ގޯލްޑަން އިޔާ އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ ޒޯން އެކެއްގެ ޗެމްޕިއަންކަން ބަނޑޮސް މޯލްޑިވްސް އިން ހޯދައިފި އެވެ. މިއީ ބަނޑޮހުން ޖެހިޖެހިގެން މި ތަށި އުފުލާލާ ތިން ވަނަ ފަހަރެވެ.
ބަނޑޮސް ވޮލީ ކޯޓުގައި މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި ފޯ ސީޒަންސް އެޓް ކުޑަހުރާއާ ވާދަކޮށް ބަނޑޮސް މޮޅުވީ ފަހަތުން އަރައި 3-1 ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 25-27، 25-19، 25-16 އަދި 25-19 އިންނެވެ.
މިއަދުގެ މެޗު ފަށައިގެން ފުރަތަމަ ސެޓުގައި ބަނޑޮސްއާ ދެކޮޅަށް ފޯ ސީޒަންސް އިން ރަނގަޅު ޗެލެންޖެއް ކުރި އެވެ. ފޯ ސީޒަންސް ޓީމުގައި ހިމެނޭ ހުސެއިން ޔޫސުފް އާއި އަހުމަދު ފާޒިލް އަދި ހުސެއިން ވިޝާމް (ބުޅިކެ) ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މި ސެޓުގައި ޕްރެޝަރު ވަގުތުގައި ވެސް ބަނޑޮސްގައި ތިބި ތަޖުރިބާކާރު ކުޅުންތެރިން ކައިރީގައި ފޯ ސީޒަންސް ކުޅުންތެރިން ރަނގަޅަށް ކުޅެ، ސެޓު ގެންދިޔައީ އެވެ.

މިއަދުގެ މެޗުގެ ތެރެއިން ބަނޑޮހުގެ ކުޑަކާއްޓެގެ ޝޮޓެއް ބްލޮކްކުރަން ފޯ ސީޒަންސްގެ ފާޒިލް އާއި ޔޫސުފް މަސައްކަތް ކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
އެކަމަކު، ދެ ވަނަ ސެޓު ފަށައިގެން ބަނޑޮސް އިން ތަޖުރިބާގެ ބޭނުންކޮށް ވަރަށް ވިސްނުންތެރިކަމާ އެކު ކުޅެން ފެށި އެވެ. އެ ޓީމުގެ ސެޓަރު، އިޝާން މުހައްމަދު (ބަޓިސް)ގެ ރޭވުންތެރިކަން ފެނިގެންދިޔައިރު، އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އަލީ ހުޒާމް (ހުޒަންޓެ) އަދި އަލީ އާމިރު (ދިގު އައްޔަ)ގެ ޝޮޓްތައް ރަނގަޅުވެ، ޓީމުގެ ކޮންފިޑެންސް މައްޗަށް ދިޔަ އެވެ.
މުހައްމަދު ސާޖިދު (ކާއްޓޭ)ގެ ކޯޗުކަމުގައި ކުޅުނު ބަނޑޮސް ޓީމުގެ ކުޅުން މެޗު ދިޔަ ވަރަކަށް ރަނގަޅުވުމުގެ ނަތީޖާ އަކަށްވީ ދެން ކުޅުނު ތިން ސެޓު ވެސް ކާމިޔާބުކޮށް މެޗުން މޮޅުވުމެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ބަނޑޮސް ޓީމުގެ އެޓޭކަރު ކުޑަކާއްޓެ އެވެ.
ޒޯން އެކެއްގެ ޑްރީމް ޓީމުގައި އައުޓްސައިޑް އެޓޭކަރުންގެ ގޮތުގައި ހިމެނެނީ ބަނޑޮހުގެ ހުޒާމް އާއި ވަން އެންޑް އޮންލީ ރީތި ރަށުގެ އާދަމް ނަސީމް އެޑަމް އެވެ. އެންމެ މޮޅު އޮޮޕޮސިޓް ކުޅުންތެރިއަކީ ފޯ ސީޒަންސްގެ ފާޒިލް ހޮވުނުއިރު، އެންމެ މޮޅު މިޑްލް ކުޅުންތެރިންނަކީ ބަނޑޮސް ޓީމުގެ ދިގު އައްޔަ އާއި ފޯ ސީޒަންސްގެ ޔޫސުފް އެވެ. އެންމެ މޮޅު ސެޓަރަކީ ބަނޑޮހުގެ ބަޓިސް އެވެ. އަދި އެންމެ މޮޅު ލިބަރޯ އަކީ ފޯ ސީޒަންސްގެ މުހައްމަދު ނައީމް (ނައިންޓެ) އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ޒޯން އެކެއްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ކުޑަކާއްޓެ މިއަދުގެ މެޗުގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
މި ޒޯންގެ އެންމެ އުންމިދީ ކުޅުންތެރިއަކީ ޖުމެއިރާގެ އަހުމަދު ނައުފަލް އެވެ. އެންމެ މޮޅު ކޯޗަކީ ބަނޑޮހުގެ މުހައްމަދު ސާޖިދު (ކާއްޓޭ) އެވެ. އަދި ޒޯންގެ އެންމެ މޮޅު ކުޅުންތެރިއަކީ ކުޑަކާއްޓޭ އެވެ.
ޒޯން ބުރުތައް ނިމިފައިވާއިރު، ދެން އޮންނާނީ ގޯލްޑަން އިޔާ ޒޯން ޗެމްޕިއަންސް ލީގެވެ. ޗެމްޕިއަންސް ލީގުގައި ބަނޑޮހާއި ފޯ ސީޒަންސް އެޓް ކުޑަހުރާގެ އިތުރުން ދެން ވާދަކުރަނީ ކޮންރަޑް މޯލްޑިވްސް، ޖޯލި މޯލްޑިވްސް، ޖޯލި ބީން އެވެ.
ޒޯން ޗެމްޕިއަންކަމާއި ރަނަރަޕްކަން ހޯދައިގެން ޗެމްޕިއަންސް ލީގަށް ކޮލިފައިވި ބައެއް ރިސޯޓްތަކަށް މި ވަގުތު ހާލަތު ހުރިގޮތުން ޗެމްޕިއަންސް ލީގު މުބާރާތުގައި ބައިވެރިވެވެން ނެތްކަން ވަނީ އަންގައިފަ އެވެ. ޒޯން ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަނަކީ ވެސް ބަނޑޮހެވެ.
ރާއްޖޭގައި ބޭއްވޭ އެންމެ ފޯރިގަދަ ވޮލީބޯޅަ މުބާރާތް އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތް މި ފަހަރު ކުރިއަށްގެންދަނީ ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެންނެވެ. އެ ގޮތުން މުބާރާތުގެ ޓައިޓަލް ސްޕޮންސަރެއްގެ ނަމުގެ ގޮތުގައި ހިމަނާފައިވަނީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން "ގޯލްޑަން އިޔާ"ގެ ނަމުންނެވެ.











