ޕެނަލްޓީގައި އިންޑިއާ ބަލިކޮށް ބަންގްލަދޭޝް އިން 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި

Apr 3, 2026, 10:18 PM
ސާފް 20 އަަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ބަންގްލަދޭޝްގެ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަަދަދު ސްޕޯޓްސް

ސާފް 20 އަަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ބަންގްލަދޭޝްގެ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަަދަދު ސްޕޯޓްސް

ޕެނަލްޓީ ޖަހައިގެން 4-3 އިން އިންޑިއާ ބަލިކޮށް، ބަންގްލަދޭޝް އިން 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ދިފާއުކޮށްފި އެވެ. 

މިއީ، ސާފްގެ 19 އާއި 20 އަހަރުން ދަށުގެ މުބާރާތްތަކުގައި ބަންގްލަދޭޝް އިން ޖެހިޖެހިގެން ވާދަކުރާ ތިން ވަނަ ފައިނަލެވެ. ބަންގްލަދޭޝް އިން 2024 ވަނަ އަހަރު ކުޅުނު 20 އަަހަރުން ދަށުގެ މުބާރާތް ކާމިޔާބުކުރީ ފައިނަލުގައި ނޭޕާލް ބަލިކޮށްފަ އެވެ. އަދި، އިންޑިއާ އިން މިދިޔަ އަހަރު ބޭއްވި 19 އަހަރުން ދަށުގެ މުބާރާތް ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެން ބަންގްލަދޭޝް ބަލިކޮށްފަ އެވެ. އެކަމަކު، މި ފަހަރު ޕެެނަލްޓީގައި ކުރި ލިބުނީ ބަންގްލަދޭޝް އަށެވެ. 

މި ފަހަރުގެ 20 އަހަރުން ދަށުގެ މުބާރާތުގައި އިންޑިއާ އާއި ބަންގްލަދޭޝް އިން ގްރޫޕް ސްޓޭޖުގައި ބައްދަލުކުރިއިރު، 1-1 އިން ވަނީ އެއްވަރުވެފަ އެވެ. އަދި، ފައިނަލް މެޗުގައި ވެސް ފުރިހަމަ ވަގުތު އެއްވަރުވެގެން، ޖެހިޖެހިގެން ދެ ވަނަ އަހަރު ފައިނަލުގައި އިންޑިއާ އާއި ބަންގްލަދޭޝް ޕެނަލްޓީ އަށް ދާން ޖެހުނީ އެވެ. 

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން ފުރަަތަމަ މިނިޓުން ފަށައިގެން ބަންގްލަދޭޝް އިން ލިބޭ ބޯޅަތަކުގައި އެޓޭކަށް ޖެހި ގޯލަށް ހަމަލާތައް ފޮނުވާލެވޭތޯ ބަލަމުންދިޔަ އެވެ. އެކަމަކު، އިންޑިއާގެ ގޯލުގައި ހުރި އެ ޓީމުގެ ކެޕްޓަން، ސޫރަޖް ސިންގް ވަނީ ބަންގްލަދޭޝްގެ ކޯނަރުތަކާއި ދިގުއެއްލުންތަކުން، އޭރިއާތެރެއަށް އައި ބޯޅަތައް ހުއްޓުވުމުގައި ހުށިޔާރުކަން ދައްކައިފަ އެވެ. ބަންގްލަދޭޝްގެ އެޓޭކް ލީޑުކުރަމުންދިޔަ، އެމެރިކާ ދަރިކޮޅުގެ ރޮނަން ބެންޖަމިން ސުލިވަން އަށް ލިބޭ ބޯޅަތަކުގައި ނުރައްކާ ކުރެވޭތޯ ބެލި ނަމަވެސް، ކީޕަރު ސޫރަޖް، ޓެސްޓް ކޮށްލެވޭ ވަރުގެ ހަމަލާއެއް ފޮނުވާނުލެވުނެވެ. 

އިންޑިއާގެ އެޓޭކުގައި އެންމެ އިސްކޮށް މި މުބާރާތުގައި ފެންނަ ހަލުވި ފޯވާޑް، އޮމަން ދޯދުން އަށް އެ ޓީމުގެ ކުޅުންތެރިން ފުރަތަމަ ހާފުގައި މަތިން ބޯޅަތައް ކުޅެމުންދިއުމާ އެކު، ބަންގްލަދޭޝްގެ އިސްކޮޅުން ދިގު ކުޅުންތެރިން ހިމެނޭ ޑިފެންޑަރުން ކައިރިން، ދޯދުން އަށް މާ ބޮޑު ކަމެއް ކުރެވޭ ގޮތެއްނުވި އެވެ. 

ފުރަތަމަ ހާފަށް ވުރެން ރަނގަޅަށް އިންޑިއާ އިން ދެ ވަނަ ހާފުގައި ކުޅުނެވެ. އެ ގޮތުން، އެ ޓީމުގެ ވިޝާލް ޔާދަވް އާއި އެމްޑީ އަރްބާޝް އަދި ރޯހެން ސިންގް، ރަނގަޅު ބޯޅަތަކެއް ކުރިއަށް ކުޅެ، ފުރުސަތުތަކެއް ހޯދި އެވެ. އެ ގޮތުން، އޭރިއާތެރެއިން ވިޝާލް އަށް ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅައެއް ދިޔައީ އަރިމަތިން ބޭރުންނެވެ.  

ބަންގްލަދޭޝްގެ ކުޅުންތެރިން މެޗުން މޮޅުވުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް
ބަންގްލަދޭޝްގެ ކުޅުންތެރިން މެޗުން މޮޅުވުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

މެޗުގެ އިތުރު ވަގުތުގެ ތެރޭގައި، އިންޑިއާގެ ޑިފެންސް ފަހަތުން ބަންގްލަދޭޝްގެ ސުލިވަން އަށް ލިބުނު ބޯޅަ އަށް ދުވެފައި ރަނގަޅު ތަނަށް އެރި ނަމަވެސް ގޯލަށް ބޯޅަ ފޮނުވާލެވޭ ގޮތެއްނުވި އެވެ. ސުލިވަން އަށް ފޮނުވާނުލެވުނީ އިންޑިއާގެ ކީޕަރު، ސޫރަޖް ރަނގަޅު ތަނަށް ނުކުތުމުންނެވެ. 

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމަށް ވެސް ލަނޑެއް ނުޖެހި އެއްވަރުވުމުން ނަތީޖާ ނެރެން ވަނީ ޕެނަލްޓީ އަށް ގޮސްފަ އެވެ. 

އިންޑިއާ އިން ފުރަތަމަ ޕެނަލްޓީ ނިންތޮކުމްޖަމް ފޮނުވާލިއިރު، ބަންގްލަދޭޝްގެ ކީޕަރު އިސްމާއިލް ހުސެއިން މަތަކުރި އެވެ.  ބަންގްލަދޭޝްގެ ފުރަތަމަ ޕެނަލްޓީ މުރްސިދު އަލީ ވަނީ ކާމިޔާބުކޮށްފަ އެވެ. އިންޑިއާ އިން ދެ ވަނަ ޕެނަލްޓީ ފޮނުވާލި އަރްބާޝް ޕެނަލްޓީ ވައްދާލި އެވެ. ބަންގްލަދޭޝް އިން ދެ ވަނަ ޕެނަލްޓީ ފޮނުވާލި ޗަންދަން ރޯއި ވަނީ ގޯލަށް ފޮނުވާލައިފަ އެވެ. އިންޑިއާގެ ތިން ވަނަ ޕެނަލްޓީ އަހޯންގްޝަމްބަމް ވަނީ ކާމިޔާބުކޮށްފަ އެވެ. ބަންގްލަދޭޝްގެ ތިން ވަނަ ޕެނަލްޓީ ޔޫސުފް އަލީ ވަނީ ކާމިޔާބުކޮށްފަ އެވެ. އިންޑިއާގެ ހަތަރު ވަނަ ޕެނަލްޓީ، ވިޝާލް ވަނީ ކާމިޔާބުކޮށްފަ އެެވެ.

ބަންގްލަދޭޝްގެ ހަތަރު ވަނަ ޕެނަލްޓީ، ފޮނުވާލުމުގެ ކުރިން، އިންޑިއާގެ ކީޕަރު، ސޫރަޖް އަށް އަނިޔާވެގެން، އޭނާ އަށް ފަރުވާ ދޭން ޖެހުނުއިރު، އެ ޓީމުގެ ބަދަލު ކީޕަރު، އަލްސަބިތު ސުލައިމާން ހުރީ ބަދަަލަކަށް ކުޅެން އަރަން ތައްޔާރަށެވެ. އެކަމަކު، އެ ބަދަލުގެންނަން ފުރުސަތު ނުލިބުނެވެ. ސޫރަޖަށް ފަރުވާ ދޭން ވަގުތު ކޮޅެއް ނެގުމަށް ފަހު، ބަންގްލަދޭޝްގެ ހަތަރު ވަނަ ޕެނަލްޓީ ސަމުއެލް ރަކްސަމް ފޮނުވާލިއިރު، އަމާޒުވީ ހުރަސްދަނޑިއަށެވެ. އެއާ އެކު، އިންޑިއާގެ ފަސް ވަނަ ޕެނަލްޓީ ފޮނުވާލައި އެއްވަރުކުރަން ދިޔަ ދޯދުން އަތުން ޕެނަލްޓީ ނާކާމިޔާބުވެ، ބަންގްލަދޭޝް އަށް ފަސް ވަނަ ޕެނަލްޓީ ވައްދާލައި، ޗެމްޕިއަންކަން ހޯދަން ލިބުނު ފުރުސަތުގައި، ސުލިވަން ޕެނަންކާ އަކުން ގޯލަށް ބޯޅަ ވައްދާލައި ބަންގްލަދޭޝް އަށް ޗެމްޕިއަންކަން ހޯދައިދިނީ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox