ޖަރުމަނުގައި މިހާރު ކުރިއަށްދާ ރެޑްބުލް ފޯ ޓު ސްކޯގެ, ވޯލްޑް ފައިނަލްސްގެ ދެ ވަނަ ބުރުން ރާއްޖޭގެ ޗެމްޕިއަން, ދި ފުޓްސަލް ޓައުން (ޓީއެފްޓީ) ޖާގަ ހޯދައިފި އެވެ.
ރާއްޖޭގެ 10 ސަރަހައްދެއްގައި މި މުބާރާތުގެ ކޮލިފައިން ބުރު ކުރިއަށްދިޔައިރު, މުބާރާތުގެ ފައިނަލް ބުރުގައި ޖުމްލަ 16 ޓީމުން ވަނީ ވާދަކޮށްފަ އެވެ. އޭގެ ތެރެއިން ނުވަ ޓީމަކީ މާލެއިން ބޭރުގައި ބޭއްވި ކޮލިފައިން ބުރުތައް ކާމިޔާބުކުރި ޓީމުތަކެވެ.
މާލެ ސަރަހައްދުން ހަތް ޓީމެއް ރާއްޖޭގެ ފައިނަލް ބުރުގައި ވާދަކުރި އެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ޓީއެފްޓީ އިން ހޯދީ ފައިނަލުގައި ޓީމް ބަޖިޔާ ބަލިކޮށްގެންނެވެ. ޓީއެފްޓީ ޓީމުގައި ހިމެނެނީ، މުހައްމަދު ޝައްފާން (ޝާކާ)، މުހައްމަދު ވިލްފް، އިސްމާއިލް މުނީޒް، އަހުނަފް ރަޝީދު (އަހުއްކޮ) އަދި އިބްރާހިމް ނާޖިހު (ހޭޓް) އެވެ.

ފައިނަލްސްގައި ރާއްޖޭން އިންޑިއާއާ ކުޅުނު މެޗުގެ ތެެރެއިން.--- ފޮޓޯ: ރެޑްބުލް
އިއްޔެ ފެށި މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޓީއެފްޓީ ވާދަކުރަން ޖެހުނީ ވަރުގަދަ ގްރޫޕް އެއްގަ އެވެ. އެ ގޮތުން ފުރަތަމަ މެޗުގައި އިންޑިއާގެ މައްޗަށް ޓީއެފްޓީ އިން ކުރިހޯދީ 5-1 ގެ ނަތީޖާ އަކުންނެވެ. ދެ ވަނަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން، އޮސްޓިރިއާ އަތުން 3-2 ގެ ނަތީޖާއަކުން ބަލިވިއިރު, ބްރެޒިލް އަތުން ޓީއެފްޓީ ބަލިވީ, 4-6 ގެ ނަތީޖާ އަކުންނެވެ. އަދި ފަހު މެޗުގައި އެމެރިކާ އަތުން ބަލިވީ 5-1 ގެ ނަތީޖާ އަކުންނެވެ.
ޓީއެފްޓީ އަށް މި މުބާރާތުގެ ދެ ވަނަ ބުރުގައި ވާދަކުރަން ޖެހޭނީ ކްރޮއޭޝިއާ އާ ދެކޮޅަށެވެ. މި މެޗު ފަށާނީ މާދަމާ މެންދުރު ރާއްޖެ ގަނޑިން 1:30 ގަ އެވެ.
ޖަރުމަނުގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަލް ބުރުގައި ދުނިޔޭގެ 25 ގައުމެއްގެ ޗެމްޕިއަން ޓީމުތައް ވާދަކުރާނެ އެވެ.
ރެޑްބުލް އިން ވަނީ މީގެ ކުރިންވެސް އެކި ކަހަލަ މުބާރާތްތަކެއް ބާއްވައިފަ އެވެ. އެ ގޮތުން ނޭމާ ޖޫނިއާ ފައިވް, މުބާރާތާއި ދި ފައިވް މުބާރާތް މީގެ ކުރިން ބޭއްވި އެވެ. އެ ފަހަރުގެ ޗެމްޕިއަން ޓީމަށް ބްރެޒިލް އަށް ދިޔުމުގެ ފުރުސަތު ވަނީ ދީފަ އެވެ.













