ކުޅިވަރު ދުުނިޔޭގައި އަހަރު ދުވަހަށް ބަލާއިރު ގިނަ ކަންތައްތަކެއް ކޮންމެ އަހަރަކު ވެސް ހިނގައިދެ އެވެ. އޭގެ ތެެރެއިން، މިދިޔަ އަހަރު، 2024 ހާއްސަވާ ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. އެ ގޮތުން، ދުނިޔޭގެ ފުޓްބޯޅައިގެ ބޮޑު ދެ ބައްރު ކަމަށްވާ ޔޫރަޕާއި ދެކުނު އެމެރިކާގެ ފުޓްބޯޅަ މުބާރާތްތަކާއި ކްރިކެޓް ވޯލްޑް ކަޕު ކުރިއަށްދިޔައިރު، ޓެނިހުގެ ލެޖެންޑަރީ ތަރިން ވަނީ ރިޓަޔާމަންޓް އިއުލާނުކޮށްފަ އެވެ.
ސްޕެއިން ޔޫރޯ ކާމިޔާބު ކުރުން
ޖަރުމަނުގައި މިދިޔަ އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދާފައިވަނީ، އިންގްލެންޑް އަތުން 2-1 އިން ފައިނަލްގައި މޮޅުވުމަށް ފަހު އެވެ. ސްޕެއިނުން، 2012 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ޔޫރަޕްގެ ޗެމްޕިއަންކަން ހޯދާފައިވާއިރު، މިއީ މި ތަށި ސްޕެއިނަށް ލިބުނު ހަތަރު ވަނަ ފަހަރެވެ.

ޔޫރޯގެ ތަށްޓާ އެކު ސްޕެއިނުން އުފާފާޅުކުރަނީ.
ސްޕެއިނުން މީގެ ކުރިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައިވަނީ، 1964، 2008، 2012 އަދި 2024 ވަނަ އަހަރު އެވެ. މިދިޔަ ފަހަރުގެ މުބާރާތް ސްޕެއިނަށް ހާއްސަ އެވެ. އެ ޓީމުން ތަށި އުފުލާލީ ކުޅުނު ހަތް މެޗުން ވެސް މޮޅުވެގެންނެވެ. މިއީ، ސްޕެއިނުގެ ފުޓްބޯޅަ ތާރީހުގައި ރަން އަކުރުން ލިޔެވުނު ކާމިޔާބެކެވެ.
މި މެޗުން އިންގްލެންޑް ބަލިވެ، ޖެހިޖެހިގެން ދެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ބަލިވުމުގެ ނާކާމިޔާބާ އެކު، އިންގްލެންޑްގެ ކޯޗުކަމުން އަށް އަހަރަށް ފަހު ގަރެތު ސައުތުގޭޓް ވަނީ ވަކިވެފަ އެވެ.
ކްލޮޕް ނުވަ އަހަރަށް ފަހު ލިވަޕޫލް ދޫކޮށްލުން، ބާސެލޯނާ އިން ޒަވީ ވަކިކުރުން
ލިވަޕޫލްގެ ކޯޗުކަމާ 2015 ވަނަ އަހަރު ހަވާލުވެ، ޖަރުމަނުގެ ޔާގަން ކްލޮޕް ވަނީ ޔޫރަޕްގެ ގަދަ ޓީމަކަށް އެ ޓީމުން އަލުން ހަދައިފަ އެވެ. ލިވަޕޫލް 30 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން 2020 ވަނަ އަހަރު ހޯދީ ކްލޮޕްގެ އިރުޝާދުގެ ދަށުންނެވެ. އަދި 2019 ވަނަ އަހަރު ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކުރިއެވެ. އެކަމަކު, ހީވެސް ނުކުރާ ފަދަ ދަނޑިވަޅެއްގައި ލިވަޕޫލްގެ ކޯޗުކަމުން މިދިޔަ ސީޒަނަށް ފަހު ވަކިވާން ނިންމާފައިވާކަން ކްލޮޕް އިއުލާންކުރުމަކީ ލިވަޕޫލްގެ ސަޕޯޓަރުންނަށް ލިބުނު ހައިރާން ކަމެކެވެ.
ކްލޮޕް، 56، ބުނީ މި ސީޒަނަށް ފަހު ލިވަޕޫލްގެ ކޯޗުކަން ދޫކޮށްލަން އޭނާ ނިންމީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށެވެ. ޔަގީންކަމާ އެކު ބުނަން ކެރޭ އެއް ވާހަކަ އަކީ އިނގިރޭސި އިތުރު ކްލަބަކަށް އޭނާ ކޯޗުކޮށްނުދޭނެކަން ކަމަށް ކްލޮޕް ބުނެފައިވެ އެވެ. ކުރިން ޖަރުމަނުގެ މައިންޒް އާއި ބޮރޫޝިއާ ޑޯޓްމަންޑަށް ކޯޗުކޮށްދިން ކްލޮޕް ވަނީ ފަހުން، ރެޑްބުލް ފުޓްބޯލް ގްރޫޕްގެ ޑައިރެކްޓަރުގެ މަގާމާ ހަވާލުވެފަ އެވެ.

ލިވަޕޫލްގެ ކޯޗުކަމުގެ މަގާމުގައި ކްލޮޕް ހުރި ފަހު މެޗަށް ފަހު ބޭއްވި އިވެންޓްގެ ތެރެއިން.
މިދިޔަ އަހަރު ބާސެލޯނާގެ ކޯޗުކަމުން ވަކިވާނެ ކަމަށް ނިންމުމަށް ފަހު، އެ ނިންމުން ބަދަލުކޮށް، ބާސެލޯނާގައި މަޑުކުރި ކޯޗު، ޒަވީ ހެނާންޑޭޒް ވަކިކުރަން ފަހުން އެ ކްލަބުން ނިންމި ނިންމުމަކީ ގިނަ ބަޔެއްގެ ލޯ އަމާޒުވި ކަމެކެވެ.
ޖެނުއަރީ މަހު ޒަވީ، ވަނީ މި ސީޒަން ނިމުމުން ބާސެލޯނާގެ ކޯޗުކަން ދޫކޮށްލާނެކަން އިއުލާނުކޮށްފަ އެވެ. އެކަމަކު، ތަކުރާރުކޮށް ބާސެލޯނާ އިން ކުރިއަށްގެންދިޔަ މަޝްވަރާތަކަށް ފަހު، ޒަވީ އެ ނިންމުން ބަދަލުކުރި އެވެ. އެ ގޮތުން، އޭޕްރީލް މަހު، ޒަވީ، އިއުލާނުކުރީ އިތުރު އެއް އަހަރު ބާސެލޯނާގައި މަޑުކުރަން އެއްބަސްވެވިފައިވާ ކަމަށެވެ. އެކަމަކު، ފަހުން ބާސެލޯނާގެ ބޯޑުން ވަނީ މެއި މަހު ޒަވީ އެ މަގާމުން ދުރުކޮށްފަ އެވެ.

ޑޭވިސް ކަޕްގައި ނަޑާލް .ކުޅުނު ފަހު މެޗަށް ފަހު އޭނާގެ ޕްރެޒެންޓޭޝަނުގެ ތެރެއިން.
ނަޑާލް އާއި މަރީ ރިޓަޔާކުރުން
ދުނިޔޭގެ ޓެނިސް ކުޅުންތެރިންގެ ފިރިހެނުންގެ އެއް ވަނައިގައި މި ވަގުތު އޮތް އިޓަލީގެ ޖެކް ސިނާ މިދިޔަ އަހަރުގެ މާޗް މަހު މަނާބެހޭކަށް ޕޮޒިޓިވްވި މައްސަލައިގެ ތަަހުގީގުުތައް އަދިވެސް އަންނަނީ ކުރިއަށްދަމުންނެވެ. އެ މައްސަލައިގައި ސިނާ އަށް ސަސްޕެންޝަނެއްގެ ފުރުސަތު ވެސް ބޮޑެވެ. ދުނިޔޭގެ އަންހެން އެއް ވަނައިގައި އޮއްވައި، އީގާ ސްވިއަޓެކް، މިދިޔަ އަހަރު އޮގަސްޓް މަހު މަނާބޭހަށް ޕޮޒިޓިވްވެ، އެއް މަހުގެ ސަސްޕެންޝަނެއްގައި ވެސް ހުންނަން ޖެހުނެވެ. ޓެނިހުގެ ސަސްޕެންޝަންތަކުގެ ވާހަކައިގެ އަޑުގަދަވި އަހަރެއްގައި އެންމެ ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓުނީ ޓެނިސް ދެ ލެެޖެންޑުން ރިޓަޔާކުރި ހަބަރަށެވެ.
އެ ގޮތުން، އިނގިރޭސި ތަރި، އެންޑީ މަރީ އާއި ސްޕެއިނުގެ ލެޖެންޑަރީ ތަރި، ރަަފައެލް ނަޑާލް ރިޓަޔާކުރުމުގެ ފަހަތުގައި އޮތީ އަނިޔާގެ މައްސަލަ އެވެ.
ޕެރިހުގައި މިދިޔަ އަހަރު ބޭއްވި އޮލިޕިކްސްގެ ޓެނިސް އިވެންޓަށް ފަހު ރިޓަޔާކުރާނެކަން އިއުލާނުކުރި މަރީގެ ފަހު މެޗަކީ، ޑަބަލްސް ކެޓަގަރީގެ ކުއާޓާ ފައިނަލުން، އެންޑީ މަރީ އާއި ޑޭން އެވާންސްގެ ޕެއާ ކުޅުނު މެޗެވެ. ރިޓަޔާކުރަން ނިންމީ އެކަމަށް ވަރަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށާއި ޓެނިސް ކެރިއަރުގައި ކުރެވުނު ގިނަ ކަންކަމާ މެދު ފަހުރުވެރިވާ ކަމަށް މަރީ ވަނީ ބުނެފަ އެވެ.
އޮލިމްޕިކްސްގައި މަރީ އެންމެ ފުރަތަމަ ވާދަކުރީ 2008 ވަނަ އަހަރު ޗައިނާގެ ބެއިޖިންގައި ބޭއްވިއިރު އެވެ. އެ ފަހަރު ފުރަތަމަ ބުރުން، ޗައިނާގެ ލޫ ޔެން ސުން އަތުން ބަލިވެ ކެޓީ އެވެ. އޭގެ ހަތަރު އަހަރު ފަހުން، ލަންޑަން އޮލިމްޕިކްސްގައި މަރީ ވަނީ އިންގަލްސް އިން ރަން މެޑަލް ހޯދައިފަ އެވެ. އެއީ ފައިނަލުގައި، ރޮޖާ ފެޑެރާ ބަލިކުރުމަށް ފަހު އެވެ. އޭގެ ފަހުން، 2016 ވަނަ އަހަރު ބްރެޒިލްގެ ރިއޯގައި، ފައިނަލުގައި ހުއާން މާޓިން ޑެލް ޕޮޓްރޯ ބަލިކޮށް، މަރީ ވަނީ އޮލިމްޕިކް ރަން މެޑަލް ދިފާއުކޮށް، ޓެނިހުގެ ތާރީހުގައި އެ ކާމިޔާބު ހޯދި ހަމައެކަނި ފިރިހެން ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ.
މިދިޔަ އޮކްޓޫބަރު މަހު، ނަޑާލް، 38، ރިޓަޔާކުރަން ނިންމިކަން އިއުލާނުކުރީ، ނޮވެމްބަރު މަހު ކުރިއަށްދިޔަ ޑޭވިސް ކަޕަށް ފަހު އެވެ. ނަޑާލްގެ ކާމިޔާބީގެ އެންމެ ހާއްސަ މުބާރާތަކީ 14 ފަހަރު ފްރެންޗް އޯޕަން ކާމިޔާބު ކުރުމެވެ. ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ ކްލަބް، ރެއާލް މެޑްރިޑްގެ އެމްބަސަޑަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރާ ނަޑާލް ޓެނިހުގައި މަޝްހޫރުވެފައިވާ އެއް ނަމަކީ، "ކިންގް އޮފް ކްލޭ" އެވެ. އެއީ، ފްރެންޗް އޯޕަން މުބާރާތުގައި ކުޅުނު 116 މެޗުގެ ތެރެއިން 112 މެޗުން މޮޅުވެފައިވާތީ އެވެ. ޔޫއެސް އޯޕަން ތަށި ހަތަރު ފަހަރު ހޯދިއިރު، ވިމްބަލްޑަން އާއި އޮސްޓްރޭލިއަން އޯޕަން ކޮންމެ މުބާރާތެއް ދެ ފަހަރު ކާމިޔާބުކޮށްފައިވެ އެވެ. އަދި ނަޑާލް ވަނީ އޮލިމްޕިކްސްގެ ސިންގަލްސް އާއި ޑަބަލްސް އިން ރަން މެޑަލް ހޯދުމުގެ އިތުރުން، ސްޕެއިނަށް ފަސް ޑޭވިސް ކަޕް ހޯދައިދޭން އެހީތެރިވެދީފަ އެވެ. އެންމެ ފަހުން، އެ ތަށި ހޯދީ 2019 ވަނަ އަހަރު އެވެ.
އާޖެންޓީނާ އިން ކޮޕަ އެމެރިކާ ދިފާއުކުރުން
އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި ލައުޓާރޯ މާޓިނޭޒް ޖެހި ގޯލުން ކޮލަމްބިއާ 1-0 ގެ ނަތީޖާ އަކުން ބަލިކޮށް، އާޖެންޓީނާ އިން ވަނީ މިދިޔަ އަހަރު ބޭއްވި ކޮޕަ އެމެރިކާ ފުޓުބޯޅަ މުބާރާތުގެ ތަށި ދިފާއުކޮށްފަ އެވެ.
މިއީ ކޮޕަ އެމެރިކާގެ އެންމެ ކާމިޔާބު ޓީމު، އާޖެންޓީނާ އިން މި މުބާރާތުގެ ތަށި އުފުލާލި 16 ވަނަ ފަހަރެެވެ. މީގެ ކުރިން މުބާރާތް އެންމެ ގިނައިން ކާމިޔާބުކުރުމުގެ ރެކޯޑް އޮތީ އާޖެންޓީނާ އާއި އުރުގުއޭ އަތުގަ އެވެ. އެއީ ދެ ޓީމުން ވެސް 15 ތަށި ހަމަކޮށްފައި އޮތުމުންނެވެ. އެކަމަކު، އާޖެންޓީނާ އިން މިހާރު މި ވަނީ އެއް ތަށި އިތުރަށް ހޯދައިފަ އެވެ.
ލެބްރަން ޖޭމްސް 40،000 ޕޮއިންޓް ހަމަކުރުން
މިދިޔަ އަހަރުގެ މާޗް މަހުގައި، ލޮސް އެންޖެލްސް ލޭކާސް އަށް ކުޅެމުން އަންނަ ލެބްރަން ޖޭމްސް، އެންބީއޭގެ ސީޒަންތަކުގައި ވާދަކުރާ ކުޅުންތެރިންގެ ތެރެއިން އެންމެ ފުރަތަމަ 40،000 ޕޮއިންޓް ހަމަކުރި ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ.
ޖޭމްސް، 40، ބުނީ، 40،000 ޕޮއިންޓްގެ މި ރެކޯޑާ އިތުރު ކުޅުންތެރިއަކަށް ހަމަކުރެވޭނީ ކިތައް އަހަަރުން ކަމެއް އޭނާ އަށް ނުބުނެވޭނެ ކަމަށެވެ.
އެންބީއޭގެ އެންމެ ގިނަ ޕޮއިންޓް އެއްކުރި ކުޅުންތެރިޔާގެ ރެކޯޑް، ޖޭމްސް އަށް ލިބުނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގަ އެވެ. އެއީ، ކަރީމް އަބްދުލް ޖައްބާރު އަތުގައި ގިނަ ދުވަސް ވަންދެން އޮތް ރެކޯޑެކެެވެ. ޖޭމްސް އެ ރެކޯޑް މުގުރާލީ، 38،387 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރު ފަހަރަށް އެންބީއޭ ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ލިބުނު ޖޭމްސް މިހާރު ކުޅެމުން އެ އަންނަނީ އޭނާގެ 21 ވަނަ ސީޒަނެވެ. މި ވަގުތު، އެންބީއޭގައި ހުރި އެންމެ ދުވަސްވީ ކުޅުންތެރިއަކީ ޖޭމްސް އެވެ.

ޓީ20 ވޯލްޑް ކަޕަށް ފަހު، ރޯހިތު (ކ) އާއި ވިރާތު ޓްރޮފީ ހިފައިގެން.--
އިންޑިއާ ޓީ20 ކްރިކެޓް ޗެމްޕިއަންކަން ހޯދުން
ވެސްޓް އިންޑީސްގައި މިދިޔަ އަހަރު ބޭއްވި އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އިންޑިއާ އިން ހޯދިއިރު، މިއީ 17 އަހަރަށް ފަހު އެ ޓީމަށް މި ކާމިޔާބީ ހާސިލްކުރެވުނު ފަހަރެކެވެ.
މިދިޔަ އަހަރުގެ ޓީ20 ވޯލްޑް ކަޕް ތަށްޓަކީ، އިންޑިއާ އިން އައިސީސީގެ ކްރިކެޓް ވޯލްޑް ކަޕެއްގެ ޗެމްޕިއަންކަން 2011 ވަނަ އަހަރުގެ ފަހުން ހޯދި ފުރަތަމަ ފަހަރު ހާސިލްކުރި ކާމިޔާބެކެވެ.
އިންޑިއާ އިން އެންމެ ފުރަތަމަ ޓީ20 ވޯލްޑް ކަޕް ކާމިޔާބުުކުރީ 2007 ވަަނަ އަހަރު އެ ގައުމުގައި ބޭއްވިއިރު އެވެ. އޭގެ ފަހުން، 2014 ވަނަ އަހަރުގެ ޓީ20 ވޯލްޑް ކަޕް ފައިނަލުގައި އިންޑިއާ ވަނީ ސްރީ ލަންކާ އަތުން ބަލިވެފަ އެވެ.
އިންޑިއާ އިން މިދިޔަ ފަހަރު ހޯދި ކާމިޔާބީ ހާއްސަވާ ސަބަބަކީ، އެ ޓީމުން ޗެމްޕިއަންކަން ހޯދީ ދެ ރެކޯޑާ އެކު ކަމަށްވާތީ އެވެ. އެ ގޮތުން، އިންޑިއާ އަކީ ހުރިހާ މެޗަކުން މޮޅުވެގެން ސައްތަ އިން ސައްތަ ރެކޯޑަކާ އެކު، އައިސީސީ ވޯލްޑް ކަޕެއް ކާމިޔާބުކުރި ފުރަތަމަ ގައުމެވެ. އަނެއްކޮޅުން، އިންޑިއާ އިން ފައިނަލް މެޗުން މޮޅުވީ، އިނިންގްސެއްގައި މިހާތަނަށް ޓީ20 ވޯލްޑް ކަޕެއްގެ ފައިނަލުގައި އެންމެ ގިނަ ލަނޑު ހަދައިގެންނެވެ.
