މޮންޓެވީޑޯ، އުރުގުއޭ (ސެޕްޓެމްބަރު 2) - ކޮޕަ ލިބެޓަޑޯރެސްގެ މެޗެއްގައި ބްރެޒިލްގެ ސައޮ ޕައޮލޯއާ ދެކޮޅަށް ކުޅެނިކޮށް ދަނޑުމައްޗަށް ހޭނެތިގެން ވެއްޓި، ފަރުވާދެމުންދަނިކޮށް މަރުވި، އުރުގުއޭގެ ނަސިއޯނާލްގެ 27 އަހަރުގެ ޑިފެންޑަރު، ޖުއާން އިޒްކިއޭޑޯގެ ކޮންޓްރެކްޓް މުއްދަތަށް މުސާރަ ދޭން އެ ކްލަބުން ނިންމައިފި އެވެ.
މިދިޔަ މަހުގެ 22 ވަނަ ދުވަހު، ސައޮ ޕައޮލޯއާ ދެކޮޅަށް ކުޅުނު މެޗުގައި ނަސިއޯނާލްގެ އިޒްކިއޭޑޯ ކުޅެން އެރީ ބަދަލަކަށެވެ. އޭނާގެ މެއަށް ތަދެއް އަރައިގެން ވެއްޓުނީ، މެޗުގެ 84 ވަނަ މިނިޓްގަ އެވެ. ތަދުވެގެން ވެއްޓުނު ވަގުތު އިޒްކިއޭޑޯ ފުރަތަމަ ތެދުވެވޭތޯ މަސައްކަތްކުރި އެވެ. އެހެން ނަމަވެސް، އަވަހަށް މެޑިކަލް ޓީމު އަރުވައި، ފަރުވާދޭން ފެށީ ހާލަތު ގޯސްވާން ފެށުމުންނެވެ.
ސައޮ ޕައޮލޯގެ އަލްބާޓް އެއިންސްޓެއިން ހޮސްޕިޓަލްގައި ފަރުވާދޭން ފެށިތާ އަށް ވަރަކަށް ގަޑިއިރު ފަހުން ނަސިއޯނާލް އިން ފުރަތަމަ އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، އިޒްކިއޭޑޯގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ. އެކަމަކު، މިދިޔަ ދުވަސްތަކުގައި އިޒްކިއޭޑޯގެ ހާލަތު ގޯސްވަމުން އައިސް ފަރުވާ ދެމުންދަނިކޮށް މަރުވީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އެވެ. މަރުވި ސަބަބެއް ކަމަށް ހޮސްޕިޓަލްގެ ލިޔެކިޔުންތަކުގައި ހިމަނާފައިވަނީ، ސިކުނޑި މަރުވުން ކަމަށެވެ.
އިޒްކިއޭޑޯ މަރުވުމުގެ ދިހަ ވަރަކަށް ދުވަސް ކުރިން އޭނާ އަށް ދެ ވަނަ ދަރިއަކު ވަނީ ލިބިފަ އެވެ.
ނަސިއޯނާލްގެ ރައީސް، އަލެހަންދްރޯ ބަލްބީން ވިދާޅުވީ، އިޒްކިއޭޑޯގެ ކޮންޓްރެކްޓް އެ ޓީމާ އެކު، އަށް އަހަރަށް އެބައޮތް ކަމަށާއި އެހެންކަމުން، އެ މުއްދަތަށް އޭނާ އަށް ލިބެން ޖެހޭ މުސާރަ ބަރާބަރަށް އާއިލާ އަށް ދޭނެ ކަމަށެވެ. އަދި ނަސިއޯނާލްގެ ހިންގާ ކޮމިޓީން ވަނީ، ކޮންޓްރެކްޓްގެ މުއްދަތު ހަމަވުމަށް ފަހު ވެސް، އިޒްކިއޭޑޯގެ އާއިލާ އަށް ކޮންމެވެސް ވަރެއްގެ އެލަވަންސެއް ދޭން މަޝްވަރާކޮށްފަ އެވެ.












