އިހަށް ވަނދުކެޔޮ ލޮޅުވި މީހުން މަހުޖަނުންނަށް ވާގޮތް!

އާޓްވޯކް: އިސްމާއީލް އިމްދާދު

އާޓްވޯކް: އިސްމާއީލް އިމްދާދު

ހަވައްޑޭ ތުއްތީދީގެ ރައިވަރެއްގައި ކިޔަ އެވެ.

ބަދުބަހުން މޮށްޓެވީމު

ލަދު ގަންނަވަރު ކުރުވީމު

އަދުގާ މިރަށު ބޮޑަކީމު

ވަނދުކެޔޮ އިހަށް ލޮޅުވީމު

ހަނދުމައެއް ކޮއި ސަފުން ނެތްތަ؟

ޖަދު ފެށުނީ ކިހިނެއްތަ؟

ޝަމްސުއްދީ ރަދުންގެ ވެރިކަމުގެ ވަރަށް ކުރީކޮޅު ކުށެއްގެ ތަހުގީގަށް ހަވައްޑޭ ތުއްތީދީ ބަންދުކުރެވިއްޖެ އެވެ. ތަހުގީގު ހިންގާން ހުރީ މީރުބަހުރު އިސްމާއީލް ދީދީ އެވެ. އިސްމާއީލް ދީދީ ކުށްވެރިންނާ މުހާތަބުކުރާ، އޭނާގެ އާންމު ބަހުރުވައިން ހަވައްޑޭ ތުއްތީދީއަށް ހެޓަކަށް ދިނުމުން އޭނާ ހިމޭނުން އިދެ ލިޔުނީ މަތީގައި އެވާ ހަބަހުގެ ރައިވަރެވެ. އެ ރައިވަރު ހެދި ސަބަބާއި އޭގައި އެ ބުނާ ވާހަކަތައް ބޮޑަށް ސާފުވާނީ މަރުހޫމް އަލީ ހުސައިންގެ ދުށްތަނާއި އިވުނު އަޑުގެ ހަނދާން ހުރިބައި ކިޔާލުމުންނެވެ. ތިނަކުން ފޮތްބައި ފަށާށެވެ.

ވަނދުކޭލަކީ ގަހުގައި އަށަގަތެއްކަމަކު ލިބޭ ގެއްލުމަކުން ފުރިހަމަވާގޮތް ނުވާ ކޭލެވެ. އެއީ ގަހުގެ ވެރިޔާއާއި، ކެޔޮ ގަންނަ މީހާވެސް ބޭނުންނުކޮށް އުކާލާ ބައެވެ. ލޮޅުވުމަކީ ގޮތެއް ނުބަލައި އަވަސް އަވަހަށް ކެއުމަށް ހުތުރު ބަހުން ބުނާ ގޮތެވެ. މިޒަމާނުގައި ބައެއް ކުދިން އެކިޔާ 'މެޅުން' އެއީ ހަމަ މި މާނައިގައި ބުނެ އުޅޭ ބަހެކެވެ.

ރައިވަރުގައި އެއް ކަމަކަށް އެ ހަނދާންކޮށްދެނީ ތިޔައީ އިހަށް ވަނދުކެޔޮ ލޮޅުވި ނުވަތަ ވަނދުކެޔޮ ކައިއުޅުނު މީހެއް ކަމެވެ.

ހަވައްޑޭ ތުއްތީދީއަކީ ރާއްޖޭގެ ސިޔާސީ އަދި އަދަބީ ތާރީހުގައިވެސް ފާހަގަކޮށްލެވޭ ނަމެކެވެ. ރުޅިއައިމަ ރައިވަރުން ޖަވާބުދިނުމަކީ އޭނާގެ ހާއްސިއްޔަތެކެވެ. އޭނާ އަލްއަމީރު އަބްދުލްމަޖީދު ރަންނަ ބަނޑޭރި ކިލޭގެފާނަށް ފޮނުއްވެވި ހަބަހުގެ ރައިވަރަކީވެސް މަޝްހޫރު ރައިވަރެކެވެ. އެ ރައިވަރު ފޮނުވީ އޭނާއަށް ދައުލަތުން ދީފައި އޮތް ފަޅުރަށެއް އޭނާގެ ކިބައިން ވަކިކުރެވުމުން އެކަމާ ހިތްހަމަނުޖެހިގެންނެވެ. އެ ރައިވަރުގައި ކިޔަ އެވެ.

މިއަދޫ ކަމަކާނުލާ

ތިއަތިލޭ އެތެރޭގެމާ

ނިޔަތު އަބަދަށް ގެހިތުރާ

ތިޔަކަމާ ހައިރާނުގާ

ކިޔަމެފުން މާނައެއް ނުކޮށް

ފިޔަވައި ދީން ދޫނުކޮށް

މި ރައިވަރުގައި ކިޔާ އެއްޗެއް ހަމަ އެއްގޮތަކަށް ފަހުމު ނުވެގެން ކިލެގެފާނު މީހަކު ފޮނުއްވައި ސުވާލުކުރުމުން ދެން ފޮނުވީ ތިންބަހުގެ ރައިވަރެކެވެ. އެ ރައިވަރުގައި ބުނަނީ؛

އަކުރު ހަބަހުގެ ހަތަރުވަނަ

ފަކުރު ނެތި ޒާތަކަށް ލަވައި

ތަކުރާ ފާނދެ އެކުލަވައި

މި ތިންބަހުގެ ރައިވަރުގައި އިރުޝާދު ދިނީ، ހަބަހުގެ ރައިވަރުގެ މާނަ އެނގެން ބޭނުންނަމަ އެ ރައިވަރުގެ ކޮންމެ ބަހެއްގެ ހަތަރުވަނަ އަކުރު ނަގައި އެއް ރޮއްޖަކަށް ގަތާލުމަށެވެ. މިސާލަކަށް، އެ ރައިވަރުގެ ފުރަތަމަ ބަހަކަށް އެއޮތް "މިއަދޫ ކަމަކާ ނުލާ" ގެ ހަތަރު ވަނަ އަކުރަކީ 'ކަ' އެވެ. ދެވަނަ ބަހުގެ (ތިއަތިލޭ އެތެރޭގެމާ) ގެ ހަތަރު ވަނަ އަކުރަކީ 'ލޭ' އެވެ. މި އުސޫލުން ހުރިހައި ބަހެއްގެ ހަތަރުވަނަ އަކުރު ނަގައި ގަތާލީމާ އެ އަންނަ މާނައަކީ ކޮބައިތޯ ކިޔުންތެރިން ބަލާށެވެ.

އާނއެކެވެ. އަދި އަޅުގަނޑަށް މިއުޅެވެނީ މައުލޫއާ ވަރަށްވެސް ދުރުގަ އެވެ. މައުލޫއަކީ، ހަވައްޑޭ ތުއްތީދީ އެވިދާޅުވާ ފަދަ، ވަނދުކެޔޮ ލޮޅުވާ މީހުން މަހުޖަނުންނަށްވާ އަޖައިބު ގޮތެވެ.

ތިބާއާ އަހަރެންނާއި ތިބެގެން އެބަ ކިޔަމެވެ. ފައިއިނދުނު އުމުރުން ފެށިގެން އަހަރުމެންނަށްވެސް މި ކުރެވެނީ ލައްކަ މަސައްކަތެކެވެ. ހުހަށް ވަގުތު ދުއްވާނުލައި ކޮންމެ މިނެޓަކީ ބޮޑުލާރިއަށް ހެދޭތޯ ކުރާ ފިކުރާ ހިތްމަތުގެ ވާހަކަ ނުދައްކައި ބޭއްވުން ހެވެވެ. އެ މަސައްކަތުން ކުރެވޭ މިންވަރަކީ އިއްޔެއަށް ވުރެ އިތުރަށް އަނާއެއް ޖަމާކުރެވުމެވެ. ތިންއިރުގެ ކޮއްތަށް ފަހު ހިތްއުފާކޮށްލާނޭ އެތިކޮޅެއް ބާކީ ކުރެވުނީމާ އަހަރުމެން މިތިބެނީ ދުނިޔެ ރަންވީކަމަށް ދެކިގެންނެވެ. ކުރަން ބޭނުންވާ ހަރަދު ގިނަޔަސް ކުރެވޭން ހުރި ހަރަދުގެ މަދުކަމުން ކުރަން ބޭނުންވާ ހަރަދުތައް އެދުންތައް ހަނދާން ނައްތާލަނީ އެވެ. އަމާޒު ހިފަނީ ހަމައެކަނި ޒަރޫރަތަށެވެ. މި ވާހަކަ މި ބުނެވުނީ ތަންކޮޅެއް ބޮޑުކޮށްލައިގެންނެވެ. އެހެނަސް އާންމު ދިވެހިންގެ ހާލަކީ މިއީ ނޫން ހެއްޔެވެ؟ އަނބިންނާއި ދަރިންގެ ހުށަހެޅުންތަކަށް އަހަރުމެން ދޭ ޖަވާބަކީ؛ "ދާދި ކުޑަ ފައިސާކޮޅެއް، ލިބެވޭ މިއީ މަޒުދޫރެކޭ.... އާނއެކޭ އަހަރެންނަކީ، މުހުތާރަކަސް މަޖުބޫރެކޭ" ނޫންތޯ އެވެ.

މިންވަރުފުޅަށް ރުހިގެން ތިބެ ވަށައިގެންވާ ދުނިޔެއަށް ނަޒަރު ހިންގާއިރު ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. އަހަރުމެންގެ ތިންއިރުގެ ކޮއްތަށް އިތުރުވެގެން ޖީބުން ހަރަދުކޮށްއުޅުނު، ވަނދުކެޔޮ ލޮޅުވި ބައިގަނޑަށް ދައުލަތުން ބަނޑުހަނޑޫ ދެއްވަން ފެށްޓެވީ އެވެ. މާތްﷲ ގަންދީ ކުޅަ ހުވަޔަކާއެކު މުޅި ދައުލަތުގެ އިއްޒަތް ލިބިގެންވާ ބައެއްގެ ގޮތުގައި އަހަރުމެންގެ ހިދުމަތުގައި ލެއްވުނު މީހުންގެ މާތްކަމާ އެވެ. އެބައިމީހުންނަށް ދައުލަތުން ލިބެމުންދާ އިނާޔަތުގެ ގިނަކަމާ އެވެ.

އެކަކު މަގާމަށް އަންނަތާ ގިނަ ޒަމާނެއް ނުވެ އެންމެ އަގުބޮޑު ބިމުން ގޯވައްޗެއްގެ މިލްކުވެރިއަކަށް ވެއްޖެ އެވެ. އަނެކެއްގެ ދަރިން ތައުލީމުޔާފުތާއިންނަށް ހެދުމަށް ވިލާތަށް ފޮނުވައިފި އެވެ. ދެންހުރި މީހާ 'އުފާއުފަލުން އުފާކުރަމުން' އެއް އިސްމަތުގައި ތިން އަނބިންގެ ހެޔޮކަން އެބަ ދެކެ އެވެ. ބޮޑު ގިރުވާނުގެ ރީތި ގަމީހާއި، އަގުބޮޑު ފަރަންޖީ އަތަރާއި މީރުހައި ކެއުންތަކެވެ.

ދުނިޔެ ހިތަކަށް ލިބިގެން އެ އުޅެނީ އަށެއްކަ ގަޑިއިރު ވެއަތުކުރަންޖެހޭ ދައުލަތުގެ ނޯކިރީއަކުން ލިބޭ މަންފާގައޭ ހިތައިގެން އަހަރުމެން ތިބީމެވެ. އެހެނަސް.. ކެޔޮކޭވަރު އެނގޭނީ ބިތު ފަންގި ނެގީމަ އެވެ.

އާންމު މައިދާނެއްގައި މީހަކު ބުނެލި އެންމެ ބަހަކާއެކު ބަލާ މީހުން ބަލާން ފެށުމުން އެދަނީ ބިތުފަންގި ނެގެމުންނެވެ. ދައުލަތުގެ ނޯކިރީގައި ލިބުނު ބަނޑުހަނޑުލުގައި އަތްނުލައި، އަމިއްލަ ބާލީހަށް ލެއްވިހައި ބަންޑާރަ ކަފައިގެ ހަބަރު އެދަނީ ފިލަމުންނެވެ. ކޮނުނުހެން ގިނަވަނީ ފަހެވެ. އެވެނި މިވެނިހެން ދޫކޮށްލި ބިންތަކާއި، ޕަކަޅާކޮށްލިހައި މުދަލެއްގެ އަގު އެތައް ސަތޭކަ މިލިއަނަށް އަރަ އެވެ.

ހައިރާނުގައި ތިބާއާއި އަހަރެން ފަދަ މީހުން ކުރާ ކަމަކީ ނިކަން ގަދަޔަށް ކަންބޮޑުވުމެވެ. މުޅި ދައުލަތުގެ ހައްގު އޮތް އެއްޗެއް އެކަނި އެކަކު ދިރުވާލި ގޮތާމެދު އަޖައިބުވެ ތިން ހަތް ދުވަސް ވަންދެން މެދު ނުކެނޑި އެވާހަކަ ދެއްކުމެވެ. ވަރަށް ރުޅިދަގަވެފައި އިސްތިއުފާއަށް ގޮވުމެވެ. އޭގެ ފަހުން، އަހަރުމެންގެ ފިތުރަތުގައި ހުރި ޒިންމާދާރުކަމުގެ އުނިކަމާއެކު އެކަން ހަނދާން ނައްތައިލުމެވެ. ދެން އަނެއްކާވެސް އަނެއް ދައުރަށް ހަމަ އޭނާ އެ ނޯކިރީއަށް އިސްވުމަށް ވާގިވެރިވުމެވެ. މި ސިލްސިލާގެ ކޮންމެ 'ސީޒަނެއްގައި' ހިނގަނީ ހަމަ އެއް ކަންތައްތަކެއް ނޫން ހެއްޔެވެ؟ އަހަރުމެންނަށްވާ ސާބަހެވެ.

މި ކުޑަކުޑަ ރާއްޖޭގައި އެވެނި މީހާއާއި މިވެނި މީހާއަކީ ކޮންހެނެއް އުޅެފައި ހުރި ކާކުކަން އަހަރުމެން ދަންނަމު އެވެ. ނޭއްގާނީ އަމަލުތަކެއް ހިންގާފައި ހުރި މީހަކަށް ދައުލަތުން ޒިންމާއެއް ހަވާލުކުރާނަމަ އެކަމުގެ ފެށުމުގައި އިއުތިރާޒުކުރަންވީ އެވެ. އަހަރުމެންގެ ހަޒާނާ ރައްކާތެރިކުރުމުގެ ހަގީގީ ބާރު އޮތީ އަހަރުމެންގެ އަތްމަތީގަ އެވެ. އެ ޒިންމާ އަދާކުރަން ހަވާލުވާ މީހާއަކީ އަހަރުމެންނަށް ޖަވާބުދާރީވާންޖެހޭ، އަހަރުމެންގެ ނޯކަރެކެވެ. އޭނާ އެކަން ހަނދާން ނައްތާލައިފިކަން ފެންނަ ހިސާބުން އަހަރުމެންގެ ޒިންމާ އަދާކުރަންވީ އެވެ. މަގާމުން އެކަހެރި ކުރުމާއެކު ދައުލަތުން ދަވާލިހައި އެއްޗެއްވެސް އަނބުރައި އަތުލަންވީ އެވެ. އިހަށް ވަނދުކެޔޮ ލޮޅުވައި އުޅުނު ސޮރު މަހުޖަނަކަށް ވާއިރު މިވާގޮތް ރެޔަކާ ލާނީ އަހަރުމެން ރައްޔިތުން ހުށިޔާރުވެ ތިބެގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox