ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުގެ އިންޒާރުދިން މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކުރި މާލެ، ގ. ސަންސަންގެއާގެ، އަބްދުﷲ މިޔާދު، 40، ގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކުރީ ކްރިމިނަލް ކޯޓުން ކަމަށެވެ. އޭނާ ހައްޔަރުކުރީ ބޭރު ގައުމެއްގައި ހުރުމަށްފަހު ރޭ އެނބުރި މާލެ އައުމުންނެވެ.
ރައީސް މުއިއްޒުގެ އިތުރުން ވެސް ދައުލަތުގެ އެކި އިސްވެރިންނާއި އާންމުންގެ ބަޔަކު ވެސް މަރާލާނެ ކަމަށް އަދި އެ ނޫން ވެސް ގޮތް ގޮތުން ގެއްލުންދޭނެ ކަމަށް ބުނެ މިޔާދު އިންޒާރު ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
މަރުގެ އިންޒާރުތަކުގެ އިތުރުން މިޔާދު ވަނީ ސޯޝަލް މީޑިއާގައި ހަޑިހުތުރު ބަހުން އެކި ޕޯސްޓުކޮށް އެއްޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދިން ކަމަށް ވެސް ވެ އެވެ.
ރައީސް "މަރާލާނެ" ކަަމަށް ބުނެ މީހަކު ކޮމެންޓު ކުރީ މިދިޔަ މަހު ފަހުކޮޅު އެމަނިކުފާނު އދ. ގެ ގައުމީ އާންމު މަޖިލީހުގެ ހަވާސާގައި ކުރިއަށްދިޔަ އިވެންޓެއްގައި ތަގުރީރު ކުރައްވާ މަންޒަރު ފޭސްބުކް މެދުވެރިކޮށް ގެނެސްދެމުންދިޔަ ލައިވް އެއްގަ އެވެ.

އެ ދަތުރަށްފަހު އެނބުރި މާލެ ވަޑައިގަތުމަށްފަހު ރައީސް މުއިއްޒު މިހާރު ހުންނެވީ ފުރަމާނަ ދަތުރެއްގައި އިންޑިއާގަ އެވެ. އިންޒާރުތަކާ ގުޅިގެން ރައީސްގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރި ކަމެއް ސިފައިން ނުބުނެ އެވެ.












