ސައޮ ޕައޮލޯ، ބްރެޒިލް (އޮގަސްޓް 28) - ކޮޕަ ލިބެޓަޑޯރެސްގެ މެޗެއްގައި ބްރެޒިލްގެ ސައޮ ޕައޮލޯއާ ދެކޮޅަށް ކުޅެނިކޮށް ދަނޑުމައްޗަށް ހޭނެތިގެން ވެއްޓުނު އުރުގުއޭގެ ނަސިއޯނާލްގެ 27 އަހަރުގެ ޑިފެންޑަރު، ޖުއާން އިޒްކިއޭޑޯ އަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް މަރުވެއްޖެ އެވެ.
މި މަހު، 22 ވަނަ ދުވަހު ސައޮ ޕައޮލޯއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން، މެއަށް ތަދެއް އަރައިގެން ދަނޑުމައްޗަށް ވެއްޓި، އިޒްކިއޭޑޯ ހޭނެތުމުން ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށި އެވެ.
ސައޮ ޕައޮލޯގެ އަލްބާޓް އެއިންސްޓެއިން ހޮސްޕިޓަލްގައި ފަރުވާދޭން ފެށިތާ އަށް ވަރަކަށް ގަޑިއިރު ފަހުން ނަސިއޮނާލް އިން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، އިޒްކިއޭޑޯގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ. އެކަމަކު، މިދިޔަ ދުވަސްތަކުގައި އިޒްކިއޭޑޯގެ ހާލަތު ގޯސްވަމުން އައިސް ފަރުވާ ދެމުންދަނިކޮށް މަރުވީ އެވެ.
އިޒްކިއޭޑޯ އެ މެޗުގައި ކުޅެން ނުކުތީ ވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އޭނާގެ މެއަށް ތަދެއް އަރައިގެން ވެއްޓުނީ، މެޗުގެ 84 ވަނަ މިނިޓްގަ އެވެ. ތަދުވެގެން ވެއްޓުނު ވަގުތު އިޒްކިއޭޑޯ ފުރަތަމަ ތެދުވެވޭތޯ މަސައްކަތްކުރި އެވެ. އެހެން ނަމަވެސް، އަވަހަށް މެޑިކަލް ޓީމު އަރުވައި، ފަރުވާދޭން ފެށީ ހާލަތު ގޯސްވާން ފެށުމުންނެވެ. އިޒްކިއޭޑޯ އަށް ދެ ވަނަ ދަރިއަކު ލިބިފައިވަނީ މީގެ 10 ދުވަސް ކުރިންނެވެ.
އުރުގުއޭގެ އެއް ވަނަ އަދި ދެ ވަނަ ޑިވިޝަންގެ ފުޓްބޯޅަ މުބާރާތްތައް މި ހަފްތާގައި ނުބާއްވާ ގޮތަށް ވަނީ ނިންމައިފަ އެވެ.