އަނެއްކޮޅުން، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ، ވިރާތު ކޯލީ ވަނީ، މި ކާމިޔާބަށް ފަހު، އިންޑިއާގެ ޓީ20 ޓީމުން ރިޓަޔާކުރަން ނިންމާފައިވާކަން އިއުލާނުކޮށްފަ އެވެ. އިންޑިއާގެ ކެޕްޓަން، ރޯހިތު ޝަރްމާ، އަކީ 2007 ވަނަ އަހަރު އިންޑިއާ އިން ޓީ20 ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގެ ވެސް މެމްބަރެކެވެ. އެކަމަކު، މި ފަހަރުގެ ތަށި މި ހޯދީ ކެޕްޓަނެއްގެ ގޮތުގަ އެވެ.

ރެއާލް މެޑްރިޑްގެ ކުޅުންތެރިއެއްގެ ގޮތުގައި އެމްބާޕޭ ތައާރަފްކުރުމުގެ ތެރެއިން.
ރެއާލް މެޑްރިޑަށް އެމްބާޕޭ ބަދަލުވުން
ފާއިތުވި ހަތަރު ވަރަކަށް އަހަރު ޕީއެސްޖީ އަށް ބޮޑު އަގުދީގެން އެކި ފަހަރު މަތިން ރެއާލް މެޑްރިޑުން ވަނީ ކީލިއަން އެމްބާޕޭ ގެންދެވޭތޯ މަސައްކަތްކޮށްފަ އެވެ. އެކަމަކު، ޕީއެސްޖީން އެކަމަށް ފުރުސަތު ނުދެ އެވެ. އެންމެ ފަހުން، މި ސީޒަން ފެށުމުގެ ކުރިން އެމްބާޕޭ ވަނީ ޕީއެސްޖީގެ ކޮންޓްރެކްޓް ފުރިހަމަ ކުރުމަށް ފަހު ރެއާލް މެޑްރިޑަށް ހިލޭ ޓްރާންސްފާއެއްގައި ބަދަލުވެފަ އެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ ރެއާލުގެ ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލި ދުވަހު ހެދި ރެކޯޑް މުގުރާލުމަށް ފަހު, އެމްބާޕޭ، ރެއާލް މެޑްރިޑް ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލިއިރު ގިނަ ބަޔަކު އެ އިވެންޓަށް ދިޔަ އެވެ. ރޮނާލްޑޯ ރެއާލްގެ ކުޅުންތެރިއެއްގެ ގޮތުގައި ތައާރަފްކުރީ 79,800 މީހުންގެ ކުރިމަތީގަ އެވެ. އެކަމަކު، ރެއާލްގެ ޖާޒީގައި އެމްބާޕޭގެ ޕްރެޒެންޓޭޝަން މިއަދު އޮތީ، ރެއާލްގެ ދަނޑު ސަންޓިއާގޯ ބާނަބައުގައި ބޭއްވި ހާއްސަ އިވެންޓެއްގައި 80,200 މީހުންގެ ކުރިމަތީގަ އެވެ.
ރެއާލާ އެކު ފަސް އަހަރުގެ ކޮންޓްރެކްޓެއް ހެދި އެމްބާޕޭ ވަނީ، ޔުއެފާ ސުޕަ ކަޕް ފައިނަލު މެޗުގައި ރެއާލަށް ލަނޑު ޖަހައިދީފަ އެވެ.
ވިނީޝިއުސް އަށް ދި ބެސްޓް އެވޯޑް، ރޮޑްރީ އަށް ބެލޮންޑިއޯ އެވޯޑް
ފްރާންސް ފުޓްބޯލް މެގަޒިން އިން ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ، ބެލޮންޑިއޯ ޓްރޮފީ ހޯދީ މެންޗެސްޓާ ސިޓީ އަށް ކުޅޭ ސްޕެއިނުގެ މިޑްފީލްޑަރު ރޮޑްރީ އެވެ.
ރޮޑްރީ އަށް މި ޓްރޮފީ ދިން ހަފްލާ އަށް ރެއާލް މެޑްރިޑުގެ ކުޅުންތެރިއަކު ވެސް އަދި އޮފިޝަލަކު ވެސް ހާޒިރެއް ނުވެ އެވެ. ރެއާލުން އެ ރަސްމިއްޔާތު ބޮއިކޮޓްކުރީ ޔުއެފާ އިން ނުފޫޒު ފޯރުވައިގެން، އެ އެވޯޑް ވިނީޝިއުސް ޖޫނިއާ އަށް ނުދީ ރޮޑްރީ އަށް ދިން ކަމަށް ސްޕެއިނުގެ މީޑިއާ އިން ތުހުމަތުކޮށްފައިވަނިކޮށެވެ. ބެލޮންޑިއޯ ފައިނަލް ވޯޓިން އަށް ބަލާއިރު، ރޮޑްރީ އަށް 1170 ޕޮއިންޓް ލިބުނެވެ. ދެ ވަނަ ހޯދި ވިނީޝިއުސް އަށް ލިބުނީ، 1129 ޕޮއިންޓެވެ.

ވިނީޝިއުސް، ފީފާ ބެސްޓް އެވޯޑް ހިފައިގެން.
ބެލޮންޑިއޯ އެވޯޑް ރޮޑްރީ އަށް ލިބުނު ކަމުގައި ވިޔަސް، ފީފާ އިން ހޮވި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހާސިލްކުރީ ވިނީޝިއުސް އެވެ. ވިނީޝިއުސް އަށް 48 ވޯޓު ލިބުނުއިރު، ދެ ވަނަ އަށް ދިޔަ ރޮޑްރީ އަށް ލިބުނީ، 43 ޕޮއިންޓެވެ. ތިން ވަނަ ހޯދި ރެއާލް މެޑްރިޑުގެ އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް އަށް ލިބުނީ، 37 ޕޮއިންޓެވެ.
ބެސްޓް އެވޯޑްސްގެ ފޯމެޓަށް ފީފާ އިން އެވޯޑެއް ދޭން ފެށީ 2016 ވަަނަ އަހަރު އެވެ. ބެލޮންޑިއޯ އާއި ފީފާ އެވޯޑް އެއްކޮށްލައިގެން ވެސް މީގެ ކުރިން ދީފައިވެ އެވެ.
ފުޓްބޯޅައިގެ އެންމެ ދުވަސްވީ އަދި ޝަރަފްވެރި އެއް އެވޯޑް ކަމަށްވާ ބެލޮންޑިއޯ އަކީ 1956 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. މި އެވޯޑް 1995 ވަނަ އަހަރާ ހަމަޔަށް ދިނީ ހަމައެކަނި ޔޫރަޕް ކުޅުންތެރިންނަށެވެ. އެކަމަކު، އޭގެ ފަހުން ވަނީ ޔޫރަޕުގެ ކްލަބަކަށް ކުޅޭ ދުނިޔޭގެ ކޮންމެ ކުޅުންތެރިޔަކަށް ވެސް ލިބޭ ގޮތަށް ބަދަލުކޮށްފަ އެވެ. އަދި ފަހުން 2007 ގައި ވަނީ ދުނިޔޭގެ ކޮންމެ ގައުމެއްގައި ކުޅޭ ޕްރޮފެޝަނަލް ކުޅުންތެރިންނަށް ވެސް ހުޅުވާލައިފަ އެވެ.
ބެލޮންޑިއޯ އެވޯޑް 2010-2015 އަށް ދިނީ ފީފާ އެވޯޑާ އެއްކޮށްލައިގެން ފީފާ ބެލޮންޑިއޯގެ ގޮތުގަ އެވެ. ކޮވިޑް-19 ގެ ސަބަބުން 2020 ވަަނަ އަހަރު ބެލޮންޑިއޯ ހަފްލާ ނުބާއްވަ އެވެ. މިއީ ފްރާންސް ފުޓްބޯލް އިން އެކްރެޑިޓްކުރާ ނޫސްވެރިންނާއި ފުޓްބޯޅަ ކޯޗުން ވޯޓު ދީގެން ހޮވާ އެންމެ މޮޅު ކުޅުންތެރިއަކަށް ދޭ އެވޯޑެކެވެ. މި ފަހަރު ބެލޮންޑިއޯ އެވޯޑަށް ގެނައި ބަދަލުގެ ސަބަބުން މި ބްރޭންޑް އިތުރަށް ވަރުގަދަވާނެ ކަމަށް އެވޯޑް އިންތިޒާމްކުރާ ފްރާންސް ފުޓްބޯލް އިން ބުނެ އެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ: ވޯލްޑް ކަޕް ބިޑްތައް ޕްރޮމޯޓްކުރުމުގައި ހަރަކާތްތެރިވެފައިވޭ.
2030 އާއި 2034 ގެ ވޯލްޑް ކަޕް ބިޑްތައް ފައިނަލް
ފީފާ ވޯލްޑް ކަޕް 2030 އާއި 2034 ވަނަ އަހަރު ހޯސްޓްކުރާނެ ގައުމުތައް މިދިޔަ މަހު ވަނީ ދެ ވޯލްޑް ކަޕަށް އެކުގައި ވޯޓަށް އަހައި ފައިނަލްކޮށްފަ އެވެ. އެ ގޮތުން، ދުނިޔޭގެ މައި ފުޓްބޯޅަ ޖަމިއްޔާ ފީފާ އިން ނިންމާފައިވަނީ، 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯސްޓްކުރުމުގެ ފުރުސަތު މޮރޮކޯ، ސްޕެއިން އަދި ޕޯޗުގަލް އަށް ދިނުމުގެ އިތުރުން، 2034 ވަނަ އަހަރުގެ ވޯލްޑް ކަޕް ސައުދީ އަރަބިއްޔާގައި ބޭއްވުމަށް ފުރުސަތު ދިނުމަށެވެ.
މޮރޮކޯ އާއި ސްޕެއިން އަދި ޕޯޗުގަލް އަށް ދިން ވޯލްޑް ކަޕްގެ ބައެއް މެޗުތައް، އުރުގުއޭ، އާޖެންޓީނާ އަދި ޕެރަގުއޭގައި ވެސް ކުޅޭނެ އެވެ. މިއީ، ވޯލްޑް ކަޕް އެންމެ ފުރަތަމަ 1930 ވަނަ އަހަރު ބޭއްވުމަށް 100 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ފީފާ އިން ނިންމި ނިންމުމެކެވެ. އެ ގޮތުން، އާޖެންޓީނާ އާއި ޕެރަގުއޭ އަދި އުރުގުއޭގައި ކުޅޭނީ 2030 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ ތިންް މެޗެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ، ތިން ބައްރެއްގައި ތަފާތު ހަ ގައުމެއްގައި ފީފާ ވޯލްޑް ކަޕްގެ މެޗުތައް ކުޅުމަކީ، މި މުބާރާތަށް 100 އަހަރު ފުރުން ފާހަގަކުރުން އެންމެ ރަނގަޅު ގޮތް ކަމުގައިވާނެ ކަމަށެވެ.
ސައުދީ އަރަބިއްޔާ އިން 2034 ގެ ވޯލްޑް ކަޕް ކާމިޔާބުކުރީ ވާދަކުރާނެ އިތުރު ބިޑެއް ވެސް ނެތި އެވެ. ފީފާ އިން ވަނީ ސައުދީ އަރަބިއްޔާގެ ވޯލްޑް ކަޕް ބިޑްގެ އިވެލުއޭޝަން ރިޕޯޓް އާންމުކޮށްފަ އެވެ. އެ ގޮތުން، އެ އިވެލުއޭޝަނުގައި ސައުދީ އަށް ވަނީ 5 އަކުން، 4.2 ލިބިފަ އެވެ. މިއީ މިހާތަނަށް ވޯލްޑް ކަޕް ބިޑަކަށް ލިބުނު އެންމެ ބޮޑު ސްކޯ އެވެ. އެ އިވެލުއޭޝަން ރިޕޯޓްގައި ސައުދީގެ ހިއުމަން ރައިޓްސް ކަަށަވަރުވާ މިންގަނޑަށް ވަނީ އެކަށީގެންވާ މާކުހެއް ލިބިފަ އެވެ.












