ރަސްމާލޭގެ ހަވާލުނުކޮށް އޮތް ދެ ސައިޓު ހިއްކަން ޗައިނާގެ އިތުރު ކުންފުންޏަކަށް

ރަސްމާލެ ތަރައްގީކޮށް ނިމޭއިރު އޮންނާނެ ކަމަށް ބުނެ ސަރުކާރުން އާންމުކުރި ކުރެހުމެއް: ރަސްމާލޭގެ ފަހު ދެ ސައިޓު ހިއްކަން ޗައިނާގެ އިތުރު ކުންފުންޏަކާ ހަވާލުކޮށްފި --- ފޮޓޯ: ރައީސް އޮފީސް

ރަސްމާލެ ތަރައްގީކޮށް ނިމޭއިރު އޮންނާނެ ކަމަށް ބުނެ ސަރުކާރުން އާންމުކުރި ކުރެހުމެއް: ރަސްމާލޭގެ ފަހު ދެ ސައިޓު ހިއްކަން ޗައިނާގެ އިތުރު ކުންފުންޏަކާ ހަވާލުކޮށްފި --- ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރުގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ މާލެ އަތޮޅު ފުށިދިއްގަރު ރަސްމާލޭގެ ގޮތުގައި ތަރައްގީ ކުރުމަށް ހިއްކާ 12 ސައިޓުގެ ތެރެއިން އެންމެ ފަހަށް އޮތް ދެ ސައިޓު ހިއްކަން ޗައިނާގެ ދެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޮޑު ވައުދެއްގެ ދަށުން، ދައުލަތުން ހަރަދުނުކޮށް ކުރިއަށް ގެންދަން ރޭވި ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ފުރަތަމަ ޕްލޭން ފެއިލްވެ، މަޝްރޫއު މިހާރު ކުރިއަށް ގެންދަނީ ސަރުކާރުގެ ކުންފުނި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބޮޑު ލޯނު ނަގައިގެންނެވެ.

މި މަޝްރޫއުގެ ދަށުން މިހާތަނަށް ހިއްކާ ނިންމާފައިވަނީ 29 ހެކްޓަރުގެ ސައިޓު ޖޭ އެވެ. ބާކީ 11 ސައިޓުގެ ތެރެއިން ނުވަ ސައިޓެއް ހިއްކަން އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސް (އެމްއެމްއީ) އަދި، ޗައިނާ ރެއިލްވޭ ކޮންސްޓްރަކްޝަން ކޯޕަރޭޝަން (ސީއާރުސީސީ) އާ ވަނީ ހަވާލުކޮށްފަ އެވެ.

ރަސްމާލޭގެ ސައިޓުތަކުގެ ތެރެއިން ހިއްކުމުގެ މަސައްކަތް ހަވާލުނުކޮށް އޮތް ދެ ސައިޓު ކަމަށްވާ ސައިޓު ސީ، އަދި އީ، ގެ މަސައްކަތް އެޗްޑީސީން ހަވާލުކުރީ، ޗައިނާ ހާބާ އިންޖިނޭރިން ކޮމްޕެނީ (ސީއެޗްއީސީ) އާ އެވެ. މިއީ ސިނަމާލެ ބުރިޖުގެ މަސައްކަތް ކުރި މައި ކުންފުންޏެވެ.

ފަހު ދެ ސައިޓު ހިއްކުމުގެ މަސައްކަތަށް ހެދި އީއައިއޭ، އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އާންމުކޮށްފައިވާއިރު، ޖުމްލަ 250 ހެކްޓަރުގެ މި ދެ ސައިޓު ނިންމަން ދޮޅު އަހަރު ވާނެ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. ރިޕޯޓުގައިވާ ޝެޑިއުލްގައިވާ ގޮތުން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ މެއި 17، 2026 ގަ އެވެ.

މި ދެ ސައިޓުގެ އިތުރުން، ސީއާރުސީސީ އާ ކުރިން ހަވާލު ކުރި 144 ހެކްޓަރުގެ ސައިޓު ބީ މި އީއައިއޭ ގައިވެސް ހިމަނާފައިވެ އެވެ. ނިމޭނެ ތާރީހަކަށް ޖަހާފައި އޮތީ 11 މަހެވެ. ތާވަލުގައިވާ ގޮތަށް މަސައްކަތް ކޮށްފި ނަމަ ސައިޓު ބީ ހިއްކާ ނިންމާ ހަވާލު ކުރެވޭނީ ސެޕްޓެމްބަރު 30، 2025 ގަ އެވެ.

