ދައުލަތުގެ މާލީ ނިޒާމު ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިކޮނޮމިކް ރިފޯމް އޮފީހެއް އުފެއްދާ އެ އޮފީހަށް ކޮމިޝަނަރަކު ހޯދަން ސަރުކާރުން އިއްޔެ އިއުލާނު ކުރި އެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ، މި މަސައްކަތަކަށް ކޮމިޝަނަރަކު ހޯދަނީ ދައުލަތުގެ އެކިއެކި ދާއިރާތައް ރިފޯމް ކުރުމާބެހޭ މަސައްކަތްތައް ހަލުވި ކުރުމުގެ ގޮތުން ކަމަށެވެ.
ރިފޯމު ކޮމިޝަނަރުގެ މަސައްކަތްތަކުގެ ގޮތުގައި އިގުތިސޯދީ، މާލީ އަދި އެސްއޯއީތައް ރިފޯމު ކުރުންވެސް ފިނޭންސް މިނިސްޓްރީން ވަނީ ހިމަނާފަ އެވެ.
މި މަގާމަށް ހޮވާ ފަރާތުގެ ޝަރުތުތަކުގެ ތެރޭގައި އެކައުންޓިން އަދި ފިނޭންސްގެ ދާއިރާއިން ބެޗްލާސް ޑިގްރީއެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް އޮތުމާއި ދާއިރާއާ ގުޅޭ މަދުވެގެން 10 އަހަރުގެ ތަޖުރިބާ ހުރުމުގެ އިތުރުން ރިފޯމުގެ މަސައްކަތްފަދަ ކަމެއް ހިންގުމުގެ ގާބިލުކަން ވަނީ ހިމަނާފަ އެވެ.
ރިފޯމު ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޑިސެމްބަރު 8، ގެ މެންދުރު 2:00 އާ ހަމައަށެވެ. މި މަގާމަށް އަންނަ ފަރާތަކަށް މުސާރައާއި އިނާޔަތުގެ ގޮތުގައި ދޭ ފައިސާގެ އަދަދެއް އިއުލާނުގައި ހިމަނާފައެއް ނެތެވެ.

ކޮމިޝަނަރު ރިޕޯޓުކުރާނީ ފިނޭންސް މިނިސްޓަރު އަދި މިނިސްޓަރުގެ އެޑްވައިޒަރުންނަށް ކަމަށް ޓާމު ޝީޓުގައިވެ އެވެ.











