ރާއްޖޭގެ ރޭސިން އެސޯސިއޭޝަން (އާރްއޭއެމް) އިން އިންތިޒާމުކުރާ ރާސް ޗެމްޕިއަންޝިޕުގެ ކުޅުދުއްފުށި އެޑިޝަން މި މަހު 23 އާއި 24 ގައި ކުރިއަށް ގެންދަން ނިންމާފައިވާކަން އިއުލާނުކޮށްފި އެވެ.
ރޭސިން އެސޯސިއޭޝަނުން ބާއްވާ މި މުބާރާތަކީ ކޮންމެ އަހަރަކު ވެސް އެކި ސިޓީތަކަށް ބަހާލައިގެން ބާއްވާ މުބާރާތެކެވެ. ކުޅުދުއްފުށީގައި މުބާރާތް މި ބާއްވަނީ އަހަރެއްގެ މެދުކެނޑުމަކަށް ފަހު އެވެ.
މި އަހަރު ރާސް ޗެމްޕިއަންޝިޕްގެ ތިން އެޑިޝަނެއް ކުރިއަށްގެންދާނެ އެވެ. އެއީ، މި މަހު ބާއްވާ ކުޅުދުއްފުށި އެޑިޝަންގެ އިތުރުން، އަންނަ މަހު ބާއްވާ ހުވަދޫ އެޑިޝަން އަދި ގްރޭޓާ މާލޭ އެޑިޝަން އެވެ.
އެ ގޮތުން، ހުވަދޫ އެޑިޝަން ބޭއްވުމަށް މަސައްކަތް ކުރަނީ އަންނަ މަހުގެ 13 ވަނަ ދުވަހު އެވެ. އަދި، މާލެ އެޑިޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ އޮކްޓޫބަރު ހަތަރު ވަަނަ ދުވަހުގަ އެވެ.
ކުރިން އަހަރުތަކެކޭ އެއްގޮތަށް، މި އަހަރު ވެސް ތަފާތު 20 ކެޓަގަރީގެ އިވެންޓުތައް އޮންނާނެ އެވެ. މިއީ، ރާއްޖޭގައި އެކި ފެންވަރުގެ ވެހިކަލްތަކަށް ފުރުސަތު އޮންނަ ގޮތަށް ހަމައެކަނި ބާއްވާ ނެޝަނަލް މޮޓޯ ސްޕޯޓްސް އިވެންޓެވެ.
މި ފަހަރު ކުޅުދުއްފުށި އެޑިޝަންގައި ޖުމްލަ 27 ރައިޑަރުން ފެނިގެންދާނެ އެވެ. އެންމެ ފަހުން މި މުބާރާތް 2022 ވަނަ އަހަރު ބޭއްވިއިރު، ކުޅުދުއްފުށީގައި ކުރިއަށްދިޔައީ، 30 ރައިޑަރުންނާ އެކުގަ އެވެ.
ރޭސިން އެސޯސިއޭޝަނުން މައުލޫމާތު ދޭ ގޮތުގައި، ކުޅުދުއްފުށީގެ އެޑިޝަންގައި، ބައިވެރިވި ރައިޑަރުން މަދުވީ އެސޯސިއޭޝަނުގެ ސަލާމަތީ ކަންކަމާއި އެެހެނިހެން ކަންކަމަށް ބަލައި، 2023 ވަނަ އަހަރު ގަވާއިދަށް ގެނައި ބަދަލުތަކާ އެއްގޮތަށް ރައިޑަރުންނަށް އެންމެ ފުރިހަމަ އަށް ތައްޔާރުވެވެއް ނެތުމުންނެވެ.
މީގެ އިތުރުން، މާލެ ސަރަހައްދުގައި ވަޒީފާ އަދާކުރާ ކުޅުދުއްފުށްޓަށް ނިސްބަތްވާ ގިނަ އަދަދެއްގެ ރައިޑަރުން އުޅޭއިރު، އެ ރައިޑަރުން ދިިރިއުޅުމުގެ ކަންކަމަށް ބަލާފައި ނިންމާފައިވަނީ، މާލޭ އެޑިޝަންގައި ވާދަކުރުމަށް ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.
ކުޅުދުއްފުށި އެޑިޝަންގައި ހިމެނޭ ކެޓަގަރީތަކަކީ ޕީޑީ 125,160, އަންޑަ ބޯން އޯޕަން، އެމް 160, ޓީއެސް 65, އެސްޕީޑީ، އަދި ހޮންޑާ ވިނާ އެކްސް ކެޓަގަރީ އެވެ.
ރާސް ޗެމްޕިއަންޝިޕުގެ ޓައިޓަލް ސްޕޮންސަރު/ޕާޓްނަރަކީ ހޮންޑާ އެވެ. މިއީ، ހޮންޑާ އިން މި އިވެންޓުގެ ޓައިޓަލް ސުޕޮންސާ ނެގި ތިން ވަނަ ފަހަރެވެ.
މަސްދަރު: ކުޅުދުއްފުށި އޮންލައިން












