ހެލިކޮޕްޓަރު ދުއްވާ އިންޑިއާގެ މަދަނީންގެ ތަފުސީލު ދޭން އައިކޮމް އިން އެންގުމުން ވެސް ޑިފެންސުން ދެކޮޅު ހަދައިފި

އާޓް ވޯކް: އިސްމާއިލް އިމްދާދު / އަދަދު

އާޓް ވޯކް: އިސްމާއިލް އިމްދާދު / އަދަދު

އިންޑިއާގެ އަސްކަރީ އުޅަނދުތައް އޮޕަރޭޓު ކުރާ އެ ގައުމުގެ ސިފައިން އަނބުރާ ފޮނުވާލުމަށް ފަހު މި ވެރިކަމުގައި ގެނައި "މަދަނީ" މީހުންގެ ހުރިހާ ތަފުސީލެއް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ޑިފެންސް މިނިސްޓްރީއަށް އެންގުމުން ވެސް އެ މައުލޫމާތު ދޭން ދެކޮޅު ހަދައިފި އެވެ.

އިންޑިއާއިން ފޮނުވީ މަދަނީންކަން ކަށަވަރު ކުރި ގޮތާއި، އެ މީހުންގެ ތަފުސީލުތަކާއި އުޅަނދުތައް އޮޕަރޭޓުކުރުމުގައި އަމަލުކުރާ ގޮތްތައް ހޯދަން، މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "އަދަދު" އިން އެދުނީ މެއި 12، ގަ އެވެ.

ނަމަވެސް އެ މީހުންގެ ވަނަވަރާއި އެވްރެޖް އުމުރާއި އޭގެ ތެރޭގައި ހިމެނޭ އަންހެނުންނާއި ފިރިހެނުންގެ އަދަދާއި އެއިން އެއްވެސް މީހަކު މީގެ ކުރިން އިންޑިއާގެ އަސްކަރިއްޔާގައި މަސައްކަތް ކުރިކަން ސާފުކޮށްދޭން އެދުނު ނުކުތާތަކުގެ ޖަވާބު ސިއްރުކުރަން ޑިފެންސް މިނިސްޓްރީން މީގެ ކުރިން ވަނީ ނިންމާފަ އެވެ.

Advertisement

ނޮވެމްބަރު 17، 2023 އިން ފެށިގެން ހަމަ އެ އުޅަނދުތަކުން ކުރި ދަތުރުތަކުގެ އަދަދު ވެސް ޑިފެންސުން ވަނީ ސިއްރުކޮށްފަ އެވެ.

މައުލޫމާތު ސިއްރުކުރުމުން ހުށަހެޅި މައްސަލަ އެތައް މަސްދުވަހަށް ދިގުދެމިގެންދިޔުމަށްފަހު، އެ މައްސަލަ ނިންމައި، މަދަނީންނާ ގުޅޭ ތަފުސީލުތައް ހާމަކުރަން އައިކޮމް އިން ޑިފެންސަށް އެންގީ ނޮވެމްބަރު 14، ގަ އެވެ. މި ނޫހާ އެ މައުލޫމާތު ހިއްސާކުރަން ޑިފެންސަށް ދިން ފަސް ދުވަހުގެ މުއްދަތު ހަމަވެފައިވާއިރު ޑިފެންސުން މިހާތަނަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.

މީގެ އިތުރުން، މަދަނީން ގެނައުމަށް ދިވެހި ސަރުކާރުން ވަކި އެއްބަސްވުމެއް ހަދާފައިވާނަމަ އެ އެއްބަސްވުން އޮތީ ފޮރިން މިނިސްޓްރީގައި ކަމަށް ޑިފެންސުން މި މައްސަލައިގެ އަޑުއެހުންތަކުގައި ބުނެފައިވާތީ އާރުޓީއައިގެ އެ ނުކުތާ ފޮރިންއަށް ބަދަލުކުރުމަށް ވެސް އައިކޮމް އިން ވަނީ އަންގައިފަ އެވެ. ނަމަވެސް އެ ނިންމުމާ އެއްގޮތަށް ވެސް ޑިފެންސުން އަމަލުކޮށްފައެއް ނުވެ އެވެ.

މިކަމާ ގުޅޭ ގޮތުން ޑިފެންސުގެ އިންފޮމޭޝަން އޮފިސަރާ ވާހަކަ ދެެއްކުމުން، އޭނާ ވިދާޅުވީ މި މައްސަލައިގައި އަދި ޑިފެންސުގެ "އިސް ވެރިން" ގޮތެއް ނުނިންމަވާ ކަމަށެވެ. އައިކޮމްގެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކުރުމުގެ ހައްގު ޑިފެންސަށް ލިބެ އެވެ. ނަމަވެސް އެކަމާމެދު ވެސް އަދި ގޮތެއް ނުނިންމަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުގެ ދަށުން ތިން ބެޗަކަށް ބަހާލައިގެން އިންޑިއާގެ 76 ސިފައިން އަނބުރާ ގެންގޮސް ނިމުނު ކަމަށް ސަރުކާރުން ބުނީ މެއި 10، ގަ އެވެ.

ބަދަލުގައި ގެނައީ އިންޑިއާގެ ސަރުކާރުން ހިންގާ ޑިފެންސް ކުންފުންޏެއްގެ މަދަނީން ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ. މަދަނީން އައި ފަހުން ވެސް އިންޑިއާގެ އުޅަނދުތައް އެކި ދަތުރުތައް ކޮށްފައިވާ ކަމަށް މި ނޫހަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox