ރައީސް އޮފީހާއި ސަރުކާރުގެ ޕްރެސްތަކަށް އަދަދު ނޫހަށް ނުވަދެވޭތާ ދެ މަސް!

ޖޫން 1، 2026 ގައި މުހައްމަދު މުއިއްޒު ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން: ރައީސް އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް އަދަދު ނޫހަށް ނުވަދެވޭ ގޮތަށް ވަނީ މަނާކޮށްފައި -- ފޮޓޯ: ރައީސް އޮފީސް

ޖޫން 1، 2026 ގައި މުހައްމަދު މުއިއްޒު ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން: ރައީސް އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް އަދަދު ނޫހަށް ނުވަދެވޭ ގޮތަށް ވަނީ މަނާކޮށްފައި -- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް އަދަދު ނޫހާއި މި ނޫހުގެ އެއްވެސް ނޫސްވެރިއަކަށް ނުވަދެވޭ ގޮތަށް މަނާކުރިތާ ދެ މަސް ދުވަހަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ. 

އަދަދުގެ ނޫސްވެރިންނަށް ޕްރެސްތަކަށް ނުވަދެވޭ ގޮތަށް ރައީސް އޮފީހުން ފިޔަވަޅު އެޅީ މެއި 11، ގައި މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދަދުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ކުރި ސުވާލަކާ ގުޅުވަ އެވެ. 

ޝަހުޒާން އެ ސުވާލުކުރި ހިސާބުން މުއިއްޒު ވަނީ އެއީ މި ނޫހުން ނެރުނު "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ނެރެފައިވާ އަނގަބަންދުކުރުމުގެ އަމުރު (ގެގް އޯޑާ) އާ ހިލާފު އަމަލެއް ކަމަށް އަމިއްލައަށް ނިންމަވައި، ޝަހުޒާން އެ ބައްދަލުވުމުން ބޭރުކޮށްލާފަ އެވެ. 

Advertisement

ހަމަ އެ ރޭ 11:01 ގައި ރައީސް އޮފީހުން މީޑިއާތަކަށް ކަނޑައަޅާފައިވާ ވަޓްސްއެޕް ގްރޫޕުގައި ހިއްސާކުރި މެސެޖަކުން ވަނީ އަދަދު ނޫހަށް ނުވަދެވޭނެ ކަމަށް ބުނެފަ އެވެ.

އެ ފަހުން ރައީސް އޮފީހުން އާ ވަޓްސްއެޕް ގްރޫޕެއް އެކުލަވާލިއިރު، މި ނޫހުގެ އެއްވެސް ނޫސްވެރިޔަކު އެ ގްރޫޕުގައި ވެސް ބައިވެރިކޮށްފައި ނެތެވެ. އެކަމާ ގުޅިގެން އެ އޮފީހުގެ މީޑިއާ އޮފިޝަލުންނާ ސުވާލުކުރުމުން ޖަވާބެއް ނުދޭ ތަނުގައި މެސެޖު ލިބުނު ކަަމަށް ވެސް ނުބުނެ އެވެ. 

ރައީސް އޮފީހުން މި ފިޔަވަޅު އެޅިތާ ހަފުތާއެއް ފަހުން، މެއި 18، ގައި މި ނޫހުން ވާނީ އެ ފިޔަވަޅު ލިޔުމުން ހިއްސާކޮށްދޭން އެދި ރައީސް އޮފީހަށް ސިޓީއެއް ފޮނުވާފަ އެވެ. ނަމަވެސް މިއަދާ ހަމައަށް އެ ސިޓީއަށް ޖަވާބެއް ނުލިބެ އެވެ. 

ސިޓީއަށް އެއްވެސް ޖަވާބެއް ނުލިބޭ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރަމުން އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ ވަނީ، މި ނޫހާ ދެކޮޅަށް އެޅި ފިޔަވަޅުތައް ލިޔުމުން ނުލިބޭތީ މި ފިޔަވަޅާ ގުޅިގެން ދެން އަޅަން ޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމުގެ މަގު ބަންދުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.

"އެޅި ފިޔަވަޅުގެ ލިޔުން ހޯދަން ސިޓީން، އަނގަބަހުން، މެސެޖުން ދެންނެވިއްޖެ. އެކަމަކު މިހާތަނަށް ވެސް އެއްވެސް ޖަވާބެއް ނުލިބޭ. މިއީ ގަސްތުގައި ނޫސްވެރިކަމަށް ހުރަސް އެޅުމަށް އަދަދުގެ މަސައްކަތަށް ހުރަސް އެޅުމަށް ކުރާ ކަމެއް،" އޭނާ ވިދާޅުވި އެވެ. 

އަދަދު ނޫހާ ދެކޮޅަށް އެޅި ފިޔަވަޅުގައި ރައީސް އޮފީހުން ބުނެފައި ވަނީ އެ "ސަސްޕެންޝަން" ދެމިގެން ދަނީ ފިޔާޒު އަދި މި ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުއާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލަ ނިމުމުން ކަމަށެވެ. 

ކްރިމިނަލް ކޯޓުގައި މި މައްސަލައިގައި އަދި ނިމުނީ އިބްތިދާއީ މަރުހަލާގަ އެވެ. އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ފިޔާޒާއި ހަސަން ވެސް ވަނީ އެ މީހުންގެ މައްޗަށް ތުހުމަތުކުރާ ގަޒުފު ކުރުމުގެ ކުށުގެ ދައުވާއަށް އިންކާރުކޮށްފަ އެވެ. 

އައިޝާ ޑޮކިއުމަންޓްރީއަކީ މުހައްމަދު މުއިއްޒު ރައީސް އޮފީހުގެ މުވައްޒަފަކާ ކައިވެނިން ބޭރުން ގުޅުމެއް ބޭއްވެވި ކަމުގެ ތުހުމަތުތަކެއް ރައްދުވާ ޑޮކިއުމެންޓަރީއެކެވެ. އެ ޑޮކިއުމަންޓްރީގައި ހިމެނޭ ކަންކަން މުއިއްޒު ދޮގުކުރައްވަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox