މާލޭގައި މާރާމާރީ ހިންގި ބިދޭސީން ޑީޕޯޓުކޮށްލަން ނިންމައިފި އެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި ބުދަ ދުވަހުގެ ރޭ މާލޭގައި ހިންގި އެ މަރާމާރީގައި ހައްޔަރުކުރި ހަ މީހަކު ރޭ ފުލުހުން އެ އިދާރާއާ ހަވާލުކޮށްފައިވާ ކަމަށާއި "އިމިގްރޭޝަން ގާނޫނުގެ ދަށުން މި ހުރިހާ ބިދޭސީންގެ ވިސާ ބާތިލުކޮށް، ޑީޕޯޓުކުރުމަށް މިހާރު ވަނީ ނިންމާފައި" ކަމަށެވެ.
ހައްޔަރުކޮށް ޑީޕޯޓުކޮށްލަން ނިންމި ހަ މީހުންގެ ފޮޓޯ ވަނީ އާންމުކޮށްފަ އެވެ. އެ މީހުންގެ އުމުރުފުރާ އުޅެނީ 26 އަހަރާއި 40 އަހަރާ ދެމެދުގަ އެވެ. އެއީ ބަންގްލަދޭޝްގެ ބައެކެވެ.
އެ މީހުން ހިންގި މާރާމާރީގައި އަނިޔާވި ދެ މީހުންނަށް އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލައިފަ އެވެ.
އެ މާރާމާރީގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ލަކުޑި ފަތިބުރި ފަދަ އާލާތްތައް ހިފައިގެން އެއް ބަޔަކު އަނެއް ބަޔަކަށް ހަމަލާދޭ މަންޒަރު އެ ވީޑިއޯއިން ފެނެ އެވެ.














