ރިވިޒިޓް2024: ރާއްޖޭގެ ކުޅިވަރުގައި ކާމިޔާބާއި މައްސަލަތަކުގެ އަހަރެއް!

Jan 1, 2025, 7:53 AM
ރިވިޒިޓް2024: ރާއްޖޭގެ ކުޅިވަރުގައި ކާމިޔާބާއި މައްސަލަތަކުގެ އަހަރެއް!

ނިމިގެންދިޔަ 2024 ވަނަ އަހަރަކީ ރާއްޖޭގެ ކުޅިވަރުގައި ތަފާތު ގިނަ ތަޖުރިބާތަކެއް ކުރަން ޖެހުނު އަހަރެއް. ތާރީހީ ކާމިޔާބީތަކެއް ހާސިލްވިއިރު، ގިނަ ކުޅިވަރު އެސޯސިއޭޝަންތަކެއްގެ އިންތިހާބު ބޭއްވިގެންދިޔައިރު، ބައެއް އެސޯސިއޭޝަންތަކުގެ ގިނަ މައްސަަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. މީގެ އިތުރުން، ރާއްޖޭގެ ކުޅިވަރުގައި މުހިންމު ހިދުމަތްތަކެއް ކުރި ފަރާތްތަކެއް ވަނީ ވަކިވެގެން ގޮސްފަ އެވެ.

ދީމާ އޮލިމްޕިކްސް އަށް ކޮލިފައިވުން

ނޭޕާލުގައި ކުރިއަށްދިޔަ ދެކުނު އޭޝިއާ ކޮލިފިކޭޝަންސްގެ ސިންގަލްސް ޗެމްޕިއަންކަން ހޯދައި، ގައުމީ ޓީޓީ، ތަރި ފާތިމަތު ދީމާ އަލީ ވަނީ މިދިޔަ އަހަރު ފްރާންސްގެ ޕެެރިހުގައި ބޭއްވި އޮލިމްޕިކްސް އަށް ކޮލިފައިވެ، ހާއްސަ ޝަރަފެއް ހޯދައިފަ އެވެ. ދީމާ، އަކީ ރާއްޖޭގެ ކުޅިވަރު ތާރީހުގައި އޮލިމްޕިކްސް އަށް ކޮލިފައިވެގެން، ވާދަކުރާނެ ފުރަތަމަ އެތުލީޓެވެ. މިއާ އެކު ދީމާ އަށް މި ވަނީ ރާއްޖޭގެ ކުޅިވަރުން ހާއްސަ ޝަރަފެއް ލިބިފަ އެވެ. މީގެ ކުރިން ރާއްޖެ އަށް މުޅިން ވެސް އޮލިމްޕިކްސް އިން ފުރުސަތު ލިބިފައިވަނީ، ކޮލިފައިނުވާ ގައުމުތަކުގެ ތެރެއިން ލިބޭ އިންވިޓޭޝަނަލް (ޓްރައިޕާޓައިޓް)ގެ ފުރުސަތެވެ. އެކަމަކު، ދީމާ މި ވަނީ ކޮލިފިކޭޝަން ބުރެއް ފަހަނައަޅައި ގޮސް ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުން ފުރުސަތު ހޯދައިފަ އެވެ.

ދީމާ އަކީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ދިން ޕެރިސް އޮލިމްޕިކްސް ސްކޮލަޝިޕް ލިބުނު އެތުލީޓެކެވެ. އަދި މިދިިޔަ ސަރުކާރުން ފެށި އަރުތަ ޕްރޮގްރާމްގެ ތެރެއިން ވެސް ދީމާ އަށް ޓްރެއިނިންގެ ފުރުސަތުތައް ދީފައިވެ އެވެ.

ސާފިން، ބީޗްވޮލީބޯޅަ އަދި ބެޑްމިންޓަނަށް ކާމިޔާބީތަކެއް

ކ. ތުލުސްދޫގައި މިދިޔަ އަހަރު ހޯސްޓްކުރި، އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގައި ވާދަކޮށް، ޖަޕާނުގައި 2026 ވަނަ އަހަރު ކުރިއަށްދާ އޭޝިއަން ގޭމްސްގެ އަންހެން ސާފިން އިވެންޓުގައި ސައުތު އޭޝިއާ އަށް ލިބޭ ސްލޮޓް ރާއްޖޭން ވަނީ ހޯދައިފަ އެވެ. މިއީ، ރާއްޖޭގައި، އޭޝިއަން ގޭމްސްގެ ކޮލިފައިން އިވެންޓެއް ބޭއްވި ފުރަތަމަ ފަހަރު ކަމަށްވާއިރު، މި ކާމިޔާބީއާ އެކު، ސާފިން އިން ތާރީހީ ފުރުސަތެއް ހޯދައިފަ އެވެ.

ބޫޓާނުގައި ކުރިއަށްދިޔަ، ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)، ބީޗް ވޮލީބޯލް ޗެލެންޖު ކަޕުގެ ފައިނަލުގައި ނޭޕާލުގެ އެއް ވަނަ ޕެއާ މަން ބަހާދުރު އާއި ދިލް ބަހާދުރުގެ ޕެއާ ބަލިކޮށް، ރާއްޖޭގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ އިން ވަނީ ސަރަހައްދުގެ ބީޗްބޮލީގެ ރަން މެޑަލް ދިފާއުކޮށްފަ އެވެ.

ރާއްޖޭގެ ބެޑްމިންޓަން ހުއްޓިފައި އޮތް ނަމަވެސް، މިދިޔަ އަހަރުގެ ފަހުކޮޅުގައި، ރިވައިވަލް ސްޕޯޓްސް ކްލަބާ އެކު ވާދަކޮށް، ގައުމީ ބެޑްމިންޓަން ކުޅުންތެރިން ވަނީ، ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަނުން ރުހުންދީފައިވާ ދެ މުބާރާތުން ތާރީހީ ކާމިޔާބީތަކެއް ހޯދައިފަ އެެވެ.

ޒެމްބިއާ މުބާރާތާއި ބޮޓްސްވާނާ މުބާރާތުން ޖުމްލަ އެކު، ރިވައިވަލް އިން ވަނީ ރާއްޖެ އަށް އަށް މެޑަލް ހޯދައިފަ އެވެ. ޒެމްބިއާ މުބާރާތުން އަންހެން ޑަބަލްސް އިން ފާތިމަތު ނަބާހާ (ނަބާ) އާއި އައިމިނަތު ނަބީހާ (ނަބީ)ގެ ޕެއާ އިން ރަން މެޑަލް ހޯދިއިރު، މިކްސް ޑަބަލްސް އިން ޒަޔާން ޒަކީ އާއި ނަބާގެ ޕެއާ އިން ލޯ މެޑަލް އަދި އަންހެން ސިންގަލްސް އިން ނަބާ ވަނީ ލޯ މެޑަލް ހޯދައިފަ އެވެ. ބޮޓްސްވާނާ މުބާރާތުގެ އަންހެން ސިންގަލްސް އިން ނަބާގެ ރަން މެޑަލާއި ނަބީގެ ރިހި މެޑަލްގެ އިތުރުން، މިކްސް ޑަބަލްސް އިން ޒަޔާން އާއި ނަބާގެ ރިހި މެޑަލާއި ފިރިހެން ޑަބަލްސް އިން ޒަޔާން ޒަކީ އާއި ނިބާލް އަހުމަދުގެ ޕެއާގެ ލޯ މެޑަލްގެ އިތުރުުން އަންހެން ޑަބަލްސްގައި ފާތިމަތު ނަބާހާ (ނަބާ) އާއި އައިމިނަތު ނަބީހާ (ނަބީ)ގެ ޕެއާ އިން ހޯދި ލޯ މެޑަލް އެވެ.

މީގެ ތެރެއިން، ބޮޓްސްވާނާ މުބާރާތުގައި ހޯދި ސިންގަލްސް ރަން މެޑަލާއި ސިންގަލްސް ރިހި މެޑަލަކީ، ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން، ބީޑަބްލިއުއެފް ރުހުން ދީފައިވާ މި ލެވަލްގެ މުބާރާތަކުން ރާއްޖެ އަށް ލިބުނު ސިންގަލްސް އިވެންޓްގެ ފުރަތަމަ މެޑަލްތަކެވެ.

މީގެ އިތުރުން ރާއްޖޭގައި ބޭއްވި އޭޝިއަން ޓެނިސް ފެޑެރޭޝަން (އޭޓީއެފް)ގެ ޖޫނިއާ ދެ މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން، އާރާ އާސާލް އާޒިމް ވަނީ ހޯދައިފަ އެވެ.

ބައްސާމަށް ފީފާގެ ސަސްޕެންޝަނެއް، އެފްއޭއެމް ނޯމަލައިޒިން ކޮމިޓީއެއްގެ ދަށަށް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސަކަށް ކުރިން ހުރި ބައްސާމް އަދީލް ޖަލީލާއި އެ އެސޯސިއޭޝަންގެ ވެރިންގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކުގެ ތެރެއިން، މިހާރު އޭނާގެ މައްޗަށް ވަނީ މަނީ ލޯންޑަރިންގެ ދައުވާ ވެސް އުފުލައިފަ އެވެ. ފީފާ އިން ވަނީ މި މައްސަލަތަކަށް އަލި އަޅުވާލައި، މީގެ ހަ މަސް ކުރިން، ފީފާ އިން ވަނީ ބައްސާމް ނުވަ މަހަށް ސަސްޕެންޑްކޮށްފަ އެވެ.

ފީފާ އިން ވަނީ މިިދިޔަ ޖުލައި މަހު އެފްއޭއެމް ހިންގުން ނޯމަލައިޒް ކޮމިޓީގެ ދަށަށް ގެންނަން ނިންމައި، އޮގަސްޓް މަހުގެ ތެރޭގައި ނޯމަލައިޒިން ކޮމިޓީއެއް އައްޔަނުކޮށްފަ އެވެ. މިއީ، ފީފާ އިން ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން ހިންގުން ނޯމަލައިޒިން ކޮމިޓީއަކާ ހަވާލުކުރި ތިން ވަނަ ފަަހަރެވެ. މީގެ ކުރިން، ފީފާ އިން އެފްއޭއެމް ނޯމަލައިޒިން ކޮމިޓީއަކާ ހަވާލުކުރި ދެ ފަހަރަށް ބަލާއިރު، ފީފާ އިން 2008 އާއި 2013 ގައި ރާއްޖޭގެ ފުޓްބޯޅަ ނޯމަލައިޒިން ކޮމިޓީއެއްގެ ދަށަށް ގެންނަން ނިންމީ ހިންގުމުގައި ހުރި މައްސަލަތަކެއް ފާހަގަކުރުމަށް ފަހު އެވެ.

ނޯމަލައިޒިން ކޮމިޓީގެ ޗެއާމަނަކަށް ކުރީގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު، އަހުމަދު ޒުހޫރު ހަމަޖައްސައި، އެ ކޮމިޓީ، ފީފާ އިން ފައިނަލްކުރިއިރު، ކޮމިޓީގައި ދެން ހިމެނޭ މެމްބަރުންނަކީ، ފަރީހާ ޝަރީފް، އަހުމަދު މުއިއްޒު، އިސްމާއިލް ސިމަން އަދި އަހްމަދު އަލީ އެވެ.

ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހަށް ރާއްޖޭގައި ފުރަތަމަ ޑިވިޝަން ފުޓްބޯޅަ ނުކުޅޭތާ އަހަރެއްވީއިރު، ގައުމީ ފުޓްބޯޅަ ޓީމުން މި އަހަރު ކުޅުނީ އެކުވެރިކަމުގެ ދެ މެޗެވެ. ބަންގްލަދޭޝާ އެކު، އެ ގައުމުގައި އެ ދެ މެޗު ކުޅެފައިވަނީ، ގައުމީ ޓީމުން ވެސް މެޗެއް ނުކުޅޭތާ އަހަރެއްވީ ފަހުންނެވެ.

ހައްލެއް ނުލިބި ބެޑްމިންޓަން މައްސަަލަ ދިގުލައިފައި

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން އެންމެ ފަހުން އިންތިހާބުކުރި ހިންގާ ކޮމީޓީގެ ދައުރު، މި އަހަރުގެ މާޗް މަހުގެ 11 އަށް އޮތީ ހަމަވެފަ އެވެ. ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްގެ މަގާމުގައި މޫސަގެ ތިން ވަނަ ދައުރުގެ ރަސްމީ މުއްދަތު ހަަމަވިތާ ހަތަރު މަސް ފަހުން އޭނާ ޖުލައި މަހު ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ. މޫސަ އާއި ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ބީއޭއެމްގެ ހިންގުން ކުޅިވަރާ ބެހޭ ގައުމީ މަޖިލީހަށް ހަވާލުކުރަން ކޮމިޝަނާ އޮފް ސްޕޯޓްސް އިން އޮގަސްޓް މަހު ނިންމި ނިންމުމާ ދެކޮޅަށް ބީއޭއެމް އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ނާކާމިޔާބުވިއިރު، އެ މައްސަލަ ވަނީ ހައި ކޯޓުގައި އެޕީލްކޮށްފަ އެވެ. މިއީ ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅޭ މައްސަލައެއްގައި، މި އަހަރު ތެރޭގައި، ދައުލަތުގެ ނިންމުމަކާ ދެކޮޅަށް ކޯޓަށް ދިޔަ ތިން ވަނަ ފަހަރެވެ.

މީގެ ކުރިން، ބެޑްމިންޓަން އެސޯސިއޭޝަންގެ ކުރީގެ ރައީސް، މޫސާ ނާޝިދު (މޫސަ) ވަނީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހާ ދެކޮޅަށް މައްސަލަ ހުށަހަޅައިގެން ކުރިއަށް ގޮސްފަ އެވެ. ބެޑްމިންޓަން އެސޯސިއޭޝަން ހިންގާ ފަރާތްތަކުގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އެ އެސޯސިއޭޝަންގެ އޭރުގެ ރައީސް މޫސަގެ މަސްލަހަތު ހިމެނޭ، ސްޕޯޓްސް ސާމާނު ވިއްކާ ފިހާރަ، އަސްކަނި ސްޕޯޓްސް އާއި އޭނާއާ ގުޅުން ހުރި އެހެން ތަންތަން ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރި މައްސަލައާ ގުޅިގެން ދައުލަތާ ދެކޮޅަށް މޫސަ ކޯޓަށް މައްސަލަ ހުށަހެޅި ނަމަވެސް ބޭނުންވި ގޮތަށް ނިންމުންތައް ނާދެ އެވެ.

ކޮމިޝަނާ އޮފް ސްޕޯޓްސް އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން އަންނަނީ ބެޑްމިންޓަން ދުނިޔޭގެ ޖަމިއްޔާ، ބީޑަބްލިއުއެފްއާ އެކު، މަޝްވަރާކޮށް ބެޑްމިންޓަންގެ މައްސަލަތަކަށް ހައްލެއް ގެންނަން މަސައްކަތް ކުރަމުންނެވެ.

ވީއޭއެމް ރައީސްކަމުން ރަނޭޝް އިސްތިއުފާ، ރައީސަކަށް އަނެއްކާ ވެސް ލަތީފް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސްގެ މަގާމަށް، މިދިޔަ މާޗް މަހު، ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ގެ ރައީސްގެ މަގާމު ދެ ވަނަ ދައުރަކަށް ފުރުއްވަމުން އަންނަ މުހައްމަދު ލަތީފް (ލަތީބެ) ވަނީ އިންތިހާބުކޮށްފަ އެވެ. ލަތީފް، އިންތިހާބުވީ، މިހާރު ހިނގަމުންދާ ވޮލީ އެސޯސިއޭޝަންގެ ހިންގާ ބޯޑުގެ ދައުރުގައި ބާކީ އޮތް އަހަރަށެވެ.

ވޮލީ އެސޯސިއޭޝަން ހިންގެވުމުގެ ޒިންމާ ނެންގެވި، ލަތީފް ވަނީ، 2016-2019 އަށް ވީއޭއެމްގެ ރައީސްގެ މަގާމު ފުރުއްވައިފަ އެެވެ. ލަތީފް އަތުން ވޮލީ އެސޯސިއޭޝަންގެ ރައީސްގެ މަގާމު ގެއްލުނީ، މިދިޔަ ސަރުކާރުގެ ކޮމިޝަނާ އޮފް ސްޕޯޓްސް، ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ)، ވޮލީ އެސޯސިއޭޝަންގެ މައްސަލައެއް ބަަލައި، އޭރު އޮތް ލަތީފްގެ ހިންގާ ކޮމިޓީ އުވާލައި، އެސޯސިއޭޝަން އިންޓަރިމް ހާލަތަކަށް ގެންނަން ނިންމުމުންނެވެ. އޭގެ ފަހުން، ވޮލީގެ އިދާރީ ހިންގުން މައްސަލަތަކެއްގެ ތެރޭގައި އޮތުމަށް ފަހު، ވޮލީ އެސޯސިއޭޝަން އިންތިހާބެއް ބާއްވައި، މުހައްމަދު ރަނޭޝް (ރަނޭ)، އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް އިންތިހާބުވީ، 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގަ އެވެ. ރަނޭ މާޗް މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ވީއޭއެމްގެ ރައީސްގެ މަގާމުން އިސްތިއުފާ ދޭން ނިންމީ އެވެ.

ކޮމިޝަނާ އޮފް ސްޕޯޓްސް އިން ވީއޭއެމް އިންތިހާބު ބާއްވަން ފުރުސަތު ދިނީ، ތިން މަސް ދުވަހުގެ ތެރޭގައި އޮޑިޓްގެ ކަންކަން ފުރިހަމަަ ކުރަން ޝަރުތުކޮށްފަ އެވެ. އެކަމަކު، މިދިޔަ އަހަރު ނިމުނުއިރު ވެސް ރަސްމީކޮށް ވީއޭއެމްގެ އޮޑިޓް ކަންކަން ފުރިހަމަކޮށްފައެއް ނުވެ އެވެ.

ގިނަ އެސޯސިއޭޝަންތަކުގެ ރައީސުން އިތުރު ދައުރަކަށް

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމަށް މުސްތަފާ މުހައްމަދު (މުސްތޮ) އިންތިހާބުވެވަޑައިގެންނެވިއިރު، އެސޯސިއޭޝަންގެ ރައީސްކަން މިދިޔަ 12 ވަރަކަށް އަހަރު ފުރުއްވީ، މިހާރުގެ ކޮމިޝަނާ އޮފް ސްޕޯޓްސް، ތޮލާލް އެވެ. ކޮމިޝަނަރުގެ މަގާމަށް އައްޔަނުކުރެއްވުމާ އެކު، ތޮލާލް ވަނީ އެތުލެޓިކްސް ރައީސްގެ މަގާމުން އިސްތިއުފާ ދެއްވި އެވެ.

މީގެ އިތުރުން، މި އަހަރު ބޭއްވި ސްވިމިން އެސޯސިއޭޝަންގެ އިންތިހާބު ކާމިޔާބު ކުރައްވައި، މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) ހަތަރު ވަނަ ދައުރަކަށް މަގާމަށް އިންތިހާބުވިއިރު، ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް އަލީ ރަޝީދު (އައްޔަ) ވަނީ ތިން ވަނަ ދައުރަކަށް އިންތިހާބުވެފަ އެެެވެ.

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)ގެ ރައީސްގެ މަގާމަށް އަހުމަދު އާދަމް (އެޑަމް)، ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމަށް މުހައްމަދު ފައިސަލް އަދި ޓެނިސް އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް އަހުމަދު ހަފީޒް ވަނީ ދެ ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފަ އެވެ.

ސްޕޯޓްސް މިނިސްޓަރު ރާފިއު އަށް ބުރަ އަހަރެއް

ސަރުކާރަކުން ފުރަތަމަ ފަހަރަށް ކުޅިވަރަކަށް ހާއްސަކޮށް މިނިސްޓްރީއެއް ހަމަޖައްސައި، މިނިސްޓަރަކަށް އައްޔަނުކުރެއްވީ، ކުޅިވަރުގެ ހިދުމަތްތެރިއެއް ކަމަށްވާ އަބްދުﷲ ރާފިއު (ރާއްޕެ) އެވެ. ގިނަ ކުޅިވަރު އެސޯސިއޭޝަންތަކާ އެކު ރާއްޕެ ވަނީ ގާތްގުޅުމެއް ބާއްވައި، ރާއްޖޭގައި މިދިޔަ އަހަރު ބައިނަލްއަގުވާމީ 11 މުބާރާތެއް ބޭއްވުމަށް މަގުފަހިކޮށްދީފަ އެެވެ. އަދި ސަރުކާރުގެ ފުރަތަމަ އަހަރު ތެރޭ ކުޅިވަރުގެ ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތަށް 255 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެެވެ.

މައްލާ އާއި ބަކާގެ ކުއްލި ވަކިވުން

މިދިޔަ އަހަރު ރާއްޖޭގެ ދެ ކުޅިވަރު ސަހުސިއްޔަތުން ކަމަށްވާ ގައުމީ ޓީމުގެ މިޑްފީލްޑަރު، މުހައްމަދު އާރިފް (ބަކާ) އާއި ރާއްޖޭގެ ފުރަތަމަ ރެފްރީ މައްލާ ޅަ ތުއްތު ވަނީ ނިޔާވެފަ އެވެ.

މިދިޔަ އޮގަސްޓް މަހު، އުމުރުން 76 އަހަރުގައި، މައްލާ ޅަހުއްތު އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް، މިއަދު އިންޑިއާގެ ޓްރެވިންޑްރަމް ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ. މައްލާ އަކީ ރާއްޖޭން ފީފާ ބެޖު ހާސިލްކުރި ފުރަތަމަ ރެފްރީ އެވެ. އަދި އޭނާ ވަނީ އެންމެ މަތީ ފަންތީގައި 1969 އިން 1995 އަށް ރެފްރީކަން ކޮށްފަ އެވެ. ފީފާ ބެޖުގައި ރެފްރީކަން މައްލާ ކުރެއްވީ 1990 އިން 1993 އަކާ ހަމަ އަށެވެ. ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ، އިބްރާހިމް ފިރާޒް މޫސާ (ކުޑަމައްލާ) އާއި ގައުމީ ބެޑްމިންޓަން ޓީމާ އެކު ގިނަ މުބާރާތްތަކެއް ކުޅުނު، އައިމިނަތު ޝަހުރުނާޒް މޫސާ އަކީ މައްލާ ޅަ ތުއްތުގެ ދަރިންގެ ތެރެއިން ކުޅިވަރުގައި ފާހަގަކޮށްލެވޭ ދެ ނަމެވެ.

މިދިޔަ ޖޫން މަހު، ހައްޖުގެ އަޅުކަން އަދާކުރުމަށް ފަހު، އެނބުރި މާލެ އައި، ބަކާ، 38، ހުން އައިސް، ހާލަތު ދެރަވާތީ، އޭޑީކޭ ހޮސްޕިޓަލަށް ދެއްކުމުން، އޭނާ އަށް އައިސީޔޫގައި ފަރުވާ ދޭން ފެށި އެވެ. އައިސީޔޫގައި ފަރުވާދޭން ފެށީ ނޭވާލާން އުނދަގޫތަކެއް ހުރުމުންނެވެ. ވެންޓިލޭޓަރުގައި ބާއްވައިގެން ބަކާ އަށް ފަރުވާ ދެމުން އަންނަނިކޮށް އޭނާ ނިޔާވީ ޖޫން މަހު ފަހުކޮޅު އެވެ.

އޭދަފުށްޓަށް ފުޓްބޯޅަ އާއި ފުޓްސަލްގައި ކާމިޔާބު އަހަރެއް

ބ. އޭދަފުށްޓަކީ އެއް ރަށަށް ބަލާއިރު، މިދިޔަ އަހަރު އެންމެ ބޮޑު ކާމިޔާބީ ލިބުނު ރަށެވެ. އެ ގޮތުން، މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވުނު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން އެ ރަށުން ވަނީ އަހަރު ކުރީކޮޅުގައި ހޯދައިފަ އެެވެ. އެ ގޮތުން، މިދިޔަ އަހަރު މާޗް މަހު ނިމުނު، ގޯލްޑަން ފުޓްސަލް ޗެލެންޖްގައި 129 ޓީމުން ވާދަކުރިއިރު، އޭދަފުށިން ތަށި ހޯދީ ފައިނަލުގައި އޭގެ ކުރީ އަހަރުގެ ޗެމްޕިއަން، ލ. ގަން އަތުން 4-2 އިން މޮޅުވެގެންނެވެ.

އަމިއްލަ ފަރާތެއް ކަމަށްވާ، ނައިންޓީ ޕްލަސް އިން ގޯލްޑް ކަޕްގެ ނަމުގައި ބޭއްވި ފުޓްބޯޅަ މުބާރާތުގައި 17 ރަށެއް ނޫނީ ސިޓީއެއްގެ ޓީމުން ކުޅުނުއިރު، އޭދަފުށިން މި މުބާރާތް ކާމިޔާބުކުރީ ފައިނަލުގައި އައްޑޫ ސިޓީ އަތުން 2-0 އިން މޮޅުވެގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox