މައުލޫމާތު ހޯދުމުގެ ހައްގު ބޭނުންކުރުމުގެ ނިޔަތް ދެނެގަތުން

ސަރުކާރު އޮފީހުގެ މޭޒު، ރަސްމީ ލިޔުންތަކާއި މައުލޫމާތު ހޯދުމުގެ ފޯމުތައް

ސަރުކާރު އޮފީހުގެ މޭޒު، ރަސްމީ ލިޔުންތަކާއި މައުލޫމާތު ހޯދުމުގެ ފޯމުތައް

ދެހާސް ތޭވީސް ވަނަ އަހަރުގެ ފޯރި ގަދަ ކެމްޕޭނުގައި އޭރުގެ ސަރުކާރަށް އަމާޒުވި އެންމެ ބޮޑު އެއް ތުހުމަތަކީ، މައުލޫމާތު ހާމަނުކޮށް ސިއްރު ކުރާކަމުގެ ތުހުމަތެވެ. އެކަމަށް ފާޑު ވިދާޅުވަމުން މިހާރުގެ ރައީސް މުއިއްޒު އޭނާގެ ކެމްޕޭނު ޖަލްސާއެއްގައި އަޑުފުޅަށް ނުހަނު ބާރުލައްވާފައި ވިދާޅުވީ އޭނާގެ ސަރުކާރެއްގައި ފޮރުވާނޭ ހަމަ އެއްކަމެއް ވެސް ނޯންނާނެ ކަމަށެވެ. އެ ވާހަކަ އަޑުއަހައި އަތްޖެހި ބައެއް މީހުންގެ ކޮނޑުހުޅުން އަދިވެސް ރިހުން ނުފިލާކަމަށް ކިޔަ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގައި އޮތް ގާނޫނަކީ މި ސަރުކާރު ވެރިކަމަށް އައި އިރުގައި ވެސް އޮތް ގާނޫނެވެ. އެ ގާނޫނުގައި އެކަށައަޅައިފައި އޮތް ނިޒާމަށް އައި ބަދަލެއް ނެތެވެ. އެހެންނަމަވެސް މިސަރުކާރު ވެރިކަމާ ހަވާލުވީ ފަހުން މައުލޫމާތު ދިނުމުގެ މުޅި ނިޒާމު އެކީއެކަށް ހުއްޓުވައިލައިފިއޭ ބުނުން ދޮގަކަށް ނުވާނެ އެވެ. މިހާރު މިއޮތް ވަރަށް ވެސް އެ ހައްގު ހިފެހެއްޓިފައި އެއޮތީ އިންފޮމޭޝަން ކޮމިޝަނަރުކަމުގެ މަގާމުގައި މިވަގުތު ހުންނެވި އާހިދު ރަޝީދުގެ ހިތްވަރު ގަދަކަމުގެ ސަބަބުން ކަމަށް އަޅުގަނޑަށް ފެނެ އެވެ. އޭނާއާ ގާނޫނުން މަތިކުރި ޒިންމާ އަދާކުރާނޭ އެކަށީގެންވާ އޮފީހެއް ވެސް ނެތި، އެކަށީގެންވާ އަދަދަށް މުވައްޒަފުން ވެސް ނެތި، ހޭލުންތެރިކުރުމުގެ މަސައްކަތަށް ބަޖެޓު ވެސް ނެތި އެކުރެއްވީ ޝުކުރާއި ތައުރީފު ހައްގު މަސައްކަތެކެވެ. އޭނާގެ ދައުރު ނިމި، މި ސަރުކާރުން އިންފޮމޭޝަން ކޮމިޝަނަރަކު އައްޔަނުކުރާ ދުވަހަކީ މައުލޫމާތު ހޯދުމުގެ ހައްގު ސަންދޯކަށްލައި ފަހު މޮހޮރު ޖަހާނޭ ދުވަހެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ފަލްސަފާ

Advertisement

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ފަހަތުގައި އޮތީ ވަރަށް ސާދާ ފަލްސަފާ އެކެވެ. ސަރުކާރުތަކަކީ އަމިއްލަ ކުލަބުތަކެއް ނޫނެވެ. އެއީ ރައްޔިތުންގެ ފައިސާއިން ހިންގާ، ރައްޔިތުންގެ ނަމުގައި މަސައްކަތްކުރާ ދައުލަތުގެ އޮނިގަނޑުގެ ބައެކެވެ. އެހެންކަމުން، ރައްޔިތުންގެ ނަމުގައި ކުރެވެނީ ކޮން ކަމެއްކަން އެނގުމުގެ ހައްގު ރައްޔިތުންނަށް ލިބިގެން ވެ އެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ބޮޑު ހައްގުގެ މުޅި ފަލްސަފާގެ ބިންގަލަކީ މިއީ އެވެ.

ދުނިޔޭގެ ފެންވަރުގައި، އާރްޓީއައި ގާނޫނުތައް މަގުބޫލުވާން ފެށީ 20 ވަނަ ގަރުނުގެ ފަހުކޮޅުގަ އެވެ. ސިއްރުވެރިކަމުގެ ސަބަބުން ކޮރަޕްޝަނާއި، ނާގާބިލުކަމާއި، އިތުބާރު ނެތުން އުފެދޭކަން ގައުމުތަކަށް ވިސްނެން ފެށީ އެވެ. މިކަމުގައި އިސްނެގި ގައުމެއްގެ ގޮތުގައި ފާހަގަކުރެވޭ ސްވިޑަންއިން 18 ވަނަ ގަރުނުގައިވެސް މައުލޫމާތު ހޯދުމުގެ މިނިވަންކަމުގެ ގާނޫނުތައް ތައާރަފުކުރި އެވެ. އެހެން ގައުމުތަކުން މިކަން ފެށީ މާ ފަހުން ކަމަށްވިޔަސް، އުސޫލަކީ ހަމަ އެކައްޗެކެވެ. މައުލޫމާތު ހާމަކުރުމަކީ ދައުލަތުން ރައްޔިތުންނަށް ދޭ ހަދިޔާއެއް ނޫނެވެ. އެއީ ރައްޔިތުންނަށް ލިބިގެންވާ ހައްގެކެވެ.

ދިވެހިރާއްޖޭގައި މިކަމުގައި އެއް ދަރަޖަ ކުރިއަށް ޖައްސާލި އެވެ. މައުލޫމާތު ހޯދައި ލިބިގަތުން އެއީ ކޮންމެ ރައްޔިތަކަށް ލިބިގެންވާ އަސާސީ ހައްގެއް ކަމުގައި ކަނޑައަޅައި ގާނޫނު އަސާސީގައި އެ ވާހަކަ ލިޔުނީ އެވެ. އޭގެ ފަހަށް، އެ ހައްގު ތަފުސީލުކޮށްދޭން ގާނޫނެއް ހެދީ، މައުލޫމާތު ނުދީ ހިފެހެއްޓިދާނޭ އިސްތިސްނާ ހާލަތުތައް ބަޔާންކޮށްދިނުމަށްޓަކަ އެވެ. މި ސަރުކާރު އައި ފަހުން، އިސްތިސްނާ ހާލަތަކީ އާންމު ހާލަތަށް ވީ އެވެ.

ސަރުކާރުން ކުރިމަތިކުރާ ގޮންޖެހުންތަކާއި ވިސްނުން

އާރުޓީއައި އެއް ހުށަހެޅުމަކީ ދައުލަތުން ވަރަށް ބޮޑު ހޭދައެއް ކުރަންޖެހޭ ކަމެއް ކަމަށް ހޯމް މިނިސްޓަރު އިހުސާނު ވިދާޅުވި ދުވަހަކީ މި ސަރުކާރުން މައުލޫމާތު ހޯދުމުގެ ހައްގާމެދު ދެކޭގޮތް ރަސްމީކޮށް ހާމަކުރި ދުވަހެކެވެ. ނުލާހިކު ނުރުހުންވެވަޑައިގެން ހުންނަވައި މިނިސްޓަރު އެ ވާހަކަ ވިދާޅުވީ ދައުލަތަށް ހެޔޮއެދޭ މީހަކަށް ޒަމާނަކު ކޮޅުން ވެސް އާރުޓީއައި އެއް ހުށަހަޅަން ނުކުރޭނެހައި ހަރުކަށިކޮށެވެ. އެއީ ދިވެހި އުއްމަތަށް ހެޔޮއެދޭ އިންސާނަކު އެއްވެސް ގޮތަކުން ކޮށްގެން ނުވާނޭ ކަމެކޭ ވިދާޅުވި ކަހަލަ އެވެ.

އާރްޓީއައި މެދުވެރިކޮށް މައުލޫމާތު ހާމަކުރަން ބޮޑު ހަރަދެއް ހިނގާ: އިހުސާން

އެމްއެންޔޫގެ ދަރިވަރުންތަކެއް އިސްނަގައިގެން ބޭއްވި "ނޯ-ކެޕް ޖަސްޓް ފެކްޓްސް" ފޯރަމްގައި އިހުސާން ވިދާޅުވީ އާރްޓީއައި މެދުވެރިކޮށް މައުލޫމާތުތައް ހާމަކުރަން ބޮޑު ހަރަދެއް ހިނގާއިރު އެކަމަށް ގިނަ ގައުމުތަކުގައި އަގެއް ނަގާ ކަމަށް.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަކީ ދައުލަތުން އިތުރު ހަރަދެއް ކުރަންޖެހޭ ގޮތަށް ހަދާފައި އޮތް ގާނޫނެކެވެ. އެ ގާނޫނުގެ 36 ވަނަ މާއްދާގައި އޮތީ ދައުލަތުގެ ކޮންމެ އިދާރާއެއްގައި ވެސް އިންފޮމޭޝަން އޮފިސަރަކު ހުންނަންވާނެ ކަމަށެވެ. އޭނާ އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ވެސް އެ މާއްދާގައި ބަޔާންކޮށްފައި އެބައޮތެވެ. އެހެން އިދާރާއެއްގެ އިންފޮމޭޝަން އޮފިސަރުގެ އެހީތެރިކަމަށް އެދެވޭނޭ ހާލަތުތަކާއި އެފަދަ އެހީތެރިކަމަށް އެދިއްޖެނަމަ އެ އެހީތެރިކަމެއް ދިނުން ލާޒިމު ކަމަށް ވެސް އެބައޮތެވެ. އެ އޮނިގަނޑު ގާނޫނުގައި ގަތާލަދީފައި އޮތީ އެންމެ ފުރިހަމަ ނޫނަސް ހެޔޮކޮށެވެ.

ގާނޫނުން މި ހުރިހައި މަސްއޫލިއްޔަތެއް ހަވާލުކުރިއިރު، މިއީ ހަރަދު ހިނގާނޭ ކަމެއްކަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެނގިވަޑައިގަންނަވާނެ އެވެ. ދައުލަތުގެ ރައްޔިތުންގެ ފަރާތުން އެ ރައްޔިތުންގެ މަންދޫބުން ރުހުނީ، އަސާސީ ހައްގެއް ދިފާއުކުރުމަށްޓަކައި އެ ހަރަދު ކުރުމަށެވެ. އެ ގާނޫނު ހެދިތާ ދަހަރެއް ފަހުން ވަޒީރުކަމާ ހަވާލުވި މީހަކަށް އެއީ ބޮޑު ކަމަކަށް ވެގެން އެ ވާހަކައެއް ދެއްކީމާ އޭނާގެ ގަބިޔާކަން ނޫންކަމެއް އެވާހަކައިން ތިލައެއް ނުވެ އެވެ.

ކުރީ ހަތް އަހަރަށް ވުރެ މިދިޔަ 16 މަހު މައުލޫމާތު ނުދިނުމުގެ ޝަކުވާ ގިނަ: އާހިދު

މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނު ވުޖޫދަށް އައީ 2014 ވަނަ އަހަރު އެވެ. އެ ގާނޫނުން އުފައްދާއިވާ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ފުރަތަމަ ހަތް އަހަރު ލިބިފައިވާ ޝަކުވާތަކުގެ ޖުމުލަ އަދަދަށް ވުރެ މިދިޔަ 16 މަހު ލިބުނު ޝަކުވާތައް ގިނަ ކަން ކޮމިޝަނަރު ފާހަގަ ކުރެއްވި އެވެ.

އަޅުގަނޑު ހީކުރީ ގާނޫނީ ދާއިރާގެ ބޭފުޅަކަށްވީތީ ބަންޑާރަނައިބު ތަފާތުވާނެ ކަމަށެވެ. އެހެނެއް ނުވި އެވެ. ބަންޑާރަނައިބު ވިދާޅުވީ މައުލޫމާތު ހޯދުމުގެ ހައްގުގެ ނަހަމަ ބޭނުން ހިފުން ބޮޑުތަނުން އިތުރުވެއްޖެ ކަމަށެވެ. އޭގެ ތަފުސީލެއް ނުދެއްވަ އެވެ. އެއީ މާ ގިނަ ސުވާލު ކުރުން ހެއްޔެވެ؟ ހުރިހައި ކަމަކާ ސުވާލުކުރުން ހެއްޔެވެ؟ އުނދަގޫ ސުވާލުކުރުން ހެއްޔެވެ؟

މީހުން އާރުޓީއައި ފޯމު ހުށަހަޅަނީ ޖެއްސުން ކުރަން ކަމަށް ދޭހަވާ މޭރުމަކުން އޭޖީ ވާހަކަފުޅު ދެއްކެވިއިރު، ރައީސުލްޖުމްހޫރިއްޔާ އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުގެ ބިލުތަކާއި އެ ދަތުރުގެ ނަތީޖާ ދެނެގަތުމަށް މަސައްކަތް ކުރުމަކީ ދައުލަތަށް ޖެއްސުން ކުރުންތޯ އެވެ. ސިޔާސީ މުވައްޒަފުންގެ އަދަދު ހޯދަން ތަކުރާރުކޮށް އެދެމުން އެ ދަނީ ނޫސްވެރިންގެ ލާނެތްކަމުންތޯ އެވެ. އަޅުގަނޑަކަށް ހިއެއް ނުވެ އެވެ.

މައުލޫމާތު ހޯދަން ހުށަހަޅާ މީހުން އާރުޓީއައި ގާނޫނު "އެބިއުސް" ކުރާ ކަމަށް އުޝާމް ވިދާޅުވެއްޖެ

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ބޭނުން ބައެއް ފަރާތްތަކުން ނާޖާއިޒު ގޮތުގައި ހިފަމުންދާތީ، ސަރުކާރުގެ އިދާރާތަކުން ޖަވާބު ދިނުމަށް ގިނަ ވަގުތު ހޭދަވާކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވިއިރު ސަރުކާރުން މައުލޫމާތު ހިފަހައްޓައި، ގާނޫނީ މުއްދަތުގައި ޖަވާބު ނުދޭ ކަމުގެ ޝަކުވާތައް އާންމުންނާއި ނޫސްވެރިން އަންނަނީ ކުރަމުން.

ދެން ހުރީ މި ސަރުކާރުގެ އިސް ތަރުޖަމާނެވެ. އޭނާ ވިދާޅުވިކަމަށް ނޫސްތަކުގައި ރިޕޯޓުކޮށްފައި އޮތީ އާރުޓީއައި އަށް ޖަވާބު ދިނުމުގައި ނިޔަތަށް ބައްލަވާނޭ ކަމަށެވެ. ހެޔޮނިޔަތުގައި ހުށަހަޅާ އާރުޓީއައި ތަކަށް ޖަވާބު ދެއްވާނޭ ކަމަށެވެ. އިސް ތަރުޖަމާނަށް އެނގިވަޑައިނުގަތީ ގާނޫނުގައި އޮތް އެއްޗެކެވެ. މައުލޫމާތު ނުދީ ހިފެހެއްޓިދާނޭ ހާލަތުތައް އެކަމާ ގުޅޭ ގާނޫނުގައި ބަޔާންކޮށްފައި އޮތްއިރު އޭގެ ތެރޭގައި މައުލޫމާތު ހޯދުމަށް އެދުނު ނިޔަތް އެއީ ހިމެނޭ އުންސުރެއް ނޫނެވެ. މިއީ އިސް ތަރުޖަމާނަށް ގާނޫނު އެނގިވަޑައިނުގަންނަވާތީ އޮޅިވަޑައިގެން ވިދާޅުވެވުނު އެއްޗެއްނަމަ، އިސްތަރުޖަމާނުގެ ޒިންމާ އަދާކުރެއްވުމުގެ ތިޔަ ވެވަޑައިގަތީ ވަރަށް ބޮޑު އިހުމާލެކެވެ. ގަސްތުގައި އޮޅުވާލައްވަން ވިދާޅުވި އެއްޗެއް ނަމަ... އެކަމެއް ވެސް ނުވި އެވެ.

އަޅުގަނޑު އިސްތަރުޖަމާނު އަރިހުން ވަރަށް އަދަބުވެރިކަމާއެކު އެދެނީ އަޅުގަނޑު މި ދެންނެވި ވާހަކަ އެމަނިކުފާނުގެ ސިޔާސީ ގޮހޮރުފުޅަށް ލައްވައި ހަޖަމުކުރައްވައި ވަޔަށް ބޭރުކޮށްލެއްވުމުގެ ކުރިން، އެ ވިދާޅުވެވުނު އެއްޗަކާމެދު 'ހިތުގެ ސިކުނޑިން' އަލުން ވިސްނެވުމަށެވެ.

ސައްހަ ނިޔަތުގައި ހުށަހަޅާ އާރުޓީއައިތަކަށް ޖަވާބު އަރުވާނެ ކަމަށް ތަރުޖަމާނު ވިދާޅުވެއްޖެ

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ޒިންމާދާރުކަމާއެކު ސައްހަ ނިޔަތުގައި ހުށަހަޅާ އާރުޓީއައިތަކަށް ސަރުކާރުން ޖަވާބުދޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ. ނަމަވެސް ގައުމީ ސަލާމަތާއި، ޚާރިޖީ ގުޅުންތަކަށް ބުރޫއަރާ ފަދަ މައުލޫމާތާއި ސިއްރު ހިފަހައްޓަންޖެހޭ މާލީ އެއްބަސްވުންތަކާ ގުޅޭ މައުލޫމާތު ހާމަނުކުރެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނިންމުން: މައުލޫމާތަށް އެދި ސަރުކާރުތަކަށް އުނދަގޫކުރުމަކީ ހައްގެއް އަދި ޒިންމާއެއް!

ހާމަކަން ބޮޑުވުމުގެ އަސްލު އިމްތިހާނަކީ ފަސޭހަ ސުވާލުތަކަށް ސަރުކާރުން ޖަވާބުދޭ ގޮތެއް ނޫނެވެ. އޭގެ ބަދަލުގައި، އުނދަގޫ ސުވާލުތަކާ ކުރިމަތިލާ ގޮތެވެ. އާރް.ޓީ.އައި އަކީ ފަސޭހަވާންޖެހޭ އެއްޗެއް ނޫނެވެ. އެއީ ކަންކަން ހޯދައި ބަލާ، އަދި ބައެއް ފަހަރު އުނދަގޫތަކެއް ކުރިމަތިކުރުވާ އެއްޗަކަށް ވާންޖެހެ އެވެ. ރައްޔިތުން ހަރަކާތްތެރިކަމާއެކު މި ހައްގު  ބޭނުންކުރާނަމަ އެ ކުރެވެނީ އެ ގާނޫނުގެ އެންމެ ހަމަ ބޭނުމެވެ. އެއީ ދައުލަތް ހިންގުމުގެ ކަންކަމާމެދު ރައްޔިތުން ވިސްނައި، ކަންކަމުގައި ބައިވެރިވާކަމުގެ ނިޝާނެކެވެ.

މައުލޫމާތެއް ހޯދަން އެދޭ މީހާގެ ކޮންމެ ނިޔަތެއް އޮތަސް، އޭނާ ކޮންމެ މޫޑެއްގައި ހުއްޓަސް، އަދި އޭނާ އެދޭ ސުވާލަށް ޖަވާބު ދިނުން ކިތަންމެ އުނދަގޫވިޔަސް، ގާނޫނުގެ އޮޅިގަނޑުން އެތެރެވާނަމަ އެ ސުވާލަށް ޖަވާބު ދިނުމަކީ ސަރުކާރަށް ލާޒިމު ކަމެކެވެ. އެ މައުލޫމާތު ލިބިގަތުމަކީ އޭނާގެ އަސާސީ ހައްގެކެވެ. މި ހައްގު ނުދޭން ބަހަނާ ދައްކާ ސަރުކާރަކުން އެތިބީ އޭގެ ޒާތުން ވެސް ގޯސް ހަދައިގެން ކަމަށް ރައްޔިތުން ނިންމާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިޓީބިޓީ: ގައުމުގެ އިސް ރަށްވެހީންނަށް އިލްތިމާސެއް

ގައުމީ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށްޓަކައި، ދައުލަތުގެ މަތީ އިއްޒަތް ލިބިވަޑައިގެންފައިވާ 12 ތަޖުރިބާކާރު ބޭފުޅުންގެ މައްޗަށް އެކުލެވޭ ހާއްސަ މަޖިލީހެއް ރައީސް އޮފީހުން އެކުލަވައިލައިފިއެވެ. މި މަޖިލީހުގެ މައިގަނޑު މަގުސަދަކީ ގައުމުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ އިހުލާސްތެރި މަޝްވަރާ ހޯދުން ކަމަށްވާއިރު، މިއީ ގައުމުގެ މުސްތަގުބަލާ މެދު ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރި ނާޒުކު ދަނޑިވަޅެއްގައި އެޅުނު މުހިންމު ފިޔަވަޅެކެވެ.

ރަސްމާލެ ވިއްކުމުގެ ރިފަރެންޑަމެއް ނަގަން ބިރުގަންނަނީ ކީއްވެ؟

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވުމަކީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވި ވައުދާ ހިލާފުވުމެއް ކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. ބޭރުގެ ފަރާތްތަކަށް ބިން ނުދޭނެ ކަމަށް ކުރިން ވިދާޅުވި ނަމަވެސް، މިހާރު މި މަޝްރޫއުގެ ދެބައިކުޅަ އެއްބައި ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފު ކަމެއް ކަމަށްވެސް މި ޚަބަރުގައި ބަޔާންކޮށްފައިވެއެވެ.

ކުށުގެ ވާހަކަ: ދަރިފުޅަށް ގޯނާކުރަން ވާގިވެރިވި މަންމަގެ ހިޔާނާތް

އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމަށް އެ ކުއްޖާގެ މަންމަ މަގުފަހިކޮށްދިން. އަދި މި ލާއިންސާނީ އަމަލުގައި، ދަރިފުޅު ރައްކާތެރިކުރުމުގެ ބަދަލުގައި މަންމަ ވަނީ ގަސްދުގައި އެހެން ފިރިހެނަކަށް އެ ކުއްޖާ ޖިންސީ ގޮތުން ބޭނުންކުރުމަށް އެހީތެރިވެ، އެންމެ އަސާސީ އިތުބާރުގެ ގުޅުމަށް ހިޔާނާތްތެރިވެފަ.

އެމްއޭސީއެލްގެ ރެކޯޑު ފައިދާގެ ފަރުދާގައި ބޮޑު ދަރަނި

އެމްއޭސީއެލްއަށް ބޮޑު ފައިދާއެއް ލިބުނު ނަމަވެސް، ނަގުދު ފައިސާ މަދުވެ އެ ކުންފުނީގެ މާލީ ހާލަތަށް ވަނީ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފަ. މިދިޔަ އަހަރު ނިމުނުއިރު ކުންފުނީގެ ތިޖޫރީގައި ހުރި ފައިސާ ދެބައިކުޅަ އެއްބަޔަށް މަދުވެފައިވާއިރު، ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތައް ހަމަޖެއްސުމުގައި ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ.

އަހަރެމެން މި ތަކުރާރުކުރަނީ މާޒީ ހެއްޔެވެ؟

އިންސާނީ ދަހިވެތިކަމާއި، ހަމަ އެ ފޮނި ވާހަކައާއި، މުސްތަޤްބަލުގެ ޖީލުތަކުން ބަލަން ބޭނުންނުވާ ހަމަ އެ ނުރައްކާ މިއަދުވެސް މިވަނީ އަޅުގަނޑުމެންގެ ކުރިމަތީގައި. 2026 ގެ ރާއްޖެއަކީ 1887 ގެ ރާއްޖެއެއް ނޫނެވެ. އެކަމަކު، ސަރުކާރެއްގެ މިހާރުގެ ވަގުތީ ސަލާމަތަށްޓަކައި ޤައުމުގެ މުސްތަޤްބަލު ސޮއިކޮށް ދޫކޮށްލައިފިނަމަ، ނަތީޖާ ނުކުންނާނީ ހަމަ ކުރީގެ ގޮތަށް.

ތިޔަ އެއްޗެއްގައި ސޮއިކުރުމަށްވުރެ ޝަހީދުވުންވެސް ރަނގަޅޭ

ޔަހޫދީންގެ މިތުރަކާ ގުޅިގެން ވާނެ ހެވެއް ނޯންނާނެ އެވެ. އިނގިރޭސިންގެ މުށުތެރެއަށް ވެއްޓިގަތުމާ ނައިބުތުއްތު ދެކޮޅުހެއްދެވިހިނދު، ދިވެހި ދައުލަތުގައި ތިބި ވެރިން އޭރުކީ ލަވަޔަކީ ހަމަ މިހާރުވެސް މި އިވޭ ލަވަޔެވެ. މިއީ އިގުތިސާދީ ކަމެކެވެ. ސިޔާސީ ކަމެކެވެ. ލައްކަ މަންފާވީނަމަ، އަހަރުތަކެއް ފަހުން އިނގިރޭސިންގެ އަތުން މިނިވަންވާކަށް ނުޖެހުނީސްތާ އެވެ!

ރަސްމާލެ މައްސަލައިގެ ނުރައްކާތައް ދިރާސާކުރުމުގެ އިލްތިމާސް

ނޮވެމްބަރު 3 ގައި ގައުމު ދިފާއުކުރި ސިފައިން، ފުރާނަ ގުރުބާންކުރީ ވަކި ތަރައްގީގެ މޮޑެލްއަކަށް ނުވަތަ އިގުތިސާދީ ސިޔާސަތަކަށް ނޫނެވެ. އެމީހުން ދިފާއުކުރީ ދިވެހިންގެ މުސްތަގުބަލުގެ ސާހިބުންނަކީ ދިވެހިން ކަމުގައިވުމުގެ ހައްގެވެ. އެ ހައްގަކީ މިއަދު ވެސް ހަމަ އެ ދަރަޖައިގައި ދިފާއުކުރަންޖެހޭ ހައްގެކެވެ.

Newsletter

Get the latest news delivered straight to your inbox