އެންމެ ފަހުގެ ސެޓްލައިޓު ފޮޓޯތައް ދައްކާގޮތުން ރަސްމާލޭގެ ނުހިއްކާ އޮތް 11 ސައިޓުގެ ތެރެއިން މިހާރު މަސައްކަތް ކުރަމުންދަނީ ހަމައެކަނި އެމްއެމްއީ އަށް ދީފައި އޮތް ސައިޓު ޑީ ގަ އެވެ. ލަސް ދުވެއްޔެއްގައި އެތަނުގައި ކުރެވެމުންދަނީ ބަންޑްވޯލް ޖެހުމުގެ މަސައްކަތެވެ. 264 ހެކްޓަރުގެ މި ސައިޓަކީ ރަސްމާލޭގެ އެންމެ ބޮޑު ސަރަހައްދެވެ.

މަޝްރޫއުގެ ފަސް ފަހަތް އަދި ލޯނު ނަގަން ޖެހުނު ގޮތް

ސަރުކާރުން މާލެ އަތޮޅު ދެކުނުގައި އޮންނަ ފުށިދިއްގަރު ފަޅުން ރަސްމާލެ ހިއްކަން ފެށީ، ފުރަތަމަ މަސައްކަތް ހަވާލުކުރި ސީއެމްސީސީ އަށް ހުޅުމާލެއިން 10 ހެކްޓަރާއި ފުށިދިއްގަރުފަޅުން ހިއްކާ 60 ހެކްޓަރު ބިން ދިގު މުއްދަތަށް ދޭގޮތަށެވެ.

އެގޮތަށް ސަރުކާރުން ނިންމީ، މި މަޝްރޫއަށް މިދިޔަ އަހަރުގެ ބަޖެޓުގައި ހިމެނި 400 މިލިއަން ރުފިޔާ އޭރު އޮތް މަޖިލީހުން އުނިކުރުމާ ގުޅިގެންނެވެ. އޭރު ރައީސް މުއިއްޒު ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތް ކުރާނީ ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ނުދާ ގޮތަށް ކަމަށެވެ.

ނަމަވެސް ސަރުކާރުގެ ޕްލޭން އޭ ފެއިލްވެ، ފުރަތަމަ ހިއްކަން ފެށި ސައިޓު ޖޭ ނިންމަން ސީއެމްސީސީއަށް 77 މިލިއަން ރުފިޔާ ދިނެވެ. އޭރު އޮތީ މުޅީ މަޝްރޫއަށް ކޮންޓްރެކްޓާ ފައިނޭންސިން މޮޑެލްގެ ދަށުން ސީއެމްސީސީ އިން ހަރަދުކުރާ ގޮތަށެވެ.

އެންމެ ފަހުން ހެދި ހުރިހާ އީއައިއޭ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން މަޝްރޫއަށް ދެން ފައިސާ ހޯދަނީ އެޗްޑީސީން ނަގާ ލޯނަކުންނެވެ. މި ލޯނާ ގުޅޭ އެއްވެސް ތަފުސީލެއް ސަރުކާރުން ނުވަތަ އެޗްޑީސީން ވެސް ހާމައެއް ނުކުރެ އެވެ.

ނަގާ ލޯނުގެ އަދަދު ކަށަވަރު ނުވިޔަސް ފުށިދިއްގަރުން 1100 އެއްހާ ހެކްޓަރު ހިއްކަން "ގާތްގަނޑަކަށް 500 އާއި 700 މިލިއަން ޑޮލަރާއި ދެމެދުގެ އަދަދަކަށް އެންމެ މަދުވެގެންވެސް ހަރުދުވާނެ،" ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މީގެ ކުރިން ވިދާޅުވެފައިވެ އެވެ. އެހެންކަމުން މި މަޝްރޫއަށް ނަގާ ލޯނަކީ އެންމެ މަދުން ނަމަވެސް 500 މިލިއަން ޑޮލަރުގެ ލޯނަކަށް ވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox