ރަސްމާލޭގެ މަސައްކަތް އަލުން ފެށިތާ ދެ މަސް ފާއިތުވިއިރު ހިއްކުނީ އެންމެ 40 ހެކްޓަރު

ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލޭގެ ހިއްކި ސަރަހައްދުގައި ޖަހާފައިވާ ބޯޑެއް --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލޭގެ ހިއްކި ސަރަހައްދުގައި ޖަހާފައިވާ ބޯޑެއް --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހިންގާ ގެދޮރުވެރިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ރަސްމާލެ ތަރައްގީ ކުރުމަށް ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށައިގެން މި ދިޔަ ދެ މަސްދުވަހުގެ ތެރޭގައި ހިއްކުނީ 40 ހެކްޓަރުގެ ބިންކަން އެނގިއްޖެ އެވެ.

ޑިސެމްބަރު 18، 2023، ގައި ފެށި ރަސްމާލޭގެ ހިއްކުމުގެ މަސައްކަތް ފުރަތަމަ ކުރިއަށް ގެންދިޔައީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ) އާ ހަވާލުކޮށްގެންނެވެ.

ބިން ހިއްކުމުގެ ބަދަލުގައި ދިގު މުއްދަތަށް ބިންތަކެއް ލިބޭ ގޮތަށް ފެށި މަސައްކަތް ހުއްޓި ފުރަތަމަ ހެދި އެއްބަސްވުން މިހާރު ވަނީ ބާތިލުކޮށްފަ އެވެ. އަށް މަހުން އެ ކުންފުންޏަށް ހިއްކުނީ އެންމެ 29 ހެކްޓަރެވެ. އެއީ މުޅި މަޝްރޫއުގެ ދަށުން ހިއްކަން ބުނި ސަރަހައްދުގެ އެންމެ 2.5 ޕަސެންޓެވެ.

މަޝްރޫއު އިތުރަށް ކުރިއަށް ގެންދިއުމަށް، ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބޮޑު ލޯނެއް ނަގައިގެން ބިން ހިއްކުމުގެ މަސައްކަތް މިހާރު ހަވާލުކޮށްފައިވަނީ އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސް (އެމްއެމްއީ) އަދި ޗައިނާގެ ޗައިނާ ރެއިލްވޭ ކޮންސްޓްރަކްޝަން ކޯޕަރޭޝަން (ސީއާރުސީސީ) އާ އެވެ.

އެ ދެ ކުންފުނީގެ ތެރެއިން، ނޮވެމްބަރު 10، 2024 ގައި މަސައްކަތް ފެށީ އެމްއެމްއީ އިންނެވެ. މި ނޫހުން އެއްކުރި ސެޓްލައިޓު ފޮޓޯތަކާއި ކަނޑުއުޅަނދު ފަހަރު ޓްރެކިން މައުލޫމާތުން އެނގޭ ގޮތުގައި އެ ކުންފުނިން ރަސްމާލޭގެ ބިން ހިއްކަމުން ދަނީ މަޑު ދުވެއްޔެއްގަ އެވެ.

ރަސްމާލެ ތަރައްގީކުރަން ހިއްކާ ފުށިދިއްގަރުފަޅުގެ ސެޓްލައިޓު ފޮޓޯއެއް، މި ފޮޓޯ ނަގާފައިވަނީ ޖެނުއަރީ 20، ގަ --- ފޮޓޯ: ސެންޓިނެލް 2
ރަސްމާލެ ތަރައްގީކުރަން ހިއްކާ ފުށިދިއްގަރުފަޅުގެ ސެޓްލައިޓު ފޮޓޯއެއް، މި ފޮޓޯ ނަގާފައިވަނީ ޖެނުއަރީ 20، ގަ --- ފޮޓޯ: ސެންޓިނެލް 2

ރަސްމާލެ ތަރައްގީކުރަން ހިއްކާ ފުށިދިއްގަރުފަޅުގެ ސެޓްލައިޓު ފޮޓޯއެއް، މި ފޮޓޯ ނަގާފައިވަނީ ޖެނުއަރީ 20، ގަ --- ފޮޓޯ: ސެންޓިނެލް 2

އެގޮތުން ނޮވެމްބަރު 10، 2024 އިން ފެށިގެން މި މަހުގެ 20 އާ ހަމައަށް ފުށިދިއްގަރުފަޅުން އިތުރަށް ހިއްކާފައިވަނީ 40 ހެކްޓަރެއްހާ ބޮޑުމިނުގެ ބިންކަން ސެޓްލައިޓު ފޮޓޯތަކުން އެނގެ އެވެ. މީގެތެރެއިން ބޮޑުބައެއް ހިއްކާފައިވަނީ ނޮވެމްބަރު އަދި ޑިސެމްބަރު މަހެވެ.

މި އަހަރު ފެށުނު ފަހުން ބިން ހިއްކުމުގެ މަސައްކަތް ވަނީ އަނެއްކާވެސް މަޑުޖެހިފަ އެވެ. ނަމަވެސް ކަނޑު އުޅަނދުތައް ޓްރެކް ކުރާ ސައިޓުތަކުން ދައްކާ ގޮތުން އަދިވެސް ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށް އެބަދެ އެވެ. ލަސްވާ ސަބަބެއް ސާފެއް ނޫނެވެ.

އެމްއެމްއީ އިން ރަސްމާލެ ހިއްކުމަށް ބޭނުންކުރަނީ ލަކްސެމްބާގްގެ ދިދައިގައި ދަތުރުކުރާ ޑްރެޖަރެއް ކަމަށްވާ "ފްރާންސިސް ބިއުފޯ" އެވެ. އެ ޑްރެޖަރު މިއަދު ވެސް ރަސްމާލެ އާއި އެ ތަން ހިއްކުމަށް ވެލިނަގާ ސަރަހައްދާ ދެމެދު ދަތުރުކޮށްފައިވެ އެވެ.

ރަސްމާލެ ހިއްކުމަށް މޯހަން މުތާއިން ކުއްޔަށް ނަގާފައިވާ ޑްރެޖަރުން ވޭތުވެދިޔަ 30 ދުވަހު ކުރި ދަތުރުތައް --- ފޮޓޯ: ވެސެލް ފައިންޑާ
ރަސްމާލެ ހިއްކުމަށް މޯހަން މުތާއިން ކުއްޔަށް ނަގާފައިވާ ޑްރެޖަރުން ވޭތުވެދިޔަ 30 ދުވަހު ކުރި ދަތުރުތައް --- ފޮޓޯ: ވެސެލް ފައިންޑާ

ރަސްމާލެ ހިއްކުމަށް މޯހަން މުތާއިން ކުއްޔަށް ނަގާފައިވާ ޑްރެޖަރުން ވޭތުވެދިޔަ 30 ދުވަހު ކުރި ދަތުރުތައް --- ފޮޓޯ: ވެސެލް ފައިންޑާ

އަލަށް ހިއްކި 40 ހެކްޓަރާއެކު ރަސްމާލެ ހިއްކަން ފެށި ފަހުން މިވީ 403 ދުވަހުގެ ތެރޭގައި ހިއްކުނު ބިމުގެ ބޮޑުމިނުގެ ޖުމްލަ އަކީ 69 ހެކްޓަރެވެ. އެއީ ރަސްމާލެ މަޝްރޫއުގައި ހިމެނޭ ޖުމްލަ 1153 ހެކްޓަރުގެ 5.9 ޕަސެންޓެވެ.

މަޝްރޫއަށް ފައިސާ ހޯދާ ގޮތް

ސަރުކާރުން މާލެ އަތޮޅު ދެކުނުގައި އޮންނަ ފުށިދިއްގަރު ފަޅުން ރަސްމާލެ ހިއްކަން ފެށީ، ފުރަތަމަ މަސައްކަތް ހަވާލުކުރި ސީއެމްސީސީ އަށް ހުޅުމާލެއިން 10 ހެކްޓަރާއި ފުށިދިއްގަރުފަޅުން ހިއްކާ 60 ހެކްޓަރު ބިން ދިގު މުއްދަތަށް ދޭ ގޮތަށެވެ.

އެގޮތަށް ސަރުކާރުން ނިންމީ، މި މަޝްރޫއަށް މިދިޔަ އަހަރުގެ ބަޖެޓުގައި ހިމެނި 400 މިލިއަން ރުފިޔާ އޭރު އޮތް މަޖިލީހުން އުނިކުރުމާ ގުޅިގެންނެވެ. އޭރު ރައީސް މުއިއްޒު ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތް ކުރާނީ ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ނުދާ ގޮތަށް ކަމަށެވެ.

ނަމަވެސް ފުރަތަމަ ހިއްކަން ފެށި ސައިޓު ޖޭ ނިންމަން ސީއެމްސީސީއަށް 77 މިލިއަން ރުފިޔާ ދިނެވެ. އޭރު އޮތީ މުޅީ މަޝްރޫއަށް ކޮންޓްރެކްޓާ ފައިނޭންސިން މޮޑެލްގެ ދަށުން ސީއެމްސީސީ އިން ހަރަދުކުރާ ގޮތަށެވެ.

އެންމެ ފަހުން ހެދި އީއައިއޭގައި ބުނެފައިވާ ގޮތުން މަޝްރޫއަށް ދެން ފައިސާ ހޯދަނީ އެޗްޑީސީން ނަގާ ލޯނަކުންނެވެ. މި ލޯނާ ގުޅޭ އެއްވެސް ތަފުސީލެއް ސަރުކާރުން ނުވަތަ އެޗްޑީސީން ވެސް ހާމައެއް ނުކުރެ އެވެ.

ނަގާ ލޯނުގެ އަދަދު ކަށަވަރު ނުވިޔަސް ފުށިދިއްގަރުން 1100 އެއްހާ ހެކްޓަރު ހިއްކަން "ގާތްގަނޑަކަށް 500 އާއި 700 މިލިއަން ޑޮލަރާއި ދެމެދުގެ އަދަދަކަށް އެންމެ މަދުވެގެން ވެސް ހަރުދުވާނެ" ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މީގެ ކުރިން ވިދާޅުވެފައިވެ އެވެ.

އެހެންކަމުން މި މަޝްރޫއަށް ނަގާ ލޯނަކީ އެންމެ މަދުން ނަމަވެސް 500 މިލިއަން ޑޮލަރުގެ ލޯނަކަށް ވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox