މިހާރު ކުރިއަށްދާ އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ ޒޯން އެކެއްގެ ޗެމްޕިއަންކަން ބަނޑޮސް އައިލެންޑް ރިސޯޓުން ހޯދައިފި އެވެ.
ރިސޯޓް ވޮލީބޯޅަ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ބަނޑޮހުން ޒޯން އެކެއްގެ ތަށި މި ފަހަރު ވެސް ހޯދީ ފައިނަލުގައި ވަން އެންޑް އޮންލީ ރީތި ރަށް މޯލްޑިވްސް ބަލިކޮށްގެންނެވެ. ފައިނަލް މެޗު ބަނޑޮހުން ކާމިޔާބުކުރީ ފޯރިގަދަ ކުޅުމަކަށްފަހު 3-2 ސެޓުންނެވެ.
ސެމީ ފައިނަލް ފުރަތަމަ މެޗުގައި ބަނޑޮސް އަތުން ސީދާ ތިން ސެޓުން ބަލިވި ނަމަވެސް ފައިނަލުގެ ފުރަތަމަ ސެޓު ކާމިޔާބުކޮށް އިތުބާރާ އެކު ފެށީ ރީތި ރަށުންނެވެ. މި ގޮތުން މި ފުރަތަމަ ސެޓު 25-22 އިން ކާމިޔާބުކުރި އެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު ސެޓަރު، އިޝާން މުހައްމަދު (ބަޓިސް) ލީޑުކުރަމުން ދިޔަ ބަނޑޮހުން ދެ ވަނަ ސެޓު 21-25 އިން ކާމިޔާބުކުރުމާ އެކު މެޗު ފޯރި ގަދަވި އެވެ.
ގައުމީ ޓީމުގެ ކެޕްޓަން އަލީ ހުޒާމް (ހުޒަންޓެ)ގެ މޮޅު ކުޅުމާ އެކު ރީތި ރަށުން ތިން ވަނަ ސެޓު ކާމިޔާބުކުރީ 25-22 އިންނެވެ. ނަމަވެސް ހަތަރު ވަނަ ސެޓާއި ފަސް ވަނަ ސެޓުގައި ރަނގަޅަށް ނުކުޅެވި ރީތި ރަށް ފައިނަލުން ބަލިވި އެވެ. ފަހު ދެ ސެޓު ބަނޑޮހުން ގެންދިޔައީ 25-17 އަދި 15-7 އިންނެވެ.
ފައިނަލު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި މި ޒޯނުގެ މުބާރާތުުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ބަނޑޮހުގެ ބަޓިސް އެވެ. އެންމެ މޮޅު ކޯޗަކީ ބަނޑޮހުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) އެވެ.
މި ޒޯންގެ ޑްރީމް ޓީމްގައި ހިމެނެނީ ބަނޑޮހުގެ ބަޓިސް، ހުސައިން ރަޒާން، އަލީ އާމިރު، ކަވިޝަކަ މަދުޝަންކަ، ރީތި ރަށުގެ ހުޒަންޓެ އަދި ހުސައިން އިބްރާހިމް އެވެ. މި ޒޯންގެ އެންމެ މޮޅު ލިބަރޯ އަކީ ރީތި ރަށުގެ އަހުމަދު ނަބީލް (ނައްބަ) އެވެ.
ޒޯން އެކެއްގެ ފައިނަލް އިއްޔެ ނިމުނުއިރު މިދިޔަ ބުދަ ދުވަހު ވަނީ ޒޯން 5/6ގެ ފައިނަލްވެސް ކުޅެފަ އެވެ. ފައިނަލުގައި އަނަންތަރާ ކިހާވައް މޯލްޑިވްސް ބަލިކޮށް ޗެމްޕިއަންކަން ހޯދީ ވައްކަރު މޯލްޑިވްސް އެވެ.
މި ޒޯންގެ ފައިނަލްވެސް ފޯރިގަދަކޮށް ފެނުނުއިރު، ވައްކަރުން ޗެމްޕިއަންކަން ހޯދީ 3-2 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު ވައްކަރުން 25-21 އިން ހޯދިއިރު ދެވަނަ ސެޓު އަނަންތާރާ އިން ހޯދީ 23-25 އިންނެވެ. ތިންވަނަ ސެޓު ވައްކަރުން 25-21 އިން ހޯދި ނަމަވެސް ހަތަރު ވަނަ ސެޓު 23-25 އިން އަނަންތާރާއިން ހޯދައި މެޗު ފަސް ސެޓަށް ދުއްވާލި އެވެ. ފަހު ސެޓު ވައްކަރުން ހޯދީ 15-10 އިންނެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ވައްކަރު މޯލްޑިވްސްގެ ސްރީލަންކާ ކުޅުންތެރިޔާ ގުރުގެ ވިދުރަ އެވެ. މި ޒޯންގެ އެންމެ މޮޅު ކޯޗަކީ ވައްކަރުގެ ކޯޗު މުހައްމަދު ޝިޔާމް އެވެ.
މި ޒޯންގެ ޑްރީމް ޓީމްގައި ހިމެނުނު ކުޅުންތެރިންނަކީ އަނަންތާރާގެ އަހުމަދު ފާޒިލް، އާދަމް ފައިރޫޒް، ކަވިންދު ޕަބަސަރާ، ސުއާދު އަހުމަދުގެ އިތުރުން ވައްކަރުގެ ހަސަން ނިލާމް، އިބްރާހިމް ފަޒީލް އަދި ޝަދާދު ޒަކީ އެވެ.
އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގައި މިހާރު ކުރިއަށްދަނީ ޒޯން 2/4ގެ މެޗުތަކެވެ. މިހާތަނަށް މި ޒޯންގައި ދެ މެޗު ކުޅެފައިވާއިރު ފުރަތަމަ މެޗު ވިލަމެންދޫ އާއި ވާދަކޮށް ކާމިޔާބުކޮށްފައިވަނީ ކޮންރެޑް މޯލްޑިވްސް އެވެ. ދެވަނަ މެޗުގައި ކޮންރެޑު އަތުން ވޮލްޑޯފް އެސްޓޯރިއާ ވަނީ މޮޅުވެފަ އެވެ.
ކޮންރެޑް މޯލްޑިވްސްގައި ކުރިއަށްދާ މި ޒޯންގައި ވާދަކުރަނީ ކޮންރެޑް، ވޮލްޑޯފް އެސްޓޮރިއާ، ވިލަމެންދޫގެ އިތުރުން ޑަބްލިއު މޯލްޑިވްސް އެވެ. މި ޒޯންގެ ފައިނަލް އޮންނާނީ ޖުލައި ދެވަނަ ދުވަހުގެ ހަވީރު އެވެ.











