ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ވީއޭއެމް ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝިޕް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލިއިރު، މުބާރާތުގައި، ރިސޯޓުން ބޭރު އެއް ކުޅުންތެރިއަކު ޖެހޭ ގޮތައް ގަވާއިދު އެކުލަވާލާފައިވުމުން ކުޅުންތެރިން އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށްފި އެވެ.
ވީއޭއެމް އިން އެކުލަވާލާ އެލީޓް ސްކޮޑުން ކޮންމެ ރިސޯޓަކުން ދެ ކުޅުންތެރިން ޖެހޭ ގޮތައް މީގެ ކުރިން ގަވާއިދު އެކުލަވާލާފައިވީ ނަމަވެސް މި ފަހަރު, ގަވާއިދަށް ގެނެވުނު އިސްލާހާ އެކު, މީގެ ފަހުން މުބާރާތް ކުޅެވޭނީ ރިސޯޓުން ބޭރުގެ އެއް ކުޅުންތެރިއަކަށެވެ. އެއާއެކު އެލީޓް ސްކޮޑުގެ ކުޅުންތެރިން އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
"އަދަދު" އާ ވާހަކަ ދެއްކި އެލީޓް ސްކޮޑުގައި ހިމެނޭ ކުޅުންތެރިއަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ، މިއީ ކުޅުންތެރިން އާމްދަނީ ހޯދުމަށް މުހިންމު މުބާރާތެއް ކަމަށާއި, އެކަމަކު އަލަށް ގެނެވުނު ބަދަލާ އެކު, ރިސޯޓު މުބާރާތުގައި ކުޅެވޭނީ ގައުމީ ޓީމުގެ މަދު ކުޅުންތެރިންތަކަކަށް ކަމަށެވެ.
"ރިސޯޓު މުބާރާތަކީ އަބަދުވެސް އަހަރެމެންނަށް ރަނގަޅު އާމްދަނީ އެއް ލިބޭ މުބާރާތެއް. ރާއްޖޭގައި ގައުމީ މުބާރާތް ކުޅެގެން މި ލިބޭ އާމްދަނީ އަށް ވުރެ ބޮޑު އާމްދަނީ އެއް އަހަރެމެންނަށް މީގެން ލިބޭ. މީގެ ކުރިން ކޮންމެ ރިސޯޓަކުން އެލީޓް ދެ ކުޅުންތެރިން ޖެހޭ ގޮތައް ނިންމީ އެއާއެކު, ވެސް އަހަރެމެން ކުޅުންތެރިންނަށް އޭގެން ގެއްލުންވި. އަނެއްކާ މި ފަހަރު މި ނިންމި ނިންމުމާއެކު, އަރަމުން އަންނަ ޒުވާން ކުޅުންތެރިންނާ އަހަރެމެންއަށް އާމްދަނީ ހޯދާނެ މަގު ބަންދު އެކޮށްލީ" "އަދަދު" އާ ވާހަކަ ދެއްކި ކުޅުންތެރިޔާ ބުންޏެވެ.
މި އަހަރުގެ އިންޓަ ރިސޯޓު މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.
ރިސޯޓު ލީގު ޒޯނުތަކަށް ބަހާލައިގެން ކުރިއަށްދާއިރު, ޒޯން ޗެމްޕިއަނުން ކުޅޭނީ ރިސޯޓު ޗެމްޕިއަންސް ލީގެވެ. މިދިޔަ އަހަރުގެ ރިސޯޓު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވަނީ ބަނޑޮސް އައިލަންޑް ރިސޯޓުންނެވެ.
މުބާރާތުގައި ޓީމު ބައިވެރިކުރުމުގެ ފުރުސަތު ރާއްޖޭގެ ކޮންމެ ރިސޯޓަކަށް ވެސް އެބައޮތެވެ. އެ ގޮތުން، ބައިވެރިވުމުގެ ފީ/ޗަންދާއެއްގެ ގޮތުގައި 950 ޑޮލަރު ދައްކަން ޖެހެ އެވެ. މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވާ ފަހުން ޓީމެއް ބައިވެރިވާން އެދޭނަމަ، ފީ/ޗަންދާގެ އިތުރުން 250 ޑޮލަރުގެ، ލޭޓް އެންޓްރީ ފީއެއް ދައްކަން ޖެހެ އެވެ.













