އުމުރާ ވިޔަފާރި ރެގިއުލޭޓްނުކުރަނީ ކީއްވެތޯއެވެ؟

އުމުރާ ވިޔަފާރި ރެގިއުލޭޓްނުކުރަނީ ކީއްވެތޯއެވެ؟

މަޝްހޫރު ހަތަރު މަޒުހަބުގެ އިމާމުންކުރެ ހަނަފީ މަޒުހަބުގެ އިމާމް އަބޫޙަނީފާއަކީ ވިޔަފާރިކުރައްވާ އުޅުއްވި ބޭކަލެކެވެ. އެގޮތުން އެކަލޭގެފާނު ކުރެއްވި އެއް ވިޔަފާރިއަކީ އުނުއަންނައުނު ފޭރާން ވިޔެ ވިއްކުމުގެ ވިޔަފާރިއެވެ. އެގޮތުން ހިންގެވި ފޭރާން ވިއްކާ ފިހާރަކޮޅަށް އެއް ދުވަހަކު ހެނދުނު ވަޑައިގެންނެވި ތަނުން، ދުރުތާކަށް ވަޑައިގަންނަވަން ޖެހިވަޑައިގަތެވެ. އެޔާއެކު އެކަލޭގެފާނުގެ މުވައްޒަފަކަށް އެތަނުން ފޭރާމެއް ދައްކާފައި ވިދާޅުވިއެވެ. ފޭރާން ގަންނަން އަންނަ މީހަކު މީތި ގަންނަން އުޅެފިއްޔާ ހަނދާންކޮށް މި ފޭރާމުގައި މިހިރަ އުނި ތަންކޮޅު އޭނާއަށް ދައްކާފައި މެނުވީ ނުވިއްކާތިވެއްޔެވެ.

މި އިރުޝާދެއް ދެއްވާފައި އަބޫޙަނީފާ ވަޑައިގަތްތާކަށް ވަޑައިގަންނަވައިފިއެވެ. އިސާހިތަކު ބާޒާރުގައި މީހުން ގިނަވެ، ފިހާރައަށް ވަތް މީހަކު އެއްކަލަ ފޭރާން ފެނިގެން އޭގެ ހަމައަގުއަދާކޮށްފައި އެ ގަނެލައިގެން ހިނގައްޖެއެވެ. މުވައްޒަފުކަލޭގެއަށް ހަނދާން ނެތި، އެ ފޭރާމުގައި ހުރި އުނިސިފަ ނުވަތަ ހަލާކުވެފައި ހުރި ތަންކޮޅުގެ ވާހަކަ ފާހަގައެއް ނުކޮށްދެވުނެވެ.

އަބޫޙަނީފާ އެދުވަހުގެ އިރުއޮއްސޭން އުޅެނިކޮށް އެނބުރި ވަޑައިގަތްއިރު އެއްކަލަ ފޭރާން ވިކިފައިވާކަން އެނގިވަޑައިގަތެވެ. އެޔާއެކު ފުރަތަމައަށްވެސް ސުވާލުކުރެއްވީ، ގަތް މީހާއަށް އޭގައި ހުރި ތިމަން ބުނި އުނިސިފަތައް ކިޔައިދެއްވިންތޯއެވެ. މުވައްޒަފު ދެންނެވިއެވެ. ވަރަށް ބޮޑަށް މާފުކުރައްވާށެވެ. އަޅުގަނޑު ހަނދާން ނެތުނީއެވެ.

އަބޫޙަނީފާ މިކަމާ ވަރަށް ބޮޑަށް ހިތާމަކުރައްވައި، އޭގެ އަގުގެ ގޮތުގައި ލިބުނު ފައިސާ ހިއްޕަވައިގެން މުވައްޒަފު ކަލޭގެއާއެކު ބާޒާރުގެ އެތަން މިތަން ބައްލަވަމުން ހިންގަވަން ފެއްޓެވިއެވެ. ރޭވެ ބާޒާރުން މީހުންތައް ހުސްވާން ގާތްވިއިރުވެސް އެއްކަލަ ފޭރާން ގަތް މީހަކާ ދިމާވާ ގޮތެއް ނުވިއެވެ. ހަމަ ހޯދާ ހޯދާ ވެސް އެމީހަކު ފެންނަ ގޮތެއް ނުވިއެވެ. އެންމެ ފަހުން އިމާމް އަބޫޙަނީފާ ހެއްދެވި ގޮތަކީ އެ ފޭރާމުގެ އަގުގެ ގޮތުގައި އެމީހާ ދެއްކެވި ފައިސާ އެކީ އެކަށް ސަދަގާތްކުރެއްވީއެވެ.

ނިކަން ބައްލަވާށެވެ! ވިޔަފާރީގައި އޮޅުވާލެވުނީކަމަށް ނުވަތަ ހެދުނު މަކަރެއްގެ ނަތީޖާއިން ލިބުނު ފައިސާއަކަށް ވެދާނެކަމަށްޓަކައި އިތުރު އެކަލޭގެފާނު ބިރުފުޅުން އެއުޅުއްވި މިންވަރެވެ. އަދި އެ ފޭރާމަކީ އޭގައި އުނިކަމެއް ހުރި ފޭރާމެއް ނަމަވެސް ހަމަ ޔަގީނުން ކޮންމެވެސް އަގެއް އެފާރުމުގައި ހުންނާނެތާއެވެ. އެހެންނަމަވެސް ސަދަގާތްކުރެއްވީ ހަމަ މުޅި ފޭރާމުގެ ފައިސާއެވެ. އެކަލޭގެފާނު ވިދާޅުވިކަމަށްވަނީ، އެ އުނިކަން ގަތް މީހާ ގަތް އިރު އެގުނު ނަމަ އޭނާ އެޔަށް އެއްވެސް އަގެއް އަދާކުރާނެކަން އެނގެނީ ކިހިނަކުންހެއްޔެވެ.

މިއީ މުސްލިމުންގެ އިސްވެދިޔަ އިމާމްވެރި ބޭކަލުން ދެއްކެވި ނަމޫނާއެވެ. މިފަދަ އިލްމުވެރިންގެ ތެދުވެރި މަންހަޖުގެ މަތީގައި އުފަންވެގެން އައި އިސްލާމީ ދައުލަތްތައް ދުށީ ދުނިޔެ ނުދެކޭފަދަ އަދުލުވެރި ވެރިކަންތަކެވެ. މުޅި ދުނިޔެ ޖެހިލުންވާފަދަ އިސްލާމީ ބާރުވެރިކަންތަކެވެ.

ވޭތުވެދިޔަ ހަފުތާ ނިމިގެން އެދިޔައީ އުމުރާއަށް ގެންދިއުމުގެ ވިޔަފާރީގައި ބަޔަކު ހެދި މަކަރެއްގެ ނަތީޖާއިން، 24 ދިވެއްސަކު އުމުރާއަށް ދިޔަ ގޮތަށް ރާއްޖެއަށް ނާދެވި ތާށިވެފައިތިބި ހަބަރައިގެންނެވެ. ކޮންމެވެސް ދީނީ އިލްމުވެރިއެއްގެ ބައިވެރިވުމާ ނުލައި ހިނގާ އެއްވެސް އުމުރާ ގުރޫޕެއް ރާއްޖެއަކު ނެތެވެ. މިބާވަތުގެ އިސްލާމީ ކަންކަން ބެލެހެއްޓުމަށް ރާއްޖޭގައި މިނިސްޓްރީއެއް ވެސް އެބައޮތެވެ.

ހަބަރުގެ ތަފުސީލުން އަޅުގަނޑަށް ފެނުނު ގޮތުގައި މިދެންނެވުނު ޖަމާއަތުން އުމުރާއަށް ގެންދިޔަ މީހުން އުމުރާއަށް ގެންދިޔައިރުވެސް އެ ސައުވީސް މީހުން މިކޮޅަށް ގެންނަން ޓިކެޓްވެސް ނަގާފައި ނެތީއެވެ. ރާއްޖެއަށް އަނބުރާ ގެންނާން އުމުރާވެރިންނަށް ޓިކެޓް ނަގާފައި ނެތި، އެ ގުރޫޕްތަކުން މީހުން އުމުރާއަށް ފުރުވާލެވެންވީ ކީއްވެހެއްޔެވެ؟ އެވަރު ކަށަވަރުކޮށްލުމުގެ ދައުރެއް އިސްލާމިކް މިނިސްޓްރީއަށް އަދާނުވާންވީ ކީއްވެހެއްޔެވެ؟ ނަބަވީ އިރުޝާދުތައް ފުޅާދާއިރާއެއްގައި ބޭނުންކުރައްވައިގެން ހިންގަވާ އުމުރާ ޕެކޭޖްތައް ރެގިއުލޭޓްކުރުމުގައި މިޔަށްވުރެ ހަރުދަނާކޮށް ސަރުކާރުގެ މުއައްސަސާތައް ހަރަކާތްތެރިވާންޖެހެއެވެ.

އަލްބަޤަރާ ސޫރަތުގެ 188 ވަނަ އާޔަތުގައި ކަނޑައެޅިގެން މާތް ﷲ އަންގަވައެވެ. "އަދި ތިޔަބައިމީހުން ބާތިލު ގޮތުގައި ތިޔަބައިމީހުންގެ މެދުގައި ތިޔަބައިމީހުންގެ މުދާ ކައި ނޫޅޭށެވެ!" ދެކޮޅު ޓިކެޓް ނަގާފައި ނެތި އުމުރާ ގުރޫޕްތަކުން އުމުރާއަށް މީހުން ފޮނުވޭގޮތަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދިނުމުގެ ނަތީޖާއަކީ ކޮބައިކަން ވިސްނަވާށެވެ! ފުރަތަމަ ކަމަކީ އުމުރާއަށް ދާން އެ ގުރޫޕަށް ފައިސާދެއްކި ހަމަ އެންމެން އަތުން އެހެން ގުރޫޕްތަކެކޭ ދާދި އެއްވަރަކަށް ވަނީ ފައިސާ ނަގާފައެވެ. އެ ހުރިހާ ފައިސާއެއް އެ ގުރޫޕު ހިންގަން ތިބި މީހުންނަށެވެ. އެމީހުން އަނބުރާ ގެންނާން ހަރަދުކުރަންވީ ދައުލަތުގެ މާލިއްޔަތުންނެވެ.

ދެކޮޅު ޓިކެޓް ނަގާފައި ނެތި އެމީހުންނަށް ފުރޭނެ އިންތިޒާމު ހަމަޖެހިގެންދިއުމުގައި އިސްލާމިކް މިނިސްޓްރީން ބަލަންޖެހޭ ބެލުންތައް ބަލާފައި ނެތެވެ. އެހެން މިދަންނަވަނީ ހައްޖަށް އުމުރާއަށް ގެންދާއިރު، އެންމެ ކުޑަމިނުން ދެކޮޅު ޓިކެޓް ނެތްކަން އެއީ މިނިސްޓްރީއަކުން އެކަން ސުޕަރވައިޒްކުރާނަމަ ބަލާލާފައި އޮންނަންޖެހޭނެ އެންމެ ކުޑަ މިންވަރުކަމަށް ދެކޭތީއެވެ.

