ގިނަ އަދަދެއްގެ ސިނގިރޭޓު ކާޓޫނުތަކެއް ވަގަށް ނެގި މީހަކު އިއްޔެ ހައްޔަރު ކޮށްފި އެވެ.
ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން 67 ސިނގިރޭޓު ކާޓޫން ވަގަށް ނެގި ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނީ ށ. ފޭދޫ، ހިރުދޫމާގެ، އަހުމަދު ލުޖައިން، 24، އެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ ފަސް ދުވަސް ޖަހައިފަ އެވެ.
"2 ނޮވެމްބަރުގެ 5:40 ހައިރޫ ފުލުހުން ޕެޓްރޯލް ކުރަމުން ދިޔައިރު އޮލިމްޕަސް ކައިރިން ދިޔަ މީހަކާ މެދު ތުހުމަތު ކުރެވިގެން ހުއްޓުވައި، އޭނާ ގެންގުޅުނު ދަބަސްތަކާއި ކޮތަޅުތަކެއް ބަލައިފާސްކުރިއިރު 67 ސިނގިރޭޓް ކާޓޫނު ފެނިފައިވޭ،" ފުލުހުން ބުންޏެވެ.
މިހާތަނަށް ބެލިބެލުން އެއީ އޯޝަން ނޯޓިކަލް ޕްރައިވެޓް ލިމިޓެޑް އިން އޭނާ ވަގަށް ނަގާފައިވާ ސިނގިރޭޓުކަން އެނގިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ވޭޕާއި އިލެކްޓްރިކް ސިނގިރޭޓު އަދި ދުންފަތާއި އެފަދަ އުފެއްދުންތަކުގެ އިމްޕޯޓު ޑިއުޓީ މި މަހު 1 އިން ފަށައިގެން ބޮޑުކުރާ ގުޅިގެން އެ އުފެއްދުންތަކުގެ އަގު ވަނީ ބޮޑުވެފަ އެވެ.














