ކ. ތުލުސްދޫގައި މި މަހު ކުރިއަށްގެންދަން ނިންމާފައިވާ އޭސިއަން ސާފިން ޗެމްޕިއަންޝިޕް މި ފަހަރު ހާއްސަވާ އެންމެ ބޮޑު ސަބަބަކީ، 2026 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގެ ކޮލިފައިން އިވެންޓަކަށްވުމެވެ. މި ހާއްސަކަން ދިވެހި ކުޅިވަރުގެ ތާރީހާ ވެސް އޮތީ ގުޅިފަ އެވެ. މިއީ، ބައިނަލްއަގުވާމީ ބޮޑު ގޭމްސްއެއްގެ ކޮލިފިކޭޝަން ފޭސް އެއްގެ އިވެންޓެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރު ކަމަށް ވެސް ވުމެވެ.
މިދިޔަ އަހަރު ތުލުސްދޫގައި އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ކާމިޔާބުކަމާ އެކު ނިންމާލިއިރު، މި ފަހަރު އެ މުބާރާތް ހޯސްޓްކުރަން ރާއްޖެ އަށް ދިނީ ބޮޑު ފުރުސަތެއް ފަހިވެފައި އޮތް ގޮތަށެވެ.
އެ ގޮތުން، މި މަހު 17-24 އިން ތުލުސްދޫގައި ބާއްވާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުން ރަނގަޅު ކާމިޔާބެއް ހޯދައި، 2026 ވަނަ އަހަރު ޖަޕާނުގައި ބާއްވާ އޭޝިއަން ގޭމްސް އަށް ކޮލިފައިވުމުގެ ފުރުސަތު އޮތްއިރު، އެއީ ވެސް ތާރީހީ މުބާރާތެކެވެ. އޭޝިއަން ގޭމްސްގައި ފުރަތަމަ ފަހަރަށް ސާފިން ހިމެނޭތީ އެވެ.

އޭޝިއަން ސާފިން ޗެމްޕިއަންޝިޕް މިދިޔަ އަހަރު ބޭއްވިިއިރު، ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން، ރާއްޖޭގެ ސާފިން އެސޯސިއޭޝަންގެ ރައީސް ސޮބާހު ވާހަކަ ދައްކަވަނީ--- ފޮޓޯ: އަދަދު ފައިލް ފޮޓޯ
"އަދަދު ސްޕޯޓްސް" އަށް މޯލްޑިވްސް ސާފިން އެސޯސިއޭޝަންގެ ރައީސް، މުހައްމަދު ސޮބާހު (ޗޭ) ވިދާޅުވީ، މި ފަހަރުގެ މުބާރާތާ ގުޅޭ އެންމެ ފަހުން ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، 20 ގައުމަކުން ޔަގީންކޮށް އެތުލީޓުން ފެނިގެންދާނެ ކަމަށެވެ. އަދި އެތުލީޓުންނާއި ޓީމު އޮފިޝަލުންނާއި ޓެކްނިކަލް އޮފިޝަލުން ހިމެނޭ ގޮތަށް ޖުމްލަ އަދަދުތަކަށް ބަލާނަމަ، މި ފަހަރުގެ މުބާރާތުގައި، 200 އަށް ވުރެ ގިނަ ފަރާތެއް ޝާމިލުވާނެ ކަމަށް ސޮބާހު ވަނީ ވިދާޅުވެފަ އެވެ.
ކޮލިފައިން އިވެންޓަކަށްވާތީ ގަވާއިދު ތަންދިން މިންވަރަށް ބަލާއިރު، މި ފަހަރު އެހާ ގިނަ ދިވެހި އެތުލީޓުން ބައިވެރިކުރެވެން ނެތް ކަމަށެވެ. އެކަމަކު، އޭޝިއަން ސާފިން ޖަމިއްޔާއާ އެކު، އެކި ގޮތްގޮތުން، މޯލްޑިވްސް ސާފިން އެސޯސިއޭޝަނުން ކުރިއަށްގެންދިޔަ މަޝްވަރާތަކަށް ފަހު، ރާއްޖޭގެ ދެ ޓީމެއް ބައިވެރިކުރެވޭ ގޮތްވަނީ ވެފަ އެވެ.
އެ ގޮތުން، ޓީމު އޭ އަކީ ކޮލިފައިވެވޭ ގޮތަށް ވާދަކުރާނެ ޓީމެވެ. ޓީމު ބީ އަށް ކޮލިފައިވުމުގެ މަގެއް ނެތް ނަމަވެސް، މި މުބާރާތުން އެ އެތުލީޓުންގެ ގައުމީ ރޭންކިން އިން ކުރިއެރުން ހޯދުމުގެ ދޮރު އޮތީ ހުޅުވިފަ އެވެ.

މިިދިޔަ އަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ތެރެއިން އިބޫ: މި ފަހަރު އޭނާ ފެނިގެންދާނީ ކޯޗެއްގެ ގޮތުގައި.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ
އެންމެ ފަހުން ބޭއްވި އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ދެ މުބާރާތުގައި ވެސް، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ސާފަރު، ހުސެއިން އަރީބް (އިބޫ) ވަނީ މެޑަލް ހޯދައިފަ އެވެ. އެކަމަކު، މި ފަހަރުގެ މުބާރާތަށް ތައްޔާރުވާއިރު، އިބޫ ހުރީ ގައުމީ ސާފިން ޓީމުގެ ކޯޗުކަމާ ހަވާލުވެ އެވެ. ޓީމު ލީޑުކުރުމުގައި ބޮޑު ޒިންމާއެއް ބޮލުގައި އެޅިފައި ހުރިއިރު، އިބޫ ހުރީ ތާރީހީ ކަންތައްތަކެއް ހާސިލްކުރުމުގެ އަމާޒާ އެކުގަ އެވެ.
"މި މުބާރާތަކީ ރާއްޖޭގެ އެތުލީޓުންނަށް ވަރަށް ބޮޑު ވަރަށް މުހިންމު މުބާރާތަކަށް ދިވެހިންގެ އެތުލީޓުންނަށް ވެގެންދާނެ،" އިބޫ، "އަދަދު ސްޕޯޓްސް" އަށް ކުރިން ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.
އަމިއްލަ ގައުމުގައި ބައިނަލްއަގުވާމީ މުބާރާތެއް ހޯސްޓްކުރާއިރު، އަބަދުވެސް އެޑްވާންޓޭޖް ހުންނާނެ އެވެ.
އިބޫ ބުނީ، އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމުގެ އެޑްވާންޓޭޖް އެތުލީޓުންނަށް ނެގޭނެ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް، ޓީމުގައި ތުލުސްދޫ އަށް ނިސްބަތްވާ އެތުލީޓުން ވެސް ތިބުމާ އެކު، އެއީ ވެސް މީގެ "ޕްލަސް" އެއް ކަމަށް އިބޫ ދެކެ އެވެ.
އޭޝިއާގެ ބޮޑު މުބާރާތެއް ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ތުލުސްދޫގައި
ތުލުސްދޫ ކައުންސިލާއި އެ ރަށުގެ ސާފިން ޖަމިއްޔާ އިން ގުޅިގެން, ރާއްޖޭގެ ސާފިން އެސޯސިއޭޝަނާ އެކު، ކުރަމުން އަންނަ ރަނގަޅު މަސައްކަތުގެ ނަތީޖާ އަކީ، ޖެހިޖެހިގެން ދެ ވަނަ އަހަރު، ތުލުސްދޫގައި އޭޝިއާގެ ބޮޑު މުބާރާތެއް ބޭއްވުމުގެ ފުރުސަތު ލިބުމެވެ.
ކުރިން ފަހަރަށް ވުރެ، މި ފަހަރުގެ މުބާރާތުގެ ހައިބަތު އެތައް ގުނައެއް ބޮޑުވާނެ އެވެ. ސަބަބަކީ، މިއީ، ދުނިޔޭގެ އެންމެ ގައުމު ގިނަ ބައްރު ކަމަށްވާ އޭޝިއާގެ ބޮޑު ކުޅިވަރު ހަރަކާތް، އޭޝިއަން ގޭމްސް އަށް ކޮލިފައިވެވޭނެ ބޮޑު ފުރުސަތެއްގެ މަގުކޮށެން އޮތް މުބާރާތަކަށް ވުމެވެ.

ތުލުސްދޫ އަށް ޒިޔާރަތްކުރާ ގިނަ ފަތުރުވެރިން ވެސް އެ ރަށަށް އަންނަ އެއް ސަބަބަކަށް ވެފައި އޮންނަނީ، އެ ރަށުގައި އޮތް ސާފިން ސްޕޮޓްގެ ހިތްގައިމުކަން: އޭޝިއާގެ ސާފިން މުބާރާތް ދެ ވަނަ ފަހަރަށް އެއް މަންޒިލެއްގައި، ތުލުސްދޫޣައި ބާއްވަން ނިންމުމުން ވެސް މި ސްޕޮޓްގެ ފެންވަރު ސާބިތުވޭ.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ލޯންޗްކުރަން ބޭއްވި އިވެންޓްގައި ވާހަކަ ދައްކަވަމުން، ތުލުސްދޫ ކައުންސިލްގެ ނައިބު ރައީސް، މުހައްމަދު ޝަހީމް ވިދާޅުވީ، އެ ރަށުގައި މި ކަހަަލަ މުބާރާތެއް ބޭއްވޭތީ ވަރަށް ހިތްހަމަޖެހިގެން އަބަދުވެސް ތައްޔާރުވާ ކަމަށެެވެ.
އެ ގޮތުން، މިދިޔަ އަހަރު ވެސް ވަރަށް ރަނގަޅަށް، އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ކަންކަން ގޮސްފައިވާތީ، މި ފަހަރު ވެސް ވަރަށް ފުރިހަމަ އަށް ނިންމާލެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ޝަހީމް ވިދާޅުވި އެވެ.
އޭޝިއަން ގޭމްސް އަށް ކޮލިފައިވުމުގެ ފުރުސަތު މި މުބާރާތުން އޮތީ ކިހިނެއް؟
ޖަޕާނުގައި 2026 ވަނަ އަހަރު ބާއްވާ އޭޝިއަން ގޭމްސްގައި ސާފިން އިވެންޓް ހިމަނަން ކުރި މަސައްކަތުގައި ރާއްޖޭން ބާރުއެޅި އެންމެ ބޮޑު ސަބަބަކީ ރާއްޖެ އަށް ސާފިން އިން އޮތް މުސްތަގުބަލު ބޮޑުވުމެވެ.
އޭޝިއަން ގޭމްސް އަށް ކޮލިފައިވެވޭނީ ޝޯޓްބޯޑު އިވެންޓްތަކުންނެވެ. އެއީ، އޮލިމްޕިކްސްގައި ވެސް އެ އޮތީ އަދި ޝޯޓްބޯޑް ކަމަށްވާތީ އެވެ.
އޭޝިއަން ގޭމްސްގެ ސާފިން އިވެންޓްގެ މުޅި ޖުމްލަ ކޯޓާ އަކަށް މި ލިބެނީ 24 އަންހެން، 24 ފިރިހެން އެތުލީޓުން ގޮތަށް، ޖުމްލަ، 48 އެތުލީޓަކަށެވެ. ކޯޓާ ތެރެއިން ކޮލިފައިވާ އެތުލީޓުން މި ބަލަނީ، މި އަހަރާއި އަންނަ އަހަރު އޮންނަ ސާފިން ދެ ކޮލިފައިން މުބާރާތް މެދުވެރިކޮށެވެ.

މިދިޔަ އަހަރުގެ އޭސިއަން ސާފިން ޗެމްޕިއަންޝިޕްގައި ބައިވެރިވި ގައުމުތަކުގެ ބައެއް އެތުލީޓުން އެ އެތުލީޓެއް ނިސްބަތްވާ ގައުމެއްގެ ދިދަ ވިހުރުވާލަނީ.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ
އެ ގޮތުން، ރާއްޖޭގެ ސާފިން އެސޯސިއޭޝަނަށް މި ލިބެނީ، ކޮލިފައިން ސްލޮޓްގެ ގޮތުގައި، އެންމެ ގިނަވެގެން އަންހެން ދޭއް އަދި ފިރިހެން ދެ ޖާގަ އެވެ.
އޭޝިއަން ގޭމްސްގެ ކޯޓާގެ ތެރެެއިން، މި އަހަރަށް ވަކިން ބަލާއިރު، 12 ޖާގައެއް ކަށަވަރުވެގެންދާނެ އެވެ. އެއީ، އޭޝިއާ ބެހިގެންދާ ފަސް ބައިގެ ތެރެއިން، ކޮންމެ ބަޔަކުން އެއް ވަނަ، އޮޓޮމެޓިކުން ކޮލިފައިވާއިރު، އެ އެތުލީޓުން ނެގުމަށް ފަހު، މުޅި އޭޝިއާގެ އެންމެ ރޭންކިން ރަނގަޅު ހަތް އެތުލީޓަކު ވެސް ކޮލިފައިވާނެ އެވެ.
މި ހަތް އެތުލީޓުން ރޭންކްކުރާއިރު، ކުރިން އޮޓޮމެޓިކް ކޮލިފިކޭޝަން ލިބުނު ފަސް އެތުލީޓުންގެ ގައުމު ނުހިމެނޭނެ އެވެ. މިއީ، ގިނަ ގައުމަކަށް ފުރުސަތު ދިނުމަށްޓަކައި އޮންނަ އުސޫލެކެވެ.
އޭޝިއާ ބެހިފައިވާ ފަސް ބައިގެ ތެރެއިން ރާއްޖެ ހިމެނެނީ، ދެކުނު އޭޝިއާ ފަޅީގަ އެވެ. މި ބައިގައި ހިމެނެނީ، ރާއްޖޭގެ އިތުރުން، ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ޕާކިސްތާން، ސްރީ ލަންކާ އަދި ނޭޕާލް އެވެ. އެ ގޮތުން، ބަލާއިރު، ރާއްޖެ އަށް އޭޝިއަން ގޭމްސްގެ ކޮލިފިކޭޝަނެއް ލިބުމުގެ ފުރުސަތު މި އޮތީ ފަހިކޮށެވެ.












