މާލޭގައި ނުތާހިރު ބަދިގެއެއް ހިންގި ތަނެއް އަނެއްކާ ވެސް ބަންދުކޮށް، އެތަނުގައި ގަވާއިދާ ހިލާފަށް އުޅުނު ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.
އިމިގްރޭޝަނުން ބުނީ ޓާސްކްފޯސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހޮނިހިރު ދުވަހުގައި ހިންގި އެ އޮޕަރޭޝަންގައި ހ. ބިއަންކާ ބަލައި ފާސްކޮށް އެތަނުން ގަވާއިދާ ހިލާފަށް އުޅުނު 15 ބިދޭސީން ބެލުމުގެ ދަށަށް ގެނެވުނު ކަމަށެވެ.
"މި ރެއިޑުގައި ވެސް ކަމާގުޅުންހުރި އިދާރާތަކުން ވަނީ ބައިވެރިވެފައި. އަދި މިތަނުގައި ކުރަމުންދިޔަ ވިޔަފާރި ހުއްޓުވުމަށް ވަނީ ނޯޓިސް ދީފައި،" އިމިގްރޭޝަނުން ބުންޏެވެ.

ޓާސްކްފޯސްއިން ހިންގި އޮޕަރޭޝަންގެ ތެރެއިން -- ފޮޓޯ: އިމިގްރޭޝަން
އިމިގްރޭޝަނާއި ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން މާލެ ސިޓީގައި ގަވާއިދާ ހިލާފަށް ހިންގާ ތަންތަން ހޯދައި، އެތަންތަން ބަންދުކޮށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަންނަނީ ބެލުމުގެ ދަށަށް ގެންނަމުންނެވެ.

އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު ހުޅުމާލެ ފޭސް 2 ގައި ޓާސްކްފޯސްއިން ހިންގި އޮޕަރޭޝަނެއްގައި އަށް ތަނެއް ވަނީ ބަންދުކޮށްފަ އެވެ.
ސިއްހީ ރައްކާތެރިކަމުގެ އާ ގާނޫނުގެ ދަށުން ލިބިފައިވާ ބާރުގެ ދަށުން ގަވާއިދާ ހިލާފަށް ހިންގާ ތަންތަން ބަންދުކުރުމުގެ ބާރު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ލިބިގެންވެ އެވެ.