އުމުރާ ގުރޫޕްތަކުން ކުރާ ވިޔަފާރިއާ ގުޅޭ މިފަހުން ދައުރުވި ޝަކުވާތަކުގެ ތެރޭގައި މިނޫން އިތުރު ކަންކަން ވެސް ހިމެނިފައިވެއެވެ. އެގޮތުން ސުއޫދީ އަރަބިއްޔާގައި ރަޖިސްޓްރީނުކޮށް ހިންގާ ބައެއް ހޮޓާތަކުގައި މީހުން ބޭތިއްބުމާއި ދަތުރު މެދުތެރޭން ހޮޓާ ބަދަލުކުރަންޖެހުމާއި، ދޭ ހިދުމަތުގެ ފެންވަރު ހިސާބަށްވުރެ ދަށްކަމުގެ ވާހަކަތައް ވެސް އެކިވަރުން ދަނީ ފެންމަތިވަމުންނެވެ.

ވާނެ އެއްޗެއް ވާން ދޫކޮށްލާފައި، މިކަމެއް ދިމާވާ ކޮންމެ ފަހަރަކު ނިކަން އަޑުގަދަކޮށްލާފައި ސަރުކާރު ހަރަދުގައި އެމީހުން އެނބުރި ގެނައިމާ އެޔަކީ ސަރުކާރެއްގެ ޒިންމާ އަދާވިއްޔަކީ ނޫނެވެ. އަމުދުން އިސްލާމީ ވެރިކަމެއްގައި އެކަން އޮންނާންވާނީ އެހެންނަކުން ނޫނެވެ. ސަރުކާރެއް އޮތުމާއި މިނިސްޓްރީތަކެއް ހުރުމުގެ ބޭނުމަކީ މިފަދަ އޮޅުވާލުންތަކާއި މަކަރުވެރިކަމުން ރައްޔިތުން ސަލާމަތްކުރުމެވެ. އެކަންކަން މެދުވެރިނުވާނެ ގޮތާއި މެދުވެރިވުން މަދުވާނެ ގޮތުގެ އިންތިޒާމުތައް ހަމަޖެއްސުމެވެ. ހަހާހެއް މީހުން އުމުރާއަށް ދާއިރު، އެ ހަހާސް މީހުންގެ ރިޓާރން ޓިކެޓް ނަގާފައިވާކަން ބަލާލެވޭވަރު ސަރުކާރުގެ އިދާރާތަކުގައި ނެތްނަމަ، ސަރުކާރެއްގެ ބޭނުމަކީ ކޮބާހެއްޔެވެ؟

މާތް ނަބިއްޔާ ހަދީސްކުރައްވާފައިވެއެވެ. "އަހަރެމެންނަށް މަކަރުހަދާ އޮޅުވާލާ މީހާ އަހަރެމެންގެ ތެރެއިން ނުވެއެވެ." އެހެން ބަސްފުޅެއްގައި ވެއެވެ. "އަހަރެމެންނަށް އޮޅުވާލާ މީހާއަކީ އަހަރެމެންގެ ތެރެއިން ވާ މީހެއް ނޫނެވެ. އަދި މަކަރާއި ހީލަތްތެރިކަންވަނީ އަލިފާނުގައެވެ." މިއީ ކުޑަ ވާހަކަ އެއް ނޫނެވެ. މާތް ނަބިއްޔާ ހަދީސްކުރައްވާ 'އަހަރެމެންނަކީ' މުސްލިމުންނެވެ.

އެހެން ބަސްފުޅެއްގައި ހަދީސްކުރައްވާފައިވެއެވެ. "މުއުމިނެއްގެ ގައިގައި ކޮންމެ ސިފައެއް ވެސް ހުރެދާނެއެވެ. ޚިޔާނާތްތެރިކަމާއި ދޮގު ހެދުން ފިޔަވައެވެ. ހަމަ ކަށަވަރުން އެ ދެކަމަކީ އީމާންކަމުގެ އަހުލާގުގެ ތެރެއިން ވާ ކަންކަމެއް ނޫނެވެ."

ކޮމެންޓް

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox