އެންމެ ފަހުން ބޭއްވި އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ދެ މުބާރާތުގައި ވެސް، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ސާފަރު، ހުސެއިން އަރީބް (އިބޫ) ވަނީ މެޑަލް ހޯދައިފަ އެވެ. މި ފަހަރުގެ މުބާރާތަށް ތައްޔާރުވާއިރު، އިބޫ ހުރީ ގައުމީ ސާފިން ޓީމުގެ ކޯޗުކަމާ ހަވާލުވެ މާ ބޮޑު އަމާޒެއްގަ އެވެ.
އިބޫ، 46، ގެ 30 އަކަށް އަހަރުވީ ސާފިން ކެރިއަރުގައި ގައުމީ ޗެމްޕިއަންކަން އަށް ފަހަރު ހޯދިއިރު، އެންމެ ބޮޑު އުސްއައްޔަކީ، ޖަޕާނުގައި 2019 ވަނަ އަހަރު ބޭއްވި އޭޝިއަން ސާފިން ޗެމްޕިއަންޝިޕާއި މިދިޔަަ އަހަރު ކ. ތުލުސްދޫގައި ކުރިއަށްދިޔަ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ހޯދި ލޯ މެޑަލްތަކެެވެ.
އޭޝިއާގެ ބޮޑު މުބާރާތުގައި ޖެހިޖެހިގެން، ދެ ފަހަރު މެޑަލް ހޯދި އިބޫ ވަނީ މިދިޔަ ފެބްރުއަރީ މަހު، ސާފިން އިން ރިޓަޔާކުރަން ނިންމި ނިންމުމަށް ފަހު، ކެރިއަރު ކުރިއަށް ގެންދަން، ގައުމީ ސާފިން ކޯޗުކަމާ ހަވާލުވެފަ އެވެ.
މި ފަހަރު ވެސް، އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ރާއްޖޭގައި، ހޯސްޓްކުރަން ނިންމާފައިވާއިރު، ތުލުސްދޫގައި އޮގަސްޓް، 17-24 އިން މުބާރާތް ބާއްވާނެ ކަން ވެސް ވަނީ އިއުލާނުކޮށްފަ އެވެ. މި ފަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕަކީ، 2026 ވަނަ އަހަރު ޖަޕާންގައި ބާއްވާ އޭޝިއަން ގޭމްސްގެ ކޮލިފައިން އިވެންޓެކެވެ.
ގައުމީ ސާފިން ކޯޗު އިބޫ، "އަދަދު" އަށް ދިން އިންޓަވިއުއެއްގައި ވަނީ، މިއީ ރާއްޖޭގެ ސާފިން އަށް ލިބުނު ބޮޑު ފުރުސަތެއްކަން ފާހަގަކޮށްފަ އެވެ.
"މިދިޔަ މުބާރާތަށް ބަލާއިރު މި ފަހަރުގެ މުބާރާތް ބޮޑުވެފައި އޭޝިއަން އޮލިމްޕިކްސް ކޮލިފިކޭޝަން އަށް ވެސް ފުރުސަތެއް ރާއްޖޭގެ އެތުލީޓުންނަށް ވެސް އޮތީމައާ އެއްކޮށް، މި މުބާރާތަކީ ރާއްޖޭގެ އެތުލީޓުންނަށް ވަރަށް ބޮޑު ވަރަށް މުހިންމު މުބާރާތަކަށް ދިވެހިންގެ އެތުލީޓުންނަށް ވެގެންދާނެ،" އިބޫ ބުންޏެވެ.
އިބޫ ބުނީ، ކޮލިފިކޭޝަން އާ ހިސާބަށް ދެވޭތޯ މިހާރު ވެސް ތުލުސްދޫގައި ޓްރެއިނިންތަކެއް ހަދަމުން އަންނަ ކަމަށެވެ. ރާޅުގެ އެކި ކަންޑިޝަންތަކުގައި ވެސް ޓްރެއިނިން ގެންދެވޭތީ އެއީ އިބޫ އަށް ހިތްހަމަޖެހުމެކެވެ.

މިދިޔަ އަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ތެރެއިން އިބޫ ރާޅާއަޅަނީ.--- ފޮޓޯ: އަދަދު
އަމިއްލަ ގައުމުގައި ބައިނަލްއަގުވާމީ މުބާރާތެއް ހޯސްޓްކުރާއިރު އަބަދުވެސް އެޑްވާންޓޭޖް ހުންނާނެ އެވެ. އިބޫ ބުނީ، އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމުގެ އެޑްވާންޓޭޖް އެތުލީޓުންނަށް ނެގޭނެ ކަމަށެެވެ.
"އަޅުގަނޑުމެންގެ ޓޮޕް އެތުލީޓުންގެ ތެރޭގައި އެބަހިމެނޭ ތުލުސްދޫގެ އެތުލީޓުން ވެސް، އެ މީހުންގެ ޕްލޭސް (ރަށަށް) އަށް ވެފައި ފުރުސަތު އެބައޮތް. ޕޯޑިއަމް ފިނިޝް އަކަށް، އިރާދަކުރެއްވިއްޔާ ކޮލިފިކޭޝަން އަށް ވެސް އެތުލީޓުން ހޮވޭނެ ކަމަށް،" އިބޫ ބުންޏެވެ.
އެންމެ ފުރިހަމަ އަށް ތައްޔާރުވުމުގައި ދަތިތަކެއް ހުރިކަން ވެސް އިބޫ ވަނީ ފާހަގަކޮށްފަ އެވެ. އެންމެ ބޮޑު ކަމަކީ، ހުރިހާ އެތުލީޓުން އެއް ތަނެއްގައި ތިބެގެން ޓްރެއިނިން ކުރިއަށްގެންދެވޭނެ ވަރަށް ފަންޑް ހަމަޖެހިފައި ނެތުމެވެ. އިބޫ ބުނީ އަމިއްލަ ހައިސިއްޔަތުން ވެސް މި ހާލަތު ބަދަލުކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ހުރިހާ އެތުލީޓުންނަކީ ވެސް ރަށްރަށުން އަންނަ އެތުލީޓުން، އެކަކު ވެސް ދިރިނޫޅޭ މާލޭގައި، މެންސްްގެ ސީނިއާގެ، ދެން، ޖޫނިއާސް އެބަތިބި. މާލޭގައި އުޅޭ ކުދިންނާއި ރަށްރަށުގެ ކުދިން ވެސް، ހުރިހާ އެންމެން އެއްތަން ކޮށްގެން މަދު ފަހަރެއްގައި ޓްރެއިނިން ތަކެއް މި ހިންގެނީ،" ކަންބޮޑުވުން ހިއްސާކުރަމުން އިބޫ ކިޔައިދިނެވެ.
"ގަބޫލުކުރަނީ އަދިވެސް ލިބެންޖެހޭ ފަންޑް ތަންކޮޅެއް ރަނގަޅުވެއްޖިއްޔާ، އޭޝިއަން ސާފިންގެ ކުރިން ތަންކޮޅެއް ރަނގަޅު ޓްރެއިންތަކެއް ހެދި، ޓީމު ރަނގަޅަށް ތައްޔާރުކުރުމުގެ ފުރުސަތު ފަހިވެގެން ގޮސް، ކާމިޔާބަކާ ހަމައަށް ވަރަށް ބޮޑު ފުރުސަތެއް އެބައޮތް،"
ރާއްޖޭގެ ސާފިން އެސޯސިއޭޝަނަށް މި ލިބެނީ، އޭޝިއަން ގޭމްސްގެ ކޮލިފައިން ސްލޮޓްގެ ގޮތުގައި، އެންމެ ގިނަވެގެން އަންހެން ދޭއް އަދި ފިރިހެން ދެ ޖާގަ އެވެ. އޭޝިއަން ގޭމްސްގެ ކޯޓާގެ ތެރެެއިން، މި އަހަރަށް ވަކިން ބަލާއިރު، 12 ޖާގައެއް ކަށަވަރުވެގެންދާނެ އެވެ. އެއީ، އޭޝިއާ ބެހިގެންދާ ފަސް ބައިގެ ތެރެއިން، ކޮންމެ ބަޔަކުން އެއް ވަނަ، އޮޓޮމެޓިކުން ކޮލިފައިވާއިރު، އެ އެތުލީޓުން ނެގުމަށް ފަހު، މުޅި އޭޝިއާގެ އެންމެ ރޭންކިން ރަނގަޅު ހަތް އެތުލީޓަކު ވެސް ކޮލިފައިވާނެ އެވެ.
މި ހަތް އެތުލީޓުން ރޭންކްކުރާއިރު ކުރިން އޮޓޮމެޓިކް ކޮލިފިކޭޝަން ލިބުނު ފަސް އެތުލީޓުންގެ ގައުމު ނުހިމެނޭނެ އެވެ. މިއީ ގިނަ ގައުމަކަށް ފުރުސަތު ދިނުމަށްޓަކައި އޮންނަ އުސޫލެކެވެ.
އޭޝިއާ ބެހިފައިވާ ފަސް ބައިގެ ތެރެއިން ރާއްޖެ ހިމެނެނީ، ދެކުނު އޭޝިއާ ފަޅީގަ އެވެ. މި ބައިގައި ހިމެނެނީ، ރާއްޖޭގެ އިތުރުން، ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ޕާކިސްތާން، ސްރީ ލަންކާ އަދި ނޭޕާލް އެވެ.













