަޕް 2030 ވަނަ އަހަރު ބާއްވާއިރު، މުބާރާތުގެ މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް، މަޝްހޫރު ސްޓްރީމިން ޕްލެޓްފޯމް ނެޓްފްލިކްސް އިން ގަނެފި އެވެ.
ދެން އޮންނަ ވޯލްޑް ކަޕް ބާއްވާން ކަނޑައަޅާފައިވަނީ، ސްޕެއިނާއި ޕޯޗުގަލް އަދި މޮރޮކޯ އިން ގުޅިގެންނެވެ. އެ ވޯލްޑް ކަޕް އޮތް ތާރީހަކީ، އެންމެ ފުރަތަމަ ވޯލްޑް ކަޕެއް ކުޅުުނުތާ 100 އަހަރު ފުރޭ އަހަރު ކަމަށްވާތީވެ، ފީފާ އިން ވަނީ، އިތުރު ތިން ގައުމެއްގައި ވެސް ވޯލްޑް ކަޕްގެ މެޗުތަކެއް ކުޅެން ނިންމައިފަ އެވެ. އެއީ، ދެކުނު އެމެރިކާގެ ތިން ގައުމު ކަމަށްވާ އާޖެންޓީނާ އާއި އުރުގުއޭ އަދި ޕެރަގުއޭގަ އެވެ.
ވޯލްްޑް ކަޕްގެ އެ ހާއްސަ މުބާރާތުގައި 64 ގައުމު ކުޅޭ ގޮތް ހަދަން ވެސް ވާހަކަ ދެކެވެ އެވެ.
ނެޓްފްލިކްސް އިން ސްޕެއިން އާއި އެންޑޯރާގައި ވޯލްޑް ކަޕް ދެއްކުމުގެ ރައިޓްސް ގަތް އަގެއް ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު، ރިޕޯޓްތައް ބުނާގޮތުން، ނެޓްފްލިކްސް އިން އެ ރައިޓްސް ގަތުމަށް ފަހު، ސްޕެއިނުގެ ޗެނަލެއް ކަމަށްވާ ޓީވީއީ އަށް ވިއްކާލުމަށް އަންނަނީ މަޝްވަރާ ކުރަމުންނެވެ. މި ފަަހަރު، އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ބޭއްވި ވޯލްޑް ކަޕް ސްޕެއިނުގައި ދެއްކީ ޓީވީއީ އިންނެވެ. ސްޕެއިން ވަނީ އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން، ނެޓްފްލިކްސް އާއި ފީފާގެ މެދުގައި މި ހެދި ޑީލުގެ ތެރެއިން، ކޮންމެ ދުވަހަކު ވެސް އެއް މެޗު ސްޕެއިނަށް ހިލޭ ސްޓްރީމްކުރާނެ އެވެ. އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް ވެސް ހިމެނެ އެވެ.
އަންނަ އަަހަރު ބްރެޒިލްގައި ބާއްވާ ފީފާ ވިމެންސް ވޯލްޑް ކަޕްގެ މެޗުތައް، އެމެރިކާ އާއި ކެނަޑާގައި ދެއްކުމުގެ ރައިޓްސް ގަނެފައިވަނީ ނެޓްފްލިކްސް އެވެ.
ދުނިޔޭގެ އެންމެ ވަރުގަދަ ސްޓްރީމިން ޕްލެޓްފޯމް ނެޓްފްލިކްސް އިން މިހާރު އަންނަނީ ކުޅިވަރު މުބާރާތްތައް ލައިވްކުރުމާއި ކަންކަމުގެ ތެރޭގައި ވަރުގަދަ އަށް މަސައްކަތް ކުރަން ފަށައިފަ އެވެ. އެ ގޮތުން، މިހާރު ވެސް އެންބީއޭ، އެންއެފްއެލް އަދި ބޮކްސިންގެ ވަރުގަދަ އިވެންޓްތައް ނެޓްފްލިކްސް އިން ސްޓްރީމްކުރެ އެވެ.












