ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށް ގެން ބާއްވާ އިންޓަ ރިސޯޓު ވޮޮލީބޯލް މުބާރާތުގެ ޗެމްޕިއަންކަން އެންމެ ފަހުގެ ޗެމްޕިއަން ބަނޑޮސް މޯލްޑިވްސް ބަލިކޮށް ވަން އެންޑް އޮންލީ ރީތި ރަށުން ހޯދައިފި އެވެ.
މާލެ ޒޯނުގެ ޗެމްޕިއަންކަން ރީތި ރަށުން ހޯދީ އިއްޔެ ކުޅުން ފައިނަލް މެޗުގައި ބަނޑޮސްގެ މައްޗަށް 3-1 ސެޓުން ކުރިހޯދައިގެންނެވެ.
މި މެޗުގެ ފުރަތަމަ ސެޓު ގެންދިޔައީ ބަނޑޮހުންނެވެ. މި ސެޓު ބަނޑޮސް ކާމިޔާބުކުރީ 25-23 އިންނެވެ. އެކަމަކު ޖެހިގެން އައި ސެޓުގައި ވާދަވެރި ކުޅުމަކަށްފަހު 26-24 އިން ކާމިޔާބުކުރީ ރީތި ރަށުންނެވެ. މިއީ މުޅި މެޗުގައި ވެސް ފެނިގެންދިޔަ އެންމެ ވާދަވެރި ސެޓެވެ. ތިންވަނަ ސެޓުގައި ބަނޑޮސް ޓީމު އާދައިގެކޮށް ފެނިގެންދިޔައިރު, މި ސެޓު ރީތި ރަށުން ވަނީ ފަސޭހަކަމާއެކު, 25-20 އިން ކާމިޔާބު ކޮށްފަ އެވެ.
ހަތަރުވަނަ ސެޓުގައި ބަނޑޮހުން އެ ޓީމުގެ ކުޅުން ރަނގަޅުކުރި ނަމަވެސް ސެޓުގެ ފަހުކޮޅު ރީތި ރަށުން ވަނި ތަފާތު މޮޅަށް ކުޅެ 25-22 އިން ސެޓު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދައިފަ އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރީތި ރަށުގެ އަލީ ހުޒާމް (ހުޒަންޓޭ) އެވެ.